twitterviber whatsapp telegramfacebookyoutube instagram
19th April 2024

ހަސަން މަރުވީ ލަންކާގައި ތަ ؟ ނޫނީ ސިރިއާގަ ތަ ؟

Nov 16, 2016

މިދިޔަ އާދިއްތަ ދުވަހު ލަންކާގައި ހިނގި އެކްސިޑެންޓެއްގައި ހަސަން އަލީ (29އ) އާއި އޭނާގެ ދަރިފުޅު ނިޔާވީ ލައްކާގައި ކަމާ މެދު ސުވާލު އުފެދިއްޖެ އެވެ. ހަސަން އަލީގެ މަރާ ގުޅިގެން އާއިލާ މީހުން ދައްކާ ވާހަކަތައް ތަފާތެވެ.

ހަސަން އަލީގެ ކޮއްކޮއެއް މިނޫހަށް ބުނެފައިވަނީ އޭނާގެ ބޭބެ އާއި ބޭބެގެ ދަރިފުޅު ނިޔާވީ ލަންކާގައި ހިނގި އެކްސިޑެންޓެއްގައި ކަމަށެވެ. ނަމަވެސް ކޭއޯއަށް މައުލޫމާތު ދެއްވަމުން ފޮރިން މިނިސްޓްރީން ބުނެފައިވަނީ ލަންކާގައި ހިނގި ކަމަށް ބުނާ އެ އެކްސިޑެންޓްގެ މައުލޫމާތު އެމްބަސީއަށް ރިޕޯޓްކޮށްފައި ނުވާ ކަމަށެވެ. އަދި އެކަމުގެ މައުލޫމާތު ލަންކާގައި ހުންނަ ދިވެހި އެމްބަސީ އާއި ފޮރިން މިނިސްޓްރީން އޮޅުންފިލުވުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.

ހަސަންގެ މަރާ ގުޅިގެން އޭނާގެ ބޮޑުބޭބެ ކަމަށްވާ އަބުދުލް ރަޝީދު ކޭއޯއަށް މިއަދު ބުނީ، ހަސަން މަރުވީ ލަންކާގައި ކަމާ މެދު ވަރަށް ބޮޑަށް ސުވާލު އުފެދޭ ކަމަށެވެ. އެކަމުގެ ސާފު މައުލޫމާތު ހާމަކުރުމަށް ހަސަންގެ އެއްބަނޑު މީހުން ދެކޮޅު ހަދައި ކަމަށާއި ހެއްކާއެކު އެކަން ފޯރުކޮށްދެވިފައިނުވާ ކަމަށެވެ.

“އެ މައުލޫމާތު ލިބިގެން އަޅުގަނޑު އޭނާގެ ކޮއްކޮ އާއި ސުވާލުކުރިން، އޭނާ ބުނީ ހަސަނާއި ދަރިފުޅު ނިޔާވި ކަމުގެ ހަބަރު ދިނީ ހަސަންގެ އަންހެނުން ފޯނުކޮށްފަ ކަމަށް. އިތުރުން އެއްވެސް ތަފްސީލެއް ނުލިބޭކަމަށް އަދި ފަހުން ހަސަންގެ އަންހެނުން ގުޅި ނަމްބަރަށް ނުގުޅޭ ކަމަށް ބުނި” އަބުދުއް ރަޝީދު ބުންޏެވެ.

ހަސަންގެ އެއްބަނޑު މީހުންނާއި ސުވާލުކުރީމަ އެކަމުގެ ތަފްސީލީ އެއްވެސް މައުލޫމާތެއް ނުދިން ކަމަށް އަބްދުއްރަޝީދު ބުންޏެވެ. އަދި އެކަމާ ސުވާލުކުރާތީ އާއިލާއިން ރުޅި އައިސްފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

އަބުދުއް ރަޝީދު ބުނީ އެ ޙަބަރު އެއްވެސް މީޑިއާއަކުންވެސް ނުފެނި ސުވާލު އުފެދޭ ކަންތަކެއް ހުރުމުން އެކަމުގެ މައުލޫމާތު ހޯދުމަށް އެދި އިއްޔެ ފުލުސް އޮފީހުގައި ވެސް އެދިފައިވާނެ ކަމަށެވެ.

“ލަންކާގައި އެކްސިޑެންޓެއް ހިނގާ ބަޔަކު ނިޔާވެއްޖެނަމަ އެކަން ފުލުހުން ބަލާފަ ދެން އެއީ ކޮން ގައުމެއްގެ ބައެއް ތޯ ބަލާފަ، އެކަން ދާނީ އެމްބަސީއަށް،” އިތުރަށް ސުވާލު އުފައްދަމުން އަބުދުއްރަޝީދު ބުންޏެވެ.

އަބުދުއް ރަޝީދުގެ އިތުރުން ނިޔާވި ހަސަން އަލީގެ އެއްބަފާ މީހަކުވެސް ކޭއޯ ވަނީ އެކަމާ ގުޅިގެން އިންޓަވިއުދީފަ އެވެ. އޭނާވެސް ވަނީ ހަސަން ނިޔާވީ ލަންކާ ކަމާ މެދު ސުވާލު އުފައްދާފަ އެވެ.

ހަސަން އަލީ މަރުވީ ސީރިއާގައި ކުރާ ދާހިލީ ހަނގުރާމާގެ ތެރޭގައި ކަމަށް ވެސް ގިނަ ބަޔަކު ދަނީ ރަށު ތެރޭގައި ވާހަކަ ދައްކަމުންނެވެ. އޭގެ ތެރޭގައި އޭނާގެ ބައެއް އާއިލާ މެންބަރުން ވެސް ހިމެނެ އެވެ. އެ ވާހަކަތަކަށް ބާރު ލިބޭ ކަންކަން ވެސް އެބަހުއްޓެވެ. ހަސަން މަރުވީ ލަންކާގެ ހިނގި އެކްސިޑެންޓެއްގައި ބުނަނީ ހަމައެކަނި އޭނާގެ އެއްބަނޑު މީހުންނެވެ. އެއްބަފާ މީހުންނާއި މަންމަ އާއިލާގެ ވެސް ގިނަ ބަޔަކު ތުހުމަތުކުރަނީ ހަސަން މަރުވީ ސީރިއާގަ ކަމަށެވެ.

ހަސަން މަރުވިތާ ހަތަރު ދުވަސްވެފައިވާއިރު އޭނާ ލަންކާގައި މަރުވެފައިވާ ކަމެއް އަދިވެސް ފޮރިން މިނިސްޓްރީއަށާއި ލަންކާ އެމްބަސީއަށް ހޯދިފައެއް ނުވެ އެވެ. ހަސަން މަރާ ގުޅިގެން ފާއިތުވި 4 ދުވަހު ރަސްމީ އިދާރާތަކަށް ގުޅައިގެން މައުލޫމާތު ހޯދުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބު ނުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355