ޕެންޓަގްރާމް ހިރަފުސް ކަޕް 9 ގެ ޗެމްޕިއަންކަން ކުރިޕްޓަން އިން ހޯދިއިރު މޮޅު ކުޅުންތެރިޔާގެ މަޤާމު ކުރިޕްޓަންގެ ހުސައިން ރަޝީދު (ބިގޭ) ހޯދައިފި އެވެ.
އިއްޔެ ހަވީރު ހިރަފުސް ދަނޑުގައި ކުޅުނު ފައިނަލް މެޗު ކުރިޕްޓަން އިން ކާމިޔާބު ކުރީ 4-1 އިން މެޗު ކާމިޔާބުކޮށްގެންނެވެ. އިއްޔެގެ މެޗުގައި ކުރިޕްޓަން އިން ޖެހި ހަތަރު ލަނޑުވެސް ބިގޭ ޖަހާފައިވާއިރު މީގެ ތެރެއިން ދެ ލަނޑަކީ ލިބުނު ދެ ޕެނަލްޓީއިން ކާމިޔާބުކުރި ދެ ލަނޑެވެ.
ފުރަތަމަ ހާފުގެ 8 ވަނަ މިނެޓްގައި ފުރަތަމަ ލަނޑު ޖެހިއިރު ދެވަނަ ލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ މެޗުގެ 22 ވަނަ މިނެޓްގަ އެވެ. ދެވަނަ ހާފު ފަށައިގެން ރަގަޅަށް ކުޅެމުންދިޔަ ޓީމް އެސްޓްރެއްލާގެ އަލީ އާދަމް (ބާ) މެޗުގެ 60 ވަނަ މިނެޓްގައި ލަނޑެއް ޖެހި ނަމަވެސް ބިގޭ ވަނީ މެޗުގެ 72 ވަނަ މިނެޓްގައި އަދި 75 ވަނަ މިނެޓްގައި ދެ ލަނޑު ޖަހާފަ އެވެ.
މުބާރާތުގެ މޮޅު ކުޅުންތެރިޔާ އަދި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ ބިގޭ ހޯދިއިރު އޭނާ ވަނީ ޖުމްލަ 20 ލަނޑު މި މުބާރާތުގައި ޖަހާފަ އެވެ. ދެވަނަ އަށް މޮޅު ކުޅުންތެރިޔަކަށް އެ ޓީމުގެ އަސްވަދު ރަޝީދު (އަސްލޭ) ހޮވުނުއިރު ތިން ވަނަ އަށް މޮޅު ކުޅުންތެރިޔާ އަށް ހޮވުނީ އެސްޓްރެއްލާގެ ފަރުހަތު މުހައްމަދު (ފަރޭ) އެވެ.
އެންމެ މޮޅު ގޯލްކީޕަރަކަށް ކުރިޕްޓަންގެ އަބްދުލް ގުއްދޫސް އުމަރު ހޮވުނުއިރު އެންމެ އުއްމީދީ ކުޅުންތެރިޔަކަށް ހޮވުނީ އެސްޕެރެންޒާގެ މުސްތަފާ (މުސްތޮ) އެވެ. 35 އަހަރުން މަތީގެ މޮޅު ކުޅުންތެރިޔާ އަށް ހޮވުނީ ކުރިޕްޓަންގެ އަލީ ޒިޔާދު (ބޮޑު ސައި) އެވެ.