twitterviber whatsapp telegramfacebookyoutube instagram
20th April 2024

މަށި މާލި ޕެރޭޑް: މިއަހަރުވެސް ތަފާތު މެސެޖުތަކާއެކު ވަރަށް ފުރިހަމަ

Sep 13, 2016

ކުޅުދުއްފުށީގައި ކުޅޭ އީދު ކުޅިވަރުތަކުގެ ތެރެއިން އެންމެ ފާހަގަ ކުރެވޭ އެއް ކުޅިވަރަކީ މަށިމާލި ޕެރޭޑެވެ. މަށި މާލި ޕެރޭޑަކީ އެންމެ ފުރަތަމަ ކުޅުދުއްފުށީގެ މަށިކުޅިން މަށިލައިގެން މާލިތަކެއް ނުކުމެ ރަށުތެރޭގައި ހިނގުން ކަމުގައި ވިޔަސް، މިހާރު މަށިމާލި ޕެރޭޑަކީ އެތައްކަމެއް އޭގެ ތެރޭގައި ހިމެނޭ އަދި އެތައް ބައިވަރު ވައްތަރުގެ މާލިތަކުގެ އިތުރުން މެސެޖުތަކެއް ގެނެސްދޭ ކުޅިވަރެކެވެ. ކުޅުދުއްފުށީގެ ގޮތަށް ބުނަނީނަމަ، އޭރެއްގައި އެންމެ “ޓްރެންޑިން” ކަންކަމަށް ހަޖޫ ޖަހާލުމެކެވެ. މިސާލަކަށް ކުޅުދުއްފުށީ އެއަރޕޯޓް، ގުއި ކުއްތި، އައިއެސްއައިއެސް، ފަނާކުރަނިވި ހަތިޔާރުފަދަ ތަކެތި މަށިމާލި ޕެރޭޑުން ކުރީ އަހަރުތަކުގައި ފެނިފައިވެއެވެ. ކުޅުދުއްފުށީގެ މަށިމާލި ޕެރޭޑް މިހާރު ފާހަގަ ކުރެވެނީ ކުޅުދުއްފުށީ މީހުންގެ އިތުރުން ރާއްޖޭގެ އެކިކަންކޮޅުތަކުން ވެސް ބަލާލަން ބޭނުންވާ ކުޅިވަރަކަށެވެ. މިހާރު މިބަލައިލަނީ މިއަހަރުގެ މަށިމާލި ޕެރޭޑުން ފެނިފައިވާ ބައެއް ކަންތައްތަކަށެވެ.

ޑޮލަރު ފޮށި

މަށިމާލި ޕެރޭޑުން މިއަހަރު އެންމެ ފާހަގަ ކޮށްލެވުނު އެކައްޗަކީ ބިންމަތީގައި ދަމާފައި ގެންދިޔަ ޑޮލަރު ފޮއްޓެވެ. މަނީ ލޯންޑްރީންނާއި ކޮރަޕްޝަންގެ ވާހަކަ ގަދަޔަށް ދެކެވޭ ދުވަސްތަކެއްގައި މިއީ ވަރަށް މުނާސަބު އެއްޗެއް ކަމުގައި ބެލެވެއެވެ. އަދި ދަބަސްތަކުގަ އާއި ސައިކަލުގައި ބޮނޑި ބޮނޑިއަށް ޑޮލަރު ޑެލިވަރީ ކުރި ވާހަކައަކީ މިހާރު އެންމެ ޓްރެންޑިންގ ވާހަކަތަކެވެ.

މަގުހެދުން

“މަގު ހެދުން” މިގޮތަށް ލޭބަލްކޮށްފައި ހަލުވެފައިވާ ކޮންކްރީޓް މެޝިނެއް ދަމަމުން މާލިތަކެއް ދާތަން މަށިމާލި ޕެރޭޑުން ފެނުނެވެ. “ގޮނގުރެޓު މެޝިނު”ގެ ކޮންކްރީޓް ގަށާބައި ފެންނަން ނެތްކަމުގައި ވިޔަސް އިންޖީނުގަނޑު ހުރީ ހިންގާފައެވެ. އަޑުފައްގަނޑު އެހާމެގަދަ އެވެ. ކުޅުދުއްފުށީގެ މަގުހެދުމުގެ މަސައްކަތްވެސް ހަމަ އެފަދައެވެ. އެއްވެސް މަސައްކަތެއް ކުރާތަނެއް ނުފެނެއެވެ. ނަމަވެސް މަގުހަދަނީއޭ ކިޔައިގެން އަޑު އަރުވާތާ އެތައް އަހަރެއް ވެއްޖެއެވެ.

އަބުރު ބެލް

ޓިންކަބެލް އަށް ކުޅުދުއްފުށިން ގޮންޖަހާލީ “އަބުރު ބެލް” އެވެ. ކޮރަޕްޝަނާއި މީހުން މެރުމާއި ކުއްކުރުން ގިނަ ގައުމެއްގައި މީހުންނަށް މައްސަލައަކަށްވީ ޖުލައި ސައްބީހުގެ ފުޅަނދަކުން ފެނުނު ޓިންކަބެލް އެއްހެން ހެދުން އަޅައިގެން އިން އަންހެން ކުއްޖެކެވެ. އެހެންވީމާ މިފަހަރު ބެހިލާފައި މިއޮތީ ޓިންކަބެލްގެ އަބުރާއެވެ.

އަލަތު ފުލެޓް

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޅާ ފުލެޓްތައް ދަނީ ގިނަ ވަމުންނެވެ. ނަމަވެސް އެތަންތަނުގައި މީހުން ދިރިއުޅެން ފަށައި ގިނަ ދުވަސްތަކެއް ނުވަނީސް ތަން ހީވަނީ ބޮލަށް ވެއްޓިދާނެ ހެންނެވެ. އަދި ކޮންމެ ފްލެޓެއްގައި ތޮއްޖެހިފައި ވަނީ އެތައް އާއިލާ އެކެވެ. އަލަތު ފުލެޓުން މިމަންޒަރު ވަނީ ފެނިގެން ގޮސްފައެވެ.

ވައުދު ފުއްގަނޑު

މިއަހަރުގެ ދައްކާލުންތަކުގެ ތެރެއިން ވައުދު ފުއްގަނޑުވެސް ވަރަށް ފައްކަލެވެ. ވައުދު ފުއްގަނޑު އޮތީ އެގޮތް މިގޮތަށް މޮޑެފައެވެ. އަދި ފުއްގަނޑުގައި އޮތީ ރީނދޫ ކުލައާއި ރަތްކުލަ ޖެހިފައެވެ. ރަތްކުލައިގެ ބަދަލުގައި ފިޔާތޮށި ކުލަ ޖައްސާލިނަމަ އަދި މާފުރިހަމަ ވީހެވެ.

ވައުދު ފަރުވާ އަދި އަވަސް އުފުލުން

ވައުދު ފަރުވާ އާއި އަވަސް އުފުލުމުން ދައްކުވައިދެނީ ފެއިލް ވެފައިވާ ސިއްހީ ނިޒާމެވެ. ކޮންމެ ހޮސްޕިޓަލެއްގައި ސީ އެމްބިއުލަންސް އެއް އޮވެއެވެ. ނަމަވެސް ދުވާ ހާލަތުގައި އޮތީ ކިތައް އެތި ހެއްޔެވެ. ގައިމުންވެސް ކުޅުދުއްފުށީ އެމްބިއުލަންސް އޮތީ މަރާމާތު ކުރަން ޖެހިފައެވެ. އަދި ކުޅުދުއްފުށީ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ހެދުމުގެ ވައުދު ކޮބައިތޯއެވެ.

އަބުރު އަދި ދައުވާ

ނުއުފުއްލޭވަރުގެ ބޮޑު ގޯންޏަކަށް އަބުރު އަޅައިގެން ދައުވާ ފޮށި ކޮނޑު އަޅާލައިގެން ހިނގާފައި ދާއިރު، ބަޔަކު މީހުން އަބުރު ހިމާޔަތް ކުރަން، ކުރަން ޖެހޭ ބުރަ މަސައްކަތާއި ދައުވާ ކޮށްލުން އެއީ ސަލާމަތް ވެވެން އޮތް މަގުކަން ވަރަށް ފުރިހަމައަށް ފެނިއްޖެ އެވެ.

މި ފާހަގަ ކޮށްލި ކަންކަމުގެ އިތުރުން ހިބަޅި ވަގު (ހިބަޅިދޫ އަދި ވަގު ކަލޭގެ) އާއި ބޮޑު ބޭބީ، އައިއެސް ހަނގުރާމަވެރިންނާއި ކަޅު ފައިސާގައި ޖެހިފައި ތިބި މަޖލިސް މެމްބަރުންނާއި، ގޮރު ގުނބާ، ކަޑި މާލިތައް ފާހަގަ ކުރެވުނެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355