ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި 4-1 ގެ އެގުރިގޭޓް ސްކޯރ އަކުން މޮނާކޯ ބަލިކުރުމަށްފަހު. ޔުވެންޓަސް އިން ތިން އަހަރު ތެރޭ ދެވަނަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރުކޮށްފި އެވެ.
ފުރަތަމަ ލެގުގައި ރަށުން ބޭރުގައި 2-0 އިން މޮޅުވެފައިވާއިރު، ރޭ ކުޅުނު މެޗު ޔުވެންޓަސް އިން ކާމިޔާބުކުރީ 2-1 އިންނެވެ. ރޭގެ މެޗުގައި ފުރަތަމަ ލަނޑު ޖަހައިފައިވަނީ މެޗުގެ މެޗުގެ 33 ވަނަ މިނެޓްގައި މާރިއޯ މަންޒޫކިޗް އެވެ. މިއީ ކައުންޓާ އެޓޭކެއްގައި އުފެއްދި ހަމަލާއެއްގައި ޑެނިއެލް އަލްވޭސް ނަގައިދިން ހުރަހަކުން މަންޒޫކިޗް ބޮލުން ޖަހައި ފޮނުވާލި ބޯޅައެއް މޮނާކޯގެ ކީޕަރު ސުބަސިޗް ދިފާއުކުރުމުން ނުކުތް ބޯޅައިން ކާމިޔާބުކުރި ލަނޑެކެވެ.
މީގެ ކުރިންވެސް މެޗުގެ 24 ވަނަ މިނެޓްގައި މަންޒޫކިޗް އަށް ވަނީ ލަނޑު ޖަހާނެ ހުސް ފުރުސަތެއް ލިބިފަ އެވެ. ނަމަވެސް ސުބަސިޗް ވަނީ އެ ހަމަލާ ދިފާއުކޮށްފަ އެވެ.
މެޗުގެ 41 ވަނަ މިނެޓްގައި މޮނާކޯއިން އުފެއްދި ނުރައްކާތެރި ހަމަލާއެއް ޔުވެންޓަސް ގެ ޑިފެންޑަރު ޗިއެލިނީ ދިފާއުކުރިއިރު، އޭގެ ދެ މިނެޓް ފަހުން ޔުވެންޓަސް އިން ވަނީ އެ ޓީމުގެ ލީޑު ފުޅާކޮށްފަ އެވެ. މިއީ ޔުވެންޓަސް އަށް ލިބުނު ކޯނަރެއް ސުބަސިޗް ދިފާއުކުރުމުން ނުކުތް ރިބައުންސްގައި ޕެނަލްޓީ އޭރިޔާ ބޭރުގައި ހުރެ އެއްފަހަރުން ޖަހައި އަލްވޭސް ކާމިޔާބުކުރި ވަރަށް ހިތްގައިމު ލަނޑެކެވެ. ސެމީ ފައިނަލުގައި ޔުވެންޓަސް އިން މީގެ ކުރިން ކާމިޔާބުކުރި ތިން ލަނޑު ޖަހަން ވެސް ފުރުސަތު ތަނަވަސް ކޮށްދިނީ އަލްވޭސް އެވެ.
މެޗުގައި މޮނާކޯއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ޖަހައިފައިވަނީ މެޗުގެ 61 ވަނަ މިނެޓްގައި މޮނާކޯގެ ހުނަރުވެރި ފޯވާޑް އެމްބައްޕޭ އެވެ. މިއީ ޗެމްޕިއަންސް ލީގުގައި ޔުވެންޓަސް ކޮޅަށް ފާއިތުވެދިޔަ 600 މިނެޓް ތެރޭ ވަން ފުރަތަމަ ލަނޑެވެ. ޔުވެންޓަސް ކޮޅަށް ޗެމްޕިއަންސް ލީގުގައި އެންމެ ފަހުން ލަނޑެއް ވަދެފައިވަނީ ގުރޫޕް ސްޓޭޖްގައި 3-1 އިން ސެވިއްޔާ އަތުން މޮޅުވި މެޗުގަ އެވެ. ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ ވަގުތު ބައިކޮޅަށް ލަނޑެއް ޖެހިޔަ ނުދީ ހިފެހެއްޓުމުގެ ރިކޯޑް އޮންނަނީ އާސެނަލްގެ ޖެންސް ލެމަން އަތުގަ އެވެ. އޭނާ ވަނީ 18 އޮކްޓޫބަރު 2005 އިން 13 ސެޕްޓެމްބަރު 2006 އަށް ޖުމްލަ 853 މިނެޓް ބައިކޮޅަށް ލަނޑެއް ވަނަ ނުދީ ހިފަހައްޓާފަ އެވެ.
މިރޭ ޗެމްޕިއަންސް ލީގުގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ އެތުލެޓިކޯ މެޑްރިޑް އަދި ރިއަލް މެޑްރިޑް އެވެ. މި މެޗަށް ނުކުންނައިރު ރިއަލް އިން ވަނީ ރޮނާލްޑޯގެ ހެޓްރިކަކާއެކު އަމިއްލަ ދަނޑުގައި ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށްފަ އެވެ.