މަތީގައި އެވާ ފޮޓޯއިން ތިޔަ ފެނިވަޑައިގަންނަވަނީ ކުޅުދުއްފުށީ ދެކުނު ދާއިރާ މަޖިލިސް މެމްބަރު މުހައްމަދު ނަޝީދާއި އުތުރު ދާއިރާގެ މަޖިލިސް މެމްބަރު އަބުދުލް ޣަފޫރު މުސާ އެވެ. މި ދެ ބޭފުޅުންނަކީ ވެސް މަޖިލީހު ގޮނޑިއަށް ވާދަކުރެއްވިއިރު ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި ދެ ބޭފުޅުންނެވެ. އެހެން ދާއިރާތަކުގެ މެމްބަރުންނާ ހިލާފަށް ކުޅުދުއްފުށީގެ ދެ ދާއިރާއަށް ނިސްބަތްވާ މި ދެ މެމްބަރުން އިންތިހާބަށްފަހު ކުޅުދުއްފުށީ ރައްޔިތުންގެ ހައްގުގައި މިދެ މެމްބަރުން އަޑު އުފުލާ މަންޒަރެއް މަޖިލީހުގެ ތެރެއިން ފެނިގެނެއް ނުދެއެވެ.
އެހެން ދާއިރާތަކުގެ މަޖިލިސް މެމްބަރުން އެ މެމްބަރުންގެ ދާއިރާ ތަރައްގީކުރުމަށް ސަރުކާރާ ގުޅިގެން ބޮޑެތި މަސައްކަތްކޮށް އެދާއިރާއަށް ދިމާވެފައިވާ ހުރި ގޮންޖެހުންތަކުގެ ވާހަކަތައް މަޖީލިހުގައި އަބަދުމެ ދައްކާއިރު މި ދެ މެމްބަރުން މަޖިލީހުން ފެނިވަޑައިގަންނަވަނީ “މަންމަން” ދެ ބޭފުޅުންގެ ގޮތުގައި އެވެ.
މި ދެ ބޭފުޅުން ވެސް މިއީ ކުޅުދުއްފުށީގެ ދެ ގޮނޑި މަޖިލީހުގައި ފުރުއްވަމުން ގެންދަވާ ދެ ވަނަ ދައުރެވެ. ރައީސް ނަޝީދުގެ ވެރިކަމުގެ މެމްބަރު ޣަފޫރުގެ ފެނިގެންދިޔައީ ކުޅުދުއްފުށީ ރައްޔިތުންނާ ގާތުން މަސައްކަތް ކުރެއްވި ބޭފުޅެއްގެ ގޮތުގައި ނަމަވެސް މި ދައުރުގައި ކުޅުދުއްފުއްޓަށް ވަޑައިގެންފައިވެސް ނުވެ އެވެ.
މެމްބަރު ޣަފޫރާ ހިލާފަށް މެމްބަރު ނަޝީދު ކުރީ ދައުރުގައި ވެސް އަދި މިދައުރުގައިވެސް ފެނިގެންދަނީ ކުޅުދުއްފުށި ރައްޔިތުންނާ ވަރަށް ބީރެއްޓެހި މެމްބަރެއްގެ ގޮތުގައެވެ. މަޖީލީހުގެ އެއްވެސް ޖަލްސާއެއްގައި ކުޅުދުއްފުއްޓާބެހޭ ގޮތުން ނުވަތަ ހދ އަތޮޅާ ބެހޭ ގޮތުން ވާހަކަ ދައްކަވާ އަޑެއް ނީވެއެވެ.
ގިނަ ރައްޔިތުންތަކެއް ގަބޫލުކުރީ ޕީޕީއެއް ސަރުކާރެއްގައި މެމްބަރު ނަޝީދުގެ ދައުރު ވަރަށް ބޮޑަށް ފެންނާނެ ކަމަށެވެ. އެއީ އެމަނިކުފާނުގެ ޕާޓީއަކީ ވެރިކަން ކުރާ ޕާޓީއަށް ވުމުންނެވެ. ޣަފޫރާ ހިލާފަށް ނަޝީދު ގިނަ ވައުދުތަކެއް ކުޅުދުއްފުށީ ރައްޔިތުންނަށް ވެވަޑައިގަތެވެ. ނަމަވެސް އެއިން އެއްވެސް ވައުދެއް މިހާތަނަށް ފުއްދަވާފައި ނުވާއިރު ކުޅުދުއްފުއްޓަށް ވަޑައިގަންނަވަނީ ވެސް ވަރަށް މަދުންނެވެ. އަދި ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ ވެސް ހަމަ އެހާމެ މަދުންނެވެ.
ކޮންމެއަކަސް މި ދެ މެމްބަރުންނަކީ މަޖިލީހުގެ ގޮނޑި ކާމިޔާބުކުރުމަށްފަހު ކުޅުދުއްފުށީ ރައްޔިތުންނަށް ފިއްލަވައިގެން އުޅުއްވާ ދެ މެމްބަރުން ކަހަލައެވެ. މަޖިލީހުގެ ރަސްމީ މަސައްކަތުގެ ދާއިރާގައި ވެސް އަދި ސަރުކާރާ ގުޅިގެން ކުރެވެންހުރި ކަންކަމުގައި ވެސް، ނުވަތަ ސަރުކާރު ޒިންމާދާރުކުރުމުގައި ވެސް ކުޅުދުއްފުށީ ރައްޔިތުންނަށް މި ދެ މެމްބަރުންގެ އެއްވެސް އެހީތެރިކަމެއް ނުލިބެއެވެ. ރައްޔިތުންގެ ފަރާތުން މަޖިލީހުގައި ވަކާލާތެއް ނުކުރެވެއެވެ.