twitterviber whatsapp telegramfacebookyoutube instagram
19th April 2024

އެންމެ ބޮޑު ދިދައިގެ ރެކޯޑްވެސް ކުޅުދުއްފުށީ ސަޕޯޓަރުންނަށް

Apr 3, 2017

ރާއްޖޭގައި މިހާތަނަށް ފުޓްބޯޅަ ސްޓޭޑިއަމަކަށް ވެއްދި އެންމެ ބޮޑު ދިދަ ވައްދާފައިވަނީ 2014 ވަނަ އަހަރު އޭއެފްސީ ކަޕަށް ގަލޮޅު ދަނޑަށެވެ. ބީއެމްއެލްގެ މުވައްޒަފުންތަކެއް އިސްނަގައިގެން ތައްޔާރު ކުރި އެ ދިދައިގެ ބޮޑުމިނަކީ 32 ފޫޓް 21 ފޫޓެވެ.

ނަމަވެސް މިހާރު މިވަނީ ބޮޑު ދިދަގެ ރިކޯޑް ކުޅުދުއްފުށީގެ ސަޕޯޓަރުން މުގުރާލާފަ އެވެ. އިއްޔެ މިނިވަން ޗެމްޕިއަންޝިޕްގައި ކުޅުދުއްފުއްޓާއި ހިރިމަރަދޫ ބައްދަލުކުރި ސެމީ ފައިނަލް މެޗުގައި ކުޅުދުއްފުށީ ސަޕޯޓަރުންވަނީ 45 ފޫޓް 29 ފޫޓްގެ ބޮޑު ދިދައެއް ކުޅުދުއްފުށީ ސްޓޭޑިއަމަށް ވައްދާފަ އެވެ.

ކުޅުދުއްފުށީ ސަޕޯޓަރުން އިއްޔެ ދަނޑަށް ވެއްދި ބޮޑު ދިދަ–

ކުޅުދުއްފުށީ ސަޕޯޓަރުން ވެއްދި ބޮޑު ދިދައަކީ ކުޅުދުއްފުށީ ޓީމުގެ ދިދަ އެވެ. އެދިދަ ތައްޔާރުކޮށްފައިވަނީވެސް ކުޅުދުއްފުށިގައި އެވެ. މިދިޔަ އަހަރު މިނިވަން ޗެމްޕިއަންޝިޕް މުބާރާތުގައި ކުޅުދުއްފުށީ ސަޕޯޓަރުން ދައްކަމުންދާ ހިތްވަރާ ޓީމަށް ކުރަމުންދާ އާދަޔާ ހިލާފު ސަޕޯޓަށްޓަކައި މުޅި ރާއްޖެއަށް ކުޅުދުއްފުށި ސަޕޯޓަރުންވަނީ މަޝްހޫރުވެފަ އެވެ. ރާއްޖޭގެ ޤައުމީ ޓީމް މިދިޔަ އަހަރުގެ އޯގަސްޓްމަހުގެ 29 ވަނަ ދުވަހު ގަލޮޅު ދަނޑު ކުޅުނު ހާއްސަ މެޗަށް ރާއްޖޭ ޓީމަށް ސަޕޯޓްކުރަމަށް އެފްއޭއެމްގެ އޭރުގެ ރައީސް އަހުމަދު ތޯރިގް (ޓޮމް) ހާއްސަ ދައުވަތަކަށް ކުޅުދުއްފުށީގެ ސަޕޯޓަރުންނަށް ވަނީ މާލެވެސް ގެންގޮސްފަ އެވެ.

އަދި މިއަހަރުވެސް ކުޅުދުއްފުށީ ސަޕޯޓަރުން ދަނީ އާދަޔާ ހިލާފު ސަޕޯޓެއް ދެމުންނެވެ. މިއަހަރު މިދިޔަ އަހަރާ މުޅިން ތަފާތުކޮށް އަމިއްލަ އުފެއްދުންތަކެއް ނެރެ، ތަފާތު ސަޕޯޓެއް ދެމުންނެވެ.

އެގޮތުން މީގެ އަހަރުންތަކެއް ކުރިން މާލޭ މަޖީދީމަގު ހެދިއިރު ރަށްރަށުން އަކިރި ފޮނުވުމަށް އެންގުމުން މިއޮތް ބޮޑު ކުޅުދުއްފުށިން ފޮނުވާފައިވަނީ އެންމެ އަށް ޑަބިޔާ އަކިރި އެވެ. އެކަމަށް އަމާޒުކޮށްގެން އެހެން ރަށްރަށުގެ މީހުން ވަަށް ބަހުން ކުޅުދުއްފުށި މީހުންނާއި ދިމާކޮށްލުމަށް “އަށް ޑަބިޔާ” ކިޔަ އެވެ. މިއަހަރު ކުޅުދުއްފުށީ ސަޕޯޓަރުން ވަނީ އަމިއްލަވަންތަކަން ދައްކާލުމަށް ޑަބިޔާތަކެއްގައި އަށެއް ލިޔެގެން ދަނޑަށް ވައްދާ “އަށް ޑަބިޔަލުގައި” ޓީމަށް ދަނީ ސަޕޯޓްކުރަމުންނެވެ.

ކުޅުދުއްފުށީ ސަޕޯޓަރުން އިއްޔެ ދަނޑަށް ވެއްދި ބޮޑު ދިދަ–

ކުޅުދުއްފުށީ ޓީމު ކުޅޭ ކޮންމެ ދުވަހެއްގައިވެސް ސަޕޯޓަރުންގެ ފަރާތުން މުޅި ތަފާތު އާ ހަރަކާތްތަކެއް ދަނީ ފެންނަމުންނެވެ. އަދި ކުޅުދުއްފުށީގެ ސަޕޯޓަރުން ދައްކަމުންދާ އާދަޔާ ހިލާފު ސަޕޯޓު ނަމޫނާއަކަށް ބަލައިގެން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަންނަނީ ފުޓްބޯޅަ ފޯރިނަގަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355