އަމިއްލަ ވަތަނަށް ކާމިޔާބު ހޯދައިދޭން މަސައްކަތް ކުރުމަކީ ބައެއް މީހުންގެ ކަށީގައި ހަރުލާފައި ހުންނަ ހާދަ ރަގަޅު އާދައެކެވެ. އެކި މީހުން މިކަން ކުރަނީ އެކި ގޮތްގޮތަށެވެ. ބައެއް މީހުން އެ ކުރާ ކަމެއްގައި އަމަލީ ގޮތުން ބައިވެރިވާއިރު، އަނެއް ބަޔަކު އުޅެނީ އެ މީހުންނަށް ހިތްވަރު ދިނުމުގަ އެވެ. އަނެއް ބަޔަކު އެމީހުންނަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދޭއިރު އަނެއް ބަޔަކު އުޅެނީ އެމީހުނަށް ފެން އުފުލާދީ އަތްގާތް ކޮށްލަ ދޭށެވެ. މި އެންމެންނަކީވެސް ހާދަ “ފަހި” ބަޔެކެވެ. ނަމަވެސް ޤަބޫލު ކުރަން ޖެހޭ ހަޤީޤަތަކީ ކޮންމެ ޒަމާނެއްގައިވެސް ކޮންމެ ބައެއްގެ ތެރޭގައިވެސް ކަންކަން ކުރާއިރު ހަރާންކޯރުވާ ބަޔަކު ތިބޭނެ ކަމެވެ. ކާމިޔާބު ލިބެނީ ކުރަން އުޅޭ މަސައްކަތް ހަނދާނުން ކައްސާނުލައި މި ބުނާ ބައިގަނޑުގެ ގެ ރޭވުން ތަކުގެ މައްޗަށް ކުރި ހޯދާ މީހުންނެވެ.
އަސްލު މައުލޫޢު އަކީ މިނިވަން ފަންސާސް ފުޓްބޯޅަ މުބާރާތެވެ. މިނިވަން ފަންސާސް މުބާރާތުގެ ފުރަތަމަ ބުރު 31 ޖުލައިގައި ފެށުމަށް ފައިކުރު ކޮށްފައިވާއިރު، މުބާރާތުގައި ކުޅުދުއްފުށި ޓީމު މިއަހަރުވެސް ވަނީ ބައިވެރިވެފަ އެވެ. ވޭތުވެދިޔަ އަހަރު ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ވަރަށް ހިތްދަތި ކަމާއެކު މުބާރާތުން ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ޓީމު ކަޓާފައިވަނީ އެންމެ ލަނޑެއްވެސް ނުޖެހި އެވެ.
މާބޮޑު މައްސަލަ އެއް ނެތެވެ. ރުކަކަށް އެރިޔަސް އަދި ކުރި ނުގަނެވޭ ފަހަރު އަންނާނެ އެވެ. ޕޯޗުގަލްވެސް ފައިނަލަށް ދިޔައީ ހައިރާން ކޮށްލާފައި ނޫން ހެއްޔެވެ. އުފާކުރަން ޖެހޭ ކަމަކީ މި އަހަރުވެސް ރަށު ކައުންސިލުން އިސްނަގައިގެން ޓީމު ބައިވެރި ކުރިކަމެވެ. ބައިވެރިވެލުމުން ކާމިޔާބު ލިބޭނަމަ ސުކޫލަށްދާ ކޮންމެ ކުއްޖަކުވެސް ނުކުންނާނީ “އޭ” ފާސް ޖަހައިގެންނެވެ. ނޫނީ ވަޒީފާއެއް ހޯދަން އުޅޭ އެންމެން ތިބޭނީ ވަޒީފާގަ އެވެ. އެހެންވީމާ އަދި ބައިވެރިވެލިޔަކަސް މުޅި އަކުން ކަމަކު ނުދެއެވެ. ކާމިޔާބު ހޯދާނެ މޮޅު ގޮތެއް ފެނޭތޯ ބަލަން ވާނެ އެވެ.
2014 ވަނަ އަހަރުގެ މުބާރާތުގެ އޮފިޝަލުންގެ ޓީމު. ގިނަ މަސައްކަތްތަކެއް ކުރި. ފޮޓޯ: ޓީމް ކުޅުދުއްފުށި ފޭސްބުކް
ބަޔަކު ކިތަންމެ ރުޅި އަޔަސް މި ރަށުގެ އެންމެ ގިނަ ބަޔަކު ކުޅޭ ހިތްވަނީ ފުޓްބޯޅަ އެވެ. އެންމެ ބަލާހިތްވަނީވެސް ބޯޅަ ކުޅޭ ތަނެވެ. އެއީ މުޅި ރާއްޖޭގައިވެސް އެކަން އޮތް ގޮތެވެ. އެކަން ރަށު ކުދިން ކުރަނީ ބޮޑު ކެރިއަރެއް ބިނާ ކުރާކަށެއް ނޫނެވެ. ފިޓްނަސް ހިފަހައްޓާލާށާއި މަޖާ ކޮށްލާށެވެ. އެއީ ހަމަ ރަގަޅު ގޮތެކެވެ. އެކަމުގެ ސަބަބުން އެކުވެރިކަން ބަދަހިވެ، ކުށް މަދުވެ އެވެ. ރަށުގައި މި ފަހަކަށް އައިސް އެންމެ ގިނަ ފުޓްބޯޅަ މުބާރާތް އޮތް އަހަރު ކަމުގައިވާ 2013 ވަނަ އަހަރު ޒުވާނުން ކުށަށް އަރައިގަންނަ މިންވަރު 40 އިންސައްތަ ދަށަށް ދިޔަ އެވެ. އަޅެފަހެ މިއީވެސް ކާމިޔާބެއް ނޫންތޯ އެވެ؟ އެހެންވީމާ 5.30 ގައި ކުޅެން ދިޔަސް، އަދި އެއަށްވުރެ ލަހުން ދިޔަސް އެހާ ބޮޑަށް ހަޖޫ ނުޖަހާ އެކުދިން އެކުރާ މަސައްކަތަށްވެސް ސަޕޯޓެއް ދޭން އުޅުނިއްޔާ ކިހާ ސަޅިވާނެ ހެއްޔެވެ.
ފުޓްބޯޅަ އަކުން ރާއްޖެ ޓީމަކަށް މާބޮޑު ކާމިޔާބުތަކެއް ނުލިބެ އެވެ. ބުނެވޭ ގޮތުގައި ފުޓްބޯޅާގައި ރާއްޖެ ޓީމަށް ދިމާވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެފްއޭއެމް އެވެ. ކަންކުރަންވީ ގޮތް ކިޔާދޭނެ މީހުން ގިނައީ އެވެ. ކަމަށް ނުފޫޒު ފޯރުވާ މީހުންވެސް ގިނައީ އެވެ. މި ރަށުގައި ވެސް މިކަން މިގޮތަށް ދިމާވާ ކަމީ ޔަޤީން ކަމެކެވެ. ފުޓްބޯޅަ ކުޅޭ ކޮންމެ މީހަކީ ކޯޗެއް ނޫނީ “ލޯޑެކެވެ”. އެމީހަކު ބުނާގޮތް ޤަބޫލު ނުކޮށްފިނަމަ ނޫނީ އެމީހަކު އެ ހިތަށް އަރާ ގޮތަށް ޓީމު ނުކުޅެފިނަމަ އެ އޮތީ އެމީހަކަށް “ދޮވާފަ” އެވެ. ދެން އެމީހެއްގެ މަސައްކަތަކަށް ވަނީ މުޅި ޓީމު “ފަނި” ކޮށްލުމުގެ މަސައްކަތް ފެށުމެވެ. ނުކުޅޭ މީހުންގެ ގާތުގައިވެސް “ގޭސް” ގަނޑެއް އަނބުރާލުމަކީ މި މީހުންނަށް ލިބިފައިހުރި ކުޅަދާނަ ހުނަރެކެވެ. ޓީމުގެ ފުރަތަމަ އެގާރަ އަށް ނޭރޭ ގިނަ މީހުންގެ މަސައްކަތަކަށް ވެސް ވަނީ ޓީމު އެކަތި ގަނޑަކަށް ހެދުމުގެ ބަދަލުގައި ބައިބައި ކޮށްލުމެވެ.
ކުޅުދުއްފުށީ ފުޓްބޯޅައިގެ ރަން ދައުރުގެ ބައެއް ކުޅުންތެރިން ދޮނަކުޅީގައި – ފޮޓޯ: އީޓީއެފްއޭ ކުޅުދުއްފުށި ފޭސްބުކް
ކުޑަ މޫސަ ބުނާތީ އެހި ކުޑަ ވާހަކަ އެއްވެސް މިއާ ގުޅުވައިގެން ނަކަލު ކޮށްލާނަމެވެ. “އަހަރެން ހުރާގެ ކޯޗަކަށް ފުރަތަމަ ގޮސް ހުއްރިއްޔާ ޓީމަށް ކާމިޔާބު ހޯދާ ދީފައި ފޭބިއިރު އެމީހުނަށް ކާއްޓެއް ދައްކާފައި ޖަހާށޭ ބުންޔަސް އެމީހުން ޖަހާ ހިސާބުގަ ތިބީ. އެހާވެސް އަހަރެންގެ ބަސް އެމީހުން ޤަބޫލު ކުރޭ. އެކަމު އަހަރެން އެއް އަހަރު ފަހުން އެ ރަށަށް ދިޔައިރު އެ ރަށުގައި ތިބީ ހުސް ކޯޗުން.” ހުއްރިއްޔާގެ އެރުމާއި ވެއްޓުމާ ބެހޭގޮތުން ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާ ކުޑަ މޫސަ ބުނާތީ އަޑުއެހި ބަސްކޮޅެކެވެ.
މިފަހަރު ކުޅުދުއްފުށީ ޓީމުގެ ކޯޗު ކަމާ ހަވާލުވަނީ ކުޑަ މޫސައެއް ނޫނެވެ. ކުޅުދުއްފުށީގެ އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާ ބަޝީރު ޔޫސުފެވެ. މިފަހަކަށް އައިސް ކުޅުދުއްފުށީގެ ފުޓްބޯޅަ ކުރިއަރުވަން އެންމެ ބޮޑަށް މަސައްކަތް ކުރާ އެކަކެވެ. ހަމަ ޔަޤީނުންވެސް ބަޝީރު އަކީ ކުޅުދުއްފުށީގެ ފުޓްބޯޅަ ނުވަތަ ރާއްޖޭގެ ފުޓްބޯޅަ އެންމެ ބޮޑަށް އެނގޭ އެކަކަށް ވާނެ އެވެ. ބުނެލާފައި ކަންކޮށްލާތީ ފެނުނު މަދު މީހުންގެ ތެރެއިން އަކަކު އެވެ. ނަމަވެސް ކޯޗުން މާ ގިނަވެއްޖެ ނަމަ އެއްވެސް މީހަކަށް އެކަން ކުރާކަށް ފަސޭހައެއް ނުވާނެ އެވެ. އެހެންވީމާ އޭނާގެ ފަހަތުގައި ހުރިހާ ކުޅުންތެރިންނާ ބެލުންތެރިންވެސް ނިކަން އިޚްލާސްތެރިކަމާއެކު ނުކުންނަން ހިނގާ ބަލާށެވެ. ނިކަން ގިނަ މީހުން ބުނެ އުޅޭ ބަހެއްވެސް އޮވެ އެވެ. “ޓީމާ ހަވާލުވާ ކޯޗަކަށް ކޮންމެ މީހެއް ހުއްޓަސް އެމީހަކު އެ ބުނާ އެއްޗެއް ހެދޭތޯ ބަލާށެވެ. އޭރުން ކާމިޔާބު ނިކަން ކައިރިވާނެ އެވެ”
ބަޝީރު އޭނާގެ އެކަޑަމީގައި ދަރިވަރުން ތަކަކަށް އިރުޝާދު ދެނީ – ފޮޓޯ: އީޓީއެފްއޭ ކުޅުދުއްފުށި ފޭސްބުކް
މިފަހަރުގެ މުބާރާތުގެ ސްކޮޑުގައި 21 އަހަރުން ދަށުގެ 7 ކުޅުންތެރިން ހިމަނަން ޖެހޭއިރު ހުނަރުވެރި ޒުވާން ކުޅުންތެރިން ނެތުމަކީ ވެސް ވަރަށް ހިތާމަކުރަން ޖެހޭ މައްސަލަ އެކެވެ. ޒުވާން ކުޅުންތެރިން ބުނަނީ ފުރުސަތު ނުދެނީ ކަމަށެވެ. މުސްކުޅިން މާ ނުފޫޒު ގަދައީ ކަމަށެވެ. އެކަމު އަޅުގަނޑަށް ބޮޑަށް ޤަބޫލު ކުރެވެނީ ޒުވާން ކުޅުންތެރިންގެ ހިތްވަރެއްވެސް ނުހުންނަނީ ކަމަށެވެ. ކަންނެތީވެސްމެ އެވެ. ބޯޅައެއްގައި ޖަހާލަން ހަމަ ހުރިހާ ކުދިންވެސް އުޅެނީ ނިކަން ލަސްވާ ފަހުންނެވެ. 10 ވަރަކަށް އަހަރު ކުރިއަށް ޖެހިލައިފިއްޔާ ބޯޅަ ދަނޑަކީ ޅަ ކުދިން ކޮފީ މޭޒުގެ ބަދަލުގައި އެއްވެ އުޅޭ މަރުކަޒެވެ. ފަތިހަކަސް މެންދުރަކަސް ކިޔާނެ ކަމެއް ނެތެވެ.
ލިޔަން އުޅުނު ވާހަކަތައް އަމާޒެއްނެތި މާ ދިގުވެސް ވެއްޖެ ކަންނޭގެ އެވެ. އެކަމު މީ ހަމަ ބަންޑުން ކޮށްލެވޭ މަދު ހިޔާލު ކޮޅެކެވެ. އަދި ބުނެލާނަމެވެ. ޓީމުގެ ކުޅުންތެރިންނާ އެއްވަރުގެ ރޯލެއް ސަޕޯޓަރުންނަށްވެސް ކުޅެވިދާނެ އެވެ. އެމީހުންގެ ރުހުމަކީ ޓީމު ކުޅުންތެރިންނަށް ލިބޭ އެންމެ ބޮޑު ހިތްވަރެވެ. މިފަހަރު ޓީމާއެކު އެންމެން ނުކުންނަމާ ހިނގާބަލާށެވެ. މިހާރު މިރަށުގައި އެންމެ ގިނަ މީހުން ބައިވެރިވެގެން ބޭއްވޭ ހިރަފުސް ކަޕަކީ ރަށުގެ ކުޅުންތެރިން އެންމެ ސަޕޯޓް ކުރާ އެއް މުބާރާތެވެ. އެ މުބާރާތުގައި ހަމައެކަނި ކުޅެލަން ބައިވެރިވާ ކުޅުންތެރިންވެސް އެ ބައިވެރިވަނީ ފުޓްބޯޅަ އަށް ލޯބި ކުރާތީ އެވެ. ހަމަ އެގޮތަށް އެ މުބާރާތުގައި ކުޅޭ އެންމެހައި ކުޅުންތެރިން ޓީމަށް ނޭރުނު ކަމުގައިވިޔަސް ޓީމަށް ހިތްވަރުދޭން ތިބެއްޖެ ނަމަ ކާމިޔާބު ހޯދަން ފަސޭހަ ވާނެ އެވެ. އަދި އަޅުގަނޑުމެންގެ އިއްޒަތްތެރި ކައުންސިލަރުންގެ “އެޕްރޯޗް” ތަކާއި “ޓެކްޓިކްސް” ތައް ވެސް ނިކަން ބޮޑަށް އިސްލާހް ކޮށްލަންވެއްޖެ އެވެ. ދައުރު ނިމިގެންދާއިރު ވަނަވަރު ވަރުގަދަ ކޮށްލަން ވާނެ ނޫން ހެއްޔެވެ.
އެއްގޮތުން ނުވިއްޔާ އަނެއް ގޮތުންވެސް މިފަހަރު އިތުރު ހަރުފަތަކަށް ދާން މަސައްކަތް ކޮށްލަން ހިނގާ ބަލާށެވެ. ވަތަނީ ރޫހެއްގައި ރަށަށް ރީތިނަން ހޯދާދޭށެވެ. ބާސްކެޓުންނާއި އެތުލެޓިސްއިން އަދި ނެޓްބޯޅައިން ހޯދާ ކަހަލަ ކާމިޔާބެއް ހޯދުމަށެވެ.