twitterviber whatsapp telegramfacebookyoutube instagram
19th April 2024

ހިޔާމްގެ ކޮލަމް: ބޮނދަށް ސައިކިއުމާއި ކުޅިބައިހާކާލުން، އެހާރާއި މިހާރު

Aug 28, 2016

ބޮނދު ބުޑަށް ސައިވީމާ، އިހަށްވާނީ ސައިފިލުވާށެވެ. މަނައެއްވެސް ގޮސް މަންތިރި ހެދީމާ މަންތިރީގެ މަޤާމު އެޔަށްވާނީ ހަމަދޭށެވެ. ދެރިޔާ ކަންކުއްޗަށް ދުއްވަންޏާ، ދެން އިންނަ މީހާގެ ދެބޮޑުބޯ ހުރި ސީދަލަށް ވެސް ދުއްވާނެއެވެ. އާޚިރުގައި ކުޅިބައި ޖެހޭނީ ހާކާލާށެވެ.

ރާޒުވާގޮނޑީގެ އެއްކޮޅުގައި ތިރީސް އަހަރުވަންދެން ނިކަން ޢިލްމުވެރި ސިޔާސީ ގޮތުން ޙިކުމަތްތެރި ދަންނަބޭކަލު އިންނެވިއެވެ. އޭރު އެބޭކަލަކަށް ސައިވިޔަސް ތީނީ ސައިވެފައޭ ބުނުމަކީ ޤާނޫނީ ގޮތުން ވެސް ކުށެކެވެ. ރާޒުވާ ގޮނޑީގެ މެދަށްވުރެ ކުރިޔަށް އިދިކޮޅު މީހާގެ މަނާފުކެއް ކުރިއަށް ޖެއްސުމަކީ ޣައިރުދީން ފެތުރުން ކަމުގައި އޮންނަނީ ހަދާފައެވެ. އިދިކޮޅު މީހާގެ މަންތިރި ވެސް ދުއްވަންވާނީ ގޮޅިއަކުން ގޮޅިއަކުންނެވެ. ކިއެއްތަ؟ އިދިކޮޅު މީހާ ކުޅޭ ކޮންމެ ކުޅިއެއް ވެސް ކުޅެންވާނީ، މަޝްވަރާގެ މަތިވެރި އުޞޫލުތަކާ އެއްގޮތްވާގޮތުގެ މަތީން، އެމަނިކުފާނާ މަޝްވަރާކުރެވިގެން އެމަނިކުފާނު ވިދާޅުވާ ގޮތެއްގެ މަތީންނެވެ. އޭރުވެސް ދަގަނޑު ދަހަނާއަޅުއްވައިން ނޫސްވެރިޔަކު އުޅުއްވަނީ މަގުމަތިން ކުޅިބައިހާއްކަވާ ލެއްވުމަށެވެ.

ކޮންމެއަކަސް ވީއެއްޗެއް ވެގެން، އެއްކަލަ ނޫސްވެރިޔާއަށް ދަންނަކަލޭފާނު އިންނެވި ގޮނޑި ލިބިވަޑައިގެންފިއެވެ. ކުޅުއްވަން ފެއްޓެވީ އަތުނުވާހާ ބާރަށެވެ. ބާރަށް ކުރިއަށެވެ. ގޮޅިން ބޭރުން ގޮސްވެސް މަނާތައް މަންތިރިކުރައްވަން ފެއްޓެވީއެވެ. އަސްދާ މަގުން ރިޔާ، ރިޔާދާ މަގުން ބޮޑުބޯ، އަނެއްކާ، ކުރިން ޖަހައިގެން ބޭރަށް ލެވިފައި ހުރި ކުޅިވެސް ގޮނޑިމަތީ އަތުރާ، ދެކުޅި ބައިން ފާޅުގައި ވިޔަފާރިކޮށް، ބަލަން އިންނަ މީހާއަށް ކުލަޔަށް ބަލައިން ދެމީހުންގެ ކުޅިބައި ވަކިކުރަން ނޭނގޭނެހެން ވެސް ހެއްދެވީއެވެ. ލަސްތަކެއް ނުވެ ދަންނަކަލޭފާނާއި އޭނާގެ ބައިވެރިން ނުކުމެވަޑައިގެން ކުޅިބައި ހާއްކަވާލެއްވީއެވެ.

ދެން އައި ދެއަހަރު ރާޒުވާކުޅުނީ އަދި މާމަޖާ ގޮތަކަށެވެ. އިތުރުކުޅިއަކާ ނުލައި ގޮނޑީގައި އިންނެވި ބޭފުޅާއަށް ހަމައެކަނި ބޮނދެއް ދީގެން، އެބޮނދު ބައްދައި ނުލައި ދެއަހަރު ވަންދެން ސައިކިޔާލަ ކިޔާލަ ތިއްބެވީއެވެ. އާދޭހެވެ. އަޅުގަނޑުމެން ތިބެންވީ ހަމަ އަތްޖަހާށެވެ.

އޭގެ ދެއަހަރު ފަހުން އަނެއްކާ ވެސް ގޮނޑީގައި މާބޮޑު އިކޮނެމިސްޓަކު އިށީނދެވަޑައިގެންފިއެވެ. ކުޅުއްވަން ފެއްޓެވީ ބޮނދު ނަގައި އަތަށް ލައްވައިގެންނެވެ. ފުރަތަމަ ދެއަހަރު ބޮނދު ނުވެސް ފެންނަނީއެވެ. މަންތިރި ކަންތައް ކުރި ގޮތަކީ އިދިކޮޅު ބައިގެ ބޮނދުވެސް ގޮނޑިން ބޭރަށްލީއެވެ. މޭފުއްޕާފައި އަންނަ ކޮންމެ ކުޅިއެއް ގަނެލައި، ގަނެނުލެވުނީވިއްޔާ ވަގަށް ނަގައި ފޮރުވައިގެން ވެސް ކުޅިގަނޑު ކުރިއަށް ގެންދިޔައީއެވެ. އެންމެ ފަހުން އަމިއްލަ ބައިގެ ބައެއް ކުޅިވެސް ނަގާ ގޮނޑިން ބޭރަށްލީއެވެ. ފޮރުވިގެން ހުރި އަމިއްލަ ބޮނދަށް ވެސް ސައިކިއީއެވެ. އަރައިގަތް ރުޅީގައި ބޮނދު ނެރެ ރާޒުވާގޮނޑި ކޮންޓްރޯލްކުރަން ހިފާލައިފިއެވެ. އަމިއްލަ ކުޅިބައިގެ މަންތިރި ރާޒުވާ ގޮނޑިން ބޭރުކޮށްލާފައެވެ. އެކަމަކު ބޮނދަށް އެރޭ ކޮންމެ ގޮޅިއަކުން ސައިވަނީއެވެ. ދެން ފެނުނީ އިސާހަތަކު ސައިކިޔުމާ ބެހޭ ޤާނޫނު ފާސްވީ ތަނެވެ. އާދޭހެވެ. ސައިކިއުމަކީ ކުށެކެވެ. އެކަމަކު އެރޭ ކޮންމެ ގޮޅިއަކުން ސައިވާއިރު، އިދިކޮޅު އެންމެން ކުށްވެރިވެ، ޖަލުވިޔަސް، ސައި ފިލާނެ ގޮތެއް އޮވޭތޯއެވެ؟

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355