twitterviber whatsapp telegramfacebookyoutube instagram
20th April 2024

މުހައިމިން- ފެޝަން ޑިޒައިންގެ ދާއިރާއިން އަރަމުން އަންނަ ތަރިއެއް

Dec 11, 2016

ޒަމާނުއްސުރެ ކުޅުދުއްފުއްޓަކީ ފަންނުވެރިންނާއި މަސައްކަތްތެރިން ދިރިއުޅެމުންއައި ރަށެކެވެ. އެހެންނަމަވެސް ފަންނުވެރި މަސައްކަތްތެރިން ދިޔައީ މަޑުމަޑުން ފަނޑުވަމުންނެވެ. މިފަދަ މަސައްކަތްތަކަށް ބިދޭސީންގެ ބާރު ދިޔައީ ގަދަވަމުންނެވެ. ނަމަވެސް ކުޅުދުއްފުށީ، އަލީބޮޚައިރީގެ، އަބްދުލް މުހައިމިން އިބްރާހިމް (20) އަކީ ރަށުގައި ދިރިއުޅޭ ފަންނުވެރިންގެ ތެރެއިން ހުނަރުވެރި ޒުވާނެެކެވެ.

މުހައިމިންއަކީ ހެދުން ފެހުމުގެ ދާއިރާއިން މިހާރު ކުޅުދުއްފުށީގައި އައު ނަމަކަށް ނުވާނެވެ. ހެދުން ފެހުމާއި ޑިޒައިން ކުރުމުގެ އިތުުރުން ބޮކޭ ހެދުމާއި މޭކަޕް ކޮށްދިނުމަކީވެސް މުހައިމިން ޝައުގުވެރިކަމާއި އެކު ކުރަމުން އަންނަ މަސައްކަތެކެވެ.

މުހައިމިންގެ ގައުން ކަލެކްޝަންގެ ހެދުމެއް–

މުހައިމިން ހެދުން ފެހުމުގެ ދާއިރާއަށް ޝައުގުވެރިވީ ކުރިންސުރެ ބޮޑެތި ހަފްލާތަކާއި އެވޯޑް ފަންޝަން ތަކުގައި އަންހެން ކުދިން ލައިފައި ހުންނަ ހެދުންތައް ފެނި އެ ހެދުންތައް ފަހާފައި ހުންނަ ގޮތާއި ޑިޒައިންތައް ފެންނަން ފެށި ހިސާބުން ނެވެ. އަދި އެއިރުވެސް ހެދުންތައް ހަދާފައި ހުންނަ ގޮތް ވަރަށް ކައިރިން ބަލަން ބޭނުންވާ ކަމަށް މުހައިމިން ބުންޏެވެ.

މުހައިމިން ބުނީ އެންމެ ފުރަތަމަ ރީތިވާން ފެށީ ފިލްމީތަރި ނިއުމާ މުހައްމަދު އެކި ފަންޝަން ތަކުގައި ލައިފައި ހުންނަ ބޮޑެތި ހެދުންތައް ކަމަށާއި ނިއުމާ ބޭނުންކުރާހާ ރީތި ބޮޑެތި ހެދުން ދިވެހި އެހެން ފަންނާނަކު ލައިފައި ހުއްޓާ ނުދެކޭކަމަށް މުހައިމިން ބުންޏެވެ. ފެހުމަށް މުހައިމިން ގެ ހިތް ޖެހުނު ގޮތަކީ މިއީ އެވެ.

އުމުރުން 15 އަހަރުގައި ފުރަތަމަ ކުޑަކުދިންގެ ވައު ފުރާފައި ހުންނަ ހެދުން އަތުން ފަހަމުން އައިސް މަންމަ ގެއަށް ފަހާ ފޮށްޓެއް ގެނައި ހިސާބުން އަމިއްލަ އަށް ހުރިހާ ސްޓިޗްތަކެއް މަޑުމަޑުން ދަސްކުރުމަށްފަހު އެންމެ ފުރަތަމަ ހެދުމެއް ފަހައި ދިނީ މަންމަ އަށް ކަމަށް މުހައިމިން ބުންޏެވެ

މުހައިމިން ބުނީ އެންމެ ފަހާ ހިތްވަނީ ބޮޑެތި ކުރިއޭޓިވް ވެޑިން ޑުރެސް ނުވަތަ މުހިންމު ހަފްލާ ތަކަށް ބޮޑެތި ހެދުން ކަމަށެވެ. އަދިި މިހާތަނަށް އެންމެ ބުރަކޮށް މަސައްކަތް ކޮށްފައިވާނީ ވެސް ވެޑިން ޑުރެސް އަކަށް ކަމަށް ބުންޏެވެ.

މުހައިމިން މިހާތަނަށް އެންމެ ބުރަކޮށް މަސައްކަތް ކުރި ވެޑިން ޑްރެސް އަދި މުހައިމިންގެ މޭކަޕް–

މި މަސައްކަތް ރަށުގައި ކުރުމަށް އެންމެ ދަތިވާ ކަމަކީ ބޭނުންވާ މެޓީރިއަލްސް ރަށުން ލިބެން ނެތުން ކަން މުހައިމިން ފާހަގަ ކުރިއެވެ. ހާއްސަކޮށް ވެޑިން ޑްރެސްއަށް ބޭނުންވާ ލޭސް އަދި ޑިޒައިން ކުރުމަށް ބޭނުންވާ ތަކެތި ލިބެން ނުހުރުން އެއީ ދިމާވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް މުހައިމިން ބުންޏެވެ.

“އެންމެ ބޮޑު ގޮންޖެހުމަކަށް ވަނީ ވެޑިން ޑުރެސް އެއް ފަހަށް ބެލިއަސް ރަށުން ރީތި އެއްޗެހި ލިބެއް ނެތުން، ހާއްސަކޮށް ރީތި ލޭސް. ލޭސް އަކީ ހެދުމުގެ ވަރަށް ބޮޑު ބައެއް ކުޅޭ އެއްޗެއް.” މުހައިމިން ބުންޏެވެ.

މުހައިމިން ބުނިގޮތުގައި ގިނަ ވާނީ އަމިއްލަ ޑިޒައިންސް އިން ތައްޔާރު ކުރެވިފައި ހުރި ހެދުން ކަމަށެވެ. އަގު ކިޔުމުގައި އެފަރާތުން ވަކި އަގަކަށް ނިންމަން ކަމަށް ވަނީނަމަ އެ އަގަށް ފެތޭވަރަށް ހެދުން ތައްޔާރު ކޮށްދޭ ކަމަށެވެ.

“ހެދުން ވަކި އަގަކަށް ފިކްސް ކޮށްގެން ބުނެފިނަމަ އެ އަގަކަށް ނިންމަން. އޭގައި ދެން އެމީހުން ފަހަން ބޭނުންވާ ހެދުމަށް މެޓީރިއަލްސް ދީގެން ނަމަ އަގަށް ބޮޑު ބަދަލެއް އަންނާނެ.” މުހައިމިން ބުންޏެވެ

ބޮޑަށް ފަހާ ހިތް ވަނީ އަންހެން ކުދިންގެ ހެދުން ނަމަވެސް ފިރިހެނުންގެ ވެސްޓް މިހާރުވެސް ފަހާ ކަމަށާއި އަދި އިތުރަށް ފިރިހެން ގަމީސް ފަހަށް މިހާރު ދަސްކުރަމުން ދާކަމަށް މުހައިމިން ބުންޏެވެ.

މުހައިމިންގެ ބޯއީސް ވެސްޓް ކަލެކްޝަން އަދި ބީން ގޯޖަސްގެ ކަލެކްޝަންގެ ހެދުމެއް–

މި މަސަކަތުގައި ކުރިއަށް ދިއުމަށް ގިނަ ބައެއްގެ އެހީތެރިކން ލިބޭ ކަމަށާއި އެގޮތުން އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ އާއިލާއާއި، ރަށްޓެހިންގެ ފަރާތުން ކަމަށެވެ. އަދި މި މަސައްކަތް އިތުރަށް ފުރިހަމަ ކޮށް އެންމެ ގިނަ އެއްޗެހި ދަސްކޮށްދިނީ “އިބޫސް ޑިޒައިންސް” ގެ އިބޫ ކަމަށެވެ. އެ ފަރާތަކަށް މުހައިމިން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

މޭކްޕް އަދި ބޮކޭ ހަދަން ފަށާފައި ވަނީ ވަރަށް ފަހުން ކަމަށާއި މިހާރުވެސް މަދުމަދުން ކުދިންގެ މޭކަޕް ކޮށް ބޮކޭވެސް ހަދާފައިވާނެ ކަމަށް މުހައިމިން ބުންޏެވެ. މުހައިމިން ބުނީ މޭކަޕް ކުރަން ދަސްކުރީ އަމިއްލައަށް ވީޑިއޯ ފަދަ ތަކެތި ބަލައިންގެން ކަމަށާއި އެހެން ނަމަވެސް މި މަސައްކަތްވެސް އިތުރަށް ދަސްކުރަން ބޭނުން ކަމަށެވެ.

މުހައިމިންގެ ޕްރެންސެސީ ބްރައިޑް އަދި މާމެއިޑް ކަލެކްޝަންގެ ހެދުމެއް–

މި ދާއިރާއިން މުހައިމިން އެންމެ ދެކެން ބޭނުންވަނީ ކޮންދުވަހެއްތޯ އަހާލުމުން ބުނީ މި ދާއިރާއިން ހިތްވަރު ދިނުމުގެ އެވޯޑެއް ލިބުން ވަރަށް ބޭނުންކަމަށާއި އަދި އެންމެ ކަމުދާ ފިލްމީ ތަރި ނިއުމާގެ ޕާސަނަލް ފެޝަން ޑިޒައިނާ އަކަށް ވެވޭނެ ދުވަހެއް ދެކެން ބޭނުންވާ ކަމަށެވެ.

މުހައިމިން ބުނިގޮތުގައި މިއީ ޝައުގު އުފެދިއްޖެނަމަ ކުރިއަށް ދާ ރަނގަޅު ދާއިރާއެއްކަމަށާއި އަދި މަސައްކަތް ކުރެވިއްޖެނަމަ ރަނގަޅު ނަފާއެއް ލިބޭން މަސައްކަތެއް ކަމަށެވެ. އަދި މިކަމަށް ޒުވާނުން މަދުވާން ދިމާވަނީ ބުރަ މަސައްކަތަކަށް ވެފައި ރަށުގައި މި މަސައްކަތް ކުރަށް އުދަނގޫ ވުމުގެ އިތުރުން މަސައްކަތަށް ލިބެން ބޭނުންވާ އަގު ބުނަން ނުކެރުން ކަމަށް ވެދާނެ ކަމަށް މުހައިމިން ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355