ޝިރާނީގެ ކޮލަމް: ހަކުރު ބަލި، ކުރިން ވިސްނާލެވުނުނަމަ

ކުޅުދުއްފުށި އޮންލައިން - 3 months ago - 9 އޯގަސްޓް 2017



– ޑރ. ޝިރާނީ އަބުދުލް ރަހްމާން –

 

އަހަރެންނަކީ ފެށުނީއްސުރެވެސް ފޮނިއެއްޗެހި ކެއުމަށް ފޯރިހުންނަ މީހެކެވެ. ފޮނިކޮށް ކައްކާފަހުންނަށް ސަޔަށްވެސް އިތުރަށް ދެ ސަމުސާ ނާޅައި ކަމަކު ނުދެއެވެ. ގިރައި މައިލޯ ތަށީގެ މެދަށްވުރެ މައްޗަށް ކިރުއަޅައި އޮލަ ނުކުރިއްޔާ ނުބޮވެއެވެ. ރޭގަނޑު ނިދޭނީ ބޮޑުބައިގެ ބަތްތަށްޓެއް ކައިގެންނެވެ. ކެއުމުގެ ފަހުގައި ކޭކަކުން ނުވަތަ ޕުޑިންއަކުން އަނގަފޮނި ނުކުރަންޏާ ކެެެއުންފުރިހަމަވީ ކަމަކަށްނުވެ އެވެ.

އެހެންނަމަވެސް ފަހަކަށް އައިސް ކިތަންމެ ގިނައިން ކެޔަސް ވަރުބަލިކަމެއް ނުކެނޑެއެވެ. ކުރީގައި އަހަންނަކީ ވަރުގަދަ މީހެއްކަމަށް އެންމެންވެސް ކިޔާމީހެކެވެ. ބަރު އެއްޗެއް ތަނަކަށް އުފުލަން ވިޔަސް ގެންދާނީ އަހަރެން ނެއެވެ.ގޮތަކަށް ބުނަންޏާ ވީރެކެވެ. ކޮންމެއަކަސް ވަރުބަލިވީވީހެން އިތުރަށްކަމެވެ. އަބަދުމެ ފެންބޮވާފައި ހުންނާތީ ދެތިން ހަތަރުލީޓަރުގެ ފެންވެސް ބޮމެވެ. އެކަމަކު ވަރުބަލިކަމަކަށް ބަދަލެއްނައެވެ. ރޭގަނޑު ފާޚާނާއަށް ދުވަންޖެހޭ މިންވަރު އިތުރުވުން ނޫން ކަމެއްނުވެއެވެ.މިކަން މިހެންވާތާ ދުވަސްކޮޅެއް ފަހުން ކޮއްކޮއެއްގެ ގާތު މިވާހަކަ ދައްކާލައިފީމެވެ.

އޭނާ ބުނީ އެއީ ހަކުރުބަލީގެ އަލާމަތްތަކެއް ކަމަށެވެ. އަހަރެން އެކަން ގަބޫލުކުރާކަށް ބޭނުމެއްނުވިއެވެ.  ޑޮކްޓަރަށް ދެއްކުމަކީ ފޫހިކަމަކަށްވެސްވީމަ އެވެ. ދެން ކޮއްކޮ ލަފާދިނީ ކުޑަކަމުދާ ތަކެތީގެ ރަހަބެލުމަށެވެ. އޭނާބުނިގޮތުގައި ވަކިވަރަކަށް މައްޗަށް ދިއުމުން ކުޑަކަމުދާ ތަކެތީގައި ފޮނިރަހަ ލާނެކަމަށެވެ. އަހަރެން ޑޮކްޓަރަށް ދައްކަން ބޭނުންނުވި މިންވަރަކީ އެއީއެވެ. ވަގުތުން ފާޚާނާއަށްވަދެ އެކަންކޮށްފީމެވެ. ލީ ފޮނި ރަހައެކެވެ. ވަގުތުން ހާސްވެއްޖެއެވެ. ކޮއްކޮބުނީ އަވަހަށް ހަސްފަތާލަށް ދާންވީކަމުގައެވެ. ދެން އެހެެންގޮތެއް ނެތުމުން އަހަރެން އެއްބަސް ވީ މެވެ.

ޑޮކްޓަރު ބެލުމަށްފަހު އިނގިލިކުރިއަށް ކައްޓެއް ކޮއްޕާލައިގެން މެޝިނަކަށް ލޭ ތިކި ލައިގެން ސިކުންތެއްގެ ތެރޭގައި ހަކުރު މަތިކަމަށް ބުނެފިއެވެ. އިތުރު ތަޙްލީލުތައް ހެނދުނު ހުސްބަނޑާ އައުމުން ކުރާނެކަމަށް ބުންޏެވެ.އަނެއްދުވަހު ހުސްބަނޑާ ހުރެ އާއި ކެއުމުގެ ދެގަނޑި އިރު ފަހުން ލޭގެ ޓެސްޓުތަކެއް ހެދިޔެވެ. ކުޑަކަމުދާ ތަކެތިވެސް މެއެވެ. އަހަރެންގެ ހުރީ ޑައިބިޓީސް ނުވަތަ ހަކުރުބައްޔެވެ. އޭގެ ފަހުން މިއަދަށް  އަހަރު ވަނީއެވެ. ފޮނިއެއްޗެއް އަރުތެރެއަށް ނުލަމެވެ. ގަވާއިދުން ބޭސްކަމެވެ. މަދު ދުވަހެއް ފިޔަވާ ކޮންމެ ދުވަހަކު ބައިގަޑި އިރެއްހާއިރު ފަތާލަމެވެ. މަހަކު އެއްދުވަހު ޑޮކްޓަރަށް ދައްކާ ޓެސްޓް ހަދަމެވެ. ހަ މަހުން އެއްފަހަރު ލޮލުގެ ހާލަތުބަލަމެވެ. މަދުވެގެން އަހަރަކު އެއްފަހަރު ކިޑްނީއާއި ޗިސްމެއާއަ، ތައިރޮއިޑްގެ މަސައްކަތްވެސް ބަލަމެވެ.

ހޭލުންތެރިކަމާއި ފަރުވާތެރި ކަމާއެކު ދިރިއުޅުން ބައްޓަން ކޮށްފިނަމަ ފާރު ފަސޭހަ ނުވެ ފައެއް ގެއްލޭ ހިސާބަށް ނުދާނެކަން އަހަންނަށް އެގެއެވެ. ވަކި ކޮންޓްރޯލެއްގައި ހިފެހެއްޓޭނެކަންވެސް ޔަގީންވެއެވެ. މާމަ ދަރިފުޅުގެ އުފަންދުވަހު ކޭކު ނުކެވުނަސް އެދަރިފުޅަށް  ވާ ދުވަހުވެސް ކޮޅަށްހުރުމުގެ އުއްމީދު އެބައޮތެވެ. ދެރަވަނީ އާއިލާގެ ގިނަބަޔަކު ހަކުރުބަލި ހުރިކަން އެނގޭ އިރުވެސް ކުރީގައި ބަލާ ނުލައި އުޅެވުނީމައެވެ. އެދުވަހު ހަކުރު ބަނޑުކޭމަކަށް ނުކައި ކަސްރަތުވެސް ކޮށް އުޅެވުނުނަމަ މިއަދު ޕުޑިންކޮޅެއް ކާ ލެވުނީސް ނޫންބާވައޭ އަބަދުވެސް ހިތަށް އަރައެވެ.

 

ނޯޓް: ކުޅުދުއްފުއްޓަށް އުފަން ޑރ. ޝިރާނީ އަބުދުލްރަހްމާނަކީ ރަޝިޔާގެ ނިޒްނީ ނޮވްގޮރޯޑް ސްޓޭސް މެޑިކަލް އެކަޑަމީން އެމްބީބީއެސް ހައްދަވާފައިވާ ބޭކަނބަލެކެވެ. އޭނާ މިހާރު ވަޒީފާ އަދާކުރައްވަނީ ޤައުމީ ޔުނިވަރސިޓީގެ ފެކަލިޓީ އޮފް ހެލްތް ސައިންސަސްގެ ޕާޓް ޓައިމް ލެކްޓަރާއެއްގެ މަގާމުގަ އެވެ


ގުޅުން ހުރި ލިޔުންތައް