twitterviber whatsapp telegramfacebookyoutube instagram
26th April 2024

ވައުދުތައް ފުއްދުމުގައި ކާމިޔާބުވިއޭތޯ އެވެ؟ ތަފުސީލު ކޮށްދެއްވާ !

Jan 3, 2017

 -ހަސަން އިޔާން-

“ނިމިގެން މިދިޔަ އަހަރަކީ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދައިދިނުމުގައި ގިނަގުނަ ކާމިޔާބީތަކެއް ހާސިލު ކުރެވުނު އަހަރެއް،” ރައީސް އަބްދުﷲ ޔާމީން އާ އަހަރުގެ ތަހުނިޔާއާއެކު ދެއްވި އުފާވެރި ހަބަރަކީ މިއީ އެވެ. ނިމިދިޔަ 2016 ގައި ވައުދުތައް ފުއްދުމުގައި ކާމިޔާބު ހޯދިއްޖެ ކަމަށެވެ. އެހެނަސް މިކަމާ އުފާވަނީ ކާކު ހެއްޔެވެ؟ މިކަން ގަބޫލުކުރަނީ ކާކު ހެއްޔެވެ؟

ތެދެކެވެ. ރައީސް ޔާމީން ވަނީ ބިޔަ ބޮޑު މަޝްރޫއުތަކެއް ފައްޓަވާފަ އެވެ. ޒަމާނަކު ރާއްޖޭ ނުދެކޭހާ ބޮޑު އިންވެސްޓްތަކާއެކު މާލެއިން ހުޅުލެއާ ދެމެދު އެ ދަނީ ބްރިޖު އަޅަމުންނެވެ. ރާއްޖޭގެ މައި ދޮރާށި އެއޮތް ދަނީ ތަރައްގީވަމުންނެވެ. އެކަމަށް ތައުރީފު ހައްގެވެ. ތައުރީފު ވެސް ކުރަމެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ވެސް ކުރިއަށް ދަނީ އެވެ. އެހެންވީމަ އަތްތިލަ ބަޑި ޖަހައިގެން ހެވިފައި ތިބެންވީ ހެއްޔެވެ؟

ރައީސް ޔާމީނަކީ ކުޅުދުއްފުށީގެ ގިނަ ވޯޓު ލިބިގެން ރައީސް ކަމަށް ވަޑައިގެންނެވި ރައީސެކެވެ. އިދިކޮޅު އެމްޑީޕީ އާއި ރައީސް މުހައްމަދު ނަޝީދުގެ ސަޕޯޓަރުން ގިނަ ކުޅުދުއްފުށިން ރައީސް ޔާމީނަށް އެހާ ގިނަ ވޯޓު ލިބުނީ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ރައީސް ޔާމީންގެ ފޮޓޯފުޅު ރީތިވެގެންނެވެ. ފޮޓޯގައި ހުރި ތަސްވީރު ބަޔަކަށް ކަމުނުދިޔަސް އޭގައިވާ ލިޔުންތައް ކަމުދިޔަ އެވެ. އެކަންކަމުން ރަށަށާއި އަތޮޅަށް ލިބޭނެ ތަރައްގީ އަންދާޒާކޮށް ވޯޓު ފޮޓަށް ރައީސް ޔާމީނަށް ހެޔޮ ފާހަގަ ޖަހައި ވޯޓު އެޅީ އެހެނެއް ނޫނެވެ.

އެގޮތުން ޒުވާނުންގެ އެންމެ ގިނަ ވޯޓު ރައީސް ޔާމީނަށް ލިބުނީ ކުޅުދުއްފުށީ އެއާޕޯޓްގެ ސަބަބުންނެވެ. އެ އެއާޕޯޓުގެ މަޝްރޫއަކީ ރައީސް ޔާމީންގެ މެނިފެސްޓޯގައި ވަކި ރަށަކަށް ކޮށްދޭނެ ކަމަށް ވިދާޅުވި ހަމައެކަނި ވައުދެވެ. ދެން މުޅިން ވެސް ހުރީ މުޅި ރާއްޖެއަށް ހުރި ވައުދުތަކެވެ. އެއާޕޯޓު ވައުދު ފުއްދަން އޮތީ ދެ އަހަރު ތެރޭގަ އެވެ.

އެ ދެ އަހަރެއް ދިޔައީ އޭރު ވަރަށް “ފުއްޕާފައި” ހުންނެވި ވަޒީރެއްގެ ހަވާ އެރުމުގަ އެވެ. ބަޔަކު އެ ވާހަކަ ދައްކަން ވެސް ހަނދާނެއް ނެތެވެ. އެންމެފަހުން ތިން އަހަރު ވެސް ނިމުނީ އެވެ. ދޭތެރެ ދޭތެރެއިން ކުޅުދުއްފުށި އެއާޕޯޓޭ ބުނާ އަޑު އަހަމެވެ. ތަނުގެ އީއައިއޭ ރިޕޯޓު ހަދަން ހަވާލުކޮށްފިޔޯ ނޫނީ އެއާޕޯޓު އަޅަން ބިން ހިއްކާނެ ބަޔަކު ހޯދަން އިއުލާންކޮށްފިޔޯ ކިޔައިގެން އަޑުތަކެއް އެހީމެވެ. އެކަމަކު އަމަލީ ސިފައެއް ނުފެނެ އެވެ.

ސަރުކާރު އެހެން ކަންކަމާ އުޅި، މިކަމާ އުޅޭނެ ވަގުތު ނުވެ މަޝްރޫއު ލަސްވެގެން ދިޔުމުން އެކަން ބޮލުގައި އަޅަން ޖެހުނީ ރަށު ކައުންސިލަށެވެ. ކައުންސިލް އެކަން ލަސްކުރަންވީ ސަބަބެއް ނުފެނެ އެވެ. އިދިކޮޅު މެޖޯރިޓީ އޮތްނަމަވެސް ކުޅުދުއްފުށީ ކައުންސިލަކީ “ޖެއްސުންކުރާ” ކައުންސިލެއް ނޫނެވެ. ރައީސް ޔާމީން ކުޅުދުއްފުއްޓަށް ވަޑައިގެންނެވުމުން ވެސް އެންމެ އަރިހުގައި ކައުންސިލް ރައީސް ހުންނެވި އެވެ. ކައުންސިލްގެ ރައީސް އަލީ މުހައްމަދު ވިދާޅުވަނީ ރަނގަޅަށެވެ. މުޅިން ވެސް ބަހަނާ އެވެ.

އެންމެފަހުން ރައީސް ޔާމީން ވިދާޅުވެފައިވާ ގޮތުން މި ފެށުނު އަހަރު ތެރޭގައި ކުޅުދުއްފުށީ އެއާޕޯޓުން ހިދުމަތް ދޭނެ އެވެ. ކޭކެއްގައި އައިސިން ޖެހުންބާވަ އެވެ؟ އަހަރު ފެށުނީ އެވެ. އަދި ހަރާން އެންމެ މުޑިއެއް ވެސް އެތާ ނެތެވެ. ދެން އެއާޕޯޓަށް ބިން ހިއްކައި، އެތާ ރަންވޭ ހަދައި ޓާމިނަލް އަޅައި، ހިދުމަތް ދޭން އެއް އަހަރު ތެރޭގައި ފަށާނީ ކިހިނަކުންތޯ ހަމަ ސުވާލު އުފެދެ އެވެ. އެހެނެއް ނޫން ހަނިމާދޫ އެއާޕޯޓްގައި އިންޓަނޭޝަނަލް އެއާޕޯޓެއް ނަން ބޯޑު އެޅުވި ގޮތަށް އެކަން ވެސް ކުރެވިދާނެ އެވެ. އެހެނަސް ރައްޔިތުން ބޭނުންވަނީ ކަމަކަށް ކަމެއް ކުރުމެއް ނޫނެވެ. ވައުދުވީ ވެސް އެގޮތަކަށް ނޫނެވެ.

ރައީސް ޔާމީން، އަނބިކަނބަލުން ފާތިމަތު އިބްރާހިމްއާއެކު ވަގުތީ ބުރިޖަށް އިހަށް ދުވަހު އަރައިވަޑައިގަތީ ވަރަށް ފަހުރުވެރިކަމާއެކު އެވެ. ހަމަ އެގޮތަށް ރައީސް ޔާމީނަށް ކުޅުދުއްފުއްޓަށް ވެސް އެ ފަހުރުވެރިކަމާއެކު އަރައިވަޑައިގަނެވެން ޖެހޭނެ އެވެ. ކައިރި ކުދި ރަށްރަށަށް އަރައިވަޑައިގަންނަވާއިރު ކުޅުދުއްފުއްޓަށް އަރައިވަޑައިނުގަންނަވާ ސަބަބެއް އޮންނާނެ އެވެ. ކައިރި ރަށްތަކަށް އަރައި ވެސް ދައްކަނީ ކުޅުދުއްފުށީގެ ވާހަކަ އެވެ. ރަށަށް އަރައިވަޑައިގެން އެ ވާހަކަ ދެއްކެވުން މާ ރީއްޗެއް ނޫން ހެއްޔެވެ؟

ކޮންމެއަކަސް އެމަނިކުފާނަށް ނިމިދިޔަ އަހަރު ވަރަށް ގިނަ ވައުދުތަކެއް ފުއްދިއްޖެ ކަމަށް އެވަނީ ވިދާޅުވެފަ އެވެ. އެކަމަކު ރަސްފަންނާއި މާލޭގައި އެޅިހާ ޕާކްތަކަކީ ވައުދެއް ނޫނެވެ. އެއީ އެމަނިކުފާނަށް ފެނިވަޑައިގެން ކުއްލިއަކަށް ހިންގާ މަތި ރީތިކުރުމުގެ މަޝްރޫއުތަކެވެ. ޒުވާނުންނަށް ވަޒީފާ ދެއްވިއްޖެ ކަމަށް ވެސް ވިދާޅުވި އެވެ. އެއީ ކޮން ދާއިރާއަކުން ކޮން ގޮތަކަށް ކަމަށް ވިދާޅެއް ނުވެ އެވެ. ކުރީގެ ޔޫތް މިނިސްޓަރު އަހުމަދު ޒުހޫރު ވިދާޅުވެފައިވާ ގޮތުގައި 70،000 ވަޒީފާ އުފެދިއްޖެ އެވެ. ތަފާސް ހިސާބު ކޮބައިތޯ އެވެ. ސިޔާސީ މީހަކު ބުނެލާ އަދަދެއް ގަބޫލުކުރަނީ ކިހިނެއް ހެއްޔެވެ؟

ވައުދުވެފައިވާ ގޮތުގައި އަލަށް ހުޅުވާ 50 ރިސޯޓުން 26،000 ވަޒީފާ އުފައްދާނެ އެވެ. އެއާއެކު، މަސްވެރިކަމުން 15،000 ވަޒީފާ، ދަނޑުވެރިކަމުން 10،000 އަދި އިމާރާތްކުރުމާއި ދަތުރުފަތުރުކުރުމުގެ ދާއިރާ އިން 1،000 ވަޒީފާ އުފައްދަން މެނިފެސްޓޯގައި ލިޔެފައި އޮތްވާ ފެންނަން އެބަ އޮތެވެ. މި ވައުދު ފުދިއްޖެ ކަމަށް ކިތަން މީހުން ގަބޫލުކުރާ ހެއްޔެވެ؟

ހަމައެހެންމެ ގިނަ ރިސޯޓުތަކެއް ހދ. އަތޮޅުގައި ހެދުމަށް ރައީސް އިއުލާން ކުރެއްވި އެވެ. އެ ރިސޯޓްތަވީ ހިސާބެއް މިހާރަކު ނޭނގެ އެވެ. ރައީސް ޔާމީންގެ ސަރުކާރުގެ ތިން އަހަރު ނިމުމުއިރު ވެސް ފަތުރުވެރިކަމުގެ ފޮނި މީރު ރަހަ ހދ. އަތޮޅުގެ ރައްޔިތަކަށް ނުކުރި އެވެ. ހަމައެހެންމެ މުޅި ތިލަދުންމަތި ހެއްވާލާނެ ކަމަށް ބުނި އައިހެވަން ކޮބައި ހެއްޔެވެ؟ އެއް ކަހަލަ ފުއްޕާފައި އުޅުއްވި ވަޒީރު ވަރަށް ގަދައަށް އެ ވާހަކަ ދެއްކެވި އެވެ. އަރަބި ގައުމުތަކުން ސިއްސައިގެންދާވަރުގެ އިންވެސްޓްމެންޓްތައް އަންނަ ވާހަކަ ދެއްކެވި އެވެ. އެހެނަސް މި މަޝްރޫއު ވެސް ބިން ހިއްކުމަކުން ނޭރި އެވެ.

މިއޮތް ހިއްކި ބިމުގައި ވެސް އުސް އިމާރާތްތަކެއް އަޅާނެ ވާހަކަ ރީތި ތަސްވީރަކުން ދެއްކި އެވެ. ހީވީ ސިންގަޕޫރު ކުޅުދުއްފުއްޓަށް އަންނަހެނެވެ. ރައީސްއަށް ނިސްބަތްވާ ގޮތަށް “ވައި” އަކުރުގެ ބައްޓަމަށް ވެސް އިމާރާތެއް ކުރަހާފައި ހުއްޓެވެ. އެހެނަސް ރައީސް ނަޝީދު އަޅަން ފެއްޓެވި ދެ ތިން ފްލެޓް ފިޔަވައި އަދިއަދަށް ވެސް އެތާގައި ދެގާ ޖައްސާފައެއް ނެތެވެ. ވެލިގަނޑު ގިރައިގެން ދަނީ އެވެ. އެކަމަށް ވެސް ހައްލެއް ނެތެވެ.

މިހެން ކަންކަން ހުއްޓާ ކާމިޔާބުވެއްޖެއޭ ވިދާޅުވުމުން އަތް ޖަހަނީ ކާކު ހެއްޔެވެ؟ މަނިކުފާނާއެކު އާ އަހަރު، މިނިސްޓަރުންނާއި މަނިކުފާނަށް މަރުދޭ މަޖިލިސް މެންބަރުން ނޫން ބަޔަކު ފާހަގަކުރާނެ ހެއްޔެވެ؟

ނޫނެކެވެ. އަތް ޖެހެން އޮތީ މިތަނަށް ވެސް ރާހަތެއް ކުރީމަ އެވެ. ވީ ވައުދުތައް ފުއްދުމުންނެވެ. އެކަމަށް އެންމެ ދެރަވެގެން އަމަލީ ސިފައެއް ގެންނަން މަސައްކަތްކޮށް އެކަން ފެނުމުންނެވެ. އޭރުން ނިކަން ބާރަށް އަތް ޖަހަން ތިބޭނަމެވެ. މަނިކުފާނު އުފުއްލާލައިގެން ވެސް ރަށަށް އަރަވަން ވެސް ފަސް ނުޖެހޭނަމެވެ. ކުޅުދުއްފުށީ މީހުންގެ އަޒުމާއި ފޯރީގެ ވާހަކަ މަނިކުފާނު ވެސް ދަންނަމު ނޫން ހެއްޔެވެ؟

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355