twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކުޅުދުއްފުށީ ކުނިކޮށި: ސިއްހީ ބޮޑު ނުރައްކަލެއް، އަވަސް ހައްލެ ބޭނުންވޭ

Feb 13, 2017

ކުޅުދުއްފުށީގައި އުފެދޭ ހުރިހާ ޒާތެއްގެ ކުނި ޖަމާކޮށް އެ ކުނިތައް ނައްތާލަމުންދަނީ ސިއްހީގޮތުން އެއްވެސް މިންގަނޑަކަށް ފެތޭގޮތަކަށް ނޫނެވެ. ކުނި އަންދަމުންދާއިރު އޭގެތެރޭގައި އެންމެ ނުރައްކާތެރި ދުން އަރާ ޕްލާސްޓިކާއި ލަކުޑީގެ ބާވަތްތަކާއި އެހެންވެސް ވިހަ ދުން އަރާނެ އެތައް ކުންޏެއް އެތަނުގައި ރޯކުރެއެވެ.

ކުނިކޮށި ވަށައިގެން އޮންނަނީ އާއްމުން އެކި ބޭނުންތަކަށް ބޭނުންކުރަން އަންނަ މުހިއްމު ތަންތަނެވެ. ކުނިކޮށްޓާއި އިންވެގެން އުތުރުގެ ޒޯން ސްޓޭޑިއަމް ހުންނައިރު، ދުރުނޫން ހިސާބެއްގައި ހުންނަނީ އެތައް ސަތޭކަ ދަރިވަރުންނެއް ތައުލީމު ހާސިލުކުރަމުން އަންނަ އަފީފުއްދީން ސްކޫލެވެ. މީހުން ދިރިއުޅޭ ގެތައް އެހާ ކައިރީގައި ހުރިއިރު އެ ކުނިކޮށްޓަކީ ވަގުތީ ގޮތުން ކުނި ބަހައްޓާ ތަނެއް ނޫނެވެ. ހުރިހާ ކުނިތަކެއްހެން ނައްތާލަނީވެސް އެ ކުނިކޮށީގައި އެވެ.

ކުނިކޮށިން އަރާ ވިހަ ދުމުގެ ސަބަބުން ލިބިދާނެ ގެއްލުންތަކާބެހޭ ގޮތުން ކުޅުދުއްފުށީ ޕަބުލިކް ހެލްތު އޮފިޝަލު މުހައްމަދު އަބުދުލް ރަހްމާނު ވިދާޅުވީ، ކުނިކޮށީގައި އަރާ ދުމުން ކާބަންޑައި އޮކްސައިޑާއި ކާބަން މޮނޮކްސައިޑް، މީތޭއިން ފަދަ ސިއްހީ ގޮތުން އެތަށް ނުރައްކާތެރި ގޭހެއް އަރާނެއެވެ.

ކުނިކޮށިގެ ދުމުން ހަށިގަނޑަށް ނުރައްކާތެރި އަސަރުކުރޭ–

 

“ނިއުކުލިއާ ނޫން ހުރިހާ ނުރައްކާތެރި ގޭހެއް އެތަނުން އަރާނެ، ކުނިކޮށި ސަރަހައްދަކީ ސިއްހީ ގޮތުން އެއްވެސް ރައްކާތެރިތަނެއް ނޫން” ކުޅުދުއްފުށީ ޕަބުލިކް ހެލްތް އޮފިޝަލް މުހައްމަދު ވިދާޅުވި އެވެ.

އެއީ ވިހަ ގޭސްތަކެއްކަމުން ނޭވާލާ ނިޒާމުގެ މައްސަލަތަށް ދިމާވެ ފުއްޕާމެއަށް ގެއްލުންވާނެ ކަމަށާއި އަދި ނޭވާ ހިއްލާ ކުދިންނަށް އެކަމުގެ ނުރައްކާތެރިކަން ވަރަށް ބޮޑުކަމަށް މުހައްމަދު ވިދާޅުވި އެވެ.

ކޮންމެ އިރުވައި މޫސުމުގައި އެއްވެސް ހުރަހެއްނެތި ކުނިކޮށިން އަރާ ދުންތައް ރަށުތެރެއަށް ފެތުރިގެން ދެއެވެ. ހާއްސަކޮށް ކުޅިވަރުކުޅޭ ސްޓޭޑިއަމްއަށް ދުމުގެ އަސަރު ވަރަށް ބޮޑަށް ކުރެއެވެ. ކޮންމެ ދުވަހަކު އެތަކެއް ކުދިން އަދި އެކި އުމުރުގެ މީހުން ދުޅަހެޔޮކޮށް ސިއްހަތެއްގައި ހުރެލުމަށް ކަސްރަތުކޮށްލާ، ކުޅެލުމަށް ގޮސް އުޅޭއިރު ކުނިކޮށިން އަރާ ވިހަ ދުމުން ކުރާ ނުރައްކާތެރި އަސަރު ބޮޑެވެ. ޕަބްލިކް ހެލްތް އޮފިޝަލް މުހައްމަދު ވިދާޅުވީ، ކަސްރަތުކޮށްގެން ސިއްހަތަށްއާދައިގެ ގޮތަށް އުޅޭ މީހަކަށްވުރެ ކުޅިވަރު ކުޅޭ ވަގުތު އެ ކުޅުންތެރިންނަށް ދުމުގެ ނުރައްކާ ބޮޑެވެ. އެއީ ކުޅިވަރުކުޅޭ ވަގުތު އިތުރަށް އޮކްސިޖަން ހަށިގަނޑަށް ބޭނުންވުމުގެ ސަބަބުން ގިނައިން ނޭވާލާން ޖެހޭތީ ކަމަށާއި އެވަގުތުތަކުގައި ހަށިގަނޑުތެރެއަށް ގިނަ އަދަދަކަށް ވިހަ ދުން ވަންނާނެ ކަމަށެވެ.

ކުނިކޮށީގެ ކައިރި ސަރަހައްދުގައި ދިރިއުޅެމުން އަންނަ މީހަކު ބުނީ ބައެއް ދުވަސްދުވަހު ނޭވާލާން އުނދަގޫވެގެން ގެއިން ބޭރަށް ނުކުންނަން ޖެހޭކަމަށެވެ. ހާއްސަކޮށް އިރުވައި މޫސުމުގައި ގޭތެރޭގައި ދުމުގެ އަސަރު ހުންނާތީ ނޭވާކުރުވެ ހާއްސާވާގޮތްވާ ކަމަށެވެ. އަދި އެގޭ ކުޑަކުދިންނަށް ރޯގާއިން ސަލާމަތްވާ އިރެއް ނާންނަކަމަށް އެމީހާ ބުންޏެވެ.

ކުނިކޮށިން އަރާދުން ގަނޑުން ފެތުރި ދާދި ފަހުން އަފީފުއްދީން ސްކޫލުގައި ކިޔަވާ ދިނުމަށްވެސް ވަނީ ބުރޫއަރާފަ އެވެ.

” އިރުމަތިން ވައި ޖެހޭ ދުވަސްވަރު ކުނިކޮށިން އަރާ ދުމުންނާއި ދުވާ ނުބާ ވަހުގެ ސަބަބުން ބައެއް ފަހަރު ކުލާސްތަކުގެ ދޮރުތައް ލައްޕާގެން ކިޔަވައިދޭން ޖެހޭ ” ސްކޫލުގެ މުވައްޒަފަކު ބުންޏެވެ.

ކުނިކޮށިން އަންދާ ޕްލާސްޓިކާ އެހެނިހެން ތަކެތި އަރާ ވިހަ ދުމުންގެ އިތުރުން އެހެން މައްސަަލައެއްވެސް އެބައޮތެވެ. އެއީ ރައްކާތެރިގޮތުގައި ކުނިވާ ޒާތުގެ ކުނި ނައްތާލެވޭނެ ގޮތެއް ނެތުމުން ގިނަ އަދަދަކަށް މެހި އުފެދިފައިވާތީ އެވެ. އެއީ ބަލިމަޑުކަމަށް ދެވޭ ފެހި ސިގްނަލަކަށް ވަނީ ވެފަ އެވެ. ކުޅުދުއްފުށީ ކުނިކޮއްޓަށް ނަޒަރު ހިންގާލާއިރު ނެޕީއާއި ކުނިވާ ޒާތުގެ ކުނިތައް އެހުންނަނީ ހާމައަށް އުކާލާފަ އެވެ. އެތަކެތި ކުނިވެ ފުޅައަޅައި އެއިން މެހި އުފެދި ވީރާނާވެ ދަނީ ހާމައަށެވެ. ބައެއް ވައްތަރުގެ ކުނިވާ އެއްޗެހި ކާޅު ތުނބުލައިގެން ގޭގޭ ފުރާޅަށް ގެންގޮސް ވެސް ވީރާނާވެ އެވެ. ހަމަ ހާމައަށެވެ.

ކުނިކޮށީގެ ދުމުން އަފީފުއްދީން ސްކޫލުގެ ތެރެއަށް އަސަރުކުރޭ–ފޮޓޯ: ސަމާހު

 

ޕަބުލިކް ހެލްތު އޮފިޝަލު މުހައްމަދު ވިދާޅުވާގޮތުގައި މެއްސަކީ ނުރައްކާތެރި ގިނަ ބަލިތަކެއް ފަތުރާ ސޫޕެއް ކަމަށެވެ. އޭނާ ވިދާޅުވީ ރައްކާތެރިގޮތުގައި ކުނި ނައްތާނުލުމަކީ ޕަބުލިކް ހެލްތުން ވަރަށް ބޮޑަށް ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. އަދި އެކަމުގެ ޝަކުވާ ހެލްތު މިނިސްޓްރީއަށާއި ކުނިކޮއްޓާ ބަލަހައްޓަމުންދާ ފެނަކައާ އެކި ފަހަރު ހިއްސާކޮށްފައިވާނެ ކަމަށެވެ.

ކުނިކޮށި ބަލަހައްޓަމުން އަންނަ ފެނަކަ ކޯޕަރޭޝަނުގެ ރަސްމީ ބަހެއް މިކަމުގައި ލިބޭ ގޮތް ވަނީ ނުވެފަ އެވެ. ނަމަވެސް އެތަނުގެ މުވައްޒަފަކު ބުނީ ކުނި ނައްތާލެވޭ ގޮތެއް އެތަނުގައި ނެތް ކަމަށާއި ކުނިތައް ނައްތާލަމުންދަނީ ރޯކުރަމުންނާއި ވަޅުލައިގެން ކަމަށެވެ.

އިރުމަތިން ވައިޖެހޭ ދުވަސްވަރު އަލިފާން ރޯ ނުކުރާކަމަށާއި އެކަމަކު ކުނި އުކާލުމަށް ގޮސް އުޅޭ ފަރާތްތަކުން އަލިފާން ޖަހާކަމަށް އޭނާ ބުންޏެވެ. އަދި އެކަން ހައްލުކުރުމަށް ވޮޗަރުން ބައި ތިއްބާގެން ބަލަމުން އަންނަކަމަށް އޭނާ ބުންޏެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު އައިމަނު އަލީ ވިދާޅުވީ ކުނިކޮށި މެނޭޖުކުރުމުގެ ކެޕޭސިޓީއެއް ކައުންސިލުގައި ނެތް ކަމަށެވެ. އެހެންކަމުން ރައްކާތެރިގޮތުގައި ކުނި ނައްތާލުމާ ބެހޭ ގޮތުން ތަފާތު އެކި ބައްދަލުވުންތަކުގައި އެންވަރމެންޓް މިނިސްޓްރީއާ ވާހަކަ ދައްކާފައިވާނޭ ކަމަށެވެ. އަދި ކުނިކޮށީގެ މައްސަލަ ހައްލުކޮށްދެއްވުން އެދި މިނިސްޓްރީއަށް ގިނަ އަދަދެއްގެ ސިޓީވެސް ފޮނުވާފައިވާނެކަމަށް އައިމަނު ވިދާޅުވި އެވެ.

އައިމަނު ވިދާޅުވީ އީޕީއޭ އާއި ވެމްކޯއާ ވެސް އެމައްސަލާގައި ވާހަކަ ދައްކާފައިވާކަމަށާއި 2017 ގެ ފަހުން ވެމްކޯއިން ކުނިކޮށި މެނޭޖްކުރުމަށް މަސައްކަތް ފަށާނެކަމުގެ ފެހި ސިގްނަލެއް ދީފައިވާ ކަމަށެވެ. އަދި އެތަން ބަލަހައްޓަމުން އަންނަ ފެނަކަ ކޯޕަރޭޝަނާ އެކުވެސް ވާހަކަ ދައްކާފައިވާ ކަމަށެވެ. ނަމަވެސް ހައްލުނުވެ އޮތް މައްސަލައެއް ކަމަށެވެ.

ކުނިކޮށި ދުން އަރަނީ–

 

އާންމު ސިއްހަތު ރައްކާތެރިކޮށްގެން މެނުވީ ދުޅަހެޔޮ މުޖުތަމައެއް ބިނައެއް ނުކުރެވޭނެއެވެ. ތުއްތު ކުދިންނަށް ވިހަ ދުމުގެ ސަބަބުން މިހާރު ލިބޭ ގެއްލުންތައް ފާހަގަ ނުވިކަމުގައި ވިޔަސް އެކަމުގެ އަސަރު އުމުރުގެ ފަހުކޮޅު ވަރަށް ހިތްދަތި ގޮތަކަށް ފެނުމަކީ ހަމަ އެންމެ އެކަށީގެންވާ ކަމެކެވެ. އަދި ނުރައްކާތެރި އެތައް ޖަރާސީމެއްގެ އަސަރު ކުރާނީ ހަމައެކަނި އެސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ކަމަށް ބަލައިގެން ނުވާނެއެވެ. މިއީ، މުޅި ރަށުގެ ރައްޔިތުން ބޮޑު ނުރައްކަލެއްގެ ތެރެއަށް ހުށަހެޅިފައިވާ ކަމެކެވެ. ކޮންމެ ބައެއްގެ ޒިންމާއެއް ވިޔަސް މިކަމަށް އަވަސް އަދި ހަރުދަނާ އުސޫތަކެއް އަންނަ ޖެހެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355