ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ ބާސެލޯނާއާ ޕީއެސްޖީ ކުޅުނު މެޗުން 4-0 ގެ ބޮޑު ތަފާތަކުން ބާސެލޯނާ ބަލިވެ ކުއާޓާއަށް ދިއުމުގެ ފުރުސަތު ހަނިވެއްޖެ އެވެ.
ރޭ ޕީއެސްޖީގެ ދަނޑުގައި ކުޅުނު މެޗުގައި ޕީއެސްޖީ އިން ލީޑު ނެގީ މެޗުގެ 18 ވަނަ މިނެޓްގައި ލިބުނު ހިލޭ ޖެހުމަކުން ޑި މާރިއާ އެވެ. ފުރަތަމަ ހާފު ނިމެން 5 މިނެޓަށް ވެފައި ވަނިކޮށް މެސީ އަތުން ގެއްލުނު ބޯޅައެއްގެ ފައިދާ ނަގައި ޕީއެސްޖީއިން އުފެއްދި ކައުންޓާ އެޓޭކެއްގައި ޖޫލިއަން ޑްރެކްސްލާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފަ އެވެ.
އިއްޔެ 29 އަހަރު ފުރުނު، ޑި މާރިއާ ވަނީ މެޗުގެ 55 ވަނަ މިނެޓްގައި ދެ ކުޅުންތެރިން ކައިރިން ނެއްޓުމަށްފަހު ޕެނަލްޓީ ބޭރިއާ ބޭރުން ފޮނުވާލި ބޯޅައަކުން ޕީއެސްޖީއަށް އެ ޓީމުގެ ތިން ވަނަ ލަނޑު ކާމިޔާބު ކޮށްދީފަ އެވެ. ޕީއެސްޖީއިން އެ ޓީމުގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކުރީ މެޗުގެ 71 ވަނަ މިނެޓްގައި ޖޫލިއާން ޑްރެކްސްލާ ތަނަވަސް ކޮށްދިން ފުރުސަތަކުން އެޑިންސަން ކަވާނީ އެވެ. އިއްޔެ މިއީ ކަވާނީ ގެ 30 ވަނަ އުފަން ދުވަހެވެ.
ކަވާނީ ރޭގެ މެޗުގައި ލަނޑު ޖެހުމަށްފަހު އުފާ ފާޅު ކުރަނީ – ފޮޓޯ: ޑެއިލީ މެއިލް
ރޭ ކުޅުނު އަނެއް މެޗުގައި ބެންފީކާ އިން ވަނީ އަމިއްލަ ދަނޑުގައި ޑޯޓްމަންޑް 1-0 އިން ބަލިކޮށްފަ އެވެ. މި މެޗުގެ ހަމައެކަނި ލަނޑު ކާމިޔާބުކުރީ މެޗުގެ 47 ވަނަ މިނެޓްގައި ކޯނަރަކުން އުފެއްދި ހަމަލާއަކުން ކޮންސްޓޭންޓިނޯސް މިޓްރޯގުލޫ އެވެ.
މިރޭވެސް ދެވަނަ ބުރުގެ ދެ މެޗު ކުޅޭނެ އެވެ. ފުރަތަމަ މެޗުގައި ބަޔާން މިއުނިކު އަދި އާސެނަލް ބައްދަލު ކުރާއިރު ދެވަނަ މެޗުގައި ބައްދަލު ކުރާނީ ރިއަލް މެޑްރިޑް އަދި ނަޕޯލީ އެވެ. ދެ މެޗު ވެސް ފެށޭނީ ރާއްޖެ ގަޑިން 0045 ގަ އެވެ.