twitterviber whatsapp telegramfacebookyoutube instagram
24th April 2024

ފުރަތަމަ 100 ދުވަހުގެ ތެރޭގައި ތަރައްގީ ކުރަންބުނި ކުޅުދުއްފުށީ ޓާޝަރީ ހޮސްޕިޓަލް ކޮބާ؟

Jun 29, 2016

މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލުކުރާނެ ކަަމަށް ހެލްތް މިނިސްޓްރީން މީގެ ކުރިން ވިދާޅުވެފައި ވާއިރު އެއީ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހެލްތް މިނިސްޓްރީން ހާސިލްކުރަން ކަނޑައަޅާފައިވާ ލަނޑުދަނޑިތަކުގެ ތެރެއިން ލަނޑުދަނޑިއެއް ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން މި ސަރުކާރުގެ އެންމެ މުހިއްމު އެއް އަމާޒަކީ ހދ. ކުޅުދުއްފުށީ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލުކުރުން ކަމަށްވެސް މިނިސްޓްރީން ވަނީ ވިދާޅުވެފަ އެވެ.

އެއިރުގެ ހެލްތު މިނިސްޓަރ އައިމިނަތު ޝަކީލާ ވަނީ ހޮސްޕިޓަލުތަކުގެ ފެންވަރު ރަނގަޅު ކުރުމުން މާލެ އައުމުގެ ބަދަލުގައި ރަށްރަށުގައި ތިބެގެން ސިއްހީ ހިދުމަތް ހޯދޭނެ އިންތިޒާމުތައް ގާއިމުވެގެންދާނެ ކަމަށާއި 2014 ވަނައަހަރު ޖެނުއަރީ އެއް ވަނަ ދުވަހުން ފެށިގެން އާއިލީ ޑޮކްޓަރުންގެ ހިދުމަތް ތައާރަފު ކުރާނެ ކަމަށްވެސް ވިދާޅުވެފައެވެ.

އެގޮތުން 2015 ވަނަ އަހަރުގެ ބަޖެޓްގައި ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލު ކުރުމަށް 8 މިލިއަނަށްވުރެ ބޮޑު ބަޖެޓެއްވަނީ ކަނޑައަޅާފަ އެވެ. ފެންވަރު މަތިކުރުމުގެ ގޮތުން މުހިއްމު ހަތަރު ޕްރޮޖެކްޓެއް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ހިންގުމަށް ވަނީ އެއިރު ނިންމާފަ އެވެ.

އެގޮތުން ހޮސްޕިޓަލުގެ އެކްސްޓެންޝަނަށް ހަރަދުކުރުމަށް 4829250 ރުފިޔާ ވަނީ ބަޖެޓްގައި ހިމަނާފަ އެވެ. އަދި އިންސިނެރޭޓަރ ބެހެއްޓުމަށް 830000 ރުފިޔާ ވެސް ވަނީ ބަޖެޓްކުރެވިފަ އެވެ.

މީގެ އިތުރުން ބެކަޕް ޖަނަރޭޓަރާއި އާއި ސިންކްރޮނައިޒް ޕެނަލް ބޯޑު ބެހެއްޓުމަށް ބަޖެޓްގައި ހިމަނާފައިވާ އިރު އެހޮސްޕިޓަލުގެ އިންފްރާސްޓްރަކްޗަރ އަޕްގުރޭޑިން މަސައްކަތަށް 1423100 ރުފިޔާ ހިމަނާފައިވެ އެވެ.

މި ސަރުކާރުގެ ފުރަތަމަ 100 ދުވަސް ފުރިހަމަވެ އޭގެ ފަހުން 2 އަހަރު ދުވަސް ފާއިތުވެގެން ގޮސްފައިވާއިރު ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ހެދުމަށް މިހާތަނަށް އެއްވެސް މަސައްކަތެއް ކުރެވިފައި ނުވާއިރު މިކަމަށްޓަކައި ކަނޑައެޅި ބަޖެޓަށް ވެސް ވީގޮތެއް ނޭނގެއެވެ.

އަނެއްކާވެސް މިކަމުގެ އުންމީދު އާލާވެގެން ދިޔައީ ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ އަބްދުﷲ ވަހީދު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލުކުރުމަކީ އަމާޒެއްކަމަށް މި އަހަރުގެ ޖެނުއަރީ މަހު ވިދާޅުވުމުންނެވެ.

އަބްދުﷲ ވަހީދު ވިދާޅުވެފައި ވަނީ މި އަހަރުގެ ނިޔަލަށް ކުޅުދުއްފުށީ ހޮސްޕިޓަލް ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ. އަދި އޭގެ ކުރިން ހޮސްޕިޓަލްގެ ކަންކަން ހަރުދަނާ ކުރައްވާނެ ކަމަށްވެސް ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް އޭގެ ފަހުން 6 މަސްވެފައިވާއިރު މަސައްކަތް ނުފެށި ލަސްވާ ސަބަބުވެސް ހެލްތް މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ. އަދި މަސައްކަތް ސީދާ ފެށޭނެ ތާރީހެއްވެސް ހާމަކޮށްފަ އެއް ނުވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355