ކުޅުދުއްފުށީ ބައިބަލާ ޗެލެންޖް 1437 ގެ ޗެމްޕިއަންކަން ދަލުބޭރުން ހޯދިއިރު، މިސްޓަރ ބައިބަލާގެ މަޤާމު ޝިރާން ދިފާޢުކޮށްފި އެވެ.
ރޭ ކުޅުނު ފައިނަލު މެޗު ދަލުބޭރުން ކާމިޔާބު ކުރީ 2014 ވަނަ އަހަރުގެ ޗެމްޕިއަން ޖެމްރޮކް ގަދަ ހިފުމުން ބަލިކޮށްގެންނެވެ. ރޭގެ ޓޮސް ދިމާވެގެން ދަލުބޭރުން ނިންމީ އެތެރޭން ކުޅޭށެވެ. މި ގޭމް 12-5 ކާމިޔާބުކޮށްފައިވަނީ ދަލުބޭރުންނެވެ. މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ އަސްޖައު އަދި އަހްމަދު އަލީ (ބައްޑެ) ނުލައި ކުޅުނު ދެވަނަ ގޭމް ޖެމްރޮކުންވެސް ވަނީ އެތެރޭން ކުޅެ ކާމިޔާބުކޮށްފަ އެވެ. މި ގޭމް ޖެމްރޮކުން ކާމިޔާބުކުރީ 13-5 އިންނެވެ.
މިސްޓަރ ބައިބަލާގެ މަގާމު ވިދިވިދިގެ 2 ވަނަ ފަހަރަށް ހޯދި ޝިރާން–
ގަދަ ހިފުމުގެ ފުރަތަމަ ޓޮސް ދަލުބޭރުންނަށް ދިމާވިއިރު އެ ޓީމުން ނިންމީ އެތެރޭން ކުޅޭށެވެ. ބޭރުން އެރި ޖެމްރޮކްގެ ނަވާޒަށް ޝިރާންގެ މައްޗަށް ކުރިހޯދައި ބޭރަށް ނުކުމެވުނީ 14 ސުކުންތުންނެވެ. ދެވަނަ ގޭމްގައި ދަލުބޭރުންގެ އަނިލް ވަނީ ބޭރުން އަރާ 5 ސުކުންތުން ޖެމްރޮކްގެ އަމްޖަދު ގެ މައްޗަށް ކުރިހޯދާފަ އެވެ.
ތިންވަނަ ގޭމުގެ ޓޮސް ވެސް ދަލުބޭރުންނަށް ދިމާވިއިރު އެ ޓީމުން ނިންމީ ބޭރުން ކުޅޭށެވެ. ބޭރުން ކުޅެ އެރި އަހްސަން (އައްބެ) ވަނީ ޝަމްނޫޒް ގެ މައްޗަށް 9 ސުކުންތުން ކުރިހޯދައިގެން ދަލުބޭރުން ޓީމަށް ތަށި ކާމިޔާބުކޮށްދީފަ އެވެ.
ރަނަރަޕް ޓީމް ޖެމްރޮކް–
މިސްޓަރ ބައިބަލާ މަޤާމުގެ އިތުރުން ޝިރާން ވަނީ އެންމެ މޮޅު ޑިފެންސް ކުޅުންތެރިޔާގެ މަޤާމުވެސް ދިފާއުކޮށްފަ އެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ދަލުބޭރުންގެ އިސްމާއީލް އަހްސަން ވަނީ އެންމެ މޮޅު އެޓޭކިން ކުޅުންތެރިޔާގެ މަޤާމު ދިފާއުކޮށްފަ އެވެ. މި މުބާރާތުގެ މިސްޓަރ ބައިބަލާގެ މަޤާމަށް މި އަހަރުވެސް ކުޅުދުއްފުށީ އޮންލައިންގެ ފަރާތުން ވަނީ އިނާމު ހުށަހަޅާފަ އެވެ. އެއީ 4000ރ އެވެ.
މި ދެ ކުޅުންތެރިންގެ އިތުރުން ގަދަ ފަހެއްގައި ހިމެނުނީ ޖެމްރޮކްގެ އަސްޖައު މުސާ އާއި ސަމްނޫޒް މުހައްމަދުގެ އިތުރުން ނިއުއޭޖްގެ އަލީ އަބޫބަކުރު (ބަކައްޅެ) އެވެ.
މުބާރާތްގެ ގަދަ ފަހެއް–
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 20000ރ ހުށަހެޅިފައިވާއިރު ރަނަރއަޕް އަށް ވަނީ 7000ރ ހުށަހެޅިފަ އެވެ.