twitterviber whatsapp telegramfacebookyoutube instagram
26th April 2024

ޝިރާނީގެ ކޮލަމް: މިނިވަންކަމުގެ އިހްސާސް ކުރެވޭ ހެއްޔެވެ؟

Jul 26, 2017

– ޑރ. ޝިރާނީ އަބުދުލް ރަހްމާން –

މިނިވަން ދުވަސް، މިނިވަން ދުވަސް އުފަލުން އައީ މިނިވަން ދުވަސް…………ދިވެހި ދިދަޖެހި ފެހި ބަނޑޭރިލީ ފޮތުން ދަސްކޮށްގެން އެބައިތުތައް ކިލާސްތަކާއި އުނދޯލިތަކުގައި ހަރުއަޑުންކީ ހަނދާން ހަމަ ޔަގީނުންވެސް އަޅުގަނޑުފަދަ ނުވަދިހައިގެ ޒުވާނުން ހުންނާނެއެވެ. ޖުލައި  26 ވަނަ ދުވަހަށްޓަކައި ރައްޔިތުން ނިކުމެ ރަށުތެރެ ސާފުކޮށް މަގުތަކުގެ އާބާތުރަ ފިލުވި ހަނދާނާއި އެދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތާއި އެނޫންވެސް ޖަލްސާތަކުގައި އިވުނު ޖޯޝާއި ފޯރިން ފުރިގެންވި އެތައް ވާހަކަތަކުން ހީބިހި ނަގައިގެން ދިޔަ ދިޔުންވެސް ހިތުންފިލާހާ ޒަމާނެއް އަދި ނުވެއެވެ.އެހެން ނަމަވެސް ޖުލައި26 އައުމުން މިއަދު އެއުފާވެރިކަން ހިތަށް ވަދޭހެއްޔެވެ؟ ގައުމީ ލަވަތަކުގެ އަޑު މިޖައްވުގައި އެބަގުގުމާ ހެއްޔެވެ؟ އަޅުގަނޑުމެން އެދުވަހު އެކުރި މިނިވަން  އިހުސާސްތައް މިއަދުގެ ދަރިން އެބަކުރޭހެއްޔެވެ؟

އަޅުގަނޑުގެ ޖަވާބަކީ ނޫނެކެވެ. ކީއްވެގެންހެއްޔެވެ؟ މިއަދުވެސް ރަސްމީ ޖަލްސާތައް ބާއްވައެވެ. ހެނދުނު ހެނދުނާއި ދިދަ ނަގައެވެ. ޝަހީދު ހުސެއިން އާދަމްގެ ހަނދާނީބިނާ ކުރިމަތީގައި ހައިބަތު ވަރުގަދަ ބޮޑު ދިދަ އެބަ ވިހުރެއެވެ. ނުވިތަނަކަށް ފުޅަނދުބުރު ބާއްވާ ހަވާވެސް އަރުވައެވެ. ސްކޫލުތަކުން އަގުބޮޑެތި ނެށުން ތައްޔާރު ކުރާކުރުން ނިމުމަކަށްވެސް ނާދެއެވެ. ދެން ބަދަލުވެގެން މިއުޅެނީ ކޮންކަމެއް ހެއްޔެވެ؟  މަދުވެގެން މިއުޅެނީ ކޮންކަމެއް ހެއްޔެވެ؟ އަޅުވެތިކަން ދެކުނު ދިވެހިން ނެތީ ހެއްޔެވެ؟

އަޅުގަނޑުގެ ނަޒަރުގައި ބަދަލުވީ ދިވެހިންނެވެ. އަޅުގަނޑު މެންގެ ވިސްނުމެވެ. ދިރިއުޅުމުގެ ވައްޓަފާޅިއާއި ފެންވަރެވެ. ފިކުރެވެ. މަގުސަދުވެސްމެއެވެ. ގައުމީވަންތަކަމާއި އެޖޯޝާއި ފޯރި ދޫވަމުންގޮސް ގާދޫ ކޮލުން މިއޮށްގެން ނިކުންނަނީއެވެ. ފިކުރުތަކުގައި ކުލަފޮށީގެ ހުރިހާ ކުލައެއް ހުސްކޮށް ޖައްސާ ނިމުނީއެވެ. އޭގެ އަގަކަށް ގައުމީ ލޯބާއި، ގައުމީ ރޫޙުގެ އިތުރުން އެއްބައެއްވަންތަކަން ވެދުންކޮށްފައެވެ. ގާނޫނާއި ގަވައިދަކީ އެދުވަހެއްގައި ހުންނަވާ މާލިމީއާއި ފަޅުވެރިން ބޭނުންގޮތަކަށް މޮޑޭ ފުއްގަޑެއްކަމުވެސްވީއެވެ.

ތާރީޚުން އިބުރަތް ހާސިލުނުވެ އެލިބުނު ފިލާވަޅުތައް ހަނދާނުން ކައްސާލެވުނީއެވެ. ދިވެހިންގެ ޢިއްޒަތާއި އަބުރާއި މިނިވަންކަން ވިއްކީ ދިވެހި ޚާއިނުންކަންވެސް ހަނދާންނެތުނީއެވެ. އެފަދަ ގައްދާރުން އުފެދުމަށް ޖާގަ ލިބުނީ އަމިއްލަ އެދުމުން ފޯވެފަައިވާ މީހުން ގިނަވެގެންކަން އެގިތިބެ އެޖާގަ ދޭން އަނެއްކާވެސް ފެށުނީއެވެ. ވެރިކަމުގެ ތަޙުތު ހިމާޔަތްކުރުމަށް ވަށައިގެން ވާޖަހާ ބިތްބިތަށް ދަމަންފެށި، މިނިވަންކަމުގެ ފޮނި ރަހަ އަރުތެރެއިންވެސް ފުހެވެންފެށީއެވެ. އަޅުވެތިކަމުގެ ހިތިކަމާއި ޖިޒީގައިހުރި އައްސިވެސް މާޒީގެ ތެރެއަށްގެެއްލިގެންދިޔައީއެވެ.

މިނިވަންކަމަކީ ކޮބައިކަމާއި އެއަތުން ބީވެގެން ދިއުމުންވާނެ ގޮތް ދަރިންނަށް ކިޔައި ނުދެވުނީއެވެ. ގައުމީ ރޫޙު ހިތްތަކުގައި އަށަނުގެންނެވުނީއެވެ. ހެޔޮ ނަމޫނާއެއްވެސް ނުމެދެއްކުނީމެއެވެ. ޖަަލްސާތަކަކީ އެވަގުތެއްގައި މިނަވުގެ  ހުންގާނުގައި ހުންނަވާ ބޭފުޅެއްގެ ދެއްކުންތެރިކަން ހާމަކުރުމަށްކުރާ ކަމަކަށްވެއްޖެއެވެ. ފުޅަނދު ބުރަކީ ކުޑަކުދިންނަށް ދައްކާލެވޭ ކުޅިވަރަކަށްވެގެންހިގައްޖެއެވެ. ޖުލައި ސައްބީސް ބަންދަކީ ހިމައެކަނި ދިރިއުޅުމުގެ ބުރަ މަސަކަތުން ދުރުވެ ހަމަ ނޭވާލާން އޮންނަ ޗުއްޓީއަކަށްވެގެންވެސްހިގައްޖެއެވެ. ސިޔާސީ ޕާޓީތަކުން އެބަޔަކަށް ލެވުނު ކުލައެއްގެ ރޮގު ދިމަދިމާލުގައި ދަމާލާ ދުވަހަކަށްވެސްވީމެއެވެ.

އެހެންކަމުން މިދަތުރު ކުރަމުންދާ މިސްރާބުން މާދަމާވެސް އަޅުގަނޑުމެންގެ މިނިވަންކަން ގެއްލިގެންގޮސް މިނަވު ފަރަކަށް އަރައި ތިންލައްކަ ދިވެހިން ކަނޑުވެގެން ހިގައިދާނެއެވެ. މީގެ އަހަރެއްފަހުން މިދުވަސް މިހެން ފާހަގަކުރަން ބޭނުންކަމުގައި ވަނީވިއްޔާ އަޅުގަނޑުމެން ތެދުވަންވީ ވަގުތަކީ މިއީއެވެ. އަމިއްލައެދުން ނަގައި އަތުކޮޅަށް ހޫރާލައި ގައުމުގެ މަސްލަހަތު ކުރިއަށްނެރެ އަންނަން އޮތް ޖީލުތަކަށް ނަމޫނާ ދައްކަންވީ ދަނޑިވަޅަކީ މިއީއެވެ. މިނިވަން ސަތޭކަ ފާހަގަ ކުރުމަށް އަޅުގަނޑުމެންގެ ދަރިން މާދަމާ ޖޯޝާއި ފޯރީގައި ފެއްސާއި ރަތާއި ހުދާއި ހުރި ދިދައިގެ ހިމާޔަތުގައި ތިބެވޭނީ މިއަދު އަޅުގަނޑުމެންގެ އަމަލުތައް ބެހެއްޓުނު ގޮތަކުންނެވެ. އެޒިންމާ އަޅުގަނޑުމެންގެ ކާބަފައިން އަދާކޮށްދިން ފަދައިން އަޅުގަނޑުމެންގެ ދަރިންނަށް އަދާކޮށްދިނުމަށް އަތުކުރި އޮޅާލަންވީ މިއަދުއެވެ. މާދަމާ މާ ލަސްވެދާނެއެވެ.

ނޯޓް:ހދ ކުޅުދުއްފުއްޓަށް އުފަން ޑރ. ޝިރާނީ އަބުދުލްރަހްމާނަކީ ރަޝިޔާގެ ނިޒްނީ ނޮވްގޮރޯޑް ސްޓޭސް މެޑިކަލް އެކަޑަމީން އެމްބީބީއެސް ހައްދަވާފައިވާ ބޭކަނބަލެކެވެ. އޭނާ މިހާރު ވަޒީފާ އަދާކުރައްވަނީ ޤައުމީ ޔުނިވަރސިޓީގެ ފެކަލިޓީ އޮފް ހެލްތް ސައިންސަސްގެ ޕާޓް ޓައިމް ލެކްޓަރާއެއްގެ މަގާމުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355