މިހާރު ކުޅުދުއްފުށީގައި ބޭއްވޭ އެންމެ އަގުބޮޑު ކުޅިވަރު އިވެންޓަކީ ކުޅުދުއްފުށީ ބައިބަލާ ޗެލެންޖެވެ. މި އަހަރުގެ މުބާރާތަށް ގާތްގަނޑަކަށް 40,000ރ ގެ ފައިސާގެ އިނާމު ވަނީ ހުށަހެޅިފަ އެވެ. އޭގެ އިތުރުންވެސް އަގުބޮޑު އެތައް އިނާމަކާއެކު މި މުބާރާތުގެ ޖުމްލަ އަގު ހަމަ ޔަޤީނުންވެސް 50,000ރ އަށްވުރެ މައްޗަށް އަރާނެ އެވެ. މާދަމާ ރޭ ކުޅޭ މި މުބާރާތުގެ ފައިނަލު މެޗުގައި ބައްދަލު ކުރާނީ ޖެމްރޮކް އަދި ދަލުބޭރުންނެވެ.
ކުޅުދުއްފުއްޓަކީ ކުޅިވަރަށް ލޯބިކުރާ ގިނަ ރައްޔިތުން ތަކެއް ދިރިއުޅެމުންދާ ރަށެކެވެ. އަޅުގަނޑު ހަނދާން ހުންނަން ފެށިފަހުން ކުޅުދުއްފުށީގައި އެންމެ ފުރަތަމަ ބައިބަލާ މުބާރާތެއް ބޭއްވިކަން އެނގިފައިވަނީ، ދިވެހިރާއްޖޭގެ އަޑުގެ ފަރާތުން ކުޅުދުއްފުށީ ރަސްމީ ބޯޅަދަނޑުގައި އީދު ކުޅިވަރު އިންތިޒާމް ކޮށްގެން ބޭއްވި އަހަރު އެވެ. އެއީ މީގެ 15 ވަރަކަށް އަހަރު ކުރިއެވެ. ހަމަ ޔަޤީނުންވެސް އަލީ ރަމީޒު އޭރު އަދި ލަވަކިޔުން ހުއްޓައެއް ނުލަ އެވެ. ފްލޭޝް ބޭންޑާއި ވޭވްސް ބޭންޑްގެ ރަން ދުވަސްވަރު އެވެ. އޭރު ކުޅުދުއްފުށީ މީހުނަކަށް ބައިބަލާއެއް ނޯވެ އެވެ. އޮންނާނީ ‘ވައްކޮށި’ ކިޔާ ކުޅިވަރެކެވެ.
މިހާރު ބޯޅަދަނޑުގައި އެ ހުރި އެމްޑަބްލިއުއެސްސީ ޕަމްޕް ސްޓޭޝަން ހުރި ތަނުގައި ރިންގް އަޅައިގެން ކުޅުނު އެ މުބާރާތުގައި ކުޅުދުއްފުށީ ޓީމެއް ބައިވެރިވި ނަމަވެސް މެޗަށް ޓީމު ހަމަވެފައެއް ނުވެ އެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ރާއްޖޭގެ އެންމެ ކާމިޔާބު އެއް ބައިބަލާ ޓީމު ޒެފްރޯލް ބަލިކޮށް، ހދ ކުނބުރުދޫ އިންނެވެ.
މި އަހަރު ދަލުބޭރުން (އެތެރޭން) އަދި ޖެމްރޮކް ކުޅުނު މެޗުގެ ތެރެއިން
އޭގެ އަހަރުތަކެއް ފަހުން ކުޅުދުއްފުށީ މީހުނަށް ބޮޑު ވެލިގަނޑެއް ލިބުމުން ހަވީރު ފިންޏަށް ބައިބަލާ ކުޅެލަން ވެލިގަނޑަށް ނުކުންނަން ފެށި އެވެ. އަދި ނަތީޖާ އަކަށްވީ 2012 ވަނަ އަހަރުގެ ބޮޑު އީދުގައި ބައިބަލާ މުބާރާތެއް ކުޅުދުއްފުށީގައި ބޭއްވުމެވެ. އެ މުބާރާތުގައި ޖުމްލަ 4 ޓީމެއް ވާދަކުރިއިރު ޗެމްޕިއަންކަން ހޯދާފައިވަނީ “ބުރު” ކިޔާ ޓީމަކުންނެވެ. ގިނައިން ހިމެނެނީ މިހާރު ޖެމްރޮކުގައި ހިމެނޭ ކުޅުންތެރިންނެވެ. ފައިނަލުގައި ކުޅުނީ އޭރު ރާއްޖޭގައި އެންމެ ވަރުގަދަ ފޭސްބުކް ގުރޫޕް ނިސްބަތްވާ ކޭވައިޖީ އިން ނެރުނު ކޭވައިޖީއާ ޗަކުރާ އެވެ. ދެން އެ މުބާރާތުގައި ވާދަކުރީ ވަރުގަދަ ޓީމެއް ކަމަށްވާ ކަންމަތި އަދި ބްލެކް ލަޔަންސް އިންނެވެ. އެއް ރިންގަކުން ނުކުތް ދެ ޓީމެވެ.
ޖެހިގެން އައި އަހަރު ބައިބަލާ މުބާރާތް ބާއްވާފައި ނުވާއިރު އަކްރަމް މުހައްމަދު ކަށިކެޔޮގަސްދޮށުގެ އަދި ފާރޫޤް މުހައްމަދު މާދޫގެ އިސްވެ ތިބެ، ފިތުރު އީދާ ގުޅުވައިގެން ކުޅުދުއްފުށީ ބައިބަލާ ޗެލެންޖްގެ ނަމުގައި މިހާރު މި ބޭއްވޭ ބައިބަލާ ސީރީސް ބާއްވަން ފެށި އެވެ. 1435 (2014) ވަނަ އަހަރު 5 ޓީމު ބައިވެރިއިރު ފައިނަލުގައި ކުޅުނީ އެއް ރިންގަކުން ނުކުތް ދެ ޓީމު ކަމުގައިވާ ޖެމްރޮކް އަދި ނިއުއޭޖް އެވެ. ޗެމްޕިއަންކަން ހޯދީ ޖެމްރޮކުންނެވެ. ދެން މި މުބާރާތުގައި ވާދަކުރީ އެއް ރިންގަކުން ނުކުތް ދެ ޓީމުކަމަށްވާ ކަންމަތި އަދި މަންގަނޑުގެ އިތުރުން ދަލުބޭރުންނެވެ.
މުބާރާތުގައި ވާދަކުރާ ނިއުއޭޖް އަދި ޖްމްރޮކް ޓީމް
ޖެހިގެން އައި އަހަރުވެސް މި މުބާރާތުގައި ފަސް ޓީމު ވާދަކުރިއިރު ޗެމްޕިއަންކަން ހޯދީ މަންގަނޑުންނެވެ. ފައިނަލްގައި ވާދަކުރީ ނިއުއޭޖްއާ އެވެ. ނިއުއޭޖްއާ އެއް ރިންގަކުން ނުކުތް ޗެމްޕިއަން ޖެމްރޮކަށް ފައިނަލަށް ދެވޭ ގޮތެއް ނުވި އެވެ. އޭގެ ކުރީ އަހަރު އޮތް ކަންމަތި ޓީމުގައި ހިމެނުނު ކުޅުންތެރިން މަންގަނޑަށާއި އަލަށް ވާދަކުރި މިސްޓޭކް ސްޕޯޓްސް ކިޔާ ޓީމަކަށް ބެހިގެން ދިޔައީ އެވެ. ދެން މި މުބާރާތުގައި ވާދަކުރީ އޭގެ ކުރީ އަހަރުވެސް ކުޅުނު ދަލުބޭރުންނެވެ.
މި އަހަރުގެ މުބާރާތަކީ މި މުބާރާތުގައި އަލަށް 6 ޓީމު ވާދަކުރާ މުބާރާތެވެ. މި އަހަރުގެ މުބާރާތުގައި ކަންމަތި ނުވަތަ މަންގަނޑު ނިސްބަތްވި ރިންގުން އެއްވެސް ޓީމެއް ނުކުމެފައެއް ނުވެ އެވެ. އެ ރިންގުން ތައާރަފްވި ކުޅުންތެރިން އެކި ޓީމުތަކަށް ބެހިފައިވާއިރު އެންމެ ވަރުގަދަ ކުޅުންތެރިން ބަދަލުވެފައިވަނީ މި އަހަރުގެ މުބާރާތުގައި އަލަށް ފައިނަލުގައި ވާދަކުރާ ދަލުބޭރަށެވެ. މިސްޓޭކް ސްޕޯޓްސް ރިންގުން އިތުރު ދެ ޓީމު ނުކުމެފައިވެ އެވެ. އެއީ ލުނަޓިކް ސްޕޯޓްސް އަދި އެމްއެލް ޓީނޭޖް ސްޕޯޓްސް އެވެ. ވަރަށް ބޮޑު ކުރިއެރުމެކެވެ. ދެން މި މުބާރާތުގައި މި އަހަރު ވާދަކުރަނީ ގުރޫޕް ސްޓޭޖްގެ ހުރިހާ މެޗެއް ކާމިޔާބުކޮށް ފައިނަލަށް ދަތުރުކުރި ޖެމްރޮކް އާއި އެ ޓީމާ އެއްބަނޑު ނިއުއޭޖް އެވެ. ނިއުއޭޖް ހިތްދަތި ގޮތަކަށް ކަޓައިގެން ދިޔައިރު ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗުގައި އިދިކޮޅުން ބޭރަށް އެރި ޓީމު އެކަށް ހުސްކޮށްލާފައިވެ އެވެ.
މުބާރާތުގައި ވާދަކުރާ މިސްޓޭކް އަދި ލުނަޓިކްސް ޓީމް
މި އަހަރުގެ މުބާރާތަކީވެސް ފޯރިގަދަ މުބާރާތެކެވެ. ބައިބަލާ އަކީ ކުޅޭ މީހުންވެސް އަދި ބަލާ މީހުންވެސް ނިކަން ދެވިހިފާ ކުޅިވަރެކެވެ. ގަޔާގަޔާ ޖެހި ކުޅޭ ކުޅިވަރެއް ކަމުން އަނިޔާތައް ލިބުންވެސް އިތުރުމެ އެވެ. އެކަމަކު އުފާ ކުރަން ޖެހޭ ކަމަކީ ބައިބަލާއާ ގުޅިގެން ކުޅުދުއްފުށީގައި އަދި ހަމަނުޖެހުމެއް ހިނގާފައި ނުވާ ކަމެވެ. އަދި ބައިބަލާ އަކީ ކުޅުދުއްފުށީގައި އެކި އުމުރުފުރައިގެ ދެ ޖިންސުގެ އެންމެ ގިނަ މީހުން ބަލަންދާ ކުޅިވަރުކަން ފާހަގަކޮށްލެވެ އެވެ.