twitterviber whatsapp telegramfacebookyoutube instagram
19th April 2024

އައިހެވަން މަޝްރޫއު ގާދޫކޮލުން ބޭރަށް: މިހާރު އަޑުވެސް ނީވޭ

Dec 5, 2016

ތިލަދުންމަތީގައި މިހާތަނަށް ހިންގޭ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ އައިހެވަންގެ ގެ މަޝްރޫއުގެ ވާހަކައަކީ ސަރުކާރުން އެންމެ ބާރަށް ދެއްކި އެއްވާހަކަ އެވެ.

އެހެންނަމަވެސް އެ މަޝްރޫެއުގެ އިތުރު ތަފްސީލެއް ނުލިބޭތާ މަސްތަކެއް ވެފައިވާއިރު، އެންމެ ފަހުން ލިބުނު ހަބަރަކީ އައިހެވަންގެ މާސްޓާ ޕްލޭން ހަދަން މި ސަރަހައްދުގެ އެންމެ ބޮޑު އެއް ކޮންސަލްޓެންސީ ކުންފުނި، ސިންގަޕޫރުގެ ސުރުބާނާ ޖްރޯންގް، އެސްޖޭއާ ހަވާލުކުރި ހަބަރެވެ. އެކަމަށް މަހަކަށް ވުރެ ގިނަ ދުވަސް ވަނީވެފަ އެވެ.

އައިހެވަންގެ މަޝްރޫއާ ގުޅޭގޮތުން މީގެ އަހަރެއްހާ ދުވަސް ކުރިން ސައޫދީ ސަރުކާރާއެކު ކުރައްވަން ޖެހޭއެންމެ ފަހުގެ މަޝްވަރާތަކަށް ފިޝަރީޒް މިނިސްޓަރު އަދި އިކޮނޮމިކް ކައުންސިލްގެ ކޯ ޗެއާ ޑރ. މުހައްމަދު ޝައިނީއާއި އިކޮނޮމިކް މިނިސްޓަރ އަދި އެސްއީޒެޑް ގެ ޗެއަރ މުޙައްމަދު ސައީދު ސައޫދީ އަރަބިއްޔާއަށް ފުރި ހަބަރެވެ. އަދި އައިހެވަން މަޝްރޫއު ސައުދީ އިންވެސްޓްމަންޓް ފަންޑުން ނަގާނެ ކަމުގެ ވަރަށް ބޮޑު އުންމީދެއް އެބައޮތް ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު އޭރު ވިދާޅުވި ހަބަރެވެ.

އައިހެވެންގެ ސާވޭ ހެދުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރު މެއި މަހު ތެރޭގަ އެވެ. މި މަސައްކަތް ހަވާލުކުރެވިގެން ދިޔައީ ކޮންސަލްޓިން ފާމް ކަމަށްވާ އެމެރިކާގެ ބޮސްޓަން ކޮންސަލްޓިން ގުރޫޕާ އެވެ.

އެގޮތުން ބޮސްޓަން ކޮންސަލްޓިން ހަދައި ދިރާސާތަކުގެ ތެރޭގައި ހައިހެވަން މަޝްރޫއުއަކީ ފައިނޭންޝަލީ އަދި ޓެކްނިކަލީ ފީސިބަލް މަސައްކަތްތަކެއްތޯ ބަލާނެކަމަށާއި އަދި އިހަވަންދިއްޕޮޅަކީ އިންވެސްޓަރުން އިންވެސްޓްކުރުމަށް ކިހާ ޝައުގުވެރި ތަނެއްތޯ ދިރާސާކުރާނެކަމަށް އިކޮނޮމިކް މިނިސްޓަރ ސައީދު ވިދާޅުވި އެވެ.

އޭގެ އިތުރުން އިހަވަންދިއްޕޮޅުގައި އެންމެ އެކަށީގެންވަނީ ކޮންކަހަލަ މަޝްރޫއުތަކެއްތޯވެސް ބަލައި ޓެކްނިކަލް ފީސިބިލިޓީގައި ހިމެނޭ ކަންކަމުގެ ތެރޭގައި އެސަރަހައްދުގެ ފުންމިނާ އެތަން އުފެދިފައިވާ ގޮތް ދިރާސާކުރުމުގެ އިތުރުން ސަރުކާރުން ހުށަހަޅާފައިވާ މައިގަނޑު ހަ ކޮމްޕޯނެންޓަކީ އެސަރަހައްދުގައި ތަރައްގީކުރަން އެންމެ އެކަށޭނެ ކަންކަންތޯ ބެލުމަށްވަނީ ހަމަޖެހިފައިވާ ކަމަށްވެސް ސައީދު ވަނީ އެއިރު ވިދާޅުވެފަ އެވެ.

އައިހެވެންގެ ފީސިބިލިޓީގެ ފުރަތަމަ މަރުހަލާ ފެށިފައިވަނީ ޖެހިގެން އައި ޖޫންމަހުގެ ފަހު ހަފްތާ ތެރޭގަ އެވެ. ޖުމްލަ ހަތް ބައެއް ހިމެނޭ މި މަޝްރޫއު ނިންމާލާނެ ކަމަށް މިނިސްޓާރ ސައީދު އޭރު ވިދާޅުވެފައި ވަނީ 3 މަސްދުވަސް ތެރޭގަ ކަމަށެވެ. އަދި އޭގެ އިތުރުން ބީސީޖީގެ ޓީމުން ބޯޓުފަހަރު ބަންނަ ކުންފުނިތަކާއި ބަންކަރިން އާއި ޑޮކިންގެ ހިދުމަތް ދޭ ކުންފުނިތަކާ ވާހަކަދައްކައިގެން ވަރަށް ތަފްސީލު ދިރާސާތަކެއްކޮށް ސަރުކާރުން ހުށަހަޅާފައިވާ މައިގަނޑު ކޮމްޕޯނެންޓްތައް އިހަވަންދިއްޕޮޅުގައި އެންމެ ރަނގަޅަށް ތަރައްގީކުރެވޭނެ ގޮތްތަށް ބެލުމަށް ވެސް ވަނީ މި ސާވޭ ތެރެއިން ހަމަޖައްސާފަ އެވެ.

މީގެ ސަބަބުން އިހަވަންދިއްޕޮޅުގެ ސެވަން ޑިގްރީ ޗެނަލްގައި ކްރޫސް ޓާމިނަލާއި ބަންކަރިން އާއި ޑޮކިން ފަދަ ކަންކަން ތަރައްގީ ކުރެވޭނެ ގޮތްތައް އެނގިގެން ދާނެކަމަށް އިކޮނޮމިކް މިނިސްޓަރު ސައީދު ވަނީ ވިދާޅުވެފަ އެވެ.

އެއަށްފަހު އައިހެވަންގެ މަޝްރޫއާ ގުޅޭގޮތުން ސައޫދީސަރުކާރާއެކު ކުރައްވަންޖެހޭއެންމެ ފަހުގެ މަޝްވަރާ ކުރެއްވުމަށް ސައުދީއަށް އިކޮނޮމިކް ކައުންސިލްގެ ކޯ ޗެއާ ޑރ. މުހައްމަދު ޝައިނީއާއި އިކޮނޮމިކް މިނިސްޓަރ އަދި އެސްއީޒެޑް ގެ ޗެއަރ މުޙައްމަދު ސައީދު ވަޑައިގެންނެވީ ނޮވެންބަރު މަހުގެ ފަހުކޮޅު އެވެ. ސައުދީގެ ދަތުރުފުޅަށް ފަހު ދެން ހީވީ ހަމަ ކިުއްލިއަކަށް އައިހެވަންގެ މަސައްކަތް ފަށައިގަނެދާނެ ހެންނެވެ. ނަމަވެސް އެކަމެއްވީތާ މިހާރުވެސް އަހަރަކަށް ވުރެ ގިނަ ދުވަސް ވެގެން ގޮސްފައިވާއިރު އައިހެވަނުގެ އަދިވެސް އޮތީ ހަމަ ހިޔާލީ ކުރެހުމެއްގެ ތެރޭގަ އެވެ.

އައިހެވަންގެ މާސްޓާ ޕްލޭން ހަދަން ސިންގަޕޫރުގެ ކުންފުޏަކާ ހަވާލުކުރިކޮށްފައިވާއިރު މީގެ އަހަރެއްހާ ދުވަހުގެ ކުރިން އެވާހަކަތައް މީޑީއާގައި މިނިސްޓަރު ސައީދު ވަނީ އެކި ފަހަރު އެކި ގޮތްތަށް ވާހަކަ ދައްކަވާފަ އެވެ. ބައެއް ފަހަރު ވާހަކަފުޅުތައް ހުންނަ ގޮތުން މިއީ ހަމައެކަނި މީޑިއާގައި ރައްޔިތުންގެ ގުނބޯ ހަދަން ދައްކަވާ ވާހަކަފުޅުތަކެއް ހެން ވެސް ހީވާ ފަހަރު ގިނަ އެވެ.

ރައީސް ޔާމީންގެ ސަރުކާރަށް 3 އަހަރު ވެގެން ދިޔައިއިރު އައިހެވަން މަޝްރޫއުގެ މަސައްކަތް ނުފެށި އޮޔާ ގޮސްފައިވިޔަސް ކުރީގައިވެސް އަދި މިހާރުވެސް މިމަޝްރޫއުއާ ދިމާވާ އެއްކަމެއް އެބައޮތެވެ. އެއީ އައިހެވަންއާ ބެހޭ ގޮތުން ސަރުކާރުގެ ބޮޑުން ޓީވީތަކަށާއި ފޯޑިއަމްތަކަށް އަރައި “ކަރާ ފެޅުމުގެ” ވާހަކައަށް ކުޑަވެސް ބަދަލެއް ނާންނަ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355