twitterviber whatsapp telegramfacebookyoutube instagram
26th April 2024

ޑރ ޙަސަން ޙަމީދު ކޯފާ އިސްކުރައްވާ ގޮތް ދަސްކުރަމާތޯ!

Aug 2, 2016

މީގެ ތިން ދުވަސް ކުރިން، ޑރ ޙަސަން ޙަމީދު އޭނާގެ ބްލޮގުގައި، މާލޭގެ ހުޅަނގު ފަރާތުގައި ހަދާފައިވާ ރަސްފަންނު ގޮނޑުދޮށާ ބެހޭ ގޮތުން ފާޑުކިއުމުގެ ނަޒަރަކުން، ދިރާސީ ރިޕޯޓެއް ޝާއިޢުކުރެއްވި އެވެ. އެޔާވިއްދައިގެން މިނިސްޓަރު މުޢިއްޒު ވިދާޅުވަނީ، ސަރުކާރުން ހިންގާ މަޝްރޫޢުތަކަށް ފާޑުކިޔަނީ، މިސަރުކާރުގައި ވަޒީފާ ގެއްލުނު މީހުން އެކަމުގެ ރުޅީގައިކަމަށެވެ. އަޅުގަނޑުދެކޭ ގޮތުގައި މިނިސްޓަރު މުޢިއްޒު އިތުރުފުޅެއް ނަހައްދަވާނެއެވެ. އެހެންވީމާ ޑރ ޙަސަން ޙަމީދު ކޯފާއިސްކުރެއްވީތޯ، ކޯފާއިސްކުރެއްވި ނަމަ އެކަމުގައި ވިސްނާފިކުރުކުރާ މީހުންނަށް ހުރީ ކޮންކޮން ޢިބުރަތްތަކެއްތޯ، ވަރަށް ބޮޑަށް ފިކުރުހިންގާންޖެހުނީތީ، އެވާހަކަ ލިޔެނުލައި ހަމަ ނުހުރެވުނީއެވެ.

ޑރ ޙަސަން ޙަމީދު ކޯފާއިސްކުރައްވަނީ ކަމެއް ހިނގާތާ ކިހާއިރެއްގެ ފަހުންތޯ؟

ވަކި ބަޔަކު ވަޒީފާތަކަކަށްލުމަށް އަމާޒުކޮށްގެން ޤާނޫނަކަށް ގެނައި އިޞްލާޙަކާ ގުޅިގެން، ޑރ ޙަސަން ޙަމީދު ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ކަމުގެ މަޤާމުން އިސްތިއުފާ ދެއްވިތާ މި ޖުލައި މަހަށް އެއް އަހަރު ފުރުނީއެވެ. އެހެންވީމާ މިނިސްޓަރު މުޢިއްޒު އެވިދާޅުވާ ފަދައިން ޑރ ޙަސަން ޙަމީދުގެ ވަޒީފާ ގެއްލުނީ، މީގެ އެއް އަހަރު ކުރިން ކަމަށް ބަލަމާ ހިނގާށެވެ. އެކަމުގެ ކޯފާއިސްކުރެއްވުން މިއައީ ހާދިސާއަށް އެއް އަހަރު ފަހުންނެވެ.

ޑރ ޙަސަން ޙަމީދަކީ ޝަޚުޞީގޮތުން އަޅުގަނޑު ދަންނަ ބޭފުޅެއް ނޫނެވެ. އެހެންނަމަވެސް، އެބޭފުޅާގެ ޢިލްމީ ލިޔުއްވުންތަކުގެ ތެރޭގައި ޝާއިޢުކުރެވިފައިވާ ލިޔުމެއް ނަމަ އަޅުގަނޑަށް ނުކިޔޭ ލިޔުމެއް ވަރަށް މަދުވާނެއެވެ. އަޅުގަނޑު އެބޭފުޅާ ދަންނަނީ އެބޭފުޅާގެ ލިޔުންތަކުންނެވެ. އެލިޔުންތަކުގެ އަލީގައި އެބޭފުޅާ ދިރާސާކުރާއިރު، ޑރ ޙަސަން ޙަމީދަކީ އާދަޔާ ޚިލާފު މަތީ ދަރަޖައަކަށް ކަންކަމާމެދު ފިކުރުހިންގަވާ، ކުރައްވާ ކޮންމެ ކަމެއް ވަރަށް ފުރިހަމައަށް ދިރާސާ ހައްދަވައިގެން އޭގެ ފަހުގައި ކަންކުރައްވާ ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވިފައިވެއެވެ.

އެހެންވީމާ އަޅުގަނޑު ދަންނަ ޑރ ޙަސަން ޙަމީދު، ކޯފާއިސްކުރެއްވުމުގެ ކުރީގައި، ފުރަތަމަ ކޯފާ ނުވަތަ ރުޅިއެއީ ކޮން އެއްޗެއްތޯ، އެއީ ޖަޒުބާތެއްތޯ ނުވަތަ އިޙްސާސެއްތޯ ނުވަތަ ވިސްނުމަށް އަންނަ ބަދަލެއްތޯ، އޭގެ ފައިދާއާއި ގެއްލުމަކީ ކޮބައިތޯ؟ ރުޅިއެއީ ބޭއިޚްތިޔާރުގައި އާދެވޭ އެއްޗެއްތޯ ގަސްދުގައި އަންނަ އެއްޗެއްތޯ؟ އެކަންކަމާ ބެހޭ ގޮތުން ޢިލްމުވެރިން ދައްކާފައިހުރީ ކޮންކޮން ވާހަކަތަކެއްތޯ ހަމަ ޔަޤީނުން ބައްލަވާނެއެވެ. ކަމަކާ ގުޅިގެން ރުޅި އަންނަ ނަމަ ރުޅި އަންނަން އެންމެ ރަނގަޅީ އެކަމެއް ހިނގާތާ ކިހާ ދުވަހެއް ފަހުންތޯއާއި އަދި ރުޅީގެ ސްޕީޑް ބެހެއްޓުމުގައި ޞިއްޙަތަށް އެންމެ ފައިދާކުރާނީ ކޮން މިނެއްގައިކަމާއި ރުޅީގެ މިންތައް ސިކުނޑިއަށް ކޮންޓްރޯލް ކުރެވިދާނެތޯ މިކަންކަމާމެދު ޑރ ޙަސަން ޙަމީދު ހަމަގައިމުވެސް ވަރަށް ފުންކޮށް ވިސްނަވާނެއެވެ.

ޢިލްމީ ގޮތުންނާއި ވިސްނުމާއި ފިކުރުގެ ގޮތުން އާދަޔާ ޚިލާފު ހުނަރުތައް ލިބިފައިވާ ބޭފުޅުން ޑރ ޙަސަން ޙަމީދު ނޫނަސް ދުނިޔޭގައި މީގެ ކުރިންނާއި މިހާރުވެސް އުޅެފައިވާއިރު އަދި އުޅެމުންދާއިރު، އެއެންމެންނަކީ ވަޒީފާގެ މައްޗަށް އެކަނި ބަރޯސާވާ ބަޔެއްތޯއާއި އެބާވަތުގެ ޤާބިލު ބޭފުޅުންނަކީ ހަމަ ގިނަފަހަރަށް ބައެއް ކަހަލަ ސަރުކާރުތަކުގެ ދުއްޕާނާއި ލާއިންސާނީ އަހުވަ ނިކަން ބޮޑަށް ތަޙައްމަލުކުރަންޖެހޭ ބަޔަކަށްވީކަން ތާރީޚް ހެކިދޭކަމާއި، ވަޒީފާއަކީ ކޯޗެއްކަމާއި އޭގެ ގޮތްބާވަތަކީ ކޮބައިކަމާއި ވަޒީފާއަކަށްވަނީ ބެގީޖަހައި ޓައީ އެޅީމާ އެކަނިތޯއާއި ނުވަތަ ވަކި މަޤާމެއްގެ ނަމެއް ތިމާއަށް ނިސްބަތްވީމާތޯއާއި، ކަންނެލި ދޯންޏަކުން މަހަށް ދާމީހާ އެއީ ވަޒީފާ އަދާކުރާ މީހަކަށް ނުވަނީ ކޮން ގޮތަކުންތޯއާއި، ވިސްނާފިކުރުކުރުން އެމީހެއްގެ ވަޒީފާއަކަށްވެފައި އޮންނަ މީހެއްގެ ވަޒީފާ، ސަރުކާރުން ވަކިވިއޭ ކިޔާފައި، ގެއްލޭ ގޮތެއް ނޯންނާނެކަމީ މިނިސްޓަރު މުޢިއްޒުވެސް ހަމަ ގައިމު ވިސްނާވަޑައިންނަވަން އެންމެ ރަނގަޅު ކަންކަމެވެ.

ކޮންމެއަކަސް އެއްވެސް މީހަކު ކަމަކާ ގުޅިގެން ރުޅިއަންނަނީ އެކަމަކާ ގުޅިގެން ރުޅިއައުމަށް މިދެންނުވުނު ދާއިރާތަކުގެ ތެރެއިން ފުންކޮށް ވިސްނައި ދިރާސާހަދާފައިކަމަށްވާނަމަ، ހާދިސާ ހިނގި ތާރީޚާއި ރުޅި އައި ވަގުތާ ދެމެދު އެއް އަހަރު ހޭދަވުމަކީ ޢަޖައިބުވާންޖެހޭވަރުކަމެއް ނޫނެވެ. އަދި އެފަދައިން އަންނަ ރުޅިއަކީ އެރުޅީގެ ނަތީޖާއާ މެދު ވެސް އިތުރަށް ދިރާސާ ހެދެވި އެކަމާ ގުޅިގެން ފޮތް ލިޔާންޖެހޭ ފަދަ ކަންކަން ކަމުގައި ނިކަމެތި އަޅުގަނޑު ދެކެމެވެ.

ޑރ ޙަސަން ޙަމީދުގެ ކޯފާއިސްކުރެއްވުން

އާދޭހެވެ. މިނިސްޓަރު މުޢިއްޒު އިތުރުފުޅެއް ނަހައްދަވާނެއެވެ. ޑރ ޙަސަން ޙަމީދު ކޯފާއިސްކުރެއްވީއެވެ. އެކަމަކު އޭގެ ނަތީޖާއަކަށްވީ، ބިނާވެށީގެ ޢިލްމުން ދިވެހި މުޖުތަމަޢަށް ހަދިޔާކޮށްލި އަގުހުރި ރަންމުތުގެ ޚަޒާނާއެކެވެ. އެކަން އެކަނިތޯއެވެ؟ ކިޔަވައިގެން ތިބޭ މީހުން ކަންކަމާމެދު ފާޑުކިޔައި ޝުޢޫރުފާޅުކޮށް ހަދަނީ، ހަދަންވީ ކޮން ގޮތަކަށް ކަން އެލިޔުމަށްވުރެ ވަކީން ރަނގަޅަށް ދިވެހި ބަހުން ބުނެދީފައި އޮތް އެއްވެސް ލިޔުމެއް ވެސް އަޅުގަނޑު ނުދެކެމެވެ. ސަރުކާރަށް ފާޑުކިޔަންވީ ގޮތަކީ ކޮބައިކަމާއި ފާޑުކިއުމާއި އާޑަފުރައްސާރައިގެ ތަފާތަކީ ކޮބައިކަމާއި ފާޑުކިޔާ މީހާ އެޔަށްވުރެ ރަނގަޅު ޙައްލެއް ގެނެސްދޭން ޖެހޭނެކަމުގެ ލާމަސީލު މިސާލު ދިވެހި މުޖުތަމަޢަށް ދައްކަވައި، އަދި ތިމާއަށް އެނގިހުރި މިންވަރަކުން ކަންކަން އިޞްލާޙްކުރުމަށް ތިމާއާ މަތިވެފައި އޮންނަ ވާޖިބާއި ޒިންމާ އަދާކުރެއްވުމުގައި ފަސްޖެހިވަޑައިގަތުމެއް ނެތި، ޑރ ޙަސަން ޙަމީދު ކޯފާއިސްކުރެއްވި ގޮތަކީ އަހަރެމެން އެންމެތަކުން އެއިން ނަމޫނާ ލިބިގަންނަންޖެހޭ ކަމެކެވެ. ފަހެ މިރާއްޖޭގައި މިއުޅޭހާ މީސްތަކުން އެގޮތުގެ މަތީން ކޯފާއިސްކުރައްވާނަމަ މިމުޖުތަމަޢުގައި ޙައްލުނުވާނޭ މައްސަލައެއް ނޯންނާނެކަމީ ޝައްކެތް އޮތްކަމެއް ނޫނެވެ.

“ޙިކުމަތްތެރިއަކު ރުޅިއަރުވާނުލާށެވެ” މިއީ ވަރަށް ގިނަ މުޖުތަމަޢުތަކުގައި ހަރުބަހެއްގެ ގޮތުގައި ބޭނުންކުރެވޭ ބޯދާ ބަހެކެވެ. އެކަމަކު މިހާރުވަނީ ރުޅިއަރުވާލެވިފައެވެ. އެބަހާ ޚިލާފުވެވިއްޖެއެވެ. ޙިކުމަތްތެރިޔާ ރުޅިއަންނާނީ ޙިކުމަތްތެރިކަމާއެކުއެވެ. އެކަމާ ކުރިމަތިލާ މީހާ ޙިކުމަތްތެރިކަމެއް ނެތި ކުރިމަތިލައިފި ނަމަ އެހެން މީހުންގެ ކުރިމަތީ ޖޯކަކަށްވާނީ ހަމަ އެކަމަކާ ކުރިމަތިލީ މީހާއެވެ. ޙިކުމަތާ ޙަމަލާދޭންވާނީ ޙިކުމަތުންނެވެ. ރަސްފަންނު ބިނާކުރުމުގައި ހިނގާފައިހުރި އިސްރާފާއި ބިނާވެށީގެ ޢިލްމާ ޚިލާފު ކަންކަން އަހަރެމެން ކަހަލަ ނުކިޔަވާ ހުރި މައްދިވެއްސަކަށް އެނގޭވަރަށް ޑރ ޙަސަން ޙަމީދު ތިލަކޮށްދެއްވައިފިއެވެ. އެކަން އޮތީ އެހެން ނޫންކަމަށް ޤަބޫލުކުރަންޖެހޭ ސަބަބުތައް ޑރ މުޢިއްޒު ވިދާޅުވެދެއްވާށެވެ. އަހަރެމެން މިތިބީ ހަމައަޑުއަހާށެވެ. ކޮންމެއަކަސް ޑރ ޙަސަން ޙަމީދު ވަޒީފާ ގެއްލިގެން ކޯފާއިސްކުރައްވައިފިއެވެ. އެކަމާ ގުޅިގެން މިނިސްޓަރު މުޢިއްޒުވެސް ކޯފާއިސްކުރައްވައިފިއެވެ. އެކަމަކު ޑރ ޙަސަން ޙަމީދުގެ ކޯފާއިސްކުރެއްވުން ހާދަހާ ތަފާތެވެ. މިއުޅެފެންނަ ސިޔާސީ ލީޑަރުންވެސް އެކަކު އަނެކަކު މޫނަށް ކޯނުދޮވެ، ޑރ ޙަސަން ޙަމީދުއާ އެއްފަދައިން ކޯފާއިސްކުރައްވާނެ ނަމައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355