twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކުޅުދުއްފުށީގެ ބޮޑެތި މަޝްރޫއުތައް: އިވެނީ ހަމައެކަނި އަޑެއް، ރެނދެއް ނުލައި

Nov 22, 2016

ކުޅުދުއްފުށީ ގިނަ ބައެއްގެ ތާއީދުން ހޮވުނު ރައީސް ޔާމީންގެ ސަރުކާރަކީ ކުޅުދުއްފުއްޓަށް ގިނަ ވައުދުތަކެއް ވެފައިވާ ސަރުކާރެކެވެ.

ކުޅުދުއްފުށީގެ ގިނަ ބަޔަކު ރައީސް ޔާމީންގެ ކެމްޕޭން ދުވަސްވަރު ކުރެއްވި ބޮޑެތި ވައުދުތަކަށް ލެނބި ލޯމައްޗަށް ދައްކާލި ކުރެހުންތަކަށް ހެއްލި ވޯޓު ދެއްވީ ޔަގީނުންވެސް ރަށަށް ލިބޭނެ ކުރިއެރުމަށް ވިސްނާފަ އެވެ. އެހެންނަމަވެސް ސަރުކާރަށް ތިން އަހަރު ފާއިތުވެގެން ދިޔައިރު، އަދި އެކަން ވަނީ ފޫނެއްފަޔަކަށް ފެން ފުރުން ފަދަ ކަމަކަށެވެ.

އެންމެ ބޮޑަށް ކުޅުދުއްފުށީގެ ރައްޔިތުންނަށް ދެއްކި އެއް މަންޒަރަކީ ރައީސް ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރު ކުޅުދުއްފުށީ ހުޅަނގު ފަރާތުން ހިއްކި ބިމުގައި ރައީސް ޔާމީންގެ ވެރިކަމުގައި ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވި ޕްރޮޖެކްޓް ތަކުގެ މަސައްކަތުގެ ވާހަކަތަކާ އެތަން 2018 ވަނަ އަހަރު ނިމޭއިރު އޮންނާނެ ގޮތް ކަމަށްބުނެ ދެއްކި މޮޅު ވީޑިއޯ އެވެ.

އެގޮތުން އެ ބިމުގައި ކޮންވެންޝަން ސެންޓަރުތަކާއި ފޮރިން އިންވެސްޓްމެންޓްތައް ގާއިމުކުރެވޭނެ ކަމަށާއި އެ ބިން ހާއްސަ އިގްތިސާދީ ޒޯންގެ ދަށުން ތަރައްގީ ކުރެވިގެންދާނެ ކަމަށް ކުރީގެ ނައިބް ރައީސް އަހުމަދު އަދީބުވެސް ވަނީ ވިދާޅުވެ ފައެވެ. އެެހެން ނަމަވެސް އެބޭފުޅާ މަގާމުން ގެއްލުނު ގޮތަށް ރައީސްގެ ވައުދުތައް ވެސް ވަޔަށް އަރައިގެން ދިޔައީ ކަންނޭނގެ އެވެ.

އެ ސަރަހައްދުގައި ޕްރޮޖެކްޓެއް ހިންގުމަށް އެންމެ ގައު ކޮޅެއްވެސް ހިއްލާލެވިފައި ނުވާއިރު އަޅަންފަށާފައިވާ ރޯހައުސްތަކުގެ މަސައްކަތްވެސް އަދި އަދަށް ދާންދެން ވެސް ވަނީ ނިންމާލެވޭވަރު ނުވެފައެވެ.

ނިމިގެން މިދިޔަ 2015 ވަނަ އަހަރު ކުޅުދުއްފުށީ ހިއްކި ސަރަހައްދު ތަރައްގީކުރުމަށް ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕޯޓް އެންޑް އާރބަން އެކްސެސިބިލިޓީ ޕްރޮޖެކްޓްގެ މަސައްކަތް އެއްވެސް ވަރަކަށް ފެށިފައެއް ނުވެއެވެ. އަދި މި އަހަރަށް ބަޖެޓްކުރި ވެލިގަނޑު ހިމާޔަތް ކުރުމުގެ މަސައްކަތްވެސް އޮތްތާނގައި ހަމަ އޮތީ އެވެ.

އެެހެން ކަމުން ކުޅުދުއްފުށީ “ސިޓީ” އަކަށް ބަދަލުވުން އަދި ދުރުގައި އޮއްވައި ރަށުގެ ހުރިހާ ރައްޔިތުންގެ ހުވަފެންތަކާއި ގުޅިފައި އޮތް ހިއްކި ސަރަހައްދު ހިމާޔަތް ކުރުންވެސް އޮތީ ވަރަށް ދުރުގައެވެ. މިދިޔަ އަހަރުގެ އޮގަސްޓް މަހު ހައުސިން މިނިސްޓްރީންވެސް ވަނީ 2016 ވަނަ އަހަރު ކުޅުދުއްފުށީ ހިއްކި ބިން ތަރައްގީ ކުރާނެ ކަމަށް ބުނެފަ އެވެ. އަދި އެސަރަހައްދު ގިރަމުން ދާތީ އެކަން ހުއްޓުވުމަށް އެސަރަހައްދުގައި ބަނދަރެއް ގާއިމް ކުރެވިގެން ދާނެ ކަމަށްވެސް އެމިނިސްޓްރީން ބުނެފައި ވެއެވެ. މި ބަނދަރު ގާއިމް ކުރުމަށްޓަކައި އޭޝިއަން ޑިވެލޮޕްމެންޓް ބޭންކު (އޭޑީބީގެ) ހިލޭ އެހީ ވެސް ވަނީ މިހާރު  ހަމަޖެހިފަ އެވެ.

ބަނދަރު ގާއިމް ކުރުމަށް އެސަރައްހައްދު ބަލައި ދިރާސާ ކުރުމަށް ހައުސިން މިނިސްޓްރީން ވެސް ބަޔަކު އައިކަމަށް ވެއެވެ. އެހެން ނަމަވެސް އެ ދިރާސާއެއް ކުރިތާ 5 މަހަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު އެކަމުގެ އަޕްޑޭޓެއްވެސް ލިބިފައިވެސް ނުވެއެވެ. އަދި މިދިޔަ އަހަރު އޮގަސްޓް މަހު ހައުސިން މިނިސްޓްރީންވެސް ވަނީ މި އަހަރު ކުޅުދުއްފުށީ ހިއްކި ބިން ތަރައްގީ ކުރާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް މި އަހަރު ނިމެން މަސްދުވަހަކަށް ވެގެންދާއިރުވެސް މިއިން އެއްވެސް މަސައްކަތެއް ފެށިފައެއް ނުވެއެވެ.

ކުޅުދުއްފުށީ ބަނދަރު ގާއިމް ކުރުމަށްޓަކައި އޭޝިއަން ޑިވެލޮޕްމެންޓް ބޭންކު (އޭޑީބީ)ގެ ހިލޭ އެހީދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. އެހީގެ ކަންކަން ހަމަޖެހުނުއިރު އަމަލީ މަސައްކަތްކުރަން އަދި މިހާތަނަށް އެއްވެސް ބަޔަކާ ހަވާލުކޮށްފައެއް ނުވެއެވެ.

މިކަންކަން ސަރުކާރާއި ކަމާ ބެހޭ މުއައްސަސާތަކަކުގެ ސަމާލުކަމަށް ގެނައުމަށްޓަކައި ހދ އަތޮޅު ކައުންސިލުންނާއި ކުޅުދުއްފުށީ ކައުންސިލުން އެތައް ފަހަރެއްގެ މަތިން ކުރަމުން އައި މަސައްކަތުގެ އަލި މަގެއް މިއަދާހަމައަށް އައި އިރުވެސް ވަނީ ފެންނަ ގޮތް ނުވެފައެވެ.

ރައީސް ޔާމީންގެ ވެރިމަުގެ ފުރަތަމަ 2 އަހަރު ތެރޭގައި އަޅުއްވާ ދެއްވާނެ ކަމަށް ވައުދުވި އެއާޕޯޓްގެ ހިޔާލީ ކުރެހުމެއް–

 

ދެން ގިނަ ބަޔަކު ހަގީގަތަކަށް ހަދަން ބޭނުންވީ ކުޅުދުއްފުށީ އެއާޕޯޓެވެ. އެކަން އަންނަ އަހަރުގެ ބަޖެޓްގައި ހިމަނައި އެކަންވަނީ ފާސް ވެސް ކޮށްފަ އެވެ. 2018 ކައިރި ވީ ވީހެން އެމަސައްކަތުގެ އަޕްޓޭޑް ލިބޭލެއް ގިނަ އެެވެ. ދެން ރައީސް ޔާމީން ކުޅުދުއްފުއްޓަށް ވަޑައިގަންނަވާނީ އެއާޕޯޓްގެ މަޝްރޫއު އިފްތިތާހްކުރެއްވުމަަށް ކަމަށް ގިނަ ބަޔަކު ބުނެއެވެ.

މަގު ހެދުމުގެ މަސައްކަތްވެސް މިދިޔަ ސެޕްޓެމްބަރ މަހު 20 ގައި ފެށިފައިވާއިރު އެމަސައްކަތް ވެސް ކުރިއަށް ދަނީ މުސްކުޅި ސާރިދޯޅެއްގެ ސްޕީޑުގައިކަން ފާހަގަ ކުރެވެއެވެ. އަދި ކިރިޔާ ނިންމާލެވުނީ އެންމެ މަގެއްގައި ހޮޅި ވަޅުލާ ކާނު ބެހެއްޓުމުގެ މަސައްކަތެވެ.

ދެން އޮތީ 2018 އަށް ތައްޔާރުވުމެވެ. މަޝްރޫއުތައް ދަނީ ފުއްލާ ސްޕީޑްގައި ތޯ މުސްކުޅި ސާރިދޯޅެއްގެ ސްޕީޑްގައި ތޯ ބަލަން ކުޅުުދުއްފުށީ ރައްޔިތުން ތިބޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355