twitterviber whatsapp telegramfacebookyoutube instagram
19th April 2024

ބިގޭ – ކުޅުދުއްފުށީ ޓީމުގެ އުއްމީދާ ގުޅިފައި

Aug 3, 2016

ހިރަފުސް ކަޕް 9 ގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދާ މި ވަގުތު ކުޅުދުއްފުށީގައި ހުރި އެންމެ މޮޅު ކުޅުންތެރިޔަކީ ހުސައިން އަބްދުލް ރަޝީދު އަބަދަށްހިޔާގެ (ބިގޭ) ކަމާމެދު އެއްވެސް މީހަކު ޝައްކެއް ނުކުރާނެ އެވެ. އެ މުބާރާތުގައި ބިގޭ ގެ ފަަރާތުން ފެނިގެން ގޮސްފައިވަނީ އާދަޔާ ޚިލާފު މޮޅު ކުޅުމެކެވެ. މި ދަނޑިވަޅަށް މިފަދަ ކުޅުންތެރިޔަކަށް ކުޅުދުއްފުށި ޓީމު ވަނީ ނިހާޔަތަށް ބޭނުންވެފަ އެވެ. އެއީ ޓީމަށް ދިމާވެފައިވާ ލަނޑު ޖެހުމުގެ މައްސަލައަށް ހައްލު ހޯދާ ދެވިދާނެ ފަދަ ކުޅުންތެރިއެއް ކަމަށް އުއްމީދު ކުރެވެ އެވެ.

ހިރަފުސް ކަޕްގެ ތާރީޚްގައި އަދި  މިހާތަނަށް ކުޅުދުއްފުށީގައި ބޭއްވުނު 11 އަ ސައިޑް ފުޓްބޯޅަ މުބާރާތެއްގައި އެއް ކުޅުންތެރިޔަކު 20 ލަނޑު ޖެހިކަމެއް އަޅުގަނޑަށް އެނގިފައެއް ނެތެވެ. މީގެ ކުރިން އެންމެ ގިނަ ލަނޑު ޖެހިކަން އެނގިފައިވަނީ 2013 ވަނަ އަހަރުގެ ހިރަފުސް ކަޕްގައި އަސްޖައު މޫސާ ޖެހި 16 ލަނޑެވެ. އެއީ އަސްޖައު މޫސާގެ ރަން ދުވަސް ވަރެވެ. އަދި 2013 ވަނަ އަހަރު ބޭއްވުނު ފޯރިގަދަ އާދަމް އިސްމާއީލް ލީގުގައި ބިގޭ ވެސް ވަނީ 13 ލަނޑު ޖަހާފަ އެވެ. އެއީ ބިގޭ ބޮޑު މުބާރާތެއްގައި ހިރަފުސް ކަޕްގެ ކުރިން ހޯދި އެންމެ ރަނގަޅު ކާމިޔާބީ އެވެ.

ބިގޭ ބޯޅައާއެކު – ފޮޓޯ: ސްނެޕްސް

އެންމެ ލަނޑެއްވެސް ނުޖެހި މިދިޔަ އަހަރުގެ މުބާރާތުން ކުޅުދުއްފުށީ ޓީމު ކަޓާފައިވާއިރު، މި އަހަރުގެ މުބާރާތުގައި ބިގޭ ރަނގަޅު ކުޅުމެއް ދެއްކުމަށް ގިނަ ބަޔަކު އުއްމީދު ކުރެއެވެ.  ކުޅުދުއްފުށީ ޓީމަށް އަބަދުވެސް ކުރިމަތިވާ އެންމެ ބޮޑު އެއް މައްސަލަ އަކީ ލަނޑު ޖެހުމުގެ މައްސަލަ އެވެ. ފޯވާޑަށް ކުޅުނު ކުޅުންތެރިން ކަމުގައިވާ މުހައްމަދު އިސްމާއީލް (ހުއިއްބެ)، އާދަމް މުހައްމަދު (ކުޑަ އާދަނު) މެން ފަދަ ކުޅުންތެރިން އޮއްސުނު ފަހުން އެއް ލެވެލް އެއްގައި ހިފަހައްޓާލެވޭ ކުޅުންތެރިއަކަށް ފެނިފައިވަނީ އިބްރާހިމް ހަސަން (ކުޑަ އިއްބެ) އެކަންޏެވެ. އެންމެ ބޮޑު މައްސަލައަކީ އަރަމުން އައި ޒުވާން ހުނަރުވެރި ކުޅުންތެރިންނަށް ހިފަހައްޓާލަން ނުކެރުމެވެ. އެގޮތުން އަހްމަދު ޤާސިމް (ކުމާ)، ޒައިދު މުހަައްމަދު މެން ފަދަ ކުޅުންތެރިން ފާހަގަކޮށްލެވެ އެވެ.

އުމުރުން 24 އަހަރުގެ ބިގޭ، މީގެ ކުރިން މިފަދަ މުބާރާތެއްގައި ވާދަކޮށްފައި ނެތުމަކީ ބިގޭ އަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެއްކަން ޔަޤީނެވެ. ހާއްސަކޮށް ބިގޭ އަކީ އިލަވަން އަ ސައިޑް ފުޓްބޯޅަ މުބާރާތްތަކުގައި ވަރަށް މަދުން ކުޅެފައިވާ ކުޅުންތެރިއެއްކަން ފާހަގަ ކޮށްލެވެ އެވެ. އޭނާ ބޮޑަށް ފެނިގެން ގޮސްފައިވަނީ ފުޓްސަލް އަދި ސިކްްސް އަ ސައިޑް މުބާރާތް ތަކުންނެވެ. އަދި މި އަހަރުގެ މުބާރާތުގައި ކުޅުދުއްފުށީ ޓީމުގައި ހިމެނެނީ ޖުމްލަ ގޮތެއްގައި ވަރަށް ޒުވާން ކުޅުންތެރިންނެވެ. ގިނަ ބަޔަކު ދެކެން ބޭނުންވި ބަދަލެއްކަން ޔަޤީނެވެ. އެހެންކަމުން އެ ކުޅުންތެރިން އެންމެ ބޭނުންވާނީ ތަޖުރިބާ ހުރި ކުޅުންތެރިންގެ އިރުޝާދެވެ. އަދި ސަޕޯޓަރުންގެ ހިތްވަރު ދިނުމުގެ ބަސްތަކެވެ.

ބިގޭ ހިރަފުސް ކަޕްގެ ސެމީ ފައިނަލްގައި ކުޅެނީ – ފޮޓޯ: ސްނެޕްސް

“އުއްމީދު ކުރަނީ މިފަހަރު ޓީމު ފައިނަލުގައި ވާދަކުރާނެ ކަމަށް. ސަޕޯޓަރުންގެ ސަޕޯޓުން ޓީމު މިފަހަރު އިރާދަކުރެއްވިޔާ މޮޅު ކޮށްދޭން ގަދަ އަޅާ މަސައްކަތް ކުރާނަން. އެހެންވީމާ ރަށުގެ އެންމެންވެސް ޓީމަަށް ސަޕޯޓް ދިނުމަށް ސްޓޭޑިއަމް އަށް ދިއުމަކީ އަޅުގަނޑުގެ އެންމެ ބޮޑު އެދުން” ބިގޭ މި ނޫހާ އޭނާގެ ޝުއޫރުތައް ހިއްސާ ކުރަމުން ބުންޏެވެ.

އަޅުގަނޑުމެންގެ ވެސް އުއްމީދަކީ ބިގޭ ގެ ހުނަރުން ކުޅުދުއްފުށި ހެއްވާލުމެވެ. ޓީމު އެކަތި ގަނޑެއްގެ ގޮތުގައި ކުޅެ މިފަހަރުގެ ތަށި ކުޅުދުއްފުށީގައި ބަހައްޓައިފިނަމަ އަޅުގަނޑުމެން ތިބޭނީ އުފަލުންނެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355