twitterviber whatsapp telegramfacebookyoutube instagram
29th March 2024

ތި ހިތްވަރަށް, ތި ޖޯޝަށް, ތި ދެއްކި ނަމޫނާއަށް, ހަމަ އައްސަރިބަހާ ސާބަސް

Aug 17, 2016

މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލްގައި އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުދުއްފުށި ބަލިވީ އެވެ. މައްސަލައެއް ނޫނެވެ. ފުޓުބޯޅައިގެ ރަސްގެފާނު ބްރެޒިލް އަމިއްލަ ދަނޑުގައި 7-0 އިން ޖަރުމަނު އަތުން މުޅި ދުނިޔެ ކުރިމަތީގައި ވެސް ބަލިވިއެވެ. ކުޅިވަރެއްގައި ވިއްޔާ މޮޅުވާނީ ކޮންމެވެސް އެއް ޓީމެކެވެ. ކިތަންމެ ބޮޑު ރަށަކާއި ކިތައްމެ ކުޑަ ރަށަކާ ކުޅެ ކުޑަ ރަށްވެސް މޮޅުވެދާނެ އެވެ. ކޮންމެވެސް އެއްބައެއް މޮޅުވާން ޖެހެ އެވެ. އެހެން ނޫންނަމަ އެއީ ކުޅިވަރެއް ނޫނެވެ. ކުޅިވަރެއްގައި ދަށްވުމަކީ މައްސަލައެއް ނޫނެވެ.

މިނިވަން 50 ގައި ކުޅުދުއްފުށީ ޓީމް ފައިނަލްއާ ހަމަ ދަތުރުކުރުމުގެ އެންމެ ބޮޑު ހިތްވަރެއް ދިނީ ކުޅުދުއްފުށީ ޓީމުގެ ސަޕޯޓަރުންކަމާ މެދު ޝައްކުކުރާނެ އެއްވެސް މީހަކު މި ރާއްޖެއަކު ނުހުންނާނެކަން ކަށަވަރެވެ.

މުބާރާތް ފެށުނު ދުވަހުން ފެށިގެން ފައިނަލާ ހަމައަށް ކުޅުދުއްފުށީ ޓީމުގެ ސަޕޯޓަރުން ދައްކަމުން ދިޔައީ ޖޯޝުން ފުރިގެންވާ ސަޕޯޓެކެވެ. ކަށިން ހިތްވަރު ނެރެގެން އެދިން ހިތްވަރާ ސަޕޯޓަކީ ކުޅުދުއްފުށީގެ ތާރީހްގައި ފަލަ ރަން އަކުރުން ލިޔެވިގެންދާނެ ދުވަސްތަކެކެވެ. މިނިވަން ޗެމްޕިއަންޝިޕް މިމުބާރާތަކީ ކުޅުދުއްފުށީ އިތުރަށް އެކަތިކަނޑަކަށް ވެގެންދިޔަ ސަބަބެކެވެ.

އިއްޔެ ކުޅުނު ފައިނަލް މެޗަށް ކުޅުދުއްފުށީގެ ސަޕޯޓަރުން ދިޔައީ ވަރަށް ފުރިހަމައަށް ތައްޔާރުވަމުންނެވެ. އެގޮތުން ޓީމަށް ހިތްވަރު ދިނުމުގެ ގޮތުން އިއްޔެ ކުޅުދުއްފުށީ އޮފީސްތަކުގެ މުވައްޒަފުން ދިޔައީ ވެސް ޓީމުގެ ކުލަކަމަށްވާ ރަތް ކުލައިގެ ހެދުން ލައިގެން ނެވެ. ސްކޫލުތަކުގެ ދަރިވަރުންވެސް މިކަމުގައި އިސްތިސްނާ އެއް ނުވެ އެވެ. މުޅި ރަށް އޮތީ ރަށު ޓީމަށްޓަކާ ރަށްވެފަ އެވެ.

އިއްޔެ މެޗު ފެށުނުއިރުން ފެށިގެން ނިންމެދެން މުޅި ސްޓޭޑިއަމްގައި އޮތީ ރަތްކުލައިން “ދިއްލާފަ” އެވެ. ސްޓޭޑިއަމްގައި އެއް އަޑަކުން ގުގުމަމުންދިޔައީ ކުޅުދުއްފުށީގެ ސަޕޯޓަރުން އަޑެވެ. ކުޅުދުއްފުށީ ކޮޅަށް 9 ލަނޑު ޖެހި އިރުވެސް ލޮލުން ވެއްޓޭ ކަރުނަ ތިކި ފޮހެލަމުން އެއަޑަކުން ދިޔައީ ހިތްވަރުދެމުންނެވެ. އެންމެ ފަހު ވަގުތާ ހަމައަށް ސަޕޯޓަރުންވަނީ ކުޅިވަރުގެ ރޫހާ އެއްގޮތަށް ހިތްގައިމު ސަޕޯޓެއް ދީފަ އެވެ. ހަމަނުޖެހުމެއް ނުހިންގަ އެތަށް ސަތޭކަ ސަޕޯޓަރުންތަކެއް ފަރާތުން ފެނިގެންދިޔައީ އާދަޔާ ހިލާފް ޖޯޝުން ފުރިގެންދިޔަ ހިތްވަރެކެވެ.

ކުޅުދުއްފުށީގެ ސަޕޯޓަރުން ދެއްކި ނަމޫނާއާ ކުރި ސަޕޯޓަށް މުޅި ރާއްޖޭއިން ދަނީ ފާހަގަކޮށް އެކަމުގެ ވާހަކަ ދައްކަމުންނެވެ. ރާއްޖޭގެ ބޮޑެތި ނޫސްތަކުގެ ފަލަ ސުރުހީގައި ވަނީ ސަޕޯޓަރުންގެ ސަޕޯޓުގެ ފުރިހަމަ ވާހަކައެވެ. ކުޅިވަރުގެ ފުންނާބުއުސް ޝަހުސިއްޔަތުން ވަނީ ސޯޝަލް މީޑިއާތަކުގައި ކުޅުދުއްފުއްޓަށް ތައުރީފު އޮއްސާފައެވެ.

ފަހުގެ ތާރީހްގައި މިފަދަ ބޮޑު މުބާރާތްތެއްގެ ފައިނަލާ ހަމައަށް ކުޅުދުއްފުށީ އައުމަކީ ކުރިއެރުމެކެވެ. އަދި މިމުބާރާތުގައި ޓީމުގެ ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔައީ ހިތްވަރުން ފުރިގެންވާ ކުޅުމެކެވެ. ޒުވާން ކުޅުންތެރިންވަނީ ކުޅުދުއްފުށީގެ ފުޓުބޯޅައިގެ މުސްތަގްބަލް އުޖާލާކަން ދައްކައި ދީފައެވެ. ބަލިވުމަކުން “އަހަންނަކަށް ފަރުވާލެއް” ނެތެވެ. ތިއީ އަހަރެމެންގެ ޗެމްޕިއަނުންނެވެ.

ނިމިގެންދިޔަ މުބާރާތް ކުޅުދުއްފުށި އެކަތިގަނޑަކަށް ހަދައިފިއެވެ. ދެންއޮތީ ކުރިއަށް އަންނަންހުރި މުބާރާތްތަކަށް ފުރިހަމައަށް ތައްޔާރުވުމެވެ. މިއީ ފެށުމެކެވެ. ދެން ފަހަރަކުން އިންޝާ ﷲ ކާމިޔާބު ވާނެއެވެ.

 

ކުޅުދުއްފުށީ ޓީމުގެ ސަޕޯޓަރުން ފޮޓޯ ގެލެރީ 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355