ތެލުގެ އިމްޕޯޓް ޑިއުޓީ ކުޑަކުރުމާ ގުޅިގެން މޯލްޑިވިއަނުން އެތެރޭގެ އުދުހުންތަކަށް ހާއްސަ އަގުހެޔޮ ފެއާތަކެއް ތައާރަފްކޮށް، އެތެރޭގެ އުދުހުންތަކުގެ އަގުހެޔޮކޮށްފި އެވެ.
މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ އެމްއޭސީއެލް އިން މަތިންދާބޯޓަށް އަޅާ ތެލުގެ އަގު ހެޔޮކޮށްފަ އެވެ. އެގޮތުން އެތެރޭގެ ދަތުރުތަކަށް ތެޔޮ ލިޓަރެއް ވިއްކަނީ 0.69 ސެންޓް (10.76ރ) އަށެވެ.
މޯލްޑިވިއަނުން މައުލޫމާތު ދޭ ގޮތުގައި މޯލްޑިވިއަނުން ކޮޅަކަށް އެވްރެޖްކޮށް ނަގާ ޓިކެޓުގެ އަގުން 100ރ. ހެޔޮ ވާނެ އެވެ. އަދި އަލަށް ތައާރަފް ކުރި ފެއާތައް އަންނަ ހޯމަ ދުވަހުން ފެށިގެން އައިލެންޑް އޭވިއޭޝަންގެ ޓިކެޓިން އޮފީސްތަކުން އަދި އޭޖެންޓުން މެދުވެރިކޮށް ވިއްކާނެ ކަމަށެވެ.
ވައިގެ ދަތުރުގެ ހިދުމަތްދޭ ސަރުކާރު ކުންފުނިން ގެނައި ބަދަލާ ގުޅިގެން މާލެ އިން ބ. ދަރަވަންދޫ އަށް ދިއުމަށް ކޮޅަކަށް 598ރ ނަގާއިރު، މާލެ އިން ރ އިފުރު އެއާޕޯޓަށް ދިއުމަށް ކޮޅަކަށް ނަގާނީ 799ރ އެވެ. މާލެ އިން ހދ. ހަނިމާދޫ އަށް ދިއުމަށް ކޮޅަކަށް 854ރ ނަގާއިރު މާލެ އިން ދ. ކުޑަހުވަދޫ އަށް ދިއުމަށް ކޮޅަކަށް 799ރ ނަގާނެ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.
އޭގެ އިތުރުން މާލެއިން ގަމަށް އަދި މާލެ އިން ފުވައްމުލައް ސިޓީއަށް ދަތުރުކުރާނަމަ، ކޮޅަކަށް ނަގާނީ 898ރ އެވެ. މާލެ އިން ގދ. ކާޑެއްދޫއަށާއި ގއ. ކޫއްޑޫ އަށް ދިއުމަށް ކޮޅަކަށް ނަގާނީ 876ރ އެވެ. މާލެ އިން ލ. ކައްދު އަށާއި ތ، ތިމަރަފުއްޓަށް ނަގާނީ 854ރ އެވެ.
އަދި އެ ކުންފުނިން ތެލުގެ އަގަށް ގެނައި ބަދަލާ ގުޅިގެން ބައިނަލްއަގްވާމީ ދަތުރުތަކަށް ވިއްކާ ތެޔޮ ލިޓަރަކުން 36 ލާރީ ހެޔޮވިއިރު، އެތެރޭގެ ދަތުރުތަކުން ވަނީ 74 ލާރި ހެޔޮ ވެފަ އެވެ.