twitterviber whatsapp telegramfacebookyoutube instagram
27th April 2024

ކުޅުދުއްފުށީ ހޮސްޕިޓަލަށް ދޭން ޖެހޭ ފަރުވާވެސް މާބޮޑަށް ލަސްވެއްޖެ

Feb 19, 2017

ކުޅުދުއްފުށީގައި ހުންނަ ސަރަހައްދީ ހޮސްޕިޓަލަކީ އައިޖީއެމްއެޗް ފިޔަވާ އެންމެ ގިނަ ރައްޔިތުން ހިދުމަތް ހޯދަމުންދާ ސަރުކާރުގެ ހޮސްޕިޓަލެވެ. ދުވާލެއްގެ މައްޗަށް އެތައް ސަތޭކަ ރައްޔިތުންނެއް ހޮސްޕިޓަލުން ހިދުމަތް ހޯދަ އެވެ.

ކިއްތަމެއް ގިނަ ރައްޔިތުންނެއް ހިދުމަތް ހޯދި ނަމަވެސް ހޮސްޕިޓަލުގެ ހިދުމަތް ރަނގަޅެއް ނޫނެވެ. އެކަށީގެންވާ ވަސީލަތް ނެތުމާއި ފެންވަރު ރަނގަޅު ޑޮކްޓަރުން ނުތިބޭކަމުގެ ޝަކުވާ ވަރަށް ބޮޑެވެ. ހަދާ ޓެސްޓްތައް ދިމާނުވާކަމުގެ ޝަކުވާވެސް ގިނަ އެވެ.

ކޮންމެއަކަސް ގިނަ ރައްޔިތުން ހިދުމަތް ހޯދާ މި ހޮސްޕިޓަލުގެ ފެންވަރާ މެދު ގިނަ ބަޔަކު ޝަކުވާކުރާއިރު އެކަމަށް ބާރު ލިބޭ ބައެއް ކަންތައްތައްވެސް ފާއިވެދިޔަ ދުވަސްތަކުގެ ހިނގާފައި އެބަހުއްޓެވެ. މިސާލަކަށް ބަލާލާއިރު އިއްޔެ ހިނގާދިޔަ ކަންތައް ފުދެ އެވެ. ރުފިޔާއެއް ކަރުގައި ތާށިވެގެން ގެނައި ކުޑަ ކުއްޖަކަށް އެރުފިޔާ ނެނގޭނެ ގޮތެއް ނެތިގެންދާ ޖެހުނީ އައިޖީއެމްއެޗަށެވެ. މިއީ ކިހާ ބޮޑު ވޭނެ ހެއްޔެވެ. ހާޓް އެޓޭކެއް ޖެހިގެން ގެންނަ މީހާއަށްވެސް ދެވޭނެ ފަރުވާ ހޮސްޕިޓަލަކު ނެތެވެ. މީގެ އެތައް މައްސަލައެއް ދިމާވެފައި އެބަހުއްޓެވެ. ބައެއް ހާލަތުގައި މާލެ ނުގެންދެވި ބަލި މީހާއަށް އެކަށީގެންވާ ފަރުވާ ނުދެވި ދުނިޔެ ދޫކުރަން ޖެހޭ ފަހަރުތައްވެސް ދިމާވެފައި އެބަހުއްޓެވެ.

އިންތިހާބުތައް ބޯމަތިވުމުން ސިޔާސީ ބޭފުޅުންނަށް ކުޅުދުއްފުށީ ހޮސްޕިޓާ ފެނެ އެވެ. ވޯޓް ހޯދުމަށް ރައްޔިތުންނަށް ދަޅަ ދައްކަން ވެގެން ހޮސްޕިޓާ ޓާޝަރީ ފެންވަރަށް ބަދަލުކުރާ ވާހަކައަކީ ސިޔާސީވެރިންވަމުންދާ ” ދޮގު” ވައުދެކެވެ. މީގެ ތެރޭގައި ރައީސް ނަޝީދާއި މިހާރުގެ ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީނަކީ އަރާ ހުންނެވި ދެބޭފުޅުންނެވެ. ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ކުޅުދުއްފުށީ ހޮސްޕިޓާ ޓާޝަރީ ފެންވަރަށް ބަދަލުކުރާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެގޮތުން ރައީސް ޔާމީންގެ ވެރިކަމުގެ ފާއިތުވި 3 އަހަރު އެކި ފަހަރުމަތިން ކުޅުދުއްފުށީ ހޮސްޕިޓާ ޓާޝަރީ ފެންވަރަށް ބަދަލުކުރުމުގެ ފޮނި ވާހަކަ ދައްކަވަ އެވެ. އެހެންނަމަވެސް މިއަދާ ހަމައަށްވެސް ހޮސްޕިޓަލުގެ ހާލަތު ދިޔައީ ދުވަހެއް ދުވަހަކަށް ދަށްވަމުންނެވެ. އެންމެ ފަހުން މިއަހަރަށް ރައްޔިތުން މަޖިލިސް ހުޅުވާ ދެއްވަމުން ރައީސް ވިދާޅުވީ 150 އެނދުގެ މަލްޓި ސްޕެޝަލިޓީ ޓާޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓާ ތަރައްގީކުރުމަށް ބޭރުގެ ބަޔަކާ ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

މިވާހަކަ ތަކަކީ ގައުމުގެ ވެރި މީހާ ދެއްކެވި ވާހަކަތަކެއް ކަމަށްވިޔަސް މިކަން ވާނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތެވެ. ސަބަބަކީ ފާއިތުވި 7 އަހަރުވެސް މިވާހަކަތައް ދައްކާ މިހާތަނަށްވެސް ކުލަ ޖެހިފައި ނެތުމެވެ.

މިފަދަ މައްސަލަތަކަކީ ހޮސްޕިޓަލުގެ މެނޭޖްމަންޓަށް ކުރެވޭނެކަމެއް ނޫނެވެ. މިކަމުގައި ހެލްތު މިނިސްޓްރީ އާއި ސަރުކާރުން ފުންކޮށް ވިސްނަވާ އެކަށީގެންވާ ފަރުވާ ލިބޭނެތަނަކަށް އެތަން ހަދަން ޖެހެ އެވެ. ޑޮކްޓަރުންނާއި ވަސީލަތްތައް ގާއިމްކުރަން ޖެހެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355