twitterviber whatsapp telegramfacebookyoutube instagram
18th April 2024

ޓޭންކުގެ ކިހާ ހިސާބެއްގައި؟

Jun 3, 2017

މި ރަމަޟާން މަހުގެ އެއްވަނަ ދުވަހު އަޅުގަނޑު ވާނީ “ޕޮޒިޓިވިޓީ” ނުވަތަ “އޮޕްޓިމީޒަމް” މި މަޢުޟޫއު ގެ ދަށުން “މިއޮތް އައީ ރަމަޟާން މަހެވެ. ޕޮޒިޓިވް ޓޭންކުން ނެގެޓިވް ޓޭންކަށް ފުންމާލާށެވެ.” މި ނަމުގައި ލިއުމެއް ގެނެސްދީފަ އެވެ. އެހެންކަމުން މީގެ ދެވަނަ ބާބަށް ޖެހިލަމާ ހިނގާށެވެ.

މިހާރަކަށް އައިސް އަޅުގަނޑުމެންގެ ތެރޭގައި ޚާއްސަކޮށް ޝޯސަލް މީޑިއާ އާންމުވެގެން ގޮސްފައިވާ މިންވަރުން ކޮންމެ ކަމެއްގެވެސް ނުބައި ތަންކޮޅު ފާހަގަ ކުރާ ވިސްނުން ނުވަތަ ނެގެޓިވް ވިސްނުން ވަނީ ނުލާހިކު ބޮޑަށް އާންމުވެފަ އެވެ. ހަބަރެއް ފެނުނިއްޔާ ހަބަރުގެ ސުރުހީ ކިޔާލާފައި ގޮތް ނިންމާފައި ކޮމެންޓެއް ކޮށްލާނެ އެވެ. ނޫނީ ވިއްޔާ ކޮންމެވެސް ނުރަނގަޅު ކެޕްޝަނެއް ޖަހާފައި ހަބަރު ޝެއާ ކޮށްލާނެ އެވެ. ހަނދާން ކޮށްލަން ޖެހޭ ކަމަކީ ތިމާ އަބަދުވެސް “ނެގެޓިވް” ތަންކޮޅު ފާހަގަ ކުރަންޏާ ދުވަހަކުވެސް ކަމެއް ރަނގަޅުވާތަން ފެނުން ދުރުވާނެ އެވެ. ނުވަތަ ނެގެޓިވް ގުރޫޕެއްގެ ތެރޭގައި އުޅޭނަމަ ކަމެއް ރަގަޅުވާތަން ފެނުމަކީ ދުރުކަމެކެވެ.

މީގެ ދެ ދުވަހެއް ކުރިން ފޭސްބުކުން ފެނުނު ވާހަކަ އެކެވެ. މި ވާހަކައިގައި ވާގޮތަކީ ޓީޗަރެއް ބޯޑުގައި ބަރިއަކަށް ނުވައެއްގެ ނަވަތަ ލިޔެ އެވެ. ހުރިހާ ނަވަތައެއް ރަނގަޅަށް ލިޔެފައިވީ ނަމަވެސް ޓީޗަރު ގަސްތުގައި ފުރަތަމަ ނަވަތަ ލިޔެފައިވަނީ ނުބައިކޮށެވެ. ފުރަތަމަ ނަވަތަ ލިޔެފައިވަނީ  7=1*9 މިހެންނެވެ. ޓީޗަރު ފަސް އެނބުރި ބަލައިލިއިރު ހުރިހާ ކުދިން ތިބީ މަލާމާތުގެ ރާގުގައި ހޭށެވެ. ޓީޗަރު ކީއްވެތޯ ހެނީ ސުވާލު ކުރުމުން ހުރިހާ ކުދިންވެސް ޖަވާބުދިނީ ފުރަތަމަ ނަވަތަ ނުބައިކޮށް ލިޔެފައި އޮތީމާ ކަމަށެވެ. ޓީޗަރު ވަރަށް ހަރުދަނާ ކަމާއެކު ޖަވާބު ދިނެވެ. އެކަން ކުރީ ހުރިހާ ކުދިންނަށް ފިލާވަޅެއް އުނގަންނައި ދިނުމުގެ ގޮތުން ކަމުގަ އެވެ. އެހެނީ ރަނގަޅު 10 ކަންތައް ކުރި ނަމަވެސް އެންމެންވެސް ފާހަގަ ކުރާނީ ގޯސްކޮށް ކުރާ އެއް ކަންތައް ކަން ހާމަކޮށްދިނުމުގެ ގޮތުންނެވެ. ނަވަތަ ނުބައިކޮށް އޮތުމުން އެކަން ފާހަގަ ކުރަން ޖެހޭނެ އެވެ. ނަމަވެސް ރިވެތި ގޮތުގަ އެވެ.

މިހާރަކަށް އައިސް ދެމީހެއްގެ ދެމެދުގައި ކުޑަ ވާހަކައެއް ދެކެވުނަސް އެކަން ދާނީ ސިޔާސީ ކޮންމެވެސް ވާހަކައަކާ ދިމާލަށެވެ. ނުވަތަ އެހެން ކޮންމެވެސް މީހެއްގެ ކުށެއް ފާހަގަ ކުރާނެ އެވެ. އެކަންކަންވެސް ކުރަން އޮންނަ ރަގަޅު ގޮތުގައި ކުރެވޭނެ އެވެ. މިސާލަކަށް އެމީހެއްގެ ގާތުގައި ނުވަތަ އެމީހަކަށް ނޯޓެއްގެ ސިފައިގައި މެސެޖު ފޯރުކޮށްދެވިދާނެ އެވެ.

މިސާލަކަށް މީހެއް ކައިރީ ދިރިއުޅުން ކިހެނެތްތޯ ސުވާލުކޮށްލަ ބަލާށެވެ. “ކަޑަ”، ލިބޭ މުސާރަ ކޮޅު މާ ކުޑަ”، “އެއްޗެހި ހާދަ އަގުބޮޑޭ”، “މިހާރު ދެން އެހެން އަންބެއް ހޯދަންވީ”، “ރަގަޅު ރެސްޓޯރެންޓް ގަނޑެއްވެސް ނުހުރޭ” ” ޖޮބް ކަޑަ” ޖަވާބުތައް އަންނާނީ މިކަހަލަ ގޮތަކަށެވެ. މަދު މީހަކު އެހެން ގޮތަކަށް ޖަވާބު ނުދޭނެ ވާހަކަ އެއް ނޫނެވެ. ނޫނީ ނުރަގަޅު ކަންތައްތައް ފާހަގަކުރަން ނުޖެހޭނެ ވާހަކައެއްވެސް ނޫނެވެ. ނަމަވެސް ޝުކުރުވެރިވާންވެސް ދަސްކުރަން އެބަޖެހެ އެވެ. ނޫނީ އަބަދުވެސް ދިރިއުޅެން ޖެހޭނީ “ނެގެޓިވް ސާކަލް” އެއްގެ ތެރޭގަ އެވެ. އެގޮތުން ތިމާއަށްވުރެ ދަށުގައި ދިރިއުޅޭ މީހުންނަށް ބެލުމުން ޝުކުރުވެރިވާން ދަސްވެ އެވެ. ދުނިޔޭގެ ކިތަންމެ ބައެއް ބޯނެ ސާފު ބޯފެން ނުލިބި، އުނު އޮރިޔާން ނިވާކުރާނެ އަންނައުނު ނެތި، ނިދާލާނެ ގެއެއް ނުވަތަ އެނދެއް ނުލިބި، ތިންއިރު ހަމައަށް ކާން ނުލިބި އެބަ އުޅޭކަން ހަނދާން ކުރާށެވެ.

އަބަދާއި އަބަދު ޝޯސަލް މީޑިއާއިންވެސް އާންމުކޮށް ދައުރުވަނީ ނެގެޓިވް އެއްޗެއްސެވެ. އެފަދަ އެއްޗެއް ފެނުމުން ނުވަތަ އާންމުކޮށް އެފަދަ އެއްޗެހި ޝެއާ ކުރާ މީހުން އަންފޮލޯ ކޮށްލާށެވެ. އޭރުން އެ އެއްޗެހި ފެނުން ދުރުވާނެ އެވެ. އަދި ނުރަގަޅު އާދަތައް ގެންގުޅޭ އެކުވެރިން އިސްލާހް ވޭތޯ މަސައްކަތް ކުރާށެވެ. އިސްލާހު ނުވިއްޔާ އެ އެކުވެރިން ދޫކޮށްލުމަށްފަހު ރަގަޅު އެކުވެރިން ހިޔާރު ކުރާށެވެ. އޭރުން ތިމާގެ ހަޔާތް ޕޮޒިޓިވް އަދި އުފާވެރި ހަޔާތަކަށް ބަދަލު ކުރުމަށް އެހީވެދޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355