twitterviber whatsapp telegramfacebookyoutube instagram
29th March 2024

ބަޔަކު އަޅުވެތި ކުރީހެއްޔެވެ؟ ވިސްނުމުގެ ކޮށިކަމުން އަޅުވެތި ކުރުމަށް ފުރުސަތު ދެވެނީ ނޫންހެއްޔެވެ؟!!

Jul 10, 2016

“ކުރެވޭނެ ކުރާނެ.. ބްރިޖްވެސް އެހެރަ ފެންނަނީ ހަމަ، އެޅެމުން ދާތަން… މިކުރަނީ އަދި ވެރިކަމަކީ އިނގޭ. އެތިބީ ވެރިންނަކީ.  ކަލޭމެން ހަމަ ހަޅޭއްލާން ތިބެން ޖެހޭނީ”.

މާލޭ ބޭފުޅުން ރާއްޖެތެރެއޭ މުޚާތަބު އެކުރާ ރަށެއްގެ އަތިރިމަތީ ހަދާފައިހުރި ފިނިމައިޒާނެއް، އެރަށު މީހުންގެ ނަމުގައި ނަމަ ހޮޅުއަށްޓެއްގައި ފިނި ވައިޖައްސާލަން ނުކުމެ ތިބި ބައެއްގެ ތެރޭ ދެކެވުނު ” ސިޔާސީ” ވާހަކަތަކެއްގެ ތެރެއިން، އެއް ފިކުރެއްގެ މީހަކު އަނެއް ފިކުރުގެ މީހާއަށް މުޚާތަބުކޮށް ބުނެލި މި ބަސްތަކުން ގައިމުވެސް އަޅުގަނޑުގެ ހިތަށް ވަރަށް ބައިވަރު އެއްޗެހި އަރައި ފައިބައިގެން ދިޔައެވެ. އެފަދަ ވާހަކަ ތަކުގެތެރެއަށް ވަދެ ސަކަރާތުގެ ގޮތްގޮތަށް އެކިކޮޅުކޮޅަށް ވާހަކަ ދައްކާ ހަދާ ސިޔާސީ މިފަދަ ޒުވާބުތައް މަޖަލަށް ހަދާ މީހެއް ނަމަވެސް އެވަޤުތު ހަމަ އެއްޗެއް ނުބުނެ ހަނު ހުރެވުނީވެސް ސަބަބެއް ނެތިއެއް ނޫނެވެ.

އެފަދަ ދެތިން މައިޒާ ރަށުގެ އަތިރިމަތީ ހަދާފައި ހުއްޓެވެ. ކޮންމެ މައިދާނެއްގައިވެސް މީހުން ތަންކޮޅެއް ގިނަދުވަހެކެވެ. ވާނީވެސް އެހެންތާއެވެ. މެންދުރުގެ ހޫނު ގަދަ ގަޑިކަމަށްވެފައި، ރަށަށް ކަރަންޓުދިނުމަށް ބޭނުންކުރާ ޖަނަރޭޓަރު ތަކުގެތެރެއިން އެންމެ ބޮޑު ޖަނަރޭޓަރ އަށް ދިމާވި މައްސަލައަކާއި ގުޅިގެން ރަށުން އެކިވަގުތު ތަކުގައި ކަރަންޓު ކަނޑާލަމުންގެންދާތާ އެއީ 3 ވަނަ ދުވަހެވެ. އެކަމުގެ ސަބަބުން ރަށުގެ އެންމެ ކަހަލަ ގޮތަކަށް ތިބީ އަތިރިމައްޗަށް ޖެހޭ ނަލަވައިގެ ފިނިކަން ލިބިގަތުމަށެވެ. މިހިސާބުން އެވާހަކަ ދެއްކި މީހާއާއިމެދު ތިބޭފުޅުން ވެސް ހަމްދަރުދީ ވާނެ ކަންނޭނގެ އެވެ. އޭނަގެ އެ ކޮށިވިސްނުމުގެ މައްޗަށެވެ. ނަމަވެސް ސިޔާސީ ގޮތުން ރަށުގައި އަޑުހަރު މީހަކަށް ވާތީ އޭނަގެ ބަހަށް އެއްބައިކިޔާނެ ކިތަންމެ ބައެއް ތިބޭނެއެވެ.

މިހާހިސާބުން ދައްކަންމިއުޅޭ އަސްލު ވާހަކައަށް ދަމާ ހިނގާށެވެ. ރާއްޖޭގެ އާބާދީއަކީ ކިހާވަރެއްތޯއެވެ؟ އެތަނުން މާލެހިމެނޭހެން އެކިޔޭ، ގްރޭޓަރ މާލެ ސަރަހައްދަށް ނިސްބަތް ވަނީ ކިތަކަކަށް މީހުން ބާއެވެ؟ އެ ގްރޭޓަރ މާލެ ސަރަހައްދުގައި ދިރިއުޅެނީ ކިހާ މީހުންނެއް ބާއެވެ؟ ޔަޤީނުންވެސް އެނގެނީ އަދިވެސް ރާއްޖޭގެ އާބާދީގެ ގިނަބަޔަކު އުޅެނީ ވެސް އެމީހުން ނިސްބަތް ވަނީ ވެސް އެކިޔާ “ރާއްޖެތެރެއަށް” މީހާރު ރީތިކޮށްލަން ކިޔާ ” އަތޮޅުތެރެ” އަށް ކަމެވެ. މިހެން މިކަން އޮތްހިނދު ކޮންމެ ދިވެހި ރައްޔިތަކު ދައުލަތް ހިންގާ ދެމެހެއްޓުމަށް ޓަކައި ދައުލަތުގެ މާލިއްޔަތަށް މިވައްދައިދޭ ޓެކްސްގެ ބޮޑު އިންސައްތައެއް ވަދެގެން ދާނީވެސް އެބުނާ ރާއްޖެތެރޭ މީހުންގެ އަތުން ތާއެވެ. މިއީ ބުއްދި ސަލާމަތުން ހުރި ކޮންމެ އިންސާނަކަށްވެސް އެނގޭނެ އެއްޗެކެވެ. ލިޔުން އިތުރަށް ދިގުވާނެތީ ސީދާ އަދަދުތަށް މިލިޔުމުގައި ހިމަނައި ނުލީއެވެ.

ދެން އޮތް އަނެއް ވާހަކައަކީ “ދައުލަތަށް ރައްޔިތުން ޓެކްސް ދައްކަނީ ކީއްކުރަންހޭ” މިސުވާލެވެ. ގައިމުވެސް އެއީ ދައުލަތް ހިންގުމަށެވެ. ދައުލަތް ހިންގަންޖެހެނީ ރައްޔިތުން ނިޔާމައިގައި ހިތްހަމަޖެހުމާއިއެކު ދިރިއުޅުމަށެވެ. އެ ދިރިރުޅުން އުޅެވޭނީ އަސާސީ ބޭނުންތަށް ފުދިގެންނެވެ. އެއީ ވަކި ސަރަހައްދަކަށް ވީތީ ވަކި ދަރިކޮޅަކަށް ވީތީ ލިބެންޖެހޭ ކަންކަމެއް ނޫނެވެ. ކޮންމެ އިންސާނެއްގެ އިންސާނީ ހައްޤެކެވެ. އެއަށް ވުރެ ލުއި ކޮށްލަނީ ނަމަ ގާނޫނު އަސާސީން ވެސް އެންމެނަށް ހަމަހަމަ ކޮށް ލިބިދޭން ޖެހޭނެކަމަށް ލިޔެފައި އޮތް އެއްޗެކެވެ.

ކަންމިހެން އޮތް އިރު އަސާސީ ޚިދުމަތް ތަކަކީ ކޮބައިތޯވެސް ބަލާ ލަމާ ހިންގާށެވެ. ބޯފެނާއި ކަރަންޓާއި ސިއްޙީ ޚިދުމަތާއި އުނގެނުމާއި އުނގައްނައިދިނުން ހެއްޔެވެ؟ ނޫނީ އެއަރޕޯޓާއި އުސްޢިމާރާތް ތަކާއި ބްރިޖްތައް ތޯއެވެ؟ ޖަވާބު ތިބޭފުޅުންނަށް ދޫކޮށްލާނަމެވެ.

މިހާހިސާބުން ކުރިން ބަޔާންކުރި ހާދިސާއަށް ބަލާލަމާ ހިނގާށެވެ. ރަށުގެ ހޮޅުއަށީގައި އެންމެންގެ ތެރޭ އެމީހާ އެދެއްކީ އޭނާ ސަޕޯޓުކުރާ ސިޔާސީ ބޭފުޅުން ވެރިކަމުގައި ތިބެ ކޮށްދޭ ކަންކަމުގެ ވާހަކައެވެ. ފަޚުރުވެރި ކަމާއިއެކު މޭ އުފުލާލުމަށްފަހު ދެންތިބި މީހުންނާއި ދިމާއަށް އެފަދަ އެއްޗެއް ބުނިއިރު ތިމާމެން މިތިބީ ކޮންފަދަ ހާލެއްގައި ކަންވެސް އޭނާ ހިތަށް ނުއެރީތާއެވެ. ގާތް ގަނޑަކަށް އެމީހާ އެބުނީ މިހެން ނޫންތޯއެވެ

  ” ޓެކްސްގެ ބޮޑު އިންސައްތައެއް ދައްކަނީ ތިމާމެންނޭ ތިމާމެންދޭ ޓެކްސް ލާރިން ތިމާމެންގެ އަސާސީ ބޭނުންތަށް ފުއްދައިނުދިނަސް ވަރިހަމައޭ ބްރިޖްތައް އަޅައި އެހެރަގެން ދައްކައިދެނީ އޭ” އަޅުގަނަޑަށް ފަހުމްވީ އެފަދަ ގޮތަކަށެވެ.

މިމަޢުލޫއު ނިންމާލުމުގެ ކުރިން އަދި އިތުރު ހާދިސާއަކަށް ވެސް ބަލާލާނަމެވެ. ރާއްޖޭގެ ބައެއް ސަރަހައްދުގައި ކަރަންޓަށް ދެމުންގެންދިޔަ ސަބްސިޓީ ފައިސާ ހުއްޓާލުމުން އެކަމުގެ ހިތްހަމަނުޖެހުމުގައި ބަޔަކު ނުކުމެ އަޑު އުފުލަމުން ދިޔަ ވަގުތެކެވެ. ސަރުކާރު ހިންގާ ޕާޓީގެ އެކްޓިވިސްޓެއްގެ ގޮތުގައި އުޅުމަށްފަހު، ރަށުގައި ހުރި ކޯޕަރޭޝަނެއްގެ ސިޔާސީ މަޤާމަކަށް އައްޔަން ކުރެވިފައި ހުންނެވި ބޭފުޅެއް އެސަރަހައްދުން ދަމުން، ” އޮންނާނީ ކަރަންޓު ބިލުވެސް ބޮޑު ކޮށްފައޭ، ހަމަ ހަޅޭއްލާން ތިބޭށޭ” ބުނެ އެއްވެތިބި މީހުންނަށް ޖަދަލު ކޮށްލިއެވެ. ވަކި ފިކުރަކަށް ގޮސް ހުސްވީމާ ދެން އެދަރަޖައަށްވެސް ދާނެތާއެވެ. ނަމަވެސް ދެރަކަމަކީ އޭނާއަށް އެވަގުތު އެބުނެވުނު އެއްޗެއް އޭނާއަށް ވެސް ނޭނގޭކަން ނުވަތަ އަންދާޒާ ނުކުރެވޭ ކަމެވެ.

އެދުވަހު ސަބްސިޑީ ހުއްޓާލީ ވިޔަފާރި ކުރާ ތަންތަނަށް ދޭ ކަރަންޓުގެ ޙިދުމަތުންނެވެ. މާނައަކީ ފިހާރަތަކުގެ ކަރަންޓުބިލު އެތައްގުނައަކުން ބޮޑުވެގެން ދިޔައީއެވެ. އެބިލަށް އިތުރުވީ ބައި ވިޔަފާރިވެރިން ހޯދާނީ ކޮންތާކުން ތޯއެވެ.؟ ވިއްކާމުދަލުގެ ފައިދާއިން ނެވެ. ވިއްކާމުދަލުގެ އަގަށް އިތުރުވުމެއް އަންނާނެ ތާއެވެ. މުދަލުގެ އަގަށް މިއަންނަ އިތުރުވުމަށް ފައިސާ ޙަރަދު ވަނީ ކާކުގެ އަތުން ތޯއެވެ؟ ހަމަ އާންމު ރައްޔިތު މީހާއަތުންނެވެ. އެ ރައްޔިތުމީހާގެ ތެރޭ ކުރިން ޖަދަލުކޮށްފައިދިޔަ ބޭފުޅާ ނުހިމެނޭނެ ތޯއެވެ؟

މިހާހިސާބުން މި މަޢުލޫއު ނިންމާލާނަމެވެ. އަޅުގަނޑަކީ ވަކި ފިކުރެއްގައި ވަކި އަތަކަށް ޖެހިފައިހުރި “ސިޔާސީ” މީހެއްގެ ގޮތުގައި ލޭބަލް ނުކުރެއްވުން ވަރަށް ބޮޑަށް އެދެމެވެ. ނަމަވެސް އަޅުގަނޑަކީ އުޅެބޮޑުވި އަމިއްލަ ރަށާއި އެކުއުޅުނު ރައްވެހީންގެ ލާބައަށް ޓަކައި “ރާއްޖެތެރޭ މީހާ”ގެ ފިކުރުގައި މަސައްކަތްކުރާ މީހަކީމެވެ. ޤައުމަށް ގެންނަމުންދާ ބާރު ތަރައްޤީއާއި އިދިކޮޅު ހަދަނީކީވެސް ނޫނެވެ. އެހެންނަމަވެސް ހަމަ ” ބްރިޖަށްވުރެ، އަސާސީ ޚިދުމަތްތައް ( ސާފުބޯފެން، ކަރަންޓު، ނަރުދަމާ، ސިއްޙީ ޚިދުމަތް، ތަޢުލީމު) މާމުނިންމު” ނޫންތޯއެވެ؟

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355