twitterviber whatsapp telegramfacebookyoutube instagram
25th April 2024

ރައީސް ޔާމީން ކުޅުދުއްފުށީ ރައްޔިތުންނަށް ވީ ވައުދުތައް ހަނދާން އާ ކޮށްލުން

May 1, 2017

ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތީ ގިނަ ވައުދުތަކަކާއެކު އެވެ. އޭގެ ތެރެއިން ކޮންމެ އަތޮޅަށް ހުޅުމާލެ އެއް ހައްދަވާދެއްވާނެ ފަދަ ވައުދުތަކަކީ އަތޮޅުތެރޭގެ ރައްޔިތުންނަށް ވަރަށް މުހިއްމުވި އަދި އުއްމީދުތައް އާކޮށްދިން ވައުދުތަކެކެވެ. އަދި ހަމައެއާއެކު އޭގެ ފަހުން ކުޅުދުއްފުއްޓަށް ވަޑައިގެންވެސް މިރަށުގެ ރައްޔިތުންނަށްވެސް އެމަނިކުފާނު ވަނީ ގިނަ ވައުދުތަކެއް ވެވަޑައިގަންނަވާފަ އެެވެ. ނަމަވެސް މިވައުދުތަކަކީ “ހޮޅި” ވައުދުތަކެއް ކަމަށް މިއަދު ކުޅުދުއްފުށީގެ ގިނަ ރައްޔިތުންތަކެއް ގަބޫލުކުރެ އެވެ.

ކައުންސިލް އިންތިހާބެއް ބޯމަތިވެފައިވާ މިދަނޑިވަޅަކީ އަނެއްކާވެސް ގިނަ ރައްޔިތުންނަށް ގިނަ ވައުދުތަކެއްވަމުންދާ ދަނޑިވަޅެއްކަމުން އެހަނދާތައް މިވަގުތު އާކޮށްލުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ދެކެމެވެ.

ހަމައެކަނި ވަކި ރަށްށަކަށް ރައީސް ޔާމިން ވެވަޑައިގެންނެވި އެންމެ ބޮޑު ވައުދެއްވެސް ވަނީ ކުޅުދުއްފުށީ ރައްޔިތުންނަށެވެ. އެއީ މުޅި ރާއްޖެއަށް މަޝްހޫރު “ކުޅުދުއްފުށީ އެއާޕޯޓްގެ” ބިއްލޫރި ވައުދެވެ. ވެރިކަމަށް ވަޑައިގަންނަވާތާ ފުރަތަމަ 2 އަހަރުގެ ތެރޭގައި ކުޅުދުއްފުށީގައި ޑޮމެސްޓިކް އެއާޕޯޓެއް އަޅުއްވާދެއްވާނެކަމަށް ރައީސް ޔާމީން ކުޅުދުއްފުށީ ރައްޔިތުންނަށް ވައުދުވެވަޑައިގަތެވެ. ނަމަވެސް ތަފާތު އެކި ބަހަނާތައް ދައްކާ މިހާ ހިސާބަށް އައިއިރުވެސް އެއާޕޯޓް މަޝްރޫއު އޮތީ ހަމަ ހުވަފެނެއްގެ ގޮތުގަ އެވެ.

ކުޅުދުއްފުށީ ހޮސްޕިޓާ ޓާޝަރީ ފެންވަރަށް ބަދަލުކުރުމުގެ ވައުދު

ކޮންމެ އިންތިހާބަކާ ދިމާކޮށް ކުޅުދުއްފުށީގެ ހޮސްޕިޓަލަކީވެސް ވެރިންނަށް ވަރަށް ފަސޭހައިން ފެންނަތަނެކެވެ. ހޮސްޕިޓާ ޓާޝަރީ ފެންވަރަށް ބަދަލުކުރުމުގެ ވައުދަކީވެސް ރައީސް ޔާމީންގެ ވައުދަކަށްވާއިރު އެހޮސްޕިޓަލުގެ ފެންވަރު ރަނގަޅުކުރުމަށް މިހާތަން ސަރުކާރުން ކޮށްފައިވާ އެއްވެސް މަސައްކަތްތަކެއް ނުފެނެ އެވެ. އެކަމަކު ޖަލްސާތަކުގައި ވަރަށް ފޯރިއާއެކު ކުޅުދުއްފުށީ ހޮސްޕިޓާ ޓާޝަރީ ފެންވަރަށް ތަރައްގީކުރާ ވާހަކަ ތަފާތުއެކި ޕޯޑިއަމްތަކުގައި ރައީސް ދަނީ ދައްކަވަމުންނެވެ.

ރައީސް ކުޅުދުއްފުށީގެ ރައްޔިތުންނަށް ވެވަޑައިގަންފައިވާ އެހެން ބައެއް ވައުދުތަކަށް ބަލާލާއިރު ޒަމާނީ ފެންވަރުގެ ބޮޑު މިސްކިތެއް މުންނާރުލާފައި 5 އަހަރުގެ ތެރޭގައި އަޅައިދޭނެ ވައުދާއި ކުޅުދުއްފުށީގައި ހުންނަ ގައުމީ ޔުނިވަރސިޓީގައި އިތުރު އާ ކޯސްތަކެއް ހިންގާދޭނެކަމުގެ ވައުދާއި 2 އަހަރުގެ ތެރޭގައި ކުޅުދުއްފުށީގައި ތިބި 2000 ވުރެ ގިނަ ވަޒީފާ ނުލިބިފައި ތިބި ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދޭނެކަމުގެ ވައުދުތަކަކީ ފާހަގަކޮށް ނުލާ ދޫކޮށްލެވޭ ވަރަށްވުރެ ބޮޑެތި ވައުދުތަކެކެވެ.

އަދި ހަމަ ވައުދުތަކާއެކު ކުރިއަށްދަމާ ހިންގާށެވެ. ޓޫރިޒަމެއް ނެތް ހދ އަތޮޅުގެ ރައްޔިތުންނަށް ޓޫރިޒަމްގެ ތަނަވަސްކަން 2 އަހަރު ދުވަހުގެ ތެރޭގައި ހޯއްދަވައި ދެއްވާނެ ކަމަށާއި ފަސް އަހަރުގެ ދުވަހުގެ ތެރޭގައި ކުޅުދުއްފުށީގެ ހުރިހާ މަގެއް ރަނގަޅު ފެންވަރަކަށް ހަދައިދީ ނިންމާނެ ކަމަށާއި ކުޅުދުއްފުއްޓަކީ އަމާން، ސުލްހަވެރި، އިގްތިސާދީ ފުދުންތެރި ރައްޔިތަކު ދިރިއުޅޭ ރަށަކަށް 3 އަހަރުގެ ތެރޭގައި ހަދައިދެއްވާނެ ކަމުގެ ވައުދާއި ކުޅުދުއްފުށީގައި ޒުވާނުންނަށް ކުޅިވަރުތައް ކުޅުމަށް ޒަމާނީ ފެންވަރުގެ އިންޑޯ އެރީނާއެއް ގާއިމްކޮށްދެއްވާނެކަމުގެ ވައުދުތަކަކީ ފާހަގަކޮށްލެވޭ ވައުދުތަކެކެވެ.

ސަރުކާރުގެ އިސްވެރިންނަށް އަޅުގަނޑު ދަންނަވާލަން އޮތްވާހަކައަކީ އަދިވެސް ވެރިކަމަށް 1 އަހަރު ދުވަސް ވެސް ނުފުރެނީ ހެއްޔެވެ؟ ގިނަ ވައުދުތަކެއް އަދި ނުފުއްދިގެން މިއުޅެނީ އެހެން ކަމަށް ވެދާނެތާ އެވެ. އެކަމަކު އަޅުގަނޑުމެންނަށް މިހާރު މަނިކުފާނު ވެރިކަމުގައި ހުންނަވާތާ 3 އަހަރު ވެގެން މިއޮތްދަނީ އެވެ. ގިނަ ވައުދުތަކެއްވެ ނުފުއްދިގެން އުޅެނީސް ކައުންސިލް އިންތިހާބު ބޯމަތިވީ އެވެ. މަނިކުފާނު އެވެ. ސަރުކާރުގެ ވެރިންނެވެ. އަޅުގަނޑު ބުނެލަން އޮތްހާ އެއްވެސް އެއްޗަކީ މިނިސްޓަރުން މިރަށްށަށް ފޮނުވާގެން އަނެއްކާ އިންތިހާބާ ދިމާކޮށް ވައުދުތައް ތަކުރާރުނުކުރުމަށެވެ. ނޫންނަމަ މަނިކުފާނުގެ “ޅޮސް އުނދޯޔަށް” އިތުރަށް ކުޅުދުއްފުށީ ރައްޔިތުން ނާރުވާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355