އޭދަފުށި ރޮއްވާލުމަށްފަހު މިލަންދޫ ސެމީފައިނަލްގެ އުންމީދު އާކޮށްފި

އަބްދުލް ވާހިދު ޙަސަން - 2 ހަފްތާ ކުރިން - 10 ޖުލައި 2017


މިއަދުގެ މެޗުން މިލަންދޫގެ ކުޅުންތެރިޔަކު ގޯލެއް ޖެހުމަށް ފަހު އުފާފާޅޫކުރަނީ--

މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ކުޅުދުއްފުށީ ޒޯނުގައި މިއަދު ކުޅުނު މެޗުން އެންމެ ފަހުގެ ޗެމްޕިއަން ވަރުގަދަ އޭދަފުށި ބަލިކޮށް ށ.މިލަންދޫ ސެމީ ފައިނަލުގެ އުއްމީދު އާކޮށްފިއެވެ.

ހޯމަ ދުވަހު ހަވީރު ކުޅުނު މި މެޗުގައި އޭދަފުށި ޓީމުގެ ފަރާތުން ދަށް ކުޅުމެއް ފެނިގެންދިޔަ އިރު މި މެޗު މިލަންދޫ ކާމިޔާބުކުރީ 4-1 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. ުމުބާރާތުގައި މިލަންދޫ ކުޅުނު ފުރަތަމަ މެޗުގައި މާޅޮސް އަތުން ވަނީ 2-0 އިން ބަލިވެފައެވެ. މި މެޗުގައި އެ ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

މެޗުގައި ފުރަތަމަ ގޯލު ޖަހާ ލީޑު ނެގީ މިލަންދޫ އެވެ. މި ގޯލު އެ ޓީމު ކާމިޔާބުކުރީ މެޗު ފަށައިގެން މާގިނައިރުތަކެއް ނުވަނީސް އިބްރާހިމް ސައީދެވެ. މި ގޯލަށްފަހު މިލަންދޫ ކޮޅަށް އޭދަފުށި ދިޔައީ ގިނަ ހަމަލާތަކެއް އުފައްދަމުންނެވެ. ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފުގެ 12 ވަނަ މިނެޓުގައި އޭދަފުށި ޓީމުގެ މުހައްމަދު ފާސިރު ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.

މި ގޯލަށްފަހު ދެ ޓީމުންވެސް ކުޅުނީ ހަމަހަމަ ކުޅުމެކެވެ. ނަމަވެސް ފުރަތަމަ ހާފުގެ ނިމެން ދިޔަ ވަރަކަށް މިލަންދޫ ވަނީ ނުރައްކާ ބޮޑުކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 34 ވަނަ މިނެޓުގައި އިސްމާއީލް ފަތުހީ ވަނީ ގޯލެއް ޖަހާ އަނެއްކާވެސް ލީޑު ނަގާފައެވެ. އެ ޓީމުގެ ލީޑު ފުޅާކުރި ގޯލު ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެގެން ކުޅުނު އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކުރީ އަސްރާރު އަބްދުﷲ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ މި ނަތީޖާގައި އޮވެގެންނެވެ.

ދެވަނަ ހާފު ފަށައިގެން ވެސް ފެނިގެންދިޔައީ މިލަންދޫ ގެ ނުރައްކާތެރި ހަމަލާތަކެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 68 ވަނަ މިނެޓުގައި މިލަންދޫ ވަނީ އެ ޓީމުގެ ހަތަރުވަނަ ގޯލު ޖަހާފައެވެ. މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހުސެއިން ވިސާލް އެވެ.

މި މޮޅާއެކު މިލަންދޫ ވަނީ ލިބުނު ތިން ޕޮއިންޓާއެކު ތާވަލުގެ ދެވަނައަށް ޖެހިލާފައެވެ. ތާވަލުގެ އެއްވަނައިގައި ހަތަރު ޕޮއިންޓާއެކު އޮތީ މާޅޮހެވެ. ތިންވަނައިގައި ކުޅުދުއްްފުށި އޮތީ ދެ ޕޮއިންޓާއެކުގައެވެ. އަދި ފުލުގައި އެއް ޕޮއިންޓާއެކު އޮތީ އޭދަފުއްޓެވެ.

ކުޅުދުއްފުށި ޒޯނުގެ މެޗެއް ދެން ކުޅޭނީ ބުދަ ދުވަހު އެވެ. އެ ދުވަހު ކުޅޭ މެޗުގައި ބައްދަލުކުރާނީ އޭދަފުށި އަދި މާޅޮސް އެވެ. އަދި ބުރާސްފަތި ދުވަހު ކުޅޭ މެޗުގައި ބައްދަލުކުރާނީ ކުޅުދުއްފުށި އަދި މިލަންދޫ އެވެ. މުބާރާތުގެ ސެމީފައިނަލަށް ދިއުމުގެ ފުރުސަތު މި ގްރޫޕުގައި ހިމެނޭ ހަތަރު ޓީމަށްވެސް އެބައޮތެވެ.

މިއީ ފަހުގެ ތާރީހެއްގައި  އޭދަފުށީ ޓީމް މިފަދަ ބޮޑު މުބާރާތެއް މިހާ ތަފާތު ބޮޑުކޮށް ބަލި ފުރަތަމަ މެޗެވެ


ގުޅުން ހުރި ލިޔުންތައް