twitterviber whatsapp telegramfacebookyoutube instagram
20th April 2024

ރޭގެ މެޗުތައް ކާމިޔާބުކުރީ ޖާމަނީ، ޕޮލެންޑް އަދި ކޮރޭޝިޔާ

Jun 13, 2016

ޔޫރޯ 2016 ގައި ރޭ ކުޅެވުނު މެޗުތައް ކާމިޔާބުކުރީ ޖާމަނީ، ޕޮލެންޑް އަދި ކޮރޭޝިޔާ އިންނެވެ.

ރޭ ކުޅުނު ފުރަތަމަ މެޗުގައި ކޮރޭޝިޔާ އިން މޮޅުވީ 1-0 އިން ތުރުކީ ބަލިކޮށްގެންނެވެ. މި މެޗުގެ 44 ވަނަ މިނެޓްގައި ތުރުކީ ކުޅުންތެރިޔަކު ސާފު ކޮށްލި ބޯޅައެއްގައި ވޮލީ އަކުން ލޫކާ މޮޑްރިޗް މި މެޗުގެ ހަމައެކަނި ލަނޑު ޖަހައިދިން އިރު ކޮރޭޝިޔާ ކުޅުންތެރިން ވަނީ މި މެޗުގައި ތުރުކީ ގޯލަށް ނުރައްކާތެރި ގިނަ  ހަމަލާތަކެއް ފޮނުވާލާފަ އެވެ. އެގޮތުން ތުރުކީ ގޯލުގެ ހުރަސް ދަނޑިއަށްވެސް ދެ ހަމަލާއެއް ވަނީ އަމާޒުވެފަ އެވެ.

ރޭގެ މެޗުގައި މޮޑްރިޗް ލަނޑު ޖެހުމަށްފަހު

ރޭ ކުޅުނު ދެވަނަ މެޗުގައި ޕޮލެންޑުން ވަނީ ނޮދަން އަޔަލެންޑް 1-0 އިން ބަލިކޮށްފަ އެވެ. މެޗުގައި މޮޅަށް ކުޅެ ގިނަ ހަމަލާތައް ޕޮލެންޑުން އުފައްދާފައިވާއިރު މި މެޗުގައި ޕޮލެންޑުން ޖެހި ހަމައެކަނި ލަނޑު ޖަހައިދީފައިވަނީ މެޗުގެ 51 ވަނަ މިނެޓްގައި ޕެނަލްޓީ އޭރިޔާ ތެރެއިން ލިބުނު ފުރުސަތެއްގައި އަރްކާންޑިއޫސް މައިލިކް އެވެ.

ރެ ގެ ފަހު މެޗުގައި ޖާމަނީއިން ޔޫކްރެއިން ބަލިކުރީ 2-0 އިން ނެވެ. މި މެޗުގެ ފުރަތަމަ ލަނޑު ޖާމަނީ އިން ޖެހީ މެޗުގެ 19 ވަނަ މިނެޓްގައި ޓޮނީ ކުރޫސް ހިލޭ ޖެހުމެއްގައި ޕެނަލްޓީ އޭރިޔާ ތެރެއަށް ހުރަސް ކޮށްލި ބޯޅައަކުން ޖާމަނީގެ ޑިފެންޑަރ މުސްތާފީ ބޮލުން ޖަހައި ގޯލަށް ވައްދާލައިގެންނެވެ.

މެޗުގައި ގިނައިރު ބޯޅަ ހިފަހައްޓައިގެން ޖާމަނީއިން މޮޅަށް ކުޅުނުއިރު ޖާމަނީ އިން ވަނީ ގިނަ ހަމަލާތަކެއް އުފައްދާފަ އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މެޗުގެ 90 ވަނަ މިނެޓްގައި ނުކުތް ސްވެސްޓެއިގާ ވަނީ މެޗުގެ 92 ވަނަ މިނެޓްގައި އޮޒިލް ހުރަސްކޮށްލަދިން ބޯޅައެއް ވަރަށް ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ވައްދާލައި ޖާމަނީއަށް މެޗުގެ ދެވަނަ ލަނޑު ޖަހާދީފަ އެވެ.

މުސްތާފީ ރޭގެ މެޗުގައި ލަނޑު ޖަހަނީ

މިރޭ މި މުބާރާތުގައި ކުޅެވޭ މެޗުތަކަށް ބަލާއިރު 1800 ގައި ކުޅެވޭ މެޗުގައި ބައްދަލުކުރާނީ އެންމެ ފަހުން ކުޅެވުނު ދެ ޔޫރޯގެ ޗެމްޕިއަން ސްޕެއިން އާއި ޗެކް ރިޕަބްލިކް އެވެ. 2100 ގައި ކުޅެވޭ މެޗުގައި ސްވިޑަން އާއި ރިޕްބްލިކް އޮފް އަޔަލަންޑް ބައްދަލުކުރާއިރު 0000 ގައި ކުޅެވޭ މެޗުގައި ބައްދަލު ކުރާނީ ބެލްޖިއަމް އަދި އިޓަލީ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355