twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކުޅުދުއްފުށި ސިޓީއަކަށް ނުވަނީ ރަށުގެ މިނިސްޓަރެއް ނެތީމަބާ !؟

Jun 5, 2016

“ތިނަދޫއަށް ސިޓީގެ ދަރަޖަ ދެނީ” މިއީ މައި ހަބަރެއްގެ ސުރުހީއެކެވެ. މި ހަބަރާއެކު ގދ. އަތޮޅާއި މުޅި ތިނަދޫ ހެއްވާލި އެވެ. ތިނަދޫގައި މީހުން ދިރިއުޅެން ފެށިތާ 50 އަހަރު ފާހަގަކުރުމުގެ ގޮތުން އެ ރަށުގައި މިހާރު ވެސް ތަރައްގީ ބޮޑެތި މަޝްރޫއުތަކެއް ކުރިއަށްގެންދާއިރު، ކުރިއަށް އޮތްތާވެސް ބޮޑެތި މަޝްރޫއުތަކެއް ފަށާނެ ކަމުގެ އުފާވެރި ހަބަރު އެ ރަށުގެ ރައްޔިތުންނަށް ވަނީ ލިބިފަ އެވެ.

ގދ. އަތޮޅަށް މި ހަބަރުން އުފާވެރިކަން ލިބުނު ނަމަވެސް އުތުރުގައި އޮތް ހދ. އަށް މާޔޫސްކަން ލިބުނެވެ. އެހެން ބަޔަކަށް ނިއުމަތެއް ލިބުމަކުން ނޫނެވެ. ތަފާތުކުރުން އިހުސާސްވުމުންނެވެ. ހދ. އަތޮޅުގެ ވެރިކަންކުރާ ކުޅުދުއްފުށި ސިޓީއެއް ދަރަޖައަށް ތަރައްގީނުކުރަންވީ ކީއްވެބާވަ އެވެ؟ ތިނަދޫއަށްވުރެ ކުރިން ލިސްޓުގައި އޮންނަންވާނީ ކުޅުދުއްފުށި ނޫން ހެއްޔެވެ؟

އާބާދީ ކުޅުދުއްފުށީގައި މާބޮޑު

އެންމެފަހުން 2014 ވަނަ އަހަރު ކުރި ބޯހިމެނުމުން ދައްކާ ގޮތުގައި ކުޅުދުއްފުށީގައި ދިރުއުޅޭ ޖުމްލް އާބާދީއަކީ 8،440 މީހުންނެވެ. އޭގެ ތެރެއިން 8186 މީހުންނަކީ ދިވެހިންނެވެ. ކުޅުދުއްފުއްޓަކީ މާލެ އާއި އައްޑޫ ސިޓީ ދޫކޮށް އެންމެ ގިނަ ދިވެހިން އުޅޭ ރަށެވެ. ދެ ސިޓީ ފިޔަވައި އެންމެ ބޮޑު އާބާދީ އެވެ. ތިނަދޫގެ އާބާދީ އެނގޭ ހެއްޔެވެ؟ އެއީ، 5230 މީހުންނެވެ. އޭގެ ތެރެއިން ދިވެހިންނަކީ 4629 މީހުންނެވެ. ތިނަދޫއަށްވުރެ ގިނައިން ފުވައްމުލަކުގައި ވެސް މީހުން ދިރިއުޅެ އެވެ. އެ ރަށުގައި 7984 ދިވެހިން ދިރިއުޅެ އެވެ.

ތިނަދޫއަށް ސިޓީގެ ދަރަޖަ ދޭން ނިންމާފައިމިވަނީ ކޮން ހިސާބަކަށް ބަލައިގެން ސުވާލު އުފެދެނީ މިހެންވެ އެވެ.

ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވީ، ތިނަދޫ ސިޓީއަކަށް ހަދަން ނިންމީ އެރަށުގެ އާބާދީ ބޮޑުވެ ކަމަށެވެ. އަދި އެ ރަށް ސިޓީއަކަށްވުމަކީ މިނިސްޓަރު ވަރަށް ބޮޑަށް އުއްމީދުކުރައްވާ ކަމަކަށް ވާތީ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، އެ ރަށުގައި މިހާރު 10،000 އެއްހާ މީހުން ދިރިއުޅޭ ކަމަށެވެ. ހިސާބު މިނިސްޓަރު ނެރުއްވި ތަނެއް ނޭނގެ އެވެ. އެނގިފައިވާ ގޮތުގައި 2014 އަށްފަހު ބޯހިމެނުމުގެ އެއްވެސް ދިރާސާއެއް ކޮށްފައެއް ނުވެ އެވެ.

ތިނަދޫއަށް ނިސްބަތްވާ މިނިސްޓަރުން

ބޮޑެތި މަޝްރޫއުތައް ހިންގުމުގައި އެންމެ ކުރީ ސަފުގައި ހުންނަވާ މިނިސްޓަރު ޖިހާދަކީ ތިނަދޫއަށް ނިސްބަތްވާ ބޭފުޅެކެވެ. އަދި ޔޫތް މިނިސްޓަރު ޖުހޫރަކީ ވެސް ތިނަދޫއަށް އުފަން ބޭފުޅެކެވެ. މި ދެ މިނިސްޓަރުގައި އެ ރަށަށް ހާއްސަ ލޯތްބެއް އޮންނާނެތާ އެވެ.

އުފަން ރަށަށް ލޯބި އޮތުމަކީ ވެސް މައްސަލައެއް ނޫނެވެ. މައްސަލައަކީ އެހެން ރަށްތައް ބާކީކޮށްލެވޭތީ އެވެ. ހާއްސަކޮށް އުތުރުގެ ރަށްތައް ބާކީ ކޮށްލާތީ އެވެ.

ތިނަދޫ ސިޓީއަކަށްވުމަކީ އުއްމީދުކުރައްވާ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއިރު ކުޅުދުއްފުއްޓާ ބެހޭ ގޮތުން އެފަދަ ވާހަކައެއް ދައްކަވަން ހިތަށް ނާރުއްވާތީ ވެސް ކަންބޮޑުވެ އެވެ. އުތުރުގެ ރައްޔިތުން ހަމަ އެހާ “ނިކަމެތީ” ބާވަ އެވެ؟

ޖިހާދު ވިދާޅުވީ ތިނަދޫ ސިޓީއަކަށް ހަދަން ބޭނުންވާ ވަސީލަތްތައް ގާއިމްކޮށްފައި އެބަހުރި ކަމަށެވެ. އޭގެ ތެރޭގައި ރާއްޖޭގެ ނިސްބަތުން ބޮޑު ބަނދަރެއް އެބައޮތެވެ. ތިން ސްކޫލްގައި ކިޔަވައިދެމުންދާއިރު ޔުނިވާސިޓީގެ ބްރާންޗްތައް އެބަހުއްޓެވެ. ހިއްކާ ސަރަހައްދުގައިވެސް އިތުރު ސްކޫލްތައް އަޅަން ވަނީ ޕްލޭންގައި ހިމަނައިފަ އެވެ. ބޮޑެތި ބޭންކުތަކުގެ ބްރާންޗްތައްވެސް އެބަހުރި ކަމަށެވެ. އިތުރު ފުޓުބޯޅަ ދަނޑަކާއި ސްޕޯޓްސް ކޮމްޕްލެކްސް އަޅަންވެސް ވަނީ ނިންމާފަ ކަމަށް ޖިހާދު ވިދާޅުވި އެވެ. އިސްލާމިކް ސެންޓަރެއް ގާއިމްކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ. ހެރިޓޭޖް ޕާކެއްގެ މަސައްކަތް ވެސް މި ރަށުގައި ކުރިއަށް އެބަދެ އެވެ. ކަޅުވަކަރު މިސްކިތް ވެސް ތިނަދޫއަށް ގެނައުމުގެ މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. އަދި ވެސް ގިނަ ޕްރޮޖެކްޓްތަކެއް ތިނަދުއަށް ހުރި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކުޅުދުއްފުށީގައި ވެސް މި މަޝްރޫއުތައް ހިންގޭ ވަރަށް އާބާދީ އެބަ އޮތެވެ. ހިއްކާފައިވާ ބޮޑު ބިމެއް އެބަ އޮތެވެ. ތިނަދޫގައި ބިން ހިއްކައިގެން މި މަޝްރޫއުތައް ހިންގާއިރު، “ބޭކާރަށް އެއްލާލާފައި އޮތް” ބިމެއް ކުޅުދުއްފުށީގައި އެބަ އޮތެވެ. މި ބިން ތަރައްގީކޮށްގެން ސިޓީއެއް ހަމަ ނުހެދޭނެބާވަ އެވެ؟

ވަސީލަތްތަކަށް ބަލާނަމަ ސިޓީއެއް ދަރަޖަ ކުޅުދުއްފުއްޓަށް ދޭންވީ އެތައް ވަސީލަތްތަކެއް މިހާރު ވެސް ކުޅުދުއްފުށީގައި އެބަ ހުއްޓެވެ. ސަރަހައްދީ ބަނަދަރަކާއި ބޮޑެތި މަގުތަކާއި ފެންވަރު ރަނގަޅު ސްކޫލްތަކާއި ބޮޑެތި އޮފީސްތައް ކުޅުދުއްފުށީގައި އެބަ ހުއްޓެވެ.

މިހުރިހާ ކަމެއް މިހެން ހުރިއިރު ކުޅުދުއްފުށީ ސިޓީއަކަށް ހަދާ ވާހަކަ ނުދައްކަނީ ކީއްވެބާވަ އެވެ؟ އެންމެ ކުޑަމިނުން ތަރައްގީގެ މަޝްރޫއުއެއް ފައްޓާ ވާހަކަ ވެސް ނުދައްކަނީ ކީއްވެބާވަ؟

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355