twitterviber whatsapp telegramfacebookyoutube instagram
27th April 2024

ނޮޅިވަރަމްގެ ޕްލަކް ޓީސީ ބަލިކޮށް ޓީމް ކޮރަލްސް އިން ޗެމްޕިއަންކަން ހޯދައިފި

Dec 16, 2016

ހިރަފުސް ޔޫތު ޗެމްޕިއަންޝިޕް 2016 ގައި ނޮޅިވަރަމްގެ ޕްލަކް ޓީސީ 5-1 އިން ބަލިކޮށް ޓީމް ކޮރަލްސް އިން ޗެމްޕިއަންކަން ހޯދައިފި އެވެ.

މިއަދު ހަވީރު ކުޅުނު ފައިނަލު މެޗުގެ ފުރަތަމަ ހާފުގައި ކޮރަލްސް އިން ވަނީ 5 ލަނޑު ޖަހާފަ އެވެ. މީގެ ތެރެއިން 4 ލަނޑު ޖަހާފައިވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި ކޮރަލްސްގެ ޖާޒީ ނަންބަރު 21 އިބްރާހިމް ވަހީދު އެވެ. އަނެއް ލަނޑު ކާމިޔާބު ކުރީ ކޮރަލްސްގެ ޖާޒީ ނަންބަރު 7 ފިރާޒު އެވެ.

ކޮރަލްސް އިން މެޗުގައި ލީޑު ނެގީ މެޗުގެ 13 ވަނަ މިނެޓްގައި އިބްރާހިމް ވަހީދު ތިން ކުޅުންތެރިން ކައިރިން ނެއްޓުމަށްފަހު ކާމިޔާބުކުރި ލަނޑަކުންނެވެ. ކޮރަލްސްއިން ލީޑު ފުޅާކުރީ މެޗުގެ 21 ވަނަ މިނެޓްގައި އިބްރާހިމް ވަހީދަށް ލިބުނު ހުސް ފުރުސަތެއްގައި ކާމިޔާބު ކުރި ލަނޑަކުންނެވެ.

ތިން ވަނަ ލަނޑު ވެސް އިބްރާހިމް ވަހީދު ކާމިޔާބުކުރިއިރު މިއީ މެޗުގެ 29 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ. ހަތަރު ވަނަ ލަނޑު ފިރާޒު ކާމިޔާބުކުރީ ނޮޅިވަރަމްގެ ޑިފެންޑަރެއް ކީޕަރަށް ޖައްސާލި ބެކް ޕާހެއް އަތުލުމަށްފަހު އެވެ. މެޗުގެ 42 ވަނަ މިނެޓްގައި އިބްރާހިމް ވަހީދު ވަނީ މެޗުގެ ނަތީޖާ 5-0 އަށް ބަދަލުކޮށްލާފަ އެވެ.

ފުރަތަމަ ހާފުގެ ބޮޑުބައި ކޮރަލްސް އިން ޑޮމިނޭޓް ކުރި ނަމަވެސް ފަހު ހާފުގައި ޕްލަކް ޓީސީ އިން ވަނީ ކުޅުން ރަނގަޅުކޮށް ލަނޑެއް ކާމިޔާބުކޮށްފަ އެވެ. ނަމަވެސް މާ ނުރައްކާތެރި ހަމަލާތަކެއް އުފެއްދިފައެއް ނުވެ އެވެ.

މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ކޮރަލްސް އަށް ކުޅޭ ނޮޅިވަރަމްފަރުގެ ކުޅުންތެރިޔެއް ކަމުގައިވާ އިބްރާހިމް ވަހީދު އެވެ. އޭނާވަނީ މި މުބާރާތުގައި އޭނާ ކުޅުނު 3 މެޗުގައި 19 ލަނޑު ޖަހައި ރަންބޫޓް ހާސިލްކޮށް މުބާރާތުގެ އެންމެ މޮޅު ފޯވާޑުގެ މަޤާމުވެސް ހޯދާފަ އެވެ.

މި މުބާރާތުގެ އެންމެ މޮޅު ގޯލު ކީޕަރަކަށް ކޮރަލްސްގެ ޖާޒީ ނަންބަރު 1 މާހީ އަބްދުﷲ ހޮވުނުއިރު، އެންމެ މޮޅު ޑިފެންޑަރަކަށް ހޮވުނީ ކޮރަލްސްގެ ހުނަރުވެރި ޑިފެންޑަރު ޖާޒީ ނަންބަރު 3 ހުސައިން އަހްމަދު (ބޮކްސް) އެވެ. އެންމެ މޮޅު މިޑްފީލްޑަރަކަށް ޕްލަކް ޓީސީގެ ޖާޒީ ނަންބަރު 37 ޝަފީއު ހޮވުނުއިރު އެންމެ އުއްމީދީ ކުޅުންތެރިޔަކަށް ހޮވުނީ ޒިގްޒެގްގެ ޖާޒީ ނަންބަރު 57 އަންވަރު އާދަމް އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355