twitterviber whatsapp telegramfacebookyoutube instagram
28th March 2024

ކުޅުދުއްފުށީގެ ތަރައްޤީގެ މަޝްރޫއުތައް ހިންގުމަށް މިއަހަރު ދޭނީ ކޮން ގްރޭޑެއް؟

Sep 25, 2016

މި އަހަރަކީ ރާއްޖޭގެ ތާރީހުގައިވެސް ފާސްކުރެވުނު އެންމެ ބޮޑު ބަޖެޓެއް ފާސްކުރެވިގެން ދިޔަ އަހަރެވެ. އެއީ ގާތްގަނޑަކަށް 27.5 ބިލިޔަން ރުފިޔާ ނުވަތަ 27,457 މިލިޔަން ރުފިޔާގެ ބަޖެޓެކެވެ. މިވަރުން ނިމުނީކީ ނޫނެވެ. މިބަޖެޓުން ރައްޔިތުންނަށް ހިނިތުންވުން ގެނެސްދިނީ ރާއްޖޭގެ އުމުރާނީ ތަރައްގީއަށް ނުވަތަ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ) އަށް ދައުލަތުން ހަރަދު ކުރާނެކަމަށް ކަނޑައަޅާފައިވާ 9 ބިލިޔަން ރުފިޔާގެ ބޮޑު ބަޖެޓް ފެނިފައެވެ. މިއީ ގާތް ގަނޑަކަށް ބަޖެޓުގެ 33 އިންސައްތައެވެ. މިއީވެސް މިގައުމުގައި ރިކޯޑް އަދަދެއްކަން ޔަގީނެވެ.

2016 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބޮޑު ބަޖެޓް ފެނިފައި ހިނިތުންވެފައި ތިބެގެން އަދި ވާކަށް ނެތެވެ. އެބަޖެޓުން ހާސިލްވީ ކޮންކަމެއްތޯ އާއި ކުޅުދުއްފުއްޓަށް އެ ބަޖެޓުން ލިބުނު މަންފާ އަކީ ކޮބައިތޯ ބަލުމުގެ އިތުރުން ގްރޭޑްކޮށްލުމަކީ ހަމަ އެންމެ ރަނގަޅުކަމެކެވެ. ތިރީގައި ދެން މިބަލާލަނީ މިއަހަރުގެ ބަޖެޓުގައި ހދ. ކުޅުދުއްފުއްޓަށް ކޮށްދިނުމަށް ވައުދު ވެފައިވާ ކަންކަމަށެވެ. އެއައްފަހު ގްރޭޑް ކުރުން ކިޔުންތެރިންގެ އަތްމަށްޗައް ދޫކޮށްލާނަމެވެ.

2016 ވަނަ އަހަރުގެ ޕީ.އެސް.އައި.ޕީ ބަޖެޓުގައި ވާގޮތުން ގާތްގަނޑަކަށް 101 މިލިޔަން ރުފިޔާ ހަރަދުކުރަން ހަމަޖެހިފައި އޮތީ ހދ.ކުޅުދުއްފުށީގެ މަޝްރޫޢުތަކަށެވެ. އެއީ ޖުމްލަ 20 މަޝްރޫޢަކަށެވެ. ބައެއް މަޝްރޫޢުތައް ނިންމުމަށާއި ބައެއް މަޝްރޫޢުތައް ފަށައިގަތުމަށެވެ.

ނިމުނު މަޝްރޫޢުތައް:

ކުޅުދުއްފުށީގައި މަސައްކަތެއް ފަށައިފިނަ އަބަދުވެސް އުޅެންޖެހެނީ އެމަޝްރޫއެއް ނުނިމި ދިގުލައިގެން ދާތީއެވެ. މިގޮތުން ހދ.އޭއީސީ ހޯލަކީވެސް މީގެ ހެއްކެކެވެ. ނުނިމި ދިގުލައިގެން ދިޔަ މަޝްރޫޢެކެވެ. އެހެންނަމަވެސް މިހާރު މިވަނީ ހދ.އޭ.އީ.ސީ ހޯލް ނިމި ބޭނުން ކުރަން ފެށިފައެވެ. އެތަނުގެ މަންފާ ކިޔަވާކުދިންނަށާއި ޒުވާނުންނަށް ލިބެމެން އެބަދެއެވެ.

މިހާރު ނިމިފައިވާ އަނެއް މަޝްރޫޢަކީ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ކުރިއަށް ގެންދިޔަ، ކުށްވެރިން ބައިތިއްބުމަށް ހަދާ 10 ގޮޅި ހެދުމުގެ މަޝްރޫޢެވެ. އަދި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި އުފަންހިޔާގެ ނަމުގައި މެޓަރނިޓީ ވެއިޓިން ހޯމް އެއް ހުޅުވި މިހާރު ވަނީ ބޭނުންކުރަން ފަށާފައެވެ.

ޒަމާންތަކަކަށްފަހު ކުޅުދުއްފުށީގައި މިއަހަރު ހިންގި ބޮޑު އެއް މަޝްރޫޢަކީ ހދ.ކުޅުދުއްފުށި ދެކުނު ކޮޅު “ބޯޒިޔާރަތާ” ދިމާ ގޮނޑުދޮށް ހިމާޔަތްކުރުމާއި އާޓިފިޝަލް ބީޗް ހެދުމުގެ މަޝްރޫއެވެ. މިމަސައްކަތްވެސް ވަނީ ބާރު ސްޕީޑްގައި ގޮސް ގާތްގަނޑަކަށް ނިމިފައެވެ.

ކުރިއަށްދާ މަޝްރޫއުތައް:

ރީޖަނަލް ހޮސްޕިޓަލްގެ އައު އޮޕަރޭޝަން ތިއޭޓަރގެ މަސައްކަތް މިހާރުވަނީ ނިމުމަކާ ގާތަށް ގޮސްފައެވެ.

އަފީފުއްދީން ސްކޫލް 12 ކްލާސްރޫމްގެ 3 ބުރި އިމާރާތުގެ މަސައްކަތަކީވެސް އަމަލީ މަސައްކަތް ރައްޔިތުންގެ ލޯމަތިން ފެންނަމުންދާ އެއް މަޝްރޫޢެވެ. މިމަސައްކަތްވެސް ކޮންކްރީޓް މަސައްކަތް ނިމި ރޭނުމުގެ މަސައްކަތްތައް މިހާރު އަންނަނީ ކުރަމުންނެވެ.

2016 ވަނަ އަހަރު ހދ.ކުޅުދުއްފުށީގައި ފެށިގެން ދިޔަ އަނެއް މަޝްރޫޢުއަކީ މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ ކުޅުދުއްފުށީ ކެމްޕަހުގެ ޖާގައިގެ ދަތިތަކަން ހައްލުކުރުމަށް ފަށާފައިވާ އެކެމްޕަހުގެ  އޮޑިޓޯރިއަމް އެޅުމާއި 3 ބުރީގެ ކްލާސްރޫމް ބްލޮކް އެޅުމުގެ މަޝްރޫޢެވެ. މިދެއިމާރާތައް ގާތްގަނޑަކަށް 19 މިލިޔަން ރުފިޔާ ހަރަދުވާނެކަމަށް ގައުމީ ޔުނިވަރސިޓީ އިން މައުލޫމާތުދެއެވެ.

އުތުރުގެ ގިނަ ދަނޑުވެރިންގެ ޒަމާންވީ އިންތިޒާރުގައި މިހާރު ވަނީ ކުލަޖެހެން ފަށާފައެވެ. 3 މިލިޔަން ރުފިޔާ ހަރަދުކޮށްގެން އަޅާ ލޯކަލް މާރުކޭޓް އެޅުމުގެ މަސައްކަތް މިހާރު ފެށިފައިވާއިރު އެއް އަހަރު ދުވަސްތެރޭ މިމަސައްކަތް ނިންމާލެވޭނެ ކަމަށް ހޯމް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

ދެން އޮތީ މިހާރު އެންމެ ހޫނުކޮށް ދެކެވެމުން އަންނަ ވާހަކައެވެ. އާދޭހެވެ. ތިޔަ ހީކުރެއްވީ ހަމަ ރަނގަޅެށެވެ. ތާރީހަކަށް ފަހު ތާރީހެއް ކަނޑައެޅެމުން ދިޔަ މަގުހެދުމުގެ މަޝްރޫޢެވެ.  8000 އަށް ވުރެ  ބޮޑު އާބާދީއެއްއޮތް މިކުޅުދުއްފުށީގައި ލަހުންނަމަވެސް މިއޮތީ މަގުހެދުމުގެ މަޝްރޫޢު ފެށިފައެވެ. އެހެންނަމަވެސް ހިތާމައަކީ ޕްރިއޯރިޓީ ލިސްޓްގެ މިހާ ފުލުން މިރަށަށް ޖާގަލިބުނީމައެވެ.

2016 ވަނަ އަހަރުގެ ފަހު ކްއާޓަރ ފެށިގެން ދާއިރު އަދިވެސް ލިސްޓްގައި އެތައް މަޝްރޫޢެއް އެބައޮތެވެ. އެހެންމަވެސް ކެއްތެރިވަމާ ހިނގާށެވެ. ޝައްކެއް ނުކުރަމެވެ. ކުރިއަށް އޮތީވެސް ވަރަށް މުހިންމު އަހަރެއްކަން އެންމެން ދަނެއެވެ.

ޕްލޭނިންގ ސްޓޭޖްގައި ކުޅުދުއްފުށީ ހިއްކި ސަރަހައްދު ހިމާޔަތްކުރުމާއި ބަނދަރު ހެދުމުގެ މަޝްރޫޢު އެބައޮތެވެ.  އުންމީދަކީ ރައްޔިތުންގެ ޓެކްސް ފައިސާއިން ހިއްކާފައި އެވާ ބޮޑުބިން ކަނޑަށް ފައިބައިގެން ނުދަނީސް އެމަޝްރޫޢުގައިވެސް އަމަލީ ސިފަ ޖެހިގެން ދިއުމެވެ.

ކުނިން ހަކަތަ އުފެއްދުމުގެ މަޝްރޫޢުއާއި ދަމަނަ ވެށި އެޅުމުގެ އިތުރުން ހދ.ކުޅުދުއްފުށި ކަސްޓަމްސް ނޯތް ރީޖަން ހެޑް އޮފީހުގެ އިމާރާތް އެޅުމާއި އިމިގްރޭޝަން އޮފީސް އިމާރާތް އެޅުންވެސް ލިސްޓްގައި އަދި ވަނީ ޕާކް ކުރެވިފައެވެ.

އާދޭހެވެ. ބަޖެޓަކީ ޕްލޭންއެކެވެ. ހިޔާލެކެވެ. އެސްޓިމޭޓެކެވެ. މި ހިޔާލުގައި ކުލަ ޖައްސާ ޕްލޭނުގައި އަމަލި ސިފަ ޖެއްސޭނީ ހދ.ކުޅުދުއްފުށީގެ ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރުމަށް އެކި މުވައްސަސާތަކަށް ހޮއްވަވާފައި ތިބި އިއްޒަތްތެރި ބޭބޭފުޅުންގެ މަސައްކަތުންނެވެ. އެކަން އެހެން ބައެއް ދިމަ ދިމާއަށް ބަލާލުމުން ދަނީ ފެންނަމުންނެވެ. ރައްޔިތުންގެ މަޖިލީހުގައިވެސް ކުޅުދުއްފުށީގެ ދެ މެމްބަރުން ތިއްބަވައެވެ. އެހެންނަމަވެސް އެބޭފުޅުން އެގޮނޑިއަށް ހޮވިފަހުން އެއިން ބޭފުޅަކު މިކުޅުދުއްފުށީ ރައްޔިތުންގެ ލޮލަށް ފެނުނީވެސް މަދު ފަހަރަކުކަން ޔަގީނެވެ. މިއީ މިއަދުގެ ހާލެވެ. ވިސްނަން ޖެހިފައިވާ ބޮޑު ކަމެކެވެ.

އާދޭހެވެ. 2016 ވަނަ އަހަރުވެސް ނިމެން ދެން މާގިނަދުވަހެއް ނެތެވެ. އަދި 2017 ވަނަ އަހަރުގެ ބަޖެޓްގެ ވާހަކަތައް ރައްޔިތުންނާ ހަމައަށް ފަތު އަޑު ކިޔާފައި އަންނަން ގިނަ ދުވަހެއް ދެން ނެތެވެ. ބަލަން ތިބެމާހެއްޔެވެ. އަނެއްކާވެސް އައު ބަޖެޓެއް ފާސްކުރާނެވެ. ކުޅުދުއްފުށީގެ އާބާދީވެސް ބޮޑެވެ. 2017 ވަނަ އަހަރަށް ލިބޭ ކޭކު ފޮތިވެސް ބޮޑުވާނެކަން ޔަގީނެވެ.

އެހެންނަމަވެސް ކުޅުދުއްފުށީގެ ތަރައްގީގެ މަޝްރޫޢުތައް ހިންގުމަށް 2016 ވަނަ އަހަރު ދޭނެ ގްރޭޑެއް ނިންމާނީ ހަމަ ތިޔަކިޔުންތެރިންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355