މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އޭދަފުށި ކަޓުވާލުމަށްފަހު ދިވެހި ޕްރިމިއަރ ލީގުން ޖާގައެއް އއ.މާޅޮސް ހޯދައިފި އެވެ.
މާޅޮސް ސެމީފައިނަލުގެ ޖާގައެއް ހޯދީ މިއަދު ހަވީރު ކުޅުދުއްފުށީގައި ކުޅުނު ޒޯން އެކެއްގެ ފައިނަލް ބުރުގައި ބ،އޭދަފުއްޓާއި ވާދަކޮށްގެންނެވެ. މި މެޗުން މާޅޮސް 3-2 އިން ބަލިވިނަމަވެސް އެ ޓީމު ދެވަނަބުރަށް ދަތުރުކުރީ ފައިދާ ގޯލުގެ ތަފާތުން ކުރިހޯދައިގެންނެވެ. މި ނަތީޖާއާއެކު އެންމެ ފަހުގެ ޗެމްޕިއަން އޭދަފުށި ވަނީ މުބާރާތުން ކަޓާފައެވެ. އެޓީމު މުބާރާތުން ކެޓީ ފައިދާ ގޯލުގެ ތަފާތުންނެވެ. މުބާރާތުގެ ސެމީފައިނަލުން ޖާގައެއް ހޯދަން މި މެޗުގައި އޭދަފުށިން 3 ގޯލުގެ ފަރަގެއް އޮންނަން ޖެހެއެވެ.
ކުޅުދުއްފުށި ޒޯން ސްޓޭޑިއަމުގައި ކުޅުނު މި މެޗުގައި އޭދަފުށި ޓީމު ވަނީ ތިން ގޯލުގެ ލީޑެއް ނަގާފައެވެ. އެ ޓީމު މެޗުގެ ލީޑު ނެގީ 37 ވަނަ މިނެޓުގައެވެ. މި ގޯލު އެ ޓީމަށް ކާމިޔާބުކުރީ ހުސެއިން ޝިފާހެވެ. މި ގޯލު ޖެހިތާ ހަ މިނެޓު ފަހުން އެ ޓީމު ލޑު ފުޅާކުރި ގޯލު ކާމިޔާބުކުރީ ހުސެއިން އީމާނެވެ. ފުރަތަމަ ހާފު ނިމުނީ މި ނަތީޖާގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު މޮޅަށް ކުޅުނީ އޭދަފުއްޓެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 55 ވަނަ މިނެޓުގައި އެ ޓީމުގެ ލީޑު ފުޅާކޮށްދިނީ އަޒުމީނެވެ. މި ގޯލަށްފަހު މާޅޮސް ޓީމުން ދިޔައީ ކުޅުން ރަނގަޅުކުރަމުންނެވެ.
އެގޮތުން އޭދަފުށި ގޯލަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް އެ ޓީމު ދިޔައީ އުފައްދަމުންނެވެ. މެޗުގައި މާޅޮހުގެ ފުރަތަމަ ގޯލު ފެނިގެންދިޔައީ 68 ވަނަ މިނެޓުގައެވެ. މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު ލަތީފެވެ. މާޅޮހުގެ ދެވަނަ ގޯލު ފެނިގެންގޮސްފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ކުޅުނު އިތުރުވަގުތުގެ ތެރޭގައެވެ. މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ އާދަމް މާޖިދެވެ.
މި މޮޅާއެކު މާޅޮސް ވަނީ މުބާރާތުގެ ސެމީފައިނަލަށްވެސް ދަތުރުކޮށްފައެވެ. ސެމީފައިނަލުގައި އެ ޓީމާއި ވާދަކުރާނެ ޓީމެއް ޔަގީންވާނީ މާދަމާ މުބާރާތް ބާއްވާ ކުޅުދުއްފުއްޓާއި މިލަންދޫ ބައްދަލުކުރާ މެޗަށްފަހުގައެވެ.