މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި ކުޅުދުއްފުށި ކުޅުނު ދެވަނަ މެޗުގައި މާޅޮހާއި ވާދަކޮށް ލަނޑެއް ނުޖެހި އެއްވަރުވެއްޖެ އެވެ.
މުބާރާތް ބާއްވާ ކުޅުދުއްފުށި ކުޅުނު ފުރަތަމަ މެޗުގައި ވަރުގަދަ އޭދަފުއްޓާއި ވާދަކުރި މެޗުވެސް ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. އަދި މާޅޮސް ކުޅުނު ފުރަތަމަ މެޗުން އެޓީމު ވަނީ މޮޅުވެފައެވެ. އެ ޓީމު މޮޅުވީ މިލަންދޫ އާއި ވާދަކޮށް 2-0 ގެ ނަތީޖާއަކުންނެވެ.
ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުޅުނު މި މެޗުން ދެ ޓީމަށްވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. ވަކިން ހާއްސަކޮށް ކުޅުދުއްފުއްޓަށް ލިބުނު ފުރުސަތުތަށް ފާހަގަކޮށްލެވެއެވެ. މި ނަތީޖާއާއެކު މުބާރާތް ބާއްވާ ކުޅުދުއްފުއްޓަށް ވަނީ އިތުރު ހާސްކަމެއް ކުރިމަތިވެފައެވެ. އެއީ ދެ މެޗުންވެސް ލަނޑެއް ނުޖެހި އެއްވަރުވުމުގެ ސަބަބުންނެވެ.
މެޗުގައި ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ކުޅުދުއްފުއްޓަށް ވަނީ ލިބިފަ އެވެ. އެގޮތުން މި މެޗުގައި ޓީމް ކުޅުދުއްފުށީގެ ކުރިއަށް ކުޅުނު ހުސައިން އަބްދުލް ރަޝީދު (ބިގޭ) އަށް ލިބުނު ހުސް ދެ ފުރުސަތު ފާހަގަކޮށްލެވެ އެވެ. މި މެޗުގައި ވެސް ކުޅުދުއްފުށީ ޓީމުގެ ގޯލް ކީޕަރު ޝާޑު ވަނީ މޮޅު ކުޅުމެއް ދައްކާ ނުރައްކާތެރި ހަމަލާތަކެއް ދިފާއުކޮށްފަ އެވެ. އަދި ހަމަ އެހެންވެ މާޅޮސް ކީޕަރުގެ ހުނަރުވެރިކަންވެސް ވަރަށް ރަނގަޅަށް މިމެޗުން ފެނިގެންގޮސްފައިވެ އެވެ.
މާޅޮސް ޓީމުންވެސް ވަނީ މި މެޗުގައި ނުރައްކާތެރި ގިނަ ހަމަލާތަކެއް ކުޅުދުއްފުށީ ގޯލަށް އަމާޒުކޮށްފައެވެ. އެގޮތުން ދެވަނަ ހާފުގައި ލިބުނު ފުރުސަތުތަށް ފާހަގަކޮށްލެވެއެވެ.
މެޗަށްފަހު ވާހަކަދައްކަމުން ކުޅުދުއްފުށި ޓީމުގެ ކޯޗު މުހައްމަދު ދާއޫދު ބުނީ ޓީމަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ނިންމާލާނެ ކުޅުންތެރިއެއް ނެތުން ކަމަށެވެ. އަދި މި ނަތީޖާއާއި ގުޅިގެން ފަހު މެޗުން މޮޅުވާން މަޖުބޫރުކަމަށްވެސް ކޯޗު ބުންޏެވެ.
މެޗަށްފަހު ވާހަކަދައްކަމުން މާޅޮސް ޓީމުގެ އެސިސްޓަންޓް ކޯޗު އަހުމަދު ނަސީރު ބުނީ ކުޅުން ރަނގަޅު ކަމަށާއި ބޭނުންވި ގޭމު ކުޅުންތެރިން ކުޅުނު ކަމަށެވެ. އަދި ކުޅުދުއްފުށި ޓީމުގެ ސަޕޯޓަރުންގެ ފަރާތުން އުނދަގޫތަކެއް ކުރިމަތިވި ކަމަށާއި އެ ޓީމާއި ދެކޮޅަށް ކުޅެ ޕޮއިންޓެއް ލިބުމުން ހިތްހަމަޖެހޭ ކަމަށެވެ.
މި ނަތީޖާއާއެކު މާޅޮސް ވަނީ ހަތަރު ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ހޯދާފައެވެ. އެއީ ފުރަތަމަ މެޗުގައި މިލަންދޫ ބަލިކޮށް ، އަދި މިއަދުގެ މެޗުގައި ކުުޅުދުއްފުށި އަތުން ލިބުނު ޕޮއިންޓާއެކުގައެވެ. ދެވަނައިގައި ކުޅުދުއްފުށި އޮތީ ކުޅުނު ދެ މެޗުންވެސް އެއްވަރުވެގެން ލިބުނު ދެ ޕޮއިންޓާއެކުގައެވެ. ތިންވަނައިގައި އެއްް ޕޮއިންޓާއެކު އޭދަފުށި އޮތްއިރު ހަތަރުވަނައިގައި އެއްވެސް ޕޮއިންޓެއް ނުލިބި އޮތީ މިލަންދޫ އެވެ.
މުބާރާތުގައި މާދަމާ ކުޅޭ މެޗުގައި ބައްދަލުކުރާނީ އޭދަފުށި އަދި މިލަންދޫ އެވެ. މި މެޗުން މިލަންދޫ ބަލިވެއްޖެނަމަ މުބާރާތުން ކަޓާނެއެވެ. މުބާރާތުގެ ސެމީފައިނަލުން ޖާގައެއް ހޯދުމަށް މާދަމާގެ މެޗުން އޭދަފުށި މޮޅުވާން ޖެހެއެވެ.
މިއަދު ގުރޫޕް ބީ ގައި ކުޅުނު މެޗުގައި ތިނަދޫއިން ވަނީ ފަހަތުން އަރައި 3-1 އިން ފޭދޫ ބަލިކޮށްފަ އެވެ. މާދަމާ ގުރޫޕް އޭ ގައި ކުޅޭ މެޗުގައި ބައްދަލު ކުރާނީ އޭދަފުށީ އަދި މިލަންދޫ އެވެ. ގުރޫޕް ބީ ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ތިމަރަފުށި އަދި ކުޑަހުވަދޫ އެވެ.