twitterviber whatsapp telegramfacebookyoutube instagram
29th March 2024

ޕެންޓަގުރާމް ހިރަފުސް ކަޕް 10 ފަށައިފި

Aug 1, 2017

ޕެންޓަގުރާމް ހިރަފުސް ކަޕް 10 ފަށައިފި އެވެ.

އޯގަސްޓް 1 އިން 24 އަށް ކުރިއަށްދާ މި މުބާރާތުގައި މިއަދު ކުޅުނު މެޗުގައި ބައްދަލުކުރީ ހެންކާސް އަދި ސްކާލެޓް އެވެ. މި މެޗު 8-4 އިން ސްކާލެޓްއިން ކާމިޔާބުކުރިއިރު މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ސްކާލެޓްގެ ޖާޒީ ނަންބަރު 8 ހުސައިން އަބްދުލް ރަޝީދު (ބިގޭ) އެވެ. އޭނާ ވަނީ މިއަދުގެ މެޗުގައި 4 ލަނޑު ޖަހާފަ އެވެ. އަދި އެ ޓީމުގެ ސިނާން އިބްރާހިމް (ސިންނެ) 3 ލަނޑު ޖެހިއިރު އަނެއް ލަނޑު ޖަހައިދިނީ ހުސައިން އާދަމް (ތުޅާ) އެވެ.

މިއަދުގެ މެޗުގައި ހެންކާސްގެ އަންވަރު އާދަމް ދެ ލަނޑު ޖެހިއިރު އެ ޓީމުގެ އަނެއް ދެ ލަނޑު ޖެހީ އާދަމް އިލްހާމް (އިއްލެ) އާއި އިބްރާހިމް ހުސައިން އެވެ.

އާންމު ގޮތެއްގައި ކޮންމެ އަހަރަކުވެސް ރަމަޟާން މަހު ހިރަފުސް ދަނޑަށް ކުޅެންދާ ކުދިންނަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި މި އަހަރު ކޮންމެ ފަރާތަކަށްވެސް ނަންނޯޓް ކޮށްގެން ބައިވެރިވުމުގެ ފުރުސަތުވަނީ ހުޅުވާލައިފަ އެވެ. އަދި އާންމުކޮށް ހަ ރޯދަ ވެރިންގެ އީދު ދުވަހު ފަށާ މި މުބާރާތް، މިނިވަން ޗެމްޕިއަންޝިޕްއާ ގުޅިގެން ވަނީ ފެށުން ލަސްކޮށްފަ އެވެ.

ޖުމްލަ 190 ކުޅުންތެރިން ހިމެނޭ މި މުބާރާތުގައި ޖުމްލަ 10 ޓީމު ވާދަކުރާނެ  އެވެ. މި މުބާރާތް ކުރިއަށް ދަނީ ޓީމުތައް ދެ ގުރޫޕަކަށް ބަހާލައިގެން ކޮންމެ ގުރޫޕަކުންވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ސެމީ ފައިނަލަށް ދަތުރު ކުރާ ގޮތަށެވެ.

މާދަމާ މި މުބާރާތުގައި ކުޅޭ މެޗުގައި ބައްދަލު ކުރާނީ ފެމިލީ ބޭކާސް އަދި ސްޕީޑް އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355