twitterviber whatsapp telegramfacebookyoutube instagram
26th April 2024

ޝިރާނީގެ ކޮލަމް: ޒިންމާވާންޖެހޭ ފަރާތަކީ ކޮބާހެއްޔެވެ ؟           

Aug 2, 2017

ޑރ. ޝިރާނީ އަބުދުލްރަހްމާނު

ޓީވީ ހުޅުވައިލީމެވެ. ފުރަތަމަވެސް އިވުނު ޚަބަރަކީ މާލޭގެ ގަރާޖެއްގެ ތެރޭގައި ހުރި ޒުވާނެއްގެ ގަޔަށް ވަޅި ޖަހައި، އޭގެ ކުޑައިރުކޮޅެއްގެ ތެރޭގައި އެ ޒުވާނާ ނިޔާވި ހަބަރެވެ. މީގެ ދެތިން ދުވަސް ކުރިއަށް ޖެހިލަމާ ހެއްޔެވެ. ހަމަ ޓީވީ ހުޅުވާލި ވަގުތު އަންނަމުންދިޔަ ހޫނު ޚަބަރަކީ، ލޮނު ޒިޔާރަތްކޮޅުގައި ވަޅިޖަހައި ޒަޚަމްކޮށްލި ޒުވާނާ ނިޔާވި ޚަބަރެވެ. ތިރިއަށް އަރަމުން ދިޔައީ ބަދަލުހިފުމުގެ ގޮތުން ބަޔަކަށް ހަމަލާދޭން އުޅުނު ޒުވާނުންތަކެއް ތޫނު ހަތިޔާރާއިއެކު ހައްޔަރުކުރި ވާހަކައެވެ. ދުލުން ކިޔުނީ إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ އެވެ. ހަނދާނަށް އައީ މީގެ ދެތިން އަހަރުކުރިން ފޭސްބުކްގައި ދައުރުވި ޚަބަރުތަކެކެވެ. ބޮބީ ނަމަކަށް ކިޔުނު ޒުވާނާއަށް އިންސާފު ހޯދަދިނުމަށްޖެހި ޕޯސްޓުތަކެވެ. ހިތަށްއެރީ މަރާލެވުނު ތާޖުއްދީންގެ ދަރިވަރުގެ މަތިންނެވެ. ޚިޔާލަށް އައީ ދިގު މުއްދަތަކަށްފަހު މާލެ އާދެވުނު ދުވަހެއްގައި ހިނގި ލޯޔަރު ނަޖީބުގެ މަރުގެ ހާދިސާއެވެ. ކަންފަތުގައި ގުގުމައިލީ ޑރ. އަފްރާޝީމް ގަތުލުކުރި ވާހަކަ އިވުނު ފޯނުކޯލެވެ. ސިނކުޑީގައި އެބުރެންފެށީ ޔާމިން ރަޝީދުގެ ލެއިން ތަތްތެޅިފައި ހަށިގަނޑުގެ ތަސްވީރެކެވެ.

ހިތްދަތިކުރުވީ ވީނުވީއެއް ނޭނގި ގެއްލުނު ރިޟްވާނުގެ މަންމަގެ ރުއިމުގެ އަޑެވެ. އިސްޖަހާލެވުނީ ގައުމު އެލާޓަށް ގެނައި ހުސެއިން ސަލާޙުގެ މަރެވެ. ނޭވާ ހާސްކުރުވީ ވޭތުވެގެން މިދިޔަ ހައެއްކަ އަހަރުގައި އެފުލުފުލުގައި އެކި ގޮތްގޮތުން އަޅުގަނޑުމެންނާއި ވަކިކޮށްލެވުނު ދިވެހިންގެ އަދަދު މިއޮށް ކުޑަ ގައުމުގައި އިގިލިތަކުން ނުގުނޭ މިންވަރަށް އިތުރުވެގެން ދިޔައީމައެވެ.  3 އަކުރުން އަދަދުޖަހާ ހިސާބުކުރަން ޖެހުނީމައެވެ. ލޮލުންކަރުނަ އޮހެނީ އޭގެން އެއްވެސް ފަރާތަކަށް އިންސާފު ހޯދާނުދެވުނީތީއެވެ. މޭގައި އަތް އަޅާލެވުނީ ބިކަވެގެންދިޔަ އާއިލާތައް ހިތަށް އައީމައެވެ. އަތް އުފުލުނީ އެފަރާތްތަކަށް ހެޔޮ ދުޢާކުރުމަށެވެ.

ދެރަވަނީ ސަރުކާރަށްވެސް އެބޭފުޅުން ބޭނުންވާ ވަގުތެއްގައި،ބޭނުންފުޅުވާ ކަންތަކުގައި ކޮންމެ ދަންވަރެއްގައިވެސް ބަޔާންތައްނެރުއްވާ ގަވައިދުތައް ތަންފީޒުކުރައްވާ ފަދައިން އެތައް ދިވެހި ދަރިންނެއްގެ ލޭ މިބިމަށް އޮހިގެންދާއިރު އެކަމަށް މާބޮޑު ސަމާލުކަމެއް ދެއްވާތަން ނުފެންނާތީއެވެ. ކުށްވެރިން ހޯދުމަށް ގިނަފަހަރަށް ކަމާ ބެހޭ ފަރާތްތަކުން ނުކުޅެދޭތީއެވެ. ސިޔާސީ މައްސަލައެއް ފިޔަވާ ތަހުގީގެއް ނިމޭމަދު މައްސަލައެއްވެސް ކޯޓު މަރުހަލާނިމި ކުއްވެރިންނަށް އަދަބުދެވޭތަންވެސް ނުފެންނާތީއެވެ.

ހިތްހަމަ ނުޖެހެނީ މައިންބަފައިންނަށް  އެމީހުންގެ ދަރިންނަށް ރިވެތި އިސްލާމީ ތަރުބިއްޔަތެއް ނުދެވުނީތީއެވެ. އެއްވެސް އިންސާނެއްގެ ފުރާނަ ދުއްވާލުމަކީ މުޅި އުއްމަތުގެ  އެންމެންގެ ފުރާނަދުއްވާލުންފަދަ ކަމެއްކަން ބުނެނުދެވުނީމައެވެ. ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރަން ކިޔައިނުދެވުނީމައެވެ. މިއީ ވަގުތީ ދުނިޔެއެއްކަމާއި، މިއަދު ގާނޫނުތަކުން ރެކެވުނަސް މާދަމާ ގަދަފަދަ ވެގެންވާ ޢަޒާބުން ނުފިލޭނެކަންވެސް ހިތްތަކަށް ފަހުމްކޮށް ނުދެވުނީމައެވެ. މަޢާފުކުރުމުގެ މާތްކަން އެގޭ ޖީލެއް ބިނާކޮށް ނުދިނީތީއެވެ.

ގަބޫލުކުރަން ބޭނުންނުވަނީ މިމުޖުތަމައުގައި މިފަދަ ކަންކަމަށް ހިތްވަރުދީ، އެއަމަލުތައް ދިފާއުކޮށް  އެކަންކުރުވާބަޔަކު ތިބިކަމެވެ. ކުށްވެރިން މިބިމުގައި ބޮޑާކަމާއި މިނިވަންކަމާއެކު ހިނގުމުގެ ފުރުސަތު ތަނަވަސްކޮށްދޭ ބަޔަކު ތިބިކަމެވެ.  ބަދަލު ހިފުމާއި، އެކަކު އަނެކަކަށް އަނިޔާވެރިވެ ބިރުދައްކައިގެން ބާރުވެރިވުމަށް ތަމްރީނުކުރުވާ ބަޔަކުތިބިކަމެވެ. އިންސާނާގެ ފުރާނައަކީ އަތުގައި އޮތް ގަޑިއަށްވުރެވެސް އަގުދަށް އެއްޗެއްކަމުގައި ޒުވާނުންނަށް ވިސްނައިދޭން އަތުކުރި އޮޅައިގެން ބަޔަކު ތިބިކަމެވެ.

ހިނިތުންވުން ފިލައިގެންދިޔައީ ދިވެހި ލޭ އަގެއްނެތް އެއްޗެއްގެ ގޮތުގައި ދިވެހި ބިމަށް އޮހޮރުވާތީއެވެ. ބައެއްގެ ދަރިއެއް، ފިރިއެއް، އަނތްބެއް، ބައްޕައެއް، މަންމައެއް، ބޭބެއެއް، ކޮއްކޮއެއް، ދައްތައެއް، ނުވަތަ ރަހުމަތްރިއެއްކަން ހިތަށް ނާރުވާ ބަދަލު ހިފުމުގެ ނުބައިކަމުގެ ޝިކާރައަކަށް ނޫކަށި ފުރައިގެ ޒުވާނުންވެގެން ދިޔައީމައެވެ. ވާހަކަ ދެއްކުމުގެ ރީތި އާދަ ނައްތާލައި، ހައްލަކީ އަނިޔާވެރިވުންކަމުގައި ދެކި ނުބައި ކަސްތޮޅެއްގައި ގިނަ މީސްތަކެއްޖެހިފައި ވާތީއެވެ.

އެހެންކަމުން މިކަމުގައި ޒިންމާވާންޖެހެނީ ގައުމު ހިންގުމަށް ތިއްބެވި ފަރާތްތަކުންނެވެ.  ގައުމުގެ އަމަންޢާމް ބަލަހައްޓަން ހަވާލުވެފައިވާ ފަރާތްތަކެވެ. ހުކުމް ކަނޑައަޅަން ތިބި ފަރާތްތަކުންނެވެ. އެހުކުމްތައް ތަންފީޒުކުރުމުގެ ޒިންމާނަގަންޖެހޭ ފަރާތްތަކުންނެވެ. އާއިލާތައް ބިނާކުރުމުގެ މައްސޫލިއްޔަތު އެޅިފައިވާ މައިންބަފައިންނެވެ. ހެޔޮ ނަސޭހަތްދޭންތިބި ރަޙުމަތްތެރިންނެވެ. އެފަދަ ކަންކަންވިޔަ ނުދޭން ހެޔޮ ގޮތުގައި ބާރުވެރި ކުރުވަން އޮތް މުޖުތަމަޢުއެވެ. ޓީވީ ތަކުންނާއި ހަބަރު ބަލަންތިބި ފަރާތްތަކުންނެވެ. އެއީ އަޅުގަނޑެވެ. ތިބޭފުޅާއެވެ. މިހުރިހާ ފަރާތެއްގެ ޒިންމާ އަދާކޮށްފިނަމަ މިއީވެސް އަރައި ނުގަނެވޭނެ ހާލަތެއްނޫނެވެ.

 

ނޯޓް: ކުޅުދުއްފުއްޓަށް އުފަން ޑރ. ޝިރާނީ އަބުދުލްރަހްމާނަކީ ރަޝިޔާގެ ނިޒްނީ ނޮވްގޮރޯޑް ސްޓޭސް މެޑިކަލް އެކަޑަމީން އެމްބީބީއެސް ހައްދަވާފައިވާ ބޭކަނބަލެކެވެ. އޭނާ މިހާރު ވަޒީފާ އަދާކުރައްވަނީ ޤައުމީ ޔުނިވަރސިޓީގެ ފެކަލިޓީ އޮފް ހެލްތް ސައިންސަސްގެ ޕާޓް ޓައިމް ލެކްޓަރާއެއްގެ މަގާމުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355