twitterviber whatsapp telegramfacebookyoutube instagram
19th April 2024

ކުޅުދުއްފުށީ ހޮސްޕިޓަލްގެ ވައުދު ވެސް ދާނީ އެއާޕޯޓް ވައުދާ އެއްގޮތަށްބާ؟؟

Mar 29, 2017

ސަރުކާރުން މި ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އިންޑިޔާގެ މަޝްހޫރު ނިމްސް ހޮސްޕިޓަލާ ހަވާލު ކުރަން ނިންމާފަ އެވެ. މިއީ ކުޅުދުއްފުށީ ރައްޔިތުން އަދި ހާއްސަކޮށް އުތުރުގެ އަތޮޅުތަކުގެ ރައްޔިތުންނަށް ލިބިގެން ދިޔަ ނުލާހިކު ހިތްގައިމު ހަބަރެކެވެ. ނަމަވެސް ހަބަރެއް ލިބުމުން އެކަމުން ހިތަށް އުފާވެރިކަން ލިބެނީ މަދު ކަމަކުންނެވެ. ހާއްސަކޮށް އެކަމަކީ ސަރުކާރުން ދޭ ހަބަރަކަށް ވާނަމަ އެވެ. ސަބަބަކީ މިފަދަ ހަބަރުތަކާއި ވައުދުތައް މިހާރު ސައިބޯނި ބޮތްކަކަށް ވުރެ ނިކަމެތި ވުމެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ނިމްސް ހޮސްޕިޓަލާ ހަވާލުކުރުމުގެ އެއްބަސްވުންވެސް ޑްރާފްޓް ކޮށްފިޔޯލަ އެވެ. ހަމައެކަނި ނުކޮށްލެވި އޮތްކަމަކީ ބަންޑާރަ ނައިބު ސޮއި ކޮށްލުމެވެ. ބަންޑާރަ ނައިބު ގަލަން ނަންގަވާ ސޮއި ކޮށްލާތާ ދެތިންމަސް ތެރޭގައި ތެރޭގައި ހޮސްޕިޓަލުން ހިދުމަތް ދޭން ފެށޭނެ ކަމަށް ވެއެވެ. ބަންޑާރަ ނައިބުގެ ހީވާގިފުޅުކަން ސޮއިކޮށްލުމުގައި ހުރިވަރު ދައްކާލެވިއްޖެނަމަ މާލޭގެ ރައްޔިތުންވެސް ކުޅުދުއްފުއްޓަށް ފަރުވާ ހޯދަން އަންނާނެ ކަމުގެ ޔަޤީންކަން ނިމްސްއިން ދޭއިރު އަޅުގަނޑުމެން ރައްޔިތުން ނުހަނު އާދޭހާއެކު ބަންޑާރަ ނައިބުގެ އަރިހުން މިކަށް ކޮށްލަދިނުން އެދި ދަންނަވަމެވެ.

150 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް އެޅުމަކީ މިހާރުގެ ސަރުކާރުގެ ވައުދެކެވެ. ދެ އަހަރު ދުވަހުގެ ތެރޭގައި އެއާޕޯޓެއް އެޅުމަކީވެސް ސަރުކާރުގެ ވައުދެކެވެ. މި ނޫނަސް ވައުދުތައް ނިކަން ބައިވަރު އެބަހުއްޓެވެ. ދެރައީ އަމަލީ މަސައްކަތް ނުފެންނާތީ އެވެ. މިހާރު ރިޔާސީ އިންތިހާބާ، އިބިލީހުގެ ކައިވެންޏެއް ފަދަ ލޯކަލް ކައުންސިލް އިންތިހާބުވެސް ބޯމަތިވެފައިވާއިރު މި ކަމުގައި އަމަލީ ސިފަ ޖެހޭނެ ކަމަށް ޤަބޫލު ކުރެވޭ ވަރަށްވުރެ އުއްމީދުތައް މިދަނީ ފަޑުވަމުންނެވެ. އެހެންޏާ ވިއްޔާ އިންތިހާބުތައް ބޯމަތި ވީމައި ކުޑަ ކުޑައިކޮށް ކަންކަން ވެ އެވެ.

ހޮސްޕިޓަލް 30 އަހަރުގެ ދުވަހަށް ނިމްސް ހޮސްޕިޓަލާ ހަވާލުކޮށްފިނަމަ މިހާރު ލިބެން ނެތް އެތައް ހިދުމަތްތަކެއް ލިބޭނެ އެވެ. އެގޮތުން ސީޓީ ސްކޭންގެ ހިދުމަތާއި، އެމްއާރުއައިގެ ހިދުމަތާއި. ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަނާއި ހިތުގެ އޮޕަރޭޝަންފަދަ ބޮޑެތި ހިދުމަތްތައް ލިބިގެންދާނެ އެވެ. މިކަންކަން އޮތްގޮތަށް ބާއްވާފައި މިހާރު ކުޅުދުއްފުށީ ހޮސްޕިޓަލުން ލިބޭ ހިދުމަތްތަކުގެ ފެންވަރު ދަށްވުމުމަކީ އަދި އެއަށްވުރެ ބޮޑު ބޮލުގެ ރިހުމެކެވެ.

ބޮލުގައި ރިއްސާލުމުން ފެށިގެން ގޮސް ފުންނާބަށް ހެރޭ ކުންނާރު ކަށި އުފުރާލަންވެސް ދާން މި ޖެހެނީ މާލެއަށެވެ. ދާދި ފަހަކުންވެސް ރުފިޔާ ފޮއްޗެއް ތާށިވެގެން އެއްގޮތެއް ނެތިގެންވެސް ދާން ޖެހުނީ މާލެ އެވެ. ބޮޑުކަމެއް ވެގެން ދާއިރަށް ކަމެއް ނެތޭ ކިޔާ ދެ ގުޅަ ޕެރަސެޓްމޯލާއި އެއް ޑޯޒު އެންޓިބަޔޯޓިކްސްއާއި އިންޖެކްޝަނެއް ޖަހާލުމުން ހަމަވީ އެވެ. ހިތާމައަކީ ފުރާނައަށް ނުރައްކާވާ ހިސާބަށްދާ ކޭސްތަކުގެ އަދަދުވެސް އުފުލެމުން ދިއުމެވެ. އެގޮތުން ދާދި ފަހުން ނިޔާވި ޖަލާލުއްދީން ސުކޫލްގެ މުވައްޒަފު ޝާހިދުގެ މަރާއި، ފަރިޔާލުގެ މަރު ފާހަގަ ކޮށްލެވެ އެވެ.

ރާއްޖޭގެ ރައްޔިތުން އެންމެ ބޮޑު ހޭދައެއް ކޮށްއުޅޭ އެއް ކަމަކީ ސިއްހީ ހިދުމަތްތަކެވެ. މިގޮތުން ކުޑަކުޑަ ކަމެއް ކޮށްލަން ޖެހުނަސް މާލެ ދާން ޖެހުމަކީ ރައްޔިތުން ނިކަން ބޮޑަށް ފެލާލެވޭ ކަމެކެވެ. މިހެން މިކަން މި އޮންނަނީ ސަރުކާރުގެ ބޮޑުންނާއި މާލޭގެ ބޭފުޅުން ރާއްޖެތެރެއަށް އަންނަން ހުންނަ ހުރިހާ ޕްރޮޖެކްޓްތަކެއް ހުއްޓާވެލުމަށް ބޮޑެތި ރޭވުންތަކެއް ރާވާތީ އެވެ. މިހެން ހަދަނީ ރާއްޖެތެރޭގެ ރައްޔިތުން ފަރާތުން ކުލީގެ ގޮތުގައާއި އެހެނިހެން ގޮތްގޮތަށް ލިބެން އޮންނަ އެތިކޮޅު ނުލިބުމުގެ ބިރު ބޮޑުކަމުންނެވެ. މިފަދަ ކަންކަން ހައްލު ކުރުމަށް އަޅުގަނޑުމެން އެންމެން މިހާރަށްވުރެ ބާރަށް މަސައްކަތް ކުރަންވެއްޖެ އެވެ. މިހެން އެޅިހާ ބަތަކަށް ރިހަ ކިޔައިގެން ތިބެންވެއްޖެނަމަ ހަމަ ދުވަހެއް ދުވަހަކަށް ދާނީ ފަހަތަށެވެ. އުންމީދަކީ ކުޅުދުއްފުށީގައި އަޅަންބުނި އެއާޕޯޓްގެ ވައުދާއި އެއްގޮތަށް ހޮސްޕިޓަލްގެ ވައުދު ނުދާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355