twitterviber whatsapp telegramfacebookyoutube instagram
19th April 2024

ރާއްޖެތެރޭގެ ސިއްހީ ނިޒާމު ރަނގަޅު ވެދާނެތީ ބަޔަކު މޭކަރަނީއެވެ.

Jul 20, 2017

އިއްޔެ އެންމެ ގަދައަށް ދެކެވުނު އެއް ވާހަކައަކީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ތަރައްޤީ ކުރުމަށް ހަވާލުކުރި ނިމްސް ގުރޫޕަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ތަރައްޤީކުރުމަށް ޝަރުތުކޮށް 2 ފަޅުރަށް ހަވާލުކުރި ވާހަކަ އެވެ. މި ވާހަކަ ނިމްސް ގުރޫޕްގެ ފަރާތުން ވަނީ ވަގުތުން ދޮގުކޮށްފަ އެވެ. މިފަދަ ބޮޑެތި ޕްރޮޖެކްޓްތަކާ ގުޅުވައިގެން އަބަދުވެސް މިފަދަ ވާހަކަތައް ފެތުރިގެންދާ ކަމީ ދިވެހިން މިހާރު ފަރިތަވެފައިވާ އަޑެކެވެ. އިވުނަސް މާ ބޮޑު އަސަރެއް ނުކުރާހާ މިންވަރަށް އެކަން އާންމުވެއްޖެ ނޫންތޯ އެވެ. އަޑެއް ކިއްޔާ ރެނދެއްލާނޭވެސް ބުނެ އުޅެ އެވެ.

އަޅުގަނޑުމެންނަށް އެނގޭ ހަޤީޤަތަކީ ފަޅުރަށްތަކުގެ ވާހަކައަކީ ވަކި ސަރުކާރަކާ ގުޅިފައި އޮތް ކަމެއް ނޫނެވެ. ވޭތުވެދިޔަ ސަރުކާރުތަކުގައިވެސް ފަޅުރަށްތަކުގެ ވާހަކަ ވަނީ ވަރަށް ގަދައަށް ދެކެވިފަ އެވެ. ކުޅުދުއްފުށީ އަދި ބޮޑު ތިލަދުންމަތީ ރައްޔިތެއްގެ ހައިސިއްޔަތުން މި ސަރަހައްދުގެ ސިއްހީ ނިޒާމު ރަގަޅު ފެންވަރަކަށް ތަރައްޤީ ވުމަކީ އަބަދުވެސް ދެކެވެމުން އަންނާނެ ހުވަފެނެއްކަން ޔަޤީނެވެ. އަދި މިވީހާ ތަނަށް ހޮސްޕިޓަލް ތަރައްޤީ ނުވެ މިއޮތީ ރާއްޖޭގެ ދެ ރަށެއް ކުއްޔަށް ދޭން ޖެހޭތީ ކަމުގައި ވާނަމަ ދެ ރަށެއް ކުއްޔަށް ދޭން ތަންކޮޅެއް ލަސްވެއްޖެހެންވެސް ހީވެއެވެ. ދެން ކޮންމެ ގޮތެއްވިޔަސް ކުއްޔަކަށް ނުވެސް ދޭ ޔޯލަ އެވެ.

ނަމަވެސް އިންޑިއާގެ ނޫހެއް ކަމުގައިވާ ދި އިކޮނޮމިކް ޓައިމްސް އިން ނިމްސްގެ މެޑިސިޓީގެ މެނޭޖިން ޑިރެކްޓާ ފައިޒަލް ހާނާ ހަވާލާދީ ހާމަކޮށްފައިވާ ގޮތުގައި ނިމްސްއިން ރާއްޖޭގެ ސިއްހީ ދާއިރާ ރަނގަޅު ކުރުމުގެ އެއްބަސްވުމުގެ ދަށުން ރާއްޖެއިން ދެ ފަޅުރަށް އެ ގުރޫޕާ ވަނީ ހަވާލުކޮށްފަ އެވެ. އަދި އެ ގުރޫޕުން ރާއްޖޭގައި ފެންވަރު ރަނގަޅު މެޑިކަލް ކޮލެޖަކާއި، ސްޕޭސް ރީސާޗް އޯގަނައިޒޭޝަނަކާއި، ގެނެޓިކް ރިސާޗް ސެންޓަރަކާއި، އޭވިއޭޝަން އެކަޑަމީއަކާއި، މެރިން އިންޖިނިއަރިން ކޮލެޖެއްގެ އިތުރުން ހޮލިސްޓިކް ޓްރީޓްމެންޓް ސެންޓަރެއް ތަރައްޤީ ކުރާނެ ކަމަށްވެސް އެ ނޫހުން ރިޕޯޓް ކުރެ އެވެ. މި ލިސްޓު ކުރެވުނު ތަންތަނަކީ އަޅުގަނޑުމެންވެސް ރާއްޖޭގެ ހުރުމަށް ނުލާހިކު ބޭނުން ތަންތަނެވެ. އެތަންތަން އަޅައި ތަރައްގީއާއި ވަޒީފާ އާއި ތައުލީމީ ފުރުސަތުތައް ގެންނަންޏާ 2 ރަށް ކުއްޔަށް ދޭށެވެ.

ހޮސްޕިޓަލެއް ހިންގުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. ހާއްސަކޮށް މިހާ ކުދި އާބާދީ ތަކުގައި އެ ހޮސްޕިޓަލަކުން ފައިދާ ލިބިގެން ދެމެހެއްޓެނިވި ގޮތަކަށް ހިންގުމަކީ އުނދަގޫ ކަމެކެވެ. އަދި މަލްޓި ސްޕެޝަލިޓީ ޓާޝިއަރީ ހޮސްޕިޓަލެއް ގޮތަށް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާއިރު ބައިވަރު އަގު ބޮޑެތި އިކުއިޕްމެންޓްތައްވެސް ބޭނުންވާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. މި މަޝްރޫއުގެ ޖުމްލަ އަގު 3.9 ބިލިއަން ރުފިޔާއަށް އަރާކަމަށް ރިޕޯޓް ކުރެވިފައިވާއިރު، މިފަދަ އިކުއިޕްމެންޓްތައް ގެނެސް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް އެ ހިންގާ ގުރޫޕަކަށް އެހެން ޕްރޮޖެކްޓްތައް ހިންގުމަކީ މުހިއްމު ކަމަކަށް ވާނެ އެވެ. ހަމައެކަނި ހޮސްޕިޓަލް ހިންގައިގެން ފައިދާ ލިބޭނެ ފަދަ ގޮތަކަށް ހިންގާވަރުގެ އާބާދީއެއް ނެތް ކަމީ ޤަބޫލުކުރަން ޖެހޭ ހަޤީޤަތެކެވެ. މިވީހާ ތަނަށް އައިޖީއެމްއެޗް ފަދަ ހޮސްޕިޓަލުންވެސް މިފަދަ އިކުއިޕްމެންޓްތައް ނުގެންނަ އެއް ސަބަބަކީ މިއީ އެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލް ތަރައްޤީކުރުމަށް ނިމްސްއާ ހަވާލުކުރުމުގެ ވާހަކަތައް ފެށުމާއެކު އެތައް ބަޔަކު މޭ ކަރައިގަނެގެން ދިޔަ އެވެ. އެ ގުރޫޕާ ހަވާލު ނުކުރުމަށް ކުރެވެން އޮތްހާ ޖެއްސުމެއް ސަރުކާރުގެ ތެރޭންނާއި ބޭރުން މިކަން ފެށުނީއްސުރެ ދިޔައީ ކުރަމުންނެވެ. ސަބަބަކީ ބައެއް ކަހަލަ ބޮޑެތި ބޭފުޅުންނަށް ރާއްޖެތެރޭ މީހުން އަތުން ކުލީގެ ގޮތުގައި ލިބުނު ފައިސާ ނުލިބިދާނެ ހެން ހީވުމެވެ. އަދި ސިއްހީ ދާއިރާއިން ބޮޑެތި އަދަދުތަކުން ނާޖާއިޒު ގޮތުަގައި ފައިދާ ހޯދުމަށް ހުޅުވިފައިވާ ދޮރުތަކަށް އެޅޭ ހުރަހަކަށް ނިމްސް ހޮސްޕިޓަލް ވެގެންދާނެކަން ޔަޤީން ކުރެވުމެވެ. ސިއްހީ ނިޒާމާއި އިންޝުރެންސް ނިޒާމު ތެރޭން ރާއްޖޭން ބޭރުގައި ތިބޭ އޭޖެންޓުން މެދުވެރިކޮށް ނާޖާއިޒު ގޮތުގައި ފައިދާ ނަގާ ވާހަކަ އަކީ ރައްޔިތުންނަށް އާ ވާހަކަތަކެއް ނޫނެވެ.

އަޅުގަނޑުގެ ބޭނުމަކީ ރާއްޖޭގައި އެންމެ ނުރައްކާތެރި އެއް ވަބާ ކަމުގައިވާ ކޮރަޕްޝަން ހުއްދަ ކުރުމެއް ނޫނެވެ. އަޅުގަނޑުވެސް ޤަބޫލު ކުރާ ގޮތުގައި ކަންކަން ކުރާއިރު ކަމުގެ ދެފުއް ފެންނަން ޖެހޭނެ އެވެ. ނަމަވެސް ހުރިހާ ކަމެއް ހިޔާލު ހޯދުމުގެ ވޯޓު ތަކުން ނިންމަން ވެއްޖިއްޔާ ކަމެއް ވާ ފަހަރަށްވުރެ ނުވާ ފަހަރު ގިނަވާނެ އެވެ. ރާއްޖޭގެ ފެރީ ނިޒާމާއި އަދިވެސް އެހެނިހެން ޕްރޮޖެކްޓްތައް ހިންގުމަށްޓަކައި ރިސޯޓް ތަރައްޤީ ކުރުމަށް ފަޅުރަށްތައް ދޫކޮށްފައިވާކަމީ ފެންނަން އޮތް ހަޤީޤަތެކެވެ. އަދި މިގޮތަށް މިކަންކުރާއިރު މީޑިއާތަކަށް މައުލޫމާތު ދެވިގެން ކުރުމަކީ އަޅުގަނޑުމެން އެދޭ ގޮތެވެ. އަދި އަޅުގަނޑުމެންގެވެސް އެދުމަކީ ރައްޔިތުންނަށް ފައިދާކުރުވަނިވި މިފަދަ ބޮޑެތި ޕްރޮޖެކްޓްތައް، ރަނގަޅު ގޮތުގައި ރާއްޖޭގައި ގިނަވެގެން ދިއުމެވެ.

އިރާދަކުރެއްވިއްޔާ ކުޅުދުއްފުއްޓާއި ހދ އަތޮޅު އަދި ބޮޑުތިލަދުންމަތީގެ ރައްޔިތުންނަށް ނިމްސް ހޮސްޕިޓަލްގެ ފައިދާ ލިބެން ފަށާނެއެވެ. އަހަރެމެން އެންމެންގެ ހޮސްޕިޓަލް ތަރައްގީ ކުރުމަށް 2 ރަށް ކީއްކުރަން 5 ރަށް ދިނަސް ފަރުވާލެއް ނެތެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355