twitterviber whatsapp telegramfacebookyoutube instagram
26th April 2024

މައިކްރޯސޮފްޓުން ލިންކްޑްއިން ގަންނަން ނިންމައިފި

Jun 14, 2016

ޓެކް އިންޑަސްޓްރީގެ އެންމެ ބޮޑު އެއްކުންފުނި މައިކްރޯސޮފްޓުން ޕްރޮފެޝަނަލުންނަށް ހާއްސަކޮށް ހިންގާ ސޯޝަލް ނެޓްވޯކު ލިންކްޑްއިން ގަތުމަށް ނިންމައިފި އެވެ.

މައިކްރޯސޮފްޓުން އިއްޔެ އިއުލާން ކުރި ގޮތުގައި ލިންކްޑްއިން ގަތުމަށް ހަމަޖެހިފައިވަނީ 26.2 ބިލިޔަން ޑޮލަރަށެވެ. މިއީ ޓެކްނޮލޮޖީ ދާއިރާގައި އެއްކުންފުންޏަކުން އެހެން ކުންފުންޏެއް ގަތުމަށް ހެދޭ ރިކޯޑު އަދަދެއްގެ ވިޔަފާރިއެކެވެ. މައިކްރޯސޮފްޓުން ލިންކްޑްއިންގެ ކޮންމެ ހިއްސާއަކަށް 196 ޑޮލަރު ހަރަދު ކުރާނެއެވެ.

މައިކްރޯސޮފްޓުން ލިންކްޑްއިން ގަތްކަމުގައި ވިޔަސް ލިންކްޑްއިންގެ ސީއީއޯގެ ގޮތުގައި އަދިވެސް ހުންނާނީ މިހާރުގެ ސީއީއޯ ޖެފް ވީނަރ އެވެ. ނަމަވެސް އޭނާ ދެން ރިޕޯޓް ކުރަން ޖެހޭނީ މައިކްރޯސޮފްޓްގެ ސީއީއޯ ސަތިޔަ ނަޑެއްލާ އަށެވެ. މި މުއާމަލާތައް ފަހުވެސް، ލިންކްޑްއިން ލިންކްޑްއިންގެ ގޮތުގައި އަދިވެސް ފެނިގެންދާނެއެވެ. މިއީ ފޭސްބުކް އިން ވަޓްސްއެޕް ގަތުމަށްފަހު ވެސް އަމަލު ކުރި ގޮތެވެ.

ލިންކްޑްއިންގެ ސީއީއޯ ޖެފް ވީނަރ.

ލިންކްޑްއިން އަކީ އެހެނިހެން އިޖްތިމާއީ ވިއުގަތަކާ ހިލާފަށް މުޅިންވެސް ޕްރޮފެޝަނަލް ދާއިރާއަށް ޓާގެޓްކޮށްގެން ހިންގާ ނެޓްވޯކެކެވެ. ވަޒީފާތައް ހޯދާ މީހުންނާއި ވަޒީފާތަކަށް ޕްރޮފެޝަނަލުން ހޯދާ ކުންފުނިތަކުން ލިންކްޑްއިންގެ ބޭނުންވަރަށް ބޮޑަށް ހިފައެވެ. މިހާރު ލިންކްޑްއިންގައި ރަޖިސްޓަރވެފައި 433 މިލިޔަން މީހުން އެބަތިއްބެވެ.

މި މުއާމަލާތާއެކު މައިކްރޯސޮފްޓްގެ އެޕްތަކާ ލިންކްޑްއިން ގުޅާލާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355