ހޯމް މިނިސްޓަރު މިރޭ އިރާކޮޅު ކުއްލިގޮތަކަށް އިސްތިއުފާ ހުށަހަޅުއްވައި އެ އިސްތިއުފާ މިހާރުވަނީ ރައީސުލްޖުމުހޫރިއްޔާ ގަބޫލުފުޅު ކުރައްވާފައެވެ. މީޑިޔާއަށް ރަސްމީކޮށް އައިސްފައިވާ މިންވަރަކީ މިއީއެވެ. ސަރުކާރުގެ އެންމެ މުހިއްމު އެއް މަގާމުގައި ހުންނެވި ވަޒީރުގެ ކުއްލި މި އިސްތިއުފާއަކީ ބައެއް މީހުންނަށް “ސަޕްރައިޒަކަށް” ނުވި އިސްތިއުފާއެކެވެ. އަނެއް ބަޔަކަށް “ސަޕްރައިޒަކަށް” މި އިސްތިއުފާ ވެގެންދިޔަނަމަވެސް، މިކަމުގައި އަދި ބަހެއް ނުބުނެއެވެ. ކޮންމެއަކަސް އެނގޭ ހަގީގަތަކީ، އުނދަގޫ އެތައް ވަގުތެއްގައި ވެސް މަގާމުގައި ސާބިތުކަމާއެކު ހުންނެވުމަށްފަހު ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވާފައި އެވަނީ ފަރުދާގެ ފުރަގަހުގައި ބޮޑެތި ކަންތައްތަކެއް ހިނގަމުން ދާތީ ކަމެވެ.
އުމަރު ނަސީރަކީ، އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގެ ޕްރައިމަރީގައި މިހާރުގެ ރައީސް ޔާމީނާ ވާދަކުރައްވައި ހޫނަގަދަ ބަހުގެ ހަމަލާތަކެއް ރައީސް ޔާމީނަށް ނިސްބަތްކޮށް ވިދާޅުވެފައިވާ ބޭފުޅެކެވެ. އަދި ގިނަ ތުހުމަތުތަކެއް ރައީސް ޔާމީނަށް ކުރިމަތިކުރެއްވި ބޭފުޅެކެވެ. ނަމަވެސް ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމަށްފަހު ސަރުކާރުގެ ދާހިލީ ވަޒީރުކަމަށް ގެންނެވީ އުމަރު ނަސީރެވެ. ގިނަ ބަޔަކު އުމަރު ނަސީރު ސިފަކުރަނީ ކަންކަމުގައި ޖެހިލުންކުޑަ، އަދި ބައެއް ފަހަރު ވަރަށް ގޮތުގައި ހުންނަވާ ބޭފުޅެއްގެ ގޮތުގައެވެ.
އުމަރުގެ އިސްތިއުފާ އައިސްފައިމިވަނީ، ގިނަ ކަންތައްތަކެއް މިފަހުންވެސް ހިނގާފައި ވަނިކޮށެވެ. އެގޮތުން އެންމެ ފާހަގަކުރެވޭ ކަމަކީ، ސަރުކާރުގެ ކޯލީޝަނުގައި ހިމެނޭ އެމްޑީއޭއަށް ނިސްބަތްވާ ޒުވާނެއްގެ ފައިގައި ޓެގް އެޅުވި މައްސަލަ އެވެ. އެކަން މީޑިޔާއަށް ތިލަވެ، އަދި މޮނިކޮން ގާނޫނުގެ ތެރެއިން ހޯމް މިނިސްޓަރަށް ލިބިދޭ ބާރެއް ހަނިކުރައްވައި ރައީސް އުފެއްދެވި ކޮމެޓީއަކަށް އެމަސައްކަތް ހަވާލުކުރެއްވި އެވެ. މީގެ އިތުރުން ވަރަށް ގާތްގާތުގައި ދެ ކުޑަކުއްޖަކު މަރާލުމާއި މާލެތެރޭގައި މާރާމާރީގެ ކަންކަން ވަރަށް ބޮޑަށް އިތުރުވެފައިވަނީވެސް މި ދުވަސްކޮޅުއެވެ. މިކަންތައްތަކާ ގުޅިގެން ގޭންގުތަކަށް ވަރުގަދަ އިންޒާރުތަކެއް ހޯމް މިނިސްޓަރު ދީފައިވެއެވެ. އަދި ގޭންގުތަކަށް ނިސްބަތްވާ ކުޑަކުދިން އިސްލާހުކުރުމަށް ދ. ވާނީ އަށް ފޮނުވާފައިވަނީ މިދިޔަ ހަފުތާގެ ތެރޭގައެވެ. އޭގެ އިތުރުން ޓެގް އެޅުވި ފަރާތްތަކުގެ މައްސަލަތަށް ބައްލަވާނެކަމަށާއި އެކަމުގައި ދޫނުދެއްވާނެކަންވެސް މީޑިޔާއަށް ހާމަކޮށްފައިވަނީ މީގެ ދެދުވަހެއްވަރު ކުރިންނެވެ. މިއީ، ސީދާ މިނިސްޓަރުކަމުގެ މަސްއޫލިއްޔާ ގުޅުންހުރި ކަންކަމެވެ.
އުމަރުގެ އިސްތިއުފާއާ ގުޅިފައިވާ އަނެއްކަމެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ބުނަމުންދަނީ، ކުރީގެ ޑިފެންސް މިނިސްޓަރު “ފްރޭމް” ކުރިކަމަށް ދެކެވޭ ވާހަކައެވެ. ހާއްސަކޮށް ނާޒިމްގެ ވަކީލުން މިރޭ އިރާކޮޅު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ނިމުނުތާ މާގިނައިރުތަކެއް ނުވެ އުމަރުގެ އިސްތިއުފާދެއްވުން މިއީ މިވާހަކަތަކަށް ބާރުލިބޭ ކަމެކެވެ. މިނިސްޓަރ ނާޒިމް އާއި އުމަރަކީ ވަރަށް ގާތް ދެ ބޭފުޅުންނެވެ. އަދި ފަހަކާޖެހެންދެން ވެސް އުމަރު ވިދާޅުވެފައިވަނީ ނާޒިމްއަކީ އަދިވެސް “ހީރޯ” އެއް ކަމަށާއި ނާޒިމަށް އިތުބާރުކުރައްވާ ކަމަށެވެ. ނާޒިމްގެ ވަކީލުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނާޒިމް ފްރޭމްކޮށްފައިވާ ކަމުގެ އިތުރު ހެކިތަކެއް މީޑިޔާއަށް ހާމަކުރިއެވެ. އަދި ފަހުން ފުލުހުންވެސް ހަމަ އެ މައުލޫމާތުތައް މިރޭ ނޫސްވެރިންނާ ވަނީ ހިއްސާކޮށްފައެވެ. ކަންމިހެން އޮތްއިރު، ހޯމްމިނިސްޓަރު ކަމުގެ މަގާމުގައި ހުރެމެ މިކަމުގައި މާބޮޑު ނިންމުންތަކެއް ނިންމުމުގެ ބާރު ހޯމް މިނިސްޓަރަށް ނެތްކަމީ އެންމެނަށް އެނގޭ ކަމެކެވެ. އިސްތިއުފާގެ ސަބަބީ މިއީ ކަމަށްވެސް ވެދާނެއެވެ.
ކޮންމެއަކަށް އުމަރު ނަސީރުގެ އިސްތިއުފާއާ ގުޅިގެން ސިޔާސީ ބޭފުޅުން އެކި ޝުއޫރުތައް ފާޅުކޮށްފައި ވެއެވެ. އިދިކޮޅު ބައެއް ފަރާތްތަކުން މިކަމަށް މަރުހަބާ ކިޔާފައިވާއިރު، އުމަރު ނަސީރު ވިދާޅުވަނީ އިސްތިއުފާ ދެއްވިއަސް ނަޝީދުގެ އުނގަށް ނުވެއްޓޭނެ ކަމަށެވެ. މިއީ އިދިކޮޅު ފަރާތްތަކަށް އެހާ އުފާވެރި ހަބަރަކަށް ނުވާނެއެވެ. ނަމަވެސް އުމަރު ނަސީރުކަހަލަ ބޭފުޅަކު ސަރުކާރުން އިސްތިއުފާ ދިނުމަކީ އިދިކޮޅު ބައެއް ފަރާތްތަކުން ސިފަކުރާ ގޮތުގައި މި ސަރުކާރު ބަލިކަށިވާނެ ކަމެކެވެ.
ކުރިއަށްއޮތް ދުވަސްތަކުގައި މި ކުއްލި އެހެނަސް ޝައްކުވަމުންދިޔަ އިސްތިއުފާގެ ހަގީގަތް ތިލަވާނެއެވެ. އުމަރަކީ މީޑިޔާއާ މައުލޫމާތު ހިއްސާކުރައްވާ ބޭފުޅެކެވެ. އެހެންކަމުން މިކަމުގެ އަސްލު ސަބަބު ދެނެގަންނަން މާގިނަ ދުވަހެއްވާނެ ކަމަކަށް ނުފެނެއެވެ. އެނގޭހާވެސް ކަމަކީ އުމަރު ދާހިލީ ވަޒީރުކަމުގައި ހުންނަވައި ކުރައްވާ ރަސްމީ މަސައްކަތްތަކަށް އެކި ދުވަސްވަރު ސަރުކާރުގެ ތެރެއިން ފިއްތުންތައް ކުރިމަތިވާ ކަމެވެ. ހޯމް މިނިސްޓަރަށް ގާނޫނުތަކުން ދީފައިވާ ބާރުތައް ސަރުކާރުން ހަނިކޮށްފައިވާ ކަމެވެ.