ޙަސަން ހިޔާމް ސިޔާސީ ޕާރޓީތަކުގެ ނިޒާމުގައި އިދިކޮޅު ސިޔާސީ ޕާރޓީ ނުވަތަ ވެރިކަން ކުރާ ޕާރޓީ ފިޔަވައި އެހެން ސިޔާސީ ޕާރޓީތަކުގެ ދައުރާ ބެހޭގޮތުން ފޮތްފޮތުގައި ލިޔެފައި ހުރި އެއްޗެއް އިހަށް ބަހައްޓާށެވެ. ފޮތްފޮތުން ކިޔަވައިން އައިމީހުން ހިމެނޭ ގޮތަށް ދިވެހިރާއްޖޭގައި އޭރެއްގައި އޮންނަ އިދިކޮޅު ސިޔާސީ ޙަރަކާތް ހިނގަންވީ ގޮތްކަމުގައި ދިވެހިން ދަންނަ ގޮތަކީ އަދި މާ ތަފާތުކަން ބޮޑު އެހެން ގޮތެކެވެ. ދިވެހިރާއްޖޭގައި އިދިކޮޅު ޙަރަކާތުގެ އަމާޒަކީ އަބަދުވެސް ވެރިކަން ވައްޓާލުމެވެ. ވެރިކަން ވައްޓާލުމަށްފަހު ވާންވީ ގޮތާއި ވެދާނެ ގޮތަކީ ދިވެހިރާއްޖޭގައި މިއުޅޭ ސިޔާސީ ލީޑަރުން ވިސްނާ ކަމެއް ނޫނެވެ. ފަހުގެ ތާރީޚްގައި ދިވެހިރާއްޖޭގައި ސިޔާސީ ގޮތުން ވާދަވެރި ފިކުރުތަކަށް މިނިވަންކަން ލިބިގެން އައީ ރައީސް މައުމޫނުގެ ވެރިކަމުގެ ފަހު ދުވަސްކޮޅުއެވެ. އޭރުވެސް ސިޔާސީ ޙަރަކާތުގެ މައިގަނޑު އަމާޒަކަށްވެފައި އޮތީ ރައީސް މައުމޫންގެ ވެރިކަން ވައްޓާލުމެވެ. ރައީސް މައުމޫންގެ ސަރުކާރު ޒިންމާދާރުކުރުވުމެއް ނޫނެވެ. އޭގެ ނަތީޖާއަކީ އިންތިޚާބަކުން ރައީސް މައުމޫން ބަދަލުކުރެވުނަސް ދެން ދިމާވެދާނެ ދަތިތަކާ މެދު އިދިކޮޅު ފަރާތްތަކުން ވިސްނާފައި ނެތުމެވެ. ރައީސް ނަޝީދަށް ދިމާވި ބޮޑު ގޮންޖެހުން ބައެއް މީހުން ޤަބޫލުކުރާ ގޮތުގައި ރައީސް ނަޝީދުގެ ވެރިކަން ވެއްޓުނީ، އިޤްތިޞާދީ މައްސަލަތަކަކާހުރެ ކުރިމަތިވީ ކަންތައްތަކެއްގެ ސަބަބުންނެވެ. މުޅި ދުނިޔޭގެ އިޤްތިޞާދަށް އޭރު ދިމާވި ހަމައެމައްސަލަތަކާއެކު ވެރިކަމުގައި ދެމިތިބީ ދުނިޔޭގެ ކިތައް ލީޑަރުންތޯއެވެ. ނެގި ލޯނުތަކަކާހުރެ ރައްޔިތުން ރުޅިއައީކަމަށް ބަލާނަމަ، މިހާރުގެ ސަރުކާރު ނުވެއްޓިގެން އުޅެނީ ކީއްވެގެންހެއްޔެވެ؟ ފަސާދައިގެ ސަބަބުންކަމަށް ބުނާނަމަ ވެސް ހަމަ އެޖަވާބެވެ. ނުޙައްޤުން މީހުން ބަންދުކޮށް ޖަލަށްލުމާއި ދީނީ ޢިލްމުވެރިންނަށް ގޯސްކޮށް ހިތުމަކީ އެކަމުގެ ސަބަބަކަށް ކިޔާނަމަ މިހާރު ވަކި ކޮން ގޮތެއްހެއްޔެވެ؟ ވެރިކަން ވެއްޓުމުގެ އަރިމަތީ ސަބަބުތަކަކަށް އެކަންކަން ވެދާނެއެވެ. އެކަމަކު މައި ސަބަބަކީ އެޔެއް ނޫނެވެ. ރައީސް މައުމޫން ކުރެއްވީ ތިރީސް އަހަރުގެ ވެރިކަމެކެވެ. ތިރީސް އަހަރަކީ ކުރު މުއްދަތެއް ނޫނެވެ. ތިރީސް އަހަރުގެ މުއްދަތަކީ އާދަކާދަތަކަކާއި ޤަބޫލުކުރުންތަކެއް އުފެދި، ހަރުލާނެ މުއްދަތެކެވެ. ރައީސް މައުމޫންގެ ވެރިކަން މަގުމަތިން ވައްޓައި ނުލެވުމުގެ އެންމެ ބޮޑު ސިއްރަކީ ވެސް އެއީއެވެ. ކިއެއްތަ، މިހާރުގެ ސަރުކާރުގެ އެންމެ ވަރުގަދަ ބާރަކީ ވެސް ހަމަ އެއީއެވެ. އެމުއްދަތުގެ ދިގު ވެރިކަމެއް ބަދަލުވިޔަސް، އެމުއްދަތުގައި ސަރުކާރުގެ އިދާރާތަކުގެ ވެރިންނާއި މުވައްޒަފުންނާއި ރައްޔިތުންގެ ހިތްތަކުގައި ބިންވަޅު ނަގާފައި ހުންނަ އާދަކާދަތަކަކާއި ޤަބޫލުކުރުންތަކެއް އަދި ބޭއިޚްތިޔާރުގައި ސިކުނޑިއަށް ވެއްދިފައި ހުންނަ އުސޫލުތަކެއް ހުންނާނެއެވެ. އެކަން ކަމަކީ އެޔާ ދިމާ އިދިކޮޅު ހަދައިގަނެގެން ފަސޭހަކަމާއެކު ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަންކަމެއް ނޫނެވެ. ރައީސް ނަޝީދުގެ ސަރުކާރުން އެފަދަ އާދަކާދަތަކާއި ޤަބޫލުކުރުންތަކާ މާބޮޑަށް ޙަމަލާދެވުނީ، ވެއްޓުނު ވެރިކަމުގެ މުއްދަތާ އަޅާބަލާއިރު ހަމަ މާބޮޑަށްވެސް އަވަހަށެވެ. ރައީސް ނަޝީދަށް ވެރިކަމަށް ވަޑައިގެންނެވުނުއިރު ފުލުހުންނާއި ސިފައިންގެ ގިނަ ބަޔެއްގެ ހިތުގައި “ރުޅިވެރިކަމެއް” އޮތްކަމީ ޤަބޫލުކުރަންޖެހޭ ޙަޤީޤަތެކެވެ. އެކި އިދާރާތަކުގެ ބައެއް މުވައްޒަފުންގެ ހިތްތަކުގައި އޮތް ކިލަނބު ކަމެއްގެ ސަބަބުން ރައީސް ނަޝީދުގެ ސަރުކާރަށްވީތީ، މަސައްކަތްކުރުމުގައި ނުކިއްސަރުކަން ގެންގުޅުނުކަމީ އެންމެން ދަންނަ ކަމެކެވެ. އެކަންކަން ބަދަލުކުރުމުގެ ގޮތުން ސަރުކާރަށް މުޅިން އައު، ތަޖުރިބާއެއް ނެތް ބަޔަކު ޒިންމާދާރު މަޤާމުތަކަށް މުޅީން އަލަށް ޢައްޔަންކުރަންޖެހުމުގެ ސަބަބުން ސަރުކާރު އަރައިގެންދިޔަ ކޮށީގެ ކެއްސުން މިއަދާ ހަމައަށްވެސް ނުފިލައެވެ. ސިވިލްސަރވަންޓުންގެ މުސާރައަށް ހެދިގޮތުން އެމީހުން އައީ ރުޅިއެއް ނޫނެވެ. ކުރިން އައިސްފައިހުރި ރުޅިއެއްގަދަވީއެވެ. ދެންނެވުނު ރުޅީގެ ސަބަބަކީ ގޮއްމުށުގެ ވެރިކަމަކުން އުފެއްދި ސަޤާފަތެއް ކަމަށް ބުނެ ފުއްދާލުމަކީ ޢާންމު މީހަކަށް ކުރެވިދާނެ ކަމެކެވެ. އެކަމަކު އެފަދަ ގޮއްމުށުގެ ވެރިކަމަކުން ރައްޔިތުން ސަލާމަތްކުރަން ނުކުންނަ ޙިކުމަތްތެރިކަން ހުންނަންވާނޭ ލީޑަރަކަށް އެބަހަނާއެއް ނުދެއްކޭނެއެވެ. އެކަން އެހެންވުމުގެ ހަމަ އެންމެ ބޮޑު އެއް ސަބަބަކީ 30 އަހަރުގެ ދިގު ވެރިކަން އިޞްލާޙްކުރަން ހިފުމުގެ ބަދަލުގައި ކޮންމެ ގޮތަކުން ވިޔަސް ވެރިކަން ވައްޓާލަން ހިފުމެވެ. އެމުއްދަތުގައި ކޮންމެ ފަދަ ޚިޔާނާތްތެރިވެފައި ހުރި ޤައުމަށް ޣައްދާރުވެފައި ހުރި ކޮންމެ ފަދަ ވަގަކު ވިޔަސް ބައިވެރިކޮށްގެން، ސަރުކާރު ވައްޓާލުމަށް ޙައްޤު ނޫން ގޮތްތަކުން ވެސް ހިފައިގަތުމެވެ. ޒިންމާދާރުކުރުވުމަށް ރައްޔިތުން ހޭލުންތެރިކުރުވަން އުޅުމުގެ ބަދަލުގައި ވެރިކަމާމެދު ރައްޔިތުން ނަފުރަތުކުރުވާ ފަކުރުގަންނުވަން އެޅެވުނުކަމެވެ. ނަތީޖާއަކީ ރައީސް މައުމޫނަށް ތާއީދުކުރާ މީހުންގެ ހިތްތަކުގައި ދުވަހަކު މާފުނުކުރާނެ ވަރުގެ ރުޅިވެރިކަމެއް ރައީސް ނަޝީދާ މެދު އުފެދިގެންދިއުމެވެ. އަދި އަބަދުވެސް ވެރިއަކަށް ހުންނަ މީހާ ވައްޓާލަން މަސައްކަތްކުރަންޖެހޭނެކަމަށް ޤަބޫލުކުރާ ޖީލެއް އުފަންވެގެންދިއުމެވެ. ރައީސް ނަޝީދުގެ ވެރިކަން ވެއްޓުމުގެ މައިގަނޑު އަސްލަކީ މިދެންނެވުނު ކަންކަމާހުރެ ސަރުކާރު ބަލިކަށިވެގެންދިޔަ ދިއުމެވެ. ރައީސް ނަޝީދުގެ ސަރުކާރު ވައްޓާލި މީހުންގެ އަމާޒެއް އޮތްބާވައެވެ؟ ރައީސް ނަޝީދުގެ ސަރުކާރު ވައްޓާލެވުނީކީ، ބަޔަކަށް އޮތް ނުފޫޒެއްގެ މޮޅުކަމަކުން ނޫނެވެ. ދެންނެވުނު ފަދައިން ސަރުކާރަށް ދިމާވެފައި އޮތް ބަލިކަށިކަން އޭރުއޮތީ އަޑުގަދަ މީހަކު ހަޅޭލަވައިގަތީމާ، އެކަމަށް ބޭނުންވާނޭހާ ރައްޔިތުން ނުކުންނާނޭ ދަރަޖައެއްގައެވެ. ނަޝީދުގެ ސަރުކާރު ވައްޓާލުމުގައި ބައިވެރިވިކަމަށް ތުހުމަތުކުރެވޭ މީހުންނަކީ ހަމަގައިމުވެސް އެމިންވަރުގެ ނުފޫޒެއް އޮތްބައެއް ނޫނެވެ. އެހެންނަމަ ޤާސިމުގެ ވިޔަފާރި ފިއްތާލި ދުވަހާއި ޑރ ޖަމީލު ތަޚުތުން ބޭލިދުވަހާއި މަޚްލޫފަށް އަދީބު ބިރުދެއްކިކަމަށް މަޚްލޫފު ބުނި ދުވަހާއި އިމްރާނާއި ނާޒިމް ޖަލަށްލީ ދުވަހާއި، ސަރުކާރުގައި ޢުމަރު ނަޞީރު އެކަނިވެރިވީ ދުވަހު، ރައްޔިތުން ނުކުމެ މަގުތައް ފުރާލީހެވެ. ރައީސް ވަޙީދަށް އިންތިޚާބަކުން ވެރިކަން ވެސް ލިބުނީހެވެ. އަދި މިދެންނެވުނު ފަރާތްތަކުން ސިޔާސީ ގޮތުން ކޮޅު ބަދަލުކުރުމުގައި އެހެރަ ގެންގުޅޭ ހަމައެއް ލަމައެއް ނެތް އުސޫލުން ރައީސް ނަޝީދުގެ ވެރިކަން ވައްޓާލުމުން ރައްޔިތުންނަށް ވެދާނެ ގޮތަކާމެދު ޤައުމަށް ދިމާވެދާނެ ޙާލަތަކާމެދު ވިސްނަން ހިތަށް ވެސް ނާރާނެކަމާ މެދު ސުވާލެއް ވެސް ނެތެވެ. ނަމަވެސް އެފަހަރުވެސް އިދިކޮޅު ޙަރަކާތުގެ ދައުރަކަށްވީ، ކޮންމެ ގޮތަކުން ކޮންމެ ފަދަ ވަގަކު ވިޔަސް ބޭނުންކޮށްގެން ވެރިކަން ވައްޓާލުމެވެ. އެފަހުން ވޭތުވެދިޔަ ދެއަހަރުގައި ނައިބުރައީސް ވަޙީދުގެ ހިންގުންތެރިކަން ފެނުނެވެ. އެކަމަކު ރައީސް ނަޝީދުގެ ވެރިކަން ވައްޓާލުމަށްފަހު ޢަމަލުކުރާނެ ޕްލޭނެއް ނެތުމާއެކު، އަދި ވަޙީދަށް އެއްބާރުލުން ނުލިބުމާއެކު ރައްޔިތުންނަށް ލިބުނު ފައިދާއެއް ނެތެވެ. ރައީސް ޔާމީނަށް ވެރިކަން ލިބުމާއެކު އިދިކޮޅު ޙަރަކާތް ރައީސް ޔާމީނަށް ވެރިކަން ލިބިވަޑައިގަތުމާއެކުހެން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރީގެ ނައިބުރައީސް އަޙްމަދު އަދީބު ލައްވައި، ރައީސް ނަޝީދު ވީއެންމެ އަވަހަކަށް ޖަލަށްލުމުގެ މަސައްކަތް ނުކުރާ ވާހަކައެއް ނޫނެވެ. އެކަމަކު އެކަމަކީ އޭގެ ޒާތުގައި ރަނގަޅު ގޮތުގައި ބޭނުން ހިފަން އެނގުންނަމަ 2018 އަށް އެމްޑީޕީއަށް ލިބުނު ރަނުގެ ފުރުސަތެކެވެ. ތެދެކެވެ، އެމްޑީޕީގެ ވެރިކަމެއް ގެނައުމަށް ބަލާނަމައެވެ. ރައީސް ނަޝީދު އަނެއްކާ ވެސް ވެރިއަކަށް ގެންނަން ބަލާނަމަ ރަނުގެ ފުރުސަތެއް ނޫނެވެ. ރައީސް ނަޝީދަށް ޖަލުގައި އަނިޔާކުރަމަކުން ނުދާކަން މިފަހަރު ހަމަގައިމުވެސް ކަށަވަރެވެ. އެހެންކަމާއެކު މަގުތަކަށް ނުކުމެ، މުޒާހަރާކޮށް، އެމްޑީޕީއާ ދެކޮޅު ވިސްނުމުގެ މީހުން ރުޅިއެރުވުމުގެ ބަދަލުގައި ތާއީދުކުރާ މީހުން ގިނަކުރުމަށް ރަނގަޅު ކެމްޕޭނެއް ޖެއްސުނީހެވެ. ސަރުކާރު ވައްޓާލަނީއޭ ކިޔާފައި މޭޑޭ މުޒާހަރާގައި ފަހުން މިސްރާބު ގެއްލިދިޔައީމާ، ރަށްރަށުން އައި މީހުން އެކަމާ ވީ ނަފުރަތުން ލިބުނީ ކޮން ފައިދާއެއްހެޔެވެ؟ ޝޭޚް ޢިމްރާން ވަދެ ޖަލުގައި އެޔޮތީ އެކަމަށް އެކަށީގެންވާ އަގެއްގައިހެއްޔެވެ؟ އަނިޔާވެރި ވެރިއެއްކަމަށް ޤަބޫލުކުރިޔަސް، އަނިޔާވެރި ވެރިއަކާ ދެކޮޅަށް ވެސް ރައްޔިތުން ހޭލުންތެރިކޮށް އޭނާގެ ޝަޚްޞިއްޔަތު ޙިކުމަތްތެރިކަމާއެކު ކަތިލައި، އިންތިޚާބަކުން އޭނާ ބަދަލުކުރެވޭނެއެވެ. ޢާންމު މީހަކަށް އޭގެ ގޮތްބާވަތް ނޭގުނަސް ލީޑަރުންނާއި ޝޭޚޫންކަމަށް ބުނާ މީހުންގެ އެފަދަ ކެޕޭސިޓިއެއް ނެތިއްޔާ ސިޔާސީ ޙަރަކާތުން އެއްކައިރިވާންޖެހެއެވެ. ވަކިހިސާބަކުން އިދިކޮޅު ޙަރަކާތުން ބޭނުންވީ ކޮންމެ އަގެއްދީފައިވެސް ރައީސް ނަޝީދު، ޖަލުން ނެރުމަށެވެ. ރައީސް ނަޝީދު ޖަލަށް ވަޑައިގެންނެވީ ދެއްވި ލާރިކޮޅުގައި ނުހިއްޕަވަންވެގެންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެކަމަކު ޖަލުން ގޭބަންދަށް އެމްޑީޕީ މެންބަރުން އެމަނިކުފާނު ބަދަލުކުރެއްވީ، ދުނިޔޭގެ ނެތްވަރުގެ ތުހުމަތުތައް އޭރު ހަމަ އެމީހުން އެފަރާތަކަށް އަމާޒުކުރި އަޙްމަދު އަދީބަށް ވިއްކާލި މަޖިލީހުގެ ވޯޓަކުންނެވެ. އަޙްމަދު އަދީބު ލައްވައި ރައީސް ޔާމީން ވެރިކަމުން ދުރުކުރުވުމަށް މަސައްކަތްކުރުމަކީ ވެސް އެމްޑީޕީގެ ތެރޭގައި އޮތް ފިކުރެކެވެ. ފަހަރުގައި ބައެއް މެންބަރުން ވޯޓުދެއްވީ އެވިސްނުމުގައި ކަމަށްވެދާނެއެވެ. އާދޭހެވެ. ކޮންމެ ގޮތަކުން ވިޔަސް ވެރިކަން ބަދަލުކުރުމެވެ. ނަތީޖާއާއި ރައްޔިތުންނަށް ވާނެ ގޮތެއް ބެލުމުގެ ވިސްނުމަކީ، ނެތް އެއްޗެކެވެ. އޭރު ރާއްޖޭގައި ހިނގަމުންދިޔަ ކޮންމެ ޖަރީމާއަކާއި ފަސާދައެއްގެ މުގުލުގައިހުރީ، އަޙްމަދު އަދީބުކަމަށް އިއްޔެއާ ޖެހެންދެން އެމްޑީޕީ މެންބަރުން ދިޔައީ ތުހުމަތުކުރަމުންނެވެ. އޭރެއްގައި އޮންނަ ސަރުކާރު ބަދަލުކުރެވެންޏާ އެފަދަ މީހަކަށް ވެރިކަން ދޭންވެސް ހަމަ އެންމެ ރަނގަޅެވެ. ކޮންކަހަލަ އިދިކޮޅު ޙަރަކާތެއްތޯއެވެ؟ ރައީސް ޔާމީނަށް ޙައްޤު އަދަބު ލިބެންޖެހޭތޯ؟ އަޙްމަދު އަދީބުގެ މައްޗަށް ތުހުމަތުކުރެވި ދަޢުވާކުރެވެމުންދާ ގިނަ ގުނަ މައްސަލަތަކަކީ، ފެށުނީއްސުރެ ރައީސް ޔާމީނަށް ހާމަކަން ބޮޑު ގޮތުގައި އެނގެމުންދިޔަ ކަންކަމެވެ. ރައީސް ޔާމީނަށް ޙަމަލާ އަމާޒުނުވާހާ ހިނދަކު އަޙްމަދު އަދީބަށް ރައީސް ޔާމީން ވާގިވެރިވަމުން ގެންދެވިއެވެ. އަޙްމަދު އަދީބު ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ ގިނަ ޖަރީމާތަކެއްގެ ހެކި ހޯދުމަށް ފުލުހުންނަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ވެސް ރައީސް ޔާމީން، ފުރަތަމަ އެކަމަށް ހުރަސްއެޅުއްވި އެޅުއްވުމެވެ. އެހެންކަމާއެކު ރައީސް ޔާމީނާމެދު މިނިވަން ތަޙްޤީޤެއް ހިންގި އިންސާފުވެރި ޝަރީޢަތެއް ކުރެވި ޙައްޤު އަދަބު ލިބެންޖެހެއެވެ. ނަމަވެސް އެކަންކުރުމުގެ ވަސީލަތަކީ އަޙްމަދު އަދީބުކަމުގައި ހެދީމާ، އެޖެހުނީ ކޮންތާކުހެއްޔެވެ؟ ރައީސް ޔާމީނަށް ޙައްޤު އަދަބުދެވޭނީ ރައީސް ޔާމީން ވެރިކަމުން ދުރުކުރާ ބަޔެއްގެ ކިބައިގައި އުރައްޕަތެއް ހުރެގެންނެވެ. މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަންގެ ނަމުގައި އެކުލަވާލެވިފައިވާ އިދިކޮޅު ސިޔާސީ ޙަރަކާތުގެ އިސްލީޑަރު މިހާރުން މިހާރަށް ބަދަލުކުރަންޖެހެއެވެ. ޑރ ޖަމީލަކީ ޕާރޓީތަކަށް ނިސްބަތްވާ ގިނަ މީހުންނާއި މިނިވަން ފިކުރުގެ އެއްވެސް ބަޔަކު، ޤަބޫލުކުރާ ޝަޚްޞިއްޔަތެއް ނޫނެވެ. އަދި ސަރުކާރެއް ވައްޓާލުމާއެކު ޤައުމަކަށް ކުރިމަތިވެދާނެ ޙާލަތެއްގައި ސަރުކާރެއް ހިންގޭނެ ފަދަ ލިޔާޤަތެއް އޮތްކަމަށް ޤަބޫލުކުރެވޭ ވަރަށްވުރެ، ސާބިތުކަން ކުޑަ ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވޭ ބޭފުޅެކެވެ. ސިޔާސީ ޙަޔާތުގައި، ޑރ ޖަމީލުގެ އަމާޒާއި ޤަބޫލުކުރައްވާ އަގުކުރުންތައް ރައްޔިތުން ދެނެގަންނަންވީ ކޮން ގޮތަކަށްހެއްޔެވެ؟ ޢަދާލަތު ޕާރޓީއަށް ކޮންމެވެސް މިންވަރެއްގެ ހިއްސާއެއް އޮތުމަކީ މައްސަލައެއް ނޫނެވެ. އެކަމަކު 2005 އިން ފެށިގެން މިވީ 10 ވަރަކަށް އަހަރު ތެރޭގައި އެޕާރޓީގެ ޑިޒިޝަންތައް ވަހުތާނުގެ އެނބުރުމަށް އަނބުރާފައިވަނީ އެއީ ވަކި ޕާރޓީއެއްގެ ގޮތުގައި މާނަކުރުމުގެ ބޭނުމެއް ނެތް މިންވަރަށެވެ. އަޙްމަދު އަދީބު ބައިވެރިކޮށްގެން މިހާރުގެ ސަރުކާރު ބަދަލުކޮށްފި ނަމަ، އޭގެ އަގަކަށްވާނީ އަޙްމަދު އަދީބު އޭނާ ފޮރުވާފައިވާކަމަށް ތުހުމަތުކުރެވޭ ބިލިޔަން ރުފިޔާގެ ފައިސާތަކާއެކު މިނިވަންވުމެވެ. ރައީސް ޔާމީނަށް ކުރެވޭ ކޮންމެ ތުހުމަތެއް އަދީބަށް ކުރެވޭއިރު، އެފަހުން ރައީސް ޔާމީނަށް ޙައްޤު އަދަބުދެވިދާނެބާވައެވެ؟ މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަންއިން އަޙްމަދު އަދީބުގެ ބައިވެރިވުން ނެތިކޮށްލައި ކޮރަޕްޝަނަށް ނޫނެކޭ ބުނަންޖެހެއެވެ. ރައީސް ނަޝީދު ކުރިންވެސް ވެރިކަމަށް އައީ އަޙްމަދު އަދީބުގެ ނުފޫޒުގައެއް ނޫނެވެ. އިދިކޮޅު ސިޔާސީ ޙަރަކާތް އުފެދުމުގައި ޖަރީމާތަކެއްގެ ތުހުމަތުތަކުން އިތުބާރު ގެއްލިޔަ ނުދެއްވާށެވެ. އަޙްމަދު އަދީބުގެ މައްޗަށް ހިންގޭ ކޮންމެ ޝަރީޢަތަކަށް ރައީސް ޔާމީނާ މެދު ވެސް ތުހުމަތުކުރެވި ތަޙްޤީޤުކުރެވޭނީ ކޮންމެވެސް މިންވަރެއްގެ ކެތްތެރިކަމަކާ އެކީގައި އިދިކޮޅު ޙަރަކާތް ކާމިޔާބުކުރީމައެވެ. އަދީބު ބައިވެރިވެގެން މިހާރު އޮތް ސަރުކާރު ވައްޓާލެވިއްޖެއްޔާ، ރައީސް ޔާމީނަށް އަދީބާ ބައިވެރިވެގެން ދެން އަންނަ ސަރުކާރެއް ވެސް ވައްޓާލެވޭނެއެވެ. ރައްޔިތުން ތިބޭނީ ހަލަބޮލިކަމާއި ވާނުވާގައެވެ. ދައުލަތުގެ މާލިއްޔަތު ދާނީ އިތުރަށް ދަރަމުންނެވެ. ޤައުމުގައި ހަރުދަނާ ކުރެވޭނެ ސަޤާފަތެއް، ކުރިއެރުވޭނެ އަގުކުރުމެއް، ބިނާކުރެވޭނެ ދައުލަތެއް ނޯންނާނެއެވެ. ވީއިރު ރައްޔިތުންނަށް ލިބޭނީ ކޮން މަންފާއެއްހެޔެވެ؟