ރާއްޖެގެ ގިނަ ރަށްތަކަކީ ކާޅުގެ އުނދަގޫ ބޮޑު ރަށްތަކެކެވެ. ވަކިން ހާއްސަކޮށް ބޮޑެތި އާބާދީތައް އުޅޭ ރަށްރަށުގައި މިކަން ވަނީ ވަރަށް ބޮޑު ކަމަކަށް ވެފަ އެވެ. އަދި ހަމަ ދަނޑުވެރި ރަށްރަށުގައި ވެސް ކާޅާއި ވާލުގެ އުނދަގޫ ނުހަނު ބޮޑެވެ. މާލެ ފިޔަވާ އެހެން ރަށްރަށުގައި ކާޅާއި ވާލުގެ އުނދަގޫ ކިތައްމެ ބޮޑުވިޔަސް އެކަން ހައްލުކުރުން ވަނީ ބޮޑު މައްސަލައަކަށްވެފަ އެވެ.
އާބާދީ ބޮޑު ކުޅުދުއްފުއްޓަށް ވެސް ކާޅުގެ އުނދަގުލަކީ ބޮޑުވެފައިވާ ހައްލުނުކުރެވި އޮތް މައްސަލަ އެވެ. ކުނިކޮށި ސަރަހައްދު ކުނިތައް ޖަމާވެ ނައްތާލާނެ ގޮތެއް ނެތިފައިވާ ވާތީ އެސަރަހައްދުގައި އާދަޔާ ހިލާފަށް ކާޅު ގިނަ އެވެ.
އެސަރަހައްދުގައި ދިރިއުޅޭ ބައެއް މީހުން ބުނީ ކާޅުގެ އުނދަގޫ އެހިސާބުގައި ވަރަށް ބޮޑު ކަމަށެވެ. ފުރާޅުގައި ވަކި ދަމާ، ގޭގެ އެތަން މިތަނަށް ކާޅު ނަޖިސް ލާފައި ހުންނަކަމަށެވެ. އަދި އެކަމުގެ ޝަކުވާ ކައުންސިލަށް އެތައް ފަހަރަކު ހުށަހަޅާފައިވާނޭ ކަމަށެވެ.
“ގަހެއްގައި ވެސް އެއްޗެއް ހުންނަވަރެއް ނޫން ކާޅުގެ ނުރޮހޮއްޕާނާ ހުރެ. ރޭގަނޑު ވެއްޖެއްޔާ ވާލުގެ އުނދަގޫ އެހާމެ ބޮޑު. ކައުންސިލަރުންނަށް އެމައްސަލަ ހުށަހަޅަން އެކަމަކު އެމީހުންނަށް ކޮންކަމެއްތަ ވާނީ .” އެސަރަހައްދުގައި ދިރިއުޅޭ މީހަކު ބުންޏެވެ.
މިކަމާ ގުޅިގެން ކައުންސިލްގެ ރައީސް އަލީ މުހައްމަދު ވިދާޅުވީ ކާޅާއި މެހި ރަށުތެރޭ ގިނަވެގެން އެކަމުގެ ޝަކުވާ ކައުންސިލަށް ލިބޭ ކަމަށާއި އެފަދަ ކަންކަމުގައި ކައުންސިލަށް ކުރެވޭނެ މާ ބޮޑު މަސައްކަތެއް ނޯންނަ ކަމަށެވެ.
ކުރީގެ ޑިފެންސް މިނިސްޓަރ ނާޒިމް ކުޅުދުއްފުއްޓަށް ކުރެއްވި ދަތުރުފުޅެއްގައި ވެސް އެކަމުގެ ކަންބޮޑުވުން ފާޅުކުރެއްވި ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ. އަދި ނާޒިމް ވިދާޅުވީ އީއައިއޭ ހަދަން ޖެހޭނެ ކަމަށާއި އީއައިއޭ ހެދުމަށް ފަަހު ނޫނީ ތިކަމަށް ވަކި އެއްޗެއް ދަންނަވަން ނޭނގޭނެ ކަމަށެވެ.
“ކާޅު މަދުކުރެވޭކަށް ނޯންނާނެ މިހާރަކު އީއައިއޭއިން ހުއްދަ ލިބިގެން ނޫނީ. އެއީ ބޮޑު މަސައްކަތެއް. ރަށްފުށު އަތޮޅުތެރޭ އުޅޭ ކާޅަކީ ބަޑި ޖަހައިގެން މަރަން ހުއްދަ އޮންނަ އެއްޗެއް ނޫން. މާލެއަށް އަރާ ކާޅު އެކަނި މަރަން ހުއްދަ އޮންނަނީ އަޅުގަނޑަށް މައުލޫމާތު ލިބިފަ އޮތް ގޮތުގަ. އަޅުގަނޑު މިހެން މި ދަންނަވަނީ ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމް އެއިރު އެލްޖީއޭގެ ރައީސްގެ ގޮތުގަ ހުންނަވައިގެން ކުޅުދުއްފުއްޓަށް ވަޑައިގެންނެވި އިރެއްގައި އެކަމާ ބެހޭގޮތުން މަޝްވަރާ ކޮށްލިން. މަޝްވަރާކޮށްލީމަ ވިދާޅުވީ އީއައިއޭ ހައްދަވާށޭ އެކަމަށް އީއައިއޭ ހެއްދެވީމައޭ އެއްޗެއް ދަންނަވަން އެންގޭނީ .” އަލީ ވިދާޅުވި އެވެ.
ކުޅުދުއްފުށީގައި ކާޅު އެންމެ ގިނަ ސަރަހައްދެއް ކަމަށް ބެލެވޭ ކުނި ކޮށި ހުންނަ ހިސާބަކީ ސްކޫލަކާއި އެތައް ބައެއް ކޮންމެ ދުވަހަކު ޖަމާވާ ސްޓޭޑިއަމެއް ހުންނަ ތަނަކަށް ވެފައިވާއިރު އެތަންތަނަށް ކާޅު ނަޖިހުގެ މައްސަލަވެސް ވަނީ ބޮޑު ކަމަކަށްވެފަ އެވެ.
“އީއައިއޭ ހަދަން ބަލާއިރު މިދެންނެވި ހެން ދިރޭ ސުއިއްޕެއްވީމަ މަރާކަށް ހުއްދައެއްނުދޭ އެކަހަލަ އުދަނގޫތަކެއް މިވަނީ. ދެން ހައްލަކީ ކާޅުވެސް މެރުމެއް ނޫން ކަންނޭނގެ. ދުނިޔޭގައި ލައްވާފައިވާ ކޮންމެ ދިރުމަކީ އިންސާނުންނަށް ނޭނގި ނަމަވެސް ފައިދާތަކެއް ލިބޭ އެއްޗެއް. އެއީ ކަންނޭނގެ އީއައިއޭއިން އެކަމަށް ދެކޮޅު ހަދާ ސަބަބަކީ ” އަލީ ވިދާޅުވި އެވެ.