twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކުޅުދުއްފުށީ ސްކޫލުތަކުގެ ހުންގާނުގައި ކަނބަލުން

May 3, 2017

ފިރިހެނުންނެކޭ އެއްފަދައިން އަންހެނުންނަކީވެސް ކެރޭ ކަންކަމާއި ކެރިގެން ކުރިމަތިލާ ބައެއްކަން މި އަންނަނީ ސާބިތު ކޮށްދެމުންނެވެ. މިކަން ކުޅުދުއްފުށީގެ ތައުލީމީ ދާއިރާއަށް ބަލާލުމުންވެސް ވަރަށް ރަނގަޅަށް އެނގިގެން އެބަ ދެއެވެ. ފިރިހެނުންނެކޭ އެއްފަދައިން އަންހެނުންވެސް ޒިންމާދާރު މަގާމުތަކުގައި ފައި ހަމަ ކުރަމުން ކުރިއަށް ދާތަން ފެނުމަކީ އަންހެނުންނަށް ވެސް ކަންކަން ވާނެ ކަމުގެ ހެއްކެކެވެ.

ގައުމުގެ އެކި ދާއިރާތަކުގައި އަންހެނުންނަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމާއި އަންހެނުން ބާރުވެރިކުރުމުގެ ވާހަކަތައް ދެކެވޭ މިވަގުުތު ކުޅުދުއްފުށީ ތައުލީމީ ދާއިރާގެ އެންމެ ފުންނާބު އުސް މަގާމުތައް ފުރުއްވަމުން ގެންދަވަނީ އަންހެން ބޭފުޅުންކަން ފާހަގަ ކޮށްލަން ޖެހެއެވެ. ކުޅުދުއްފުށީގެ 4 ސްކޫލް ހިންގެވުމުގެ އެންމެ އިސް މަގާމުގައި މިވަގުތު ހަވާލުވެ ތިބީ ހީވާގި އަންހެން ބޭފުޅުންނެވެ.

މިކަމާ ބެހޭގޮތުން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަލީ މުހައްމދު ވިދާޅުވީ ކުޅުދުއްފުށީގެ ހުރިހާ ސްކޫލުތައް ހިންގެވުމާއި ހަވާލުވެ އަންހެން ބޭފުޅުން ތިއްބެވީކަމީ އެކަމާ ވަރަށް އުފާވާ އަދި ފަހުރުވެރިވާ ކަމެއްކަމަށެވެ. އެގޮތުން ޕްރީ ސްކޫލުން ފެށިގެން އޭލެވެލް އާއި ހަމައަށް ކިޔެވިކަމުގައިވާ ނަަމަވެސް އެދަރިވަރަކަށް ބޭނުންވަނީ ކޮންކަމެއްކަން، ކޮން ކަންތައްތަކެއްކަން އަންހެން ބޭފުޅަކަށް މާބޮޑަށް އެނގޭނެ ކަމަށާއި އުންމީދަކީ ކުރިއަށްއޮތް ތަނުގައި ރަނގަޅު ދަރިވަރުންތަކެއް މުޖުތަމައުއަށް އެބޭފުޅުން ނެރެދެއްވުން ކަމަށް ރައީސް ވިދާޅުވި އެެވެ.

ކޭއޯ އަށް މައުލޫމާތު ދެއްވަމުން އަފީފުއްދީން ސްކޫލްގެ ޕްރިންސިޕަލް ނާސިހާ އިދުރީސް ވިދާޅުވީ ތައުލީމީ ދާއިރާ ހިންގެވުމަށްވެސް ހުންނެވީ އަންހެން ބޭފުޅެއްކަމަށާއި އަންހެނުންނަށްވެސް ތަފާތު ދެއްކޭނެ ކަމަށެވެ. މީގެ އިތުުރުން ނާސިހާ ވިދާޅުވީ ކުޅުދުއްފުށީގެ ސްކޫލްތައް ހިންގެވުމަށް ތިއްބެވި ބޭފުޅުންނަކީ އެކަމަށް ގާބިލް ބޭފުޅުން ކަމަށާއި އަންހެނުންނަށް ވީތި ފަހަތަށް ނުޖެހޭނެ ކަމަށާއި އެކަން ޖަލާލުއްދީން ސްކޫލުންވެސް އެބަ ދައްކާ ކަމަށެވެ.

ނާސިހަ އަކީ ކުޅުދުއްފުށީ ސްކޫލަކަށް ފުރަތަމަ ފަހަރަށް ހަމަޖެއްސެވި އަންހެން ޕްރިންސިޕަލެވެ. ނާސިހާ އަފީފުއްދީން ސްކޫލްގެ ޕްރިންސިޕަލްގެ މަގާމަށް ހަމަޖައްސާފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގަ އެވެ.

މީގެ އިތުރުން ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލް ހިންގެވުމާ މިހާރު ހަވާލުވެލައްވާފައިވަނީ ވެސް އަންހެން ކަނބަލެކެވެ. ޖަލާލުއްދީން ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް ގެ މަގާމަށް އައިމިނަތު މުހައްމަދު ހަމަޖެއްސެވީ މިދިޔަ އަހަރުގެ އޮކްޓޯބަރ މަހު ތެރޭގައި އެވެ. އައިމިނަތު ވިދާޅުވީ ފިިރިހެނުންނާއި އެއްވަރަށް އަންހެނުންނަށް ވެސް ކުރިއަށްދެވޭނެ ކަމަށާއި ގޮންޖެހުން ތަކާ ކުރިމަތިލެވޭނެ ކަމަށެވެ.

ރާއްޖޭތެރޭގައި އެންމެ އާބާދީ ބޮޑު ސްކޫލަކީ ކުޅުދުއްފުށީގައި ހުންނަ ހދ އަތޮޅު ތައުލީމީ މަރުކަޒެވެ. މި އަހަރު މި ސްކޫލުގެ ކިޔެވުން ފަށާފައިވަނީވެސް ޕްރިންސިޕަލަކާ ނުލަ އެވެ. އެެހެންނަމަވެސް ދާދި ފަހުން މި ސްކޫލުގެ ޕްރިންސިޕަލްގެ މަގާމަށް ކުޅުދުއްފުށީ  ޝަހީދާ އަލީ ވަނީ ހަމަޖައްސަވާފަ އެވެ. 1100 ވުރެ ގިނަ ދަރިވަރުން ތައުލީމް ހާސިލް ކުރަމުންދާ މި ސްކޫލުގެ ޕްރިންސިޕަލްގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް ޔަގީނުންވެސް މިއީ ޒިންމާ ބޮޑު މަސްއޫލިއްޔަތެކެވެ. އެހެންނަމަވެސް އަންހެން ކަނބަލަކަށް މި މަގާމަށް ހަމަޖެއްސިކަން މިއީ އަންހެންނަކީވެސް ހިތްވަރުގަދަ ކަންކަން ކުރެވިދާނެ ބައެއްކަމުގެ ހެއްކެކެވެ.

މީގެ އިތުރުން ސްކޫލެއް ހިންގުމުގައި އެންމެ ގިނަ ދުވަހު އަންހެން ކަނބަލަކަށް އުޅުއްވީ ކުޅުދުއްފުށީ އަމީރު އަމީރު ސްކޫލް މިހާރު ހިންގެވުމާ ހަވާލުވެ ހުންނެވި އައިޝަތު މުހައްމަދެވެ. އައިޝަތަކީ ކުރީގެ އަމީރު އަމީން ސްކޫލް ހިންގެވުމުގެ މަގާމުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ބޭކަނބަލެކެވެ. މިހާރު ޕްލޭ ސްކޫލެއްގެ ގޮތުގައި ހިންގާ އަމީރު އަމީން ސްކޫލާ އައިޝަތު ހަވާލު ވުމުގެ ކުރިންވެސް އެ ސްކޫލް އެޑްމިނިސްޓްރޭޓާރ ގެ މާގާމުގައިވެސް ހުންނެވީ އަންހެން ބޭފުޅުކެވެ.

ދިވެހި މުޖުތަމައުގައި އަންހެނުންނާއި ފިރިހެނުން ތަފާތު ކުރުމުގެ ވާހަކައަކީ އަޅުގަނޑުމެންގެ ކަންފަތައް އާ ވާހަކަ އެއް ނޫނެވެ. ނަމަވެސް މިހާރު ޒަމާން ބަދަލުވެ އަންހެނުން އެބޭފުޅުން ކުރާ މަސައްކަތް ބަލައިގަނެ ފިރިހެނުންނާއި އެއްސަފެއްގައި ފައި ހަމަކުރުމުގެ ފުރުސަތު ފަހިވެގެން ދިއުމަކީ ކެރިގެން މަސައްކަތްކުރާ އަންހެންވެރިންނަށް ލިބޭ ވަރަށް ބޮޑު އުފަަލަކަށްވާނެ ކަން ޔަގީނެވެ. އަދި ކުުރިއަށް ދިއުމަށް މަސައްކަތް ކުރަމުންދާ އެތައް އަންހެން ބޭފުޅުންނަކަށް މިއީ ލިބޭނެ ވަރަށްބޮޑު ހިތްވަރެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355