ފިރިހެނަކާ އެކު އަންހެން ދަރިފުޅަށް ޖިންސީ ގޯނާ ކުރުމުގައި މަންމަގެ އަތެއްވާ ކަމަށް ތުހުމަތުކޮށް، ކުޅުދުއްފުށިން ހައްޔަރުކުރި 2 މީހުންނަކީ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ އެތަށް އަހަރެއް ވެފައިވާ 2 މީހުންކަން އެނގިއްޖެ އެވެ އެވެ. މިމައްސަލާގައި ހައްޔަރުކުރި 51 އަހަރުގެ ފިރިހެން މީހާގެ ނަމަކީ މަހުމޫދެވެ. އަންހެން މީހާގެ ފިރިމީހާ ވަނީ ނިޔާވެފަ އެވެ. ފިރިހެން މީހާ ނިޔާވުމުގެ ކުރިންވެސް އެ އަންހެން މީހާއާ މަހުމޫދާ ލޯބިގެ ގޮތުން ގުޅުން އޮންނަކަމަށް ވެއެވެ. ފިރިމީހާ ނިޔާވި ފަހުން މި ދެމީހުންގެ ގުޅުން ވަނީ އިތުރުވެފައެވެ.
މަހުމޫދަކީ އާއިލީގޮތުން ވަރަށް ގާތް ބޮޑުބޭބޭ އެއް ގޮތުގައި އެހެން މީހުންނަށް ދެއްކުން
އަންހެން މީހާ އަބަދުވެސް އަންނަނީ މަހުމޫދަކީ އޭނާގެ މަންމަ ފަރާތު ވަރަށް ގާތް ބޮޑުބޭބޭއެއް ކަމަށް އެހެން މީހުން ގާތުގައި ބުނެ އޮޅުވާލަމުންނެވެ. އެހެން ނަމަވެސް އެ މަހުމޫދަކީ އަންހެން މީހާއާ މާ ބޮޑު އާއިލީ ގުޅުމެއް އޮންނަ ބައެއް ނޫންކަން އެނގިފަވެ އެވެ. ފަހަކަށް އައިސް މަހުމޫދު ގިނައިން ކުޅުދުއްފުއްޓަށް އައިސް، އެގޭގައި ހުންނަކަން ފާހަގަކުރެވެ އެވެ. އަދި 2 މީހުން އެކީ ބާޒާރަށް ދިއުމާއި ސައިކަލްގައި ފިނިބުރު ޖެހުން ވަނީ އާއްމުކަމަކަށް ހަދާފަ އެވެ.
ހަމައެކަނި ހުރި އަންހެން ދަރި މަހުމޫދަށް “ވިއްކާލުން”
އަންހެން މީހާގެ 5 ކުދިން ތިބެ އެވެ. 4 ފިރިހެން ކުދިންނާއި އެންމެ އަންހެން ކުއްޖެ އެވެ. އާއިލާގެ ކަންކަން އަދި މި ހިނގާދިޔަ ހާދިސާގެ ކަންކަން ރަނގަޅަށް އެނގޭ މީހަކު ނަން ނުޖެހުމަށް ޝަރުތުކޮށް މައުލޫމާތު ދެމުން ބުނެފައިވަނީ އަންހެން ދަރިފުޅު މަހުމޫދަށް ވިއްކާލީ ފައިސާ އާއި އެހެނިހެން ތަކެތީގެ ދަހިވެތިކަމުގަ އެވެ. މަހުމޫދަކީ މާލޭގައި ގެދޮރު ހުރި މީހަކަށް ވާތީ އޭނާއަށް ފައިސާއަކީ އެހާ އެވަރުކަމެއް ކޮށްލާކަށް އެހާ އުނދަގޫކަމަށް ނުވި އެެވެ. މަހުމޫދު ވަރަށް ގިނަ އެއްޗެހި އަންހެން މީހާއަށާއި ދަރިންނަށް ދެ އެވެ.
އެކަމެއް ހިންގާތާ ދުވަސް ގަނޑެއް ފަހުން ފަޅާއެރީ ކީއްވެ؟
މަންމަގެ ހުރި ހަމައެކަނި އަންހެން ދަރި މަންމަ ގެ ލޯބިވެރިޔާއަށް “ވިއްކާތާ” އެހާ ގިނަ ދުވަސް ފަހުން ފަޅާއެރީ ކީއްވެ ހެއްޔެވެ. ފަހަކަށް އައިސް އަންހެން ކުއްޖާއަށް ބޭރަށް ދިޔަސް މަންމަ ނޫނީ މަހުމޫދު އެކުއްޖާއަށް ވަރަށް ބޮޑަށް ފާރަލަމުން ގޮސްފައިވެ އެވެ. ތަނަކަށް ދިޔަސް އެކުއްޖާއަށް ދާން ޖެހެނީ މަހުމޫދާ އެކު ސައިކަލްގައި އެވެ. ބައެއް ފަހަރު ކުޅެން ދެވުނަސް އެތަނަށް ވެސް މަންމަ ގޮސް އެކުއްޖާ މީހަކާ ވާހަކަ ދައްކާތޯ ބަލާ، ފާރަލަ އެވެ. އަދި މީހުން ކައިރީގައި އެވާހަކަ ނުދެއްކުމަށް އިންޒާރުދީފައިވެ އެވެ.
ނަމަވެސް މިހާރު އެކުއްޖާ ހުރީ ރައްކާތެރިކަމާ އެކު އާއިލާގެ އެހެން ގެއެއްގަ އެވެ. 16 އަހަރުގެ މި އަންހެން ކުއްޖާގެ 40 އަހަރުގެ މަންމަ އާއި އެކުއްޖާއަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި 51 އަހަރުގެ މަހުމޫދު ހުރީ ޖަލުގަ އެވެ. އެމީހުންގެ މަސައްލަ ފުލުހުން ދަނީ ތަހްގީގު ކުރަމުންނެވެ.