twitterviber whatsapp telegramfacebookyoutube instagram
25th April 2024

2009/12 އަށް ކަޅިއެއް

Oct 17, 2016

ދިވެހިރާއްޖެ އަކީ އިސްލާމްދީނަށް ލޯބިކުރާ، ސައްތައިން ސައްތަ މުސްލިމު ރައްޔިތަކު ދިރިއުޅެމުންދާ ގައުމެކެވެ. އަދަބު އަޚްލާގާއި  ޙުލްޤު ހެޔޮ މީސްކޮޅެއް އުޅެމުންދާ ގުދުރަތީ ގޮތުން ރީތި ގައުމެކެވެ.

އެހެންނަމަވެސް، މީހުން މެރުމާއި، ވައްކަން ކުރުމާއި، ޒިނޭ ކުރުމާއި، މަސްތުވާތަކެތި ބޭނުން ކުރުންފަދަ ކުށްތަކަކީވެސް މި ކުޑަކުޑަ މުޖްތަމައުންވެސް ފެންނަމުންދާ ބޮޑެތި ކުށްތަކެކެވެ. ހަމައެހެންމެ ޒަމާނުއްސުރެ މި މުޖުތަމައުގައި ކުރެވެމުންދާ ނުބައި އެއްކުށަކީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ޖިންސީ ހާނިކަ ކުރުމެވެ. މިގައުމުގެ މުސްތަޤްބަލް ކަމުގައިވާ އަދުގެ ކުޑަކުދިންނާއިމެދު މިފަދަ ގޮތަކަށް އިހްމާލުވަމުންދާކަމީ މިއަދު ހިތާމަކުރަންޖެހޭ ހަގީގަތެކެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްގެން މީހުން ހައްޔަރުކުރާ ވާހަކައަކީ މީގެ ކުރިން ދޭތެރެ ދޭތެރެއިން ހަބަރުތަކުން އަޑުއިވޭ ވާހަކަ އެކެވެ. އެހެންނަމަވެސް ރައްޔިތުންގެ ހޭލުންތެރިކަން އިތުރުވަމުންދާވަރަކަށް މިފަދަ މައްސަލަތައް ރިޕޯޓްކުރެވޭ ނިސްބަތް އިތުރުވެ ފިޔަވަޅު އެޅޭ ނިސްބަތްވެސް އަންނަނީ އިތުރުވަމުންނެވެ.

2009 ވަނަ އަހަރު ނޮވެމްބަރު މަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި ޤާނޫނު ނަންބަރު 2009/12 “ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު” ގައި ޖިންސީ ގޯނާ ކުރާ މީހުންނަށް ވަރަށް ބޮޑެތި އަދަބުތަކެއް ވަނީ ކަނޑައަޅާފައެވެ.

މިއީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުން، ތަޙްޤީޤުގެ މަރުޙަލާގައާއި ޝަރީއަތުގެ މަރުހަލާގައި ބަންދުގައި ބޭތިއްބުމާއި، ބަންދުންވީއްލުމަށް ފަހުގައިވެސް ވަކި ނިޒާމެއްގެ ތެރެއިން ބަލަހައްޓަމުންދިއުމާއި، ޝަރީއަތަށް ހެކި ބަލައިގަތުމުގައި ލުއި މިންގަނޑެއް ހުއްދަކުރުމާއި، ކުޑަކުދިންނަށް ޖިންސީ ގޯނާއިން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ޚާއްޞަ އުސޫލުތައް ބަޔާންކޮށްފައިވާ ޤާނޫނެކެވެ.

މި ޤާނޫނުގައި ކުޑަކުދިން ހިމާޔަތް ކުރުމަށާއި ރައްޔިތުން ޒިންމާދާރުކަމާއި އެކު އެ ކުދިންގެ ހައްގުތައް ރައްކާތެރި ކުރުމަށް މަސައްކަތް ކުރުމަށް ބާރުއެޅުވުމުގެ ގޮތުން މުހިންމު ކަންތައްތަކަކަށް ވަނީ ރިޢާޔަތްކޮށްފައެވެ. މިގޮތުން ކުޑަކުއްޖަކަށް ޖިންސީ ގޯނާއެއް ކުރާކަން ނުވަތަ ކުރަން އުޅޭކަން އެނގިހުރެ ފުލުހުންނަށް ރިޕޯޓް ނުކުރާނަމަ އަދަބު ދިނުމާއި، އިތުބާރުކުރެވޭ މަގާމެއްގައި ހުރި މީހަކު މިފަދަ އަމަލުތަކުން ދުރުކުރުމާއި ޖިންސީ ޝިކާރައަކަށްވާ ކުއްޖާއަށް ލިބެންޖެހޭ ރައްކާތެރިކަން ހޯދައިދިނުމާއި ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހާގެ މައްޗަށް އިންސާފުވެރި ޝަރީއަތެއް ހިންގުމަށް މަގުފަހި ކޮށްދިނުމަށް މި ޤާނޫނު އެހީތެރިވެދެއެވެ.

މި ޤާނޫނު ހެދުމުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާއި އެކަމަށް އެހީތެރިވާ މީހުންނަށް ހަރުކަށި އަދަބު ދިނުމާއި، ޖިންސީ ގޯނާއިން ކުޑަކުދިންނަށް ލިބޭ ގެއްލުމަށް ބަދަލު ހޯދައިދިނުމާއި، ކުޑަކުދިންނަށް

ޖިންސީ ގޯނާ ކުރާ މީހުން މުޖުތަމައުގެ އެހެންމީހުންނަށް އެނގޭނެގޮތެއް ހެދުމާއި މިފަދަ މީހުން ދެމެހެއްޓިގެންވާ ގޮތެއްގައި ދައުލަތުން ކޮންޓްރޯލްކުރުމާއި ބެލެހެއްޓުން ހިމެނެއެވެ.

މި ޤާނޫނުގެ 53 ވަނަ މާއްދާގައި ވާގޮތުން މިޤާނޫނުގައި ކުށެއްކަމަށް ބަޔާންކުރާ އަމަލެއް ހިނގާކަން ނުވަތަ ހިނގައިފިކަން ނުވަތަ ހިނގަން އުޅޭކަން އެނގިހުރެ އެމަޢުލޫމާތު އަންގަންޖެހޭ ފަރާތްތަކަށް ނުދީ ހުރުމަކީ ކުށެކެވެ. މިފަދަ ކުށެއްގެ އަދަބަކީ 6 މަސްދުވަހާއި 3 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

ބަވަނަވެފައިވާ މި ދުނިޔޭގައި ހުޅަނގުގެ ސަގާފަތްތައް މި ދިވެހި ރާއްޖެއަށްވެސް އައިސް އާންމުންގެ މެދުގައި ވަކި ހިއްޕާލާފައި ވަނީ ވަކި ކުޑަކޮށެއް ނޫނެވެ. ސްކޫލް ދައުރުން ފަށައިގެން ލޯބީގެ ގޮތުން އެކަކު އަނެކަކު ގުޅި އިސްލާމީ ރިވެތި އަހްލާގުން ކަސިޔާރުވެގެން ދަނީ ވެސް ވަކި މަދަކުން ނޫނެވެ. 18 އަހަރުން ދަށުގެ ކުޑަކުދިންނާއި 18 އަހަރުން މަތީގެ ބޮޑެތިމީހުން އެކަކު އަނެކަކުގެ ރުހުމުގައި ގައިގޮޅިވުމާއި ލޯބީގެ ނަމުގައި ޝަހުވާނީ އަމަލުތައް ދަނީ ކުރެވެމުންނެވެ.

ލޯބީގެ ނަމުގައި ކުރެވުނު ނަމަވެސް، ތަސައްރަފު ނުފުދޭ ކުދިންނާއި އެކު ޤާނޫނީ ގޮތުން ބޮޑެތި މީހުން ކަމުގައި ކަނޑައަޅާފައިވާ 18 އަހަރުން މަތީގެ މީހުން ގުޅިގެން އުޅުމުގެ އާހިރު ނަތީޖާއަކަށް ވަނީ، އެކުދިންނަށް ހެވާއި ނުބައި އޮޅުންފިލާއިރު ޖިންސީ ގޯނާގެ ޝިކާރައަކަށް ވެގެން ދިއުމެވެ. މުޖްތަމައުގައި އަގެއްނެތް ކުއްޖަކަށް ވެގެން ދިއުމެވެ. އެހެންކަމުން އިސްލާމީ ރިވެތި އަހްލާގް ދެމެހެއްޓުމަށާއި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާ ހުއްޓުވުމަށްޓަކައި މިޤާނޫނުގެ ބޭނުމަށްޓަކައި މިގޮތަށް ލޯބީގެ ގޮތުން ގުޅިގެން އުޅޭއިރު ކުރެވޭ ކުށާއި ފާފަތަކަކީ މިޤާނޫނުގެ ދަށުން ބޮޑެތި އަދަބު ކަނޑައެޅިފައިވާ ކަންކަމެވެ.

މި ޤާނޫނުގެ ދަށުން 13 އަހަރުން ދަށުގެ ކުޑަ ކުއްޖަކީ އެއްވެސް ހާލަތެއްގައި، އެއްވެސް ގޮތަކަށް ޖިންސީ އަމަލެއް ހިންގުމަށް ރުހުންދެވިދާނެ މަޤާމެއްގައި ހުރި ކުއްޖެއްކަމުގައެއް މިޤާނޫނުގެ ބޭނުމަށްޓަކައެއް ނުބެލެވޭނެއެވެ. އޭނާ ރުހުން ދިންކަމުގައި ވީނަމަވެސް، އެއީ މިޤާނޫނުގެ މަޤްޞަދައްޓަކައި ބާތިލް ރުހުމެކެވެ.

13 އަހަރާއި 18 އަހަރާއި ދެމެދު ކުދިން ރުހުން ދިނުމާއި ގުޅޭގޮތުން މިޤާނޫނު ބުނެފައިވަނީ؛ އެހެންގޮތަކަށް ސާބިތު ނުވާހާ ހިނދަކު، އުމުރުން 13 އަހަރާއި 18 އަހަރާ ދެމެދުގެ ކުޑަކުއްޖަކު ޖިންސީ އަމަލެއް ހިންގުމަށް ރުހުނު ކަމުގައެއް ނުބެލެވޭނެ ކަމަށެވެ. އަދި އެހެންގޮތަކަށް ސާބިތު ނުވާހާ ހިނދަކު ބަލާނީ، އެއުމުރުގެ ކުއްޖަކާއި އެކު ޖިންސީ އަމަލުގައި ބައިވެރިވި މީހާ އެކަން އެކުރަނީ އެކުޑަކުއްޖާގެ ރުހުމުގައި ނޫންކަމަށެވެ.

މިޤާނޫނުގެ ބޭނުމަށްޓަކައި އަދި އަނިޔާ ލިބޭ ކުދިންގެ ގެ ހައްޤުގައި ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހާގެ ބައެއް ހައްޤުތައް ހިފެހެއްޓިގެންވެއެވެ. މިގޮތުން، ޤާނޫނު އަސާސީގެ 48 ވަނަ މާއްދާއިން ކުށްކުރާ މީހާއަށް ހަނުހުރުމުގެ ހައްޤު ދީފައި ވީނަމަވެސް މި ޤާނޫނުގެ ދަށުން ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހާއަށް، އެ ހައްޤު، އެއްވެސް މިންވަރަކަށް ލިބިގެނެއް ނުވެއެވެ.

މިޤާނޫނުގެ ދަށުން ކުށް ކަނޑައެޅުން:

މިޤާނޫނުގައި ކުށެއްކަމަށް ކަނޑައަޅާފައިވާ ކަމެއް ކޮށްފިނަމަ ނުވަތަ ކުށް ސާބިތުވެއްޖެނަމަ ކަނޑައެޅިފައިވަ ހުކުމްތައް ތިރީގައި ހިމަނާލާނަމެވެ.

#

ކުށް

ހުކުމް

1

ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުން

10 އަހަރާއި 14 އަހަރާއި ދެމެދު މުއްދަތަކަށް ޖަލަށްލުން

2

ކުޑަކުއްޖަކު ޖިންސީ އަމަލެއްގައި ބައިވެރި ކުރުވުން

10 އަހަރާއި 14 އަހަރާއި ދެމެދު މުއްދަތަކަށް ޖަލަށްލުން

3

ކުޑަކުއްޖެއްގެ ހާޒިރުގައި ޖިންސީ ޢަމަލެއް ހިންގުން

7 އަހަރާއި 10 އަހަރާއި ދެމެދު މުއްދަތަކަށް ޖަލަށްލުން

4

ޖިންސީ އަމަލެއް ބަލަން މަޖުބޫރު ކުރުވުން

7 އަހަރާއި 10 އަހަރާއި ދެމެދު މުއްދަތަކަށް ޖަލަށްލުން

5

13 އަހަރުން ދަށުގެ ކުއްޖަކު މަތީގައިވާ ކުށެއް ކުރުން

ބެލެނިވެރިޔާގެ މައްޗަށް އެކުއްޖެއް ބެލެހެއްޓުން ޝަރުތުކޮށް 5 އަހަރަށް ވުރެން ދިގުނޫން މުއްދަތަކަށް ގޭގައި ބަންދުކުރުން

6

13 އަހަރާއި 18 އަހަރާއި ދެމެދުކުދިން މަތީގައިވާ ކުށެއް ކުރުން

ކުޑަކުދިން ބަނދުކުރާ ތަނެއްގައި 5 އަހަރަށް ވުރެން ދިގުނޫން މުއްދަތަކަށް ބަންދުކުރުން

7

ކުޑަކުއްޖަކު ލައްވާ ޖިންސީ އަމަލެއް ހިންގުމަށް އެހީތެރިވެދިނުން

7 އަހަރާއި 10 އަހަރާއި ދެމެދު މުއްދަތަކަށް ޖަލަށްލުން

8

އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ޖިންސީ އަމަލު ހިންގުން

15 އަހަރާއި 18 އަހަރާއި ދެމެދު މުއްދަތަކަށް ޖަލަށްލުން

9

އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ޖިންސީ އަމަލެއް ހިންގުވުން

15 އަހަރާއި 18 އަހަރާއި ދެމެދު މުއްދަތަކަށް ޖަލަށްލުން

10

އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖެއްގެ ހާޒިރުގައި ޖިންސީ އަމަލެއް ހިންގުން

15 އަހަރާއި 18 އަހަރާއި ދެމެދު މުއްދަތަކަށް ޖަލަށްލުން

11

އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކު ލައްވައި ޖިންސީ އަމަލެއް ބެލުވުން

15 އަހަރާއި 18 އަހަރާއި ދެމެދު މުއްދަތަކަށް ޖަލަށްލުން

12

އާއިލާގެ މެންބަރަކާއެކު ޖިންސީ އަމަލެއް ހިންގުން

20 އަހަރާއި 25 އަހަރާއި ދެމެދު މުއްދަތަކަށް ޖަލަށްލުން

13

ކުޑަކުއްޖަކު ލައްވާ ޖިންސީ އަމަލެއް ހިންގުމަށް ޢާއިލާގެ މެންބަރަކު ހިތްވަރުދިނުން

20 އަހަރާއި 25 އަހަރާއި ދެމެދު މުއްދަތަކަށް ޖަލަށްލުން

14

އަގު ދޭގޮތަށް ޖިންސީ އަމަލެއް ކުޑަކުއްޖަކާއެކު ހިންގުން

15 އަހަރާއި 21 އަހަރާއި ދެމެދު މުއްދަތަކަށް ޖަލަށްލުން

15

ކުޑަކުދިން މެދުވެރިކޮށް އޮރިޔާންކާޑު ހެދުން ނުވަތަ ހަށި ވިއްކުން

20 އަހަރާއި 25 އަހަރާއި ދެމެދު މުއްދަތަކަށް ޖަލަށްލުން

16

މަޖުބޫރުން ހަށިވިއްކުމާއި އޮރިޔާން ކާޑު ހެއްދުން

20 އަހަރާއި 25 އަހަރާއި ދެމެދު މުއްދަތަކަށް ޖަލަށްލުން

17

މަސްތުކުރުވައިގެން ޖިންސީ އަމަލު ހިންގުން

25 އަހަރުގެ މުއްދަތަކަށް ޖަލަށްލުން

18

ޖިންސީ އަމަލެއް ހިންގުމަށް ގެއަކަށް ވަނުން

1 އަހަރާއި 10 އަހަރާއި ދެމެދު މުއްދަތަކަށް ޖަލަށްލުން

19

ޖިންސީ ގުނަވަނެއް ދެއްކުން

3 އަހަރުގެ މުއްދަތަކަށް ޖަލަށްލުން

20

އެކަކަށްވުރެން ގިނަ މީހުން ބައިވެރިވެގެން ކުށް ކުރުން

އޭގެތެރެއިން ކޮންމެ މީހަކު 20 އަހަރާއި 25 އަހަރާއި ދެމެދު މުއްދަތަކަށް ޖަލަށްލުން

 

އާއިލާ ތެރެއިންނާއި އާއިލާގެ ބޭރުން އަދި ކުޑަ ކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުންނަ މީހެއްގެ ފުށުން ނަމަވެސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރިމަތިވަމުން ދެއެވެ. މިގޮތުން ކުޑަ ކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީހެއްކަމުގައި ބެލެވެނީ އެކުއްޖަކާއި އެކު އަންނަނިވި ގުޅުންތަށް ގުޅިފައިވާ މީހުންނެވެ.

މައިންބަފައިން، ޝަރުއީ ބަލަދުވެރިން، ބެލެނިވެރިން، އިސްލާމްދީނުގައި ކާވެނި ހެޔޮނުވާ މީހުން، ޤާނޫނެއްގައިވާ ގޮތުގެމަތިން ކުޑަކުއްޖަކަށް ހިދުމަތްދެމުންދާ ނުވަތަ އެ ކުއްޖަކު ބަލަހައްޓަމުންދާ މީހުންގެ ތެރެއިން މީހެއް، ތަހުގީގައްޓަކައި ކުޑަކުއްޖަކު ބަންދުކޮށްފައިވާ ތަނެއް ބަލަހައްޓާ މީހެއް، ކުޑަކުއްޖަކު ގެއެއްގައި ބަހައްޓާފައިވާނަމަ އެ ގެއެއްގެ މީހެއް، ހޮސްޕިޓަލް ނުވަތަ ކްލިނިކު ތަކުގެ މީހުން، ކުޑަކުއްޖަކު ދިރިއުޅޭ ގޭގެ މީހެއް، ކުޑަކުއްޖަކު ތަޢުލީމު ހާސިލްކުރަމުންދާ ތަނުގެ މީހެއް، ކުޑަކުއްޖަކު ވަޒީފާ އަދާކުރަމުންދާ ނުވަތަ މަސައްކަތުގެ ހުނަރު ދަސްކުރަމުންދާ ތަނުގެ މީހެއް، ކުޑަކުއްޖަކަށް އިރުޝާދާއި ލަފާ ދޭންޖެހޭ މަގާމެއްގައި ހުރި މީހެއް އަދި ކުޑަކުއްޖަކު ބެލެހެއްޓުން ޙަވާލުކުރެވިފައިވާ މީހުން ބެލެވޭނީ ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީހެއް ކަމުގައެވެ.

ޤާނޫނުގެ ބައެއް އާންމު އުސޫލުތަކަށް ބަލާއިރު، މިޤާނޫނުގައި ކުށެއްކަމަށް ބަޔާންކޮށްފައިވާ ކަމެއް ދިމާވެފައިވާ ކުޑަކުއްޖާގެ ތަފްސީލްތައް، މީޑިއާގައި ޝާއިޢުކުރުމަކީ، ނުވަތަ އެ ތަފްސީލުތައް އެ މައުލޫމާތު ހުރި އިދާރާއަކުން ދޫކުރުމަކީ ހުއްދަ ކަމެއް ނޫނެވެ. އަދި އެފަދަ ކުއްޖަކަށް ދިރިއުޅުމުގައި ބޭނުންވާ ކައުންސެލިންގ ސަރުކާރުގެ ޚަރަދުގައި، ސަރުކާރުން އިންތިޒާމް ކުރާ އުސޫލެއްގެމަތިން ދޭންވާނެ ކަމަށް މިޤާނޫނުގައި ވެއެވެ. ހަމަ އެހެންމެ މިފަދަ ޝިކާރައަކަށްވާ ކުއްޖަކު ބެލެހެއްޓުމުގައި އެކުއްޖާގެ މައިންބަފައިންނަށް މާލީ އެހީތެރިކަން ބޭނުންވެއްޖެ ހިންދެއްގައި އެ އެހީތެރިކަން ސަރުކާރުން ފޯރުކޮށްދޭން ޖެހެއެވެ.

ސްކޫލް މާހައުލުގައި އުނގަންނައިދޭ ފިލާވަޅުގެ އިތުރުން ދިރިއުޅުމުގެ މާހައުލުގައި ދިމާވެދާނެ ކަންކަމާއި ގޮންޖެހުންތައް އެކުދިންނަށް ކިޔައިދީ ހެޔޮގޮތުގައި ދުނިޔެއަށް ލޯހުޅުވިފައި ތިބި ކުދިން ތަކެއް ތަރުބިއްޔަތު ކުރުމަކީ މުދަރިއްސުންނާއި މައިންބަފައިންގެ ޒިންމާއެކެވެ. މާތްވެގެންވާ އިސްލާމްދީނުގައި އަންގަވާފައިވާ ކަންކަން އެކުދިން ބޮޑެތިވަމުން އަންނަވަރަކަށް އެކުދިންގެ އުމުރާއި ގުޅޭނެހެން ކިޔައިދިނުމާއި ރަނގަޅާއި ނުބައި ވަކިވާނެހެން އިސްލާމީ އަހްލާގިއްޔާތު ދަސްކޮށްދިނުމަކީ ޒިންމާ­­­­ދާރު މަގާމުތަކުގައި ތިބި އެންމެންގެ ވެސް މަސްއޫލިއްޔަތެކެވެ.

ކުށްކުރާ މީހާ ކުށަށްއަރާގަތުމުން، މިފަދަ ޤާނޫނަކުން ބާރު ލިބިގެން އެމީހަކު އިންސާފުގެ ކުރިމައްޗައް ގެނެވިދާނެއެވެ. އެހެންނަމަވެސް ރައްކާވެތިބިއްޔާ ދަތުރޭ ބުނާފަދައިން ކުށްކުރާމީހާ އެކުށަށް އަރައިގަތުމުގެ ކުރިން އެމީހުންގެ ކިބައިން ކުދިން ސަލާމަތް ކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް ޒިންމާދާރު ކަމާއެކު ކުރުމަކީ އެންމެންގެވެސް މަސްއޫލިއްޔަތެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355