ތިޔަކިޔުންތެރިޔާ ނިސްބަތްވަނީ ކުޅުދުއްފުއްޓަށް ހެއްޔެވެ؟ އެހެންވިއްޔާ، ކުޅުދުއްފުށި މި ނަމުގެ އަސްލަކީ ނުވަތަ މާނަޔަކީ ކޮބައިބާވައޭ ހިތަކަށް ނާރާހެއްޔެވެ؟
ރާއްޖޭގެ ގިނަރަށްރަށަށް ނަންކިޔާފައިވާކަމަށް ބެލެވެނީ ރާއްޖޭގެ އެންމެ ފުރަތަމަ ރަށްވެހީންނެވެ. އެހެންވީމާ، ނަންނަމުގެ މާނަ ހޯދުން އެހާ ފަސޭހަ ނުވެދާނެއެވެ. ރާއްޖޭގެ ރަށްތަކަށް ކިޔާފައިވާ ނަންތަކުގެ އަސްލު ހޯދުމަށް މާގިނަ ދިރާސާތަކެއް ކޮށްފައި ނުމެވޭމެއެވެ. ނަމަވެސް ޑޮކްޓަރ ރަގުޕަތީ ކޮށްފައިވާ ދިރާސާ އެއީ ފެންނަންއޮތް އެންމެ ތަފްސީލު ދިރާސާއެވެ. މީގެ އިތުރުން ތާރީޚް ލިޔުންތެރިޔާ، މުހަންމަދު އިބްރާހީމް ލުތުފީ ވަރަށްކުރުކޮށް ރާއްޖޭގެ ރަށްތަކުގެ ނަންތަކާއި ބެހޭގޮތުން ލިޔުއްވާފައިވެއެވެ.
ދެން ކިޔަންފަށާ ފޮޅުވަތްތައް ލިޔުމުގައި މައިގަނޑު މަސްދަރަކަށް ބަލާފައިވާނީ ޑޮކްޓަރ ރަގުޕަތީ އާއި މުހަންމަދު އިބްރާހީމް ލުތުފީގެ ލިޔުއްވުމެވެ.
ރާއްޖޭގެ ރަށްތަކަށް ކިޔާފައިވާ ނަންތައް އައިސްފައިވަނީ، ސާންސްކުރިތުބަހާއި، މަލަޔާލަމްބަހާއި، ޕާލީބަހާއި، ޕްރަކުރިތުބަހާއި، ތަމަޅަ އަދި ޓެލުގޫފަދަ އިންޑޯއާރިޔަން ބަސްބަހުންނެވެ. ރާއްޖޭގެ އަސްލު ވަޒަންވެރިންނަކީވެސް އިންޑޯ އާރިޔަނުންނެވެ.
ރަށްރަށަށް ކިޔާފައިވާ ނަންތަކަށް ބަލާއިރު، ނަންތައް ތަކުރާރުވުމުގެ އިތުރަށް ބައެއް ނަންނަމުން، އެރަށެއްގެ ޖިއޮގުރަފީގެ ސިފަތައް އަންގައިދެއެވެ. މިސާލަކަށް “ހަނިމާދޫ” މިނަމުން އެރަށުގެ ސިފައަންގައިދެއެވެ. ހަނިކޮށް އޮތް މާ ރަށެކެވެ.
ކުޅުދުއްފުށީގެ ވާހަކަ ފެށުމުގެ ކުރިން އެހެން ވާހަކައެއް ބުނެލާނަމެވެ. ބައެއް ރަށްރަށުގެ ނަމުގެ ފަހަތަށް އޮންނަ “ދޫ” ގެ މާނަޔަކީ ރަށެވެ. ހަމަ އެގޮތަށް، “ފުށި”ގެ މާނަޔަކީވެސް ރަށެވެ. ނަމަވެސް “ދޫ” އާއި ‘ފުށި’ ގައި ތަފާތުތަކެއްވެއެވެ. “ދޫ” އެއީ ގަސްގަހާގެހި ގިނަ، ގުދުރަތީ ވަސީލަތްގިނަ ރަށެވެ. އެއާއި ޚިލާފަށް “ފުށި” އެއީ، ކުޑަ، ވަސީލަތް މަދު ރަށެވެ.
ޑޮކްޓަރ ރަގުޕަތީ ލިޔުއްވަނީ “ކުޅުދުއްފުށި” މިނަން އެކުލެވިގެންވަނީ ތިން ނަމެއްގެ މައްޗަށް ކަމަށެވެ. އެއީ ކުޅު + ދޫ + ފުށި މިގޮތަށެވެ. ތިޔަ ކިޔުންތެރިޔާގެ ހިތަށް މިހާރު ދެ ސުވާލެއް އަރާނެ ކަމަށް ހީވެއެވެ. ފުރަތަމަ ތިޔަކުރާ ސުވާލަކީ، އެހެންވިއްޔާ “ކުޅު” ގެ މާނަޔަކީ ކޮބައިހެއްޔެވެ؟ “ކުޅު”ގެ މާނަޔަކީ ކުޅެއް ނޫނެވެ. އެއީ ކުޅިއެވެ. ކުޅުދުއްފުށީގެ އުތުރުކޮޅުގައި އެއޮތް ކަހަލަ ބޮޑެތި ފެންގަނޑުތަކަށް ކިޔާނަމެކެވެ. އަސްލަކީ ތަމަޅަ އާއި މަލަޔާލަމް ބަހެވެ.
ދެވަނަ ސުވާލަކީ، “ކުޅުދުއްފުށި” މި ނަމުގައި މިވާ، “ދޫ” އާއި “ފުށި” މިއޮތީ ކީއްވެބާވައެވެ؟ ޖިއޮގްރަފީ ގޮތުން ތަފާތު ދެ ބާވަތެއްގެ ރަށަށް ބޭނުންކުރާ ދެ ލަފުޒެއް މި އޮތީ ކީއްވެ ބާވައެވެ؟ ޑޮކްޓަރ ރަގުޕަތީ ލަފާކުރައްވާގޮތުގައި، ވަރަށްކުރީގައި ބޮޑު ރަށަކާއި އެއްފަޅެއްގައި ވަރަށް ކައިރީގައި ކުޑަ، ފުށިރަށްގަނޑެއް އޮތީއެވެ. ފަހުން މި ކުޑަރަށްގަނޑު ވޮޑެމުންގޮސް ބޮޑު ރަށާއި ގުޅުނީއެވެ. ބޮޑު ރަށަކީ ކުޅުދޫ އެވެ. ފަހަރެއްގައި ބޮޑު ރަށުގައި އޭރުވެސް ކުޅިއެއް އުފެދިފައި އޮތީ ކަމަށްވުން އެކަށީގެންވެއެވެ. އުތުރުގެ ބޮޑެތި ހުރިހާ ރަށެއްގައިހެން ކުޅި އޮންނަކަން ފާހަގަކުރެވޭނެއެވެ.
ވީމާ، ‘ކުޅުދުއްފުށީ’ގެ މާނައެއް ކަމަށް ބެލެވެނީ، ކުޅި އޮތް ރަށެވެ. ދުވަސްވީ މީހުންނާއި އެއަށްވުރެހަގު، ދެވަންފުރައިގެ މީހުންނަށް އެނގޭނެ ފަދައިން ކުޅުދުއްފުށީގެ ވަރަށް ބޮޑު ބަޔަކީ ކުޅިއެވެ.
ކުޅުދުއްފުށި މިނަމުން ދޭހަކޮށްދެނީ އެރަށުގެ އުފެދުމާއި ޖިއޮގްރަފީ ސިފަތަކެވެ.