“އަޅެ އެވަރުކޮށްލާނެ މީހަކު ވެސް މި ރަށަކު ނެތް،” މިހެން ބުނާ އަޑު އަހަން ހެއްޔެވެ؟ ގައިމު ވެސް ހުންނާނީ އަހާފަ އެވެ. މިއީ މި ބޮޑު ކުޅުދުއްފުށީގެ ރައްޔިތުންގެ ދޫ މައްޗަށް ވަރަށް އާންމު ޖުމްލައެކެވެ.
ރަށުގައި ކަންކަން ނުވެ ހުރުމުން ކަންބޮޑުވާ ރައްޔިތުން ކުޅުދުއްފުށީގައި ވަރަށް ވެސް ގިނަ އެވެ. އެކަން ކުޅުދުއްފުށީ ރައްޔިތުންގެ ފޭސްބުކް އެކައުންޓްތައް ބަލާލުމުން ވެސް ވަރަށް ރީއްޗަށް އެނގެ އެވެ. ކުޅުދުއްފުށީގެ ރައްޔިތުންގެ އަޑުއުފުލާ ކަމަށް ބުނާ ޕޭޖުތަކުން ވެސް އެންމެ ހަރު އަޑުގައި ދައްކަނީ ރަށުގައި ނުވެ ހުރި ކަންތައްތަކުގެ ވާހަކަ އެވެ. ގޯހެއް ނެތެވެ. ހަމަ ދައްކަންވީ އެވެ.
ގޯސްވާ ހިސާބަކީ މިއީ އެވެ. އެ ވާހަކަ ދައްކާލުމުން ނިމުނީ އެވެ. ކަމެއް ކުރާނެ އަތެއް ނޯވެ އެވެ. ކުޑަ މިސާލަކަށް ޖެހިލާނަމެވެ. ކުޅުދުއްފުށީގައި ޒުވާނުންގެ އާބާދީ ވަރަށް ވެސް ބޮޑެވެ. ހާއްސަކޮށް ޒަމާނަށް ލޯބިކުރާ ތަހުޒީބު ޒުވާނުން ވަރަށް ވެސް ގިނަ އެވެ. މޮޅެތި ފޯނުތަކާއި ސައިކަލެއް ނެތް ޒުވާނަކު ކުޅުދުއްފުށީގައި ނޫޅޭނޭ ބުންޏަސް އެއީ ދޮގެކޭ ނުބުނެވޭނެ އެވެ. އެ ރީތި ސައިކަލްތައް ދުއްވަން މި އޮންނަނީ ތާރުއަޅާފައި އޮތް އެންމެ މަގެކެވެ. އަމީނީ މަގެވެ. ނަމަކަށް އެ އޮތީ ވެސް ތާރު އެޅިފަ އެވެ. ގިނަ ފަހަރަށް ތާރުގަނޑު ނުވެސް ފެނެ އެވެ. އޮންނަނީ ވެއްޔެވެ.
ކުޅުދުއްފުށީގައި ދިރިނޫޅޭ މީހުންނަށް ވެސް މި ހަގީގަތް އެނގެ އެވެ. ޒުވާން ކުދިންގެ ފޭސްބުކް ސްޓޭޓަސްތަކުންނެވެ. “މިއޮތީ ވާ ތާރެއް،” “މި ތާރުގަނޑު މަތިން ވެލި ފޮޅާނެ ބަޔަކު ނެތީތަ،” “މި އަރާ ހިރަފުން ދުއްވޭވަރެއް ވެސް ނޫން މި މަގުގައި،” މިއީ ހަމަ ގައިމު ވެސް ކުޅުދުއްފުށީގެ ޒުވާނުން ފޭސްބުކްގައި ލިޔެފައި ހުރި ސްޓޭޓަސް އެވެ.
އެ ޒުވާނުންނަށް އެނގުނީ އެ ވާހަކަ ދައްކާށެވެ. އަމަލުން ކަމެއް ކުރާކަށް ނޭނގުނެވެ. އެ މަގުން ވެލި ފޮޅައިދިނީ ސްކޫލް ދަރިވަރުންތަކެކެވެ. އެކަމަށް އިސްނެގީ އެ ކުދިންނެވެ. މިއީ ޒުވާނުންނަށް ނުކުރެވޭވަރު ކަމެއް ހެއްޔެވެ؟ ނޫނީ އެކަމަށް ވަގުތު ނެތީ ހެއްޔެވެ؟ ނުނީ ހަޑި ކަމަކީ ހެއްޔެވެ؟
ދެން ބުނެދާނެ އެވެ. “އެއީ އަހަރެމެން ކުރަން ޖެހޭ ކަމެއް ހެއްޔެވެ؟ ނޫނީ ކައުންސިލް ކޮބައި ހެއްޔެވެ؟ ސަރުކާރު ކޮބައި ހެއްޔެވެ؟”
ތެދެއްމެއެވެ. ކޮންމެހެން ކުރަން ޖެހޭ ކަމެއް ނޫނެވެ. ކައުންސިލާއި ސަރުކާރުން ކޮށްދޭން ޖެހޭ ކަމެކެވެ. ކުޅުދުއްފުއްޓެކޭ އެއްގޮތަށް އައްޑޫ ސިޓީގައި ވެސް އޮންނަނީ މިގޮތަށް ތާރު އަޅާފަ އެވެ. ވެލިތައް އޮންނަނީ ތާރު މަތީ އެވެ. ނަމަވެސް ކޮންމެ ދުވަހެއްގެ ހެނދުނާއި ހަވީރު ވެލި ފޮޅަން މުވައްޒަފުން ނިކުމެވެ. އެކަމަށް ކައުންސިލުން ހަރަދުކުރެ އެވެ. މަގު ފޮޅަނީ ރަށުގެ އަންހެންވެރިންނެވެ.
ކުޅުދުއްފުށީގައި މިފަދަ ކަމެއް ނެތެވެ. ކޮށްދޭނެ ބަޔަކު ނެތެވެ. އެހެންކަމުން އުނދަގޫވާނަމަ އެކަމަށް ހައްލެއް ހޯދަން މަސައްކަތްކުރަން ޖެހޭނީ އެބަޔަކު އެވެ. އަބަދު ބަޔަކު ކޮށްދޭތޯ ނުވަތަ ކޮށްދެންދެން ތިބުމަކީ ހައްލެއް ނޫނެވެ. ރަށު ތަރައްގީއަށް އަމިއްލަ ޒިންމާއެއް ވެސް އޮންނަން ވާނެ އެވެ. އެފަދަ ކަންކަމާ ވާހަކަ ދައްކަން ނަގާ ވަގުތުގައި އަތުން ފައިން ކަމެއްކޮށް ރަށުގެ ތަރައްގީއަށް ކަމެއް ކުރުން މާ އެދެވިގެންވެ އެވެ.
މިއީ ރާއްޖޭގެ އަތޮޅުތަކުގެ ރަށްތަކުން ވަރަށް ގިނައިން ފެންނަން މަންޒަރެވެ. ރަށުގެ ތަރައްގީއަށް މަސައްކަތްކުރަނީ ރަށު ރައްޔިތުންނެވެ. ބަޔަކު ކުރާދެން ނުތިބެ އެވެ. ކުޅުދުއްފުއްޓަކީ ބޮޑު ރަށެއް ނަމަވެސް ކުދި ރަށްތަކުގައި ހުންނަ މިފަދަ ރީތި އާދަތަކުން ނަމޫނާ ލިބިގަންނަން ޖެހެ އެވެ.
މިހާރު ވެސް އަމީނީ މަގުގެ ތާރުގަނޑު ވެލި ފުރެނީ އެވެ. ދެން އަނެއްކާ ވެސް އެ ވެލިތައް ފޮޅާނީ ކޮން ބައެއް ހެއްޔެވެ؟ މިކަން ޒުވާނުން އިސްނަގައިގެން ދެމެހެއްޓެނެވި ގޮތެއްގައި ރާވާލައިގެން ކުރުން ކިހިނެއްވާނެ ހެއްޔެވެ؟ ޖަމިއްޔާތައް ވެސް ރަށުގައި އެބަ އޮތެއް ނޫން ހެއްޔެވެ؟