މިއަދަކީ ބައިނަލް އަގުވާމީ ގޮތުން ފާހަގަކުރާ ފަތުރުވެރިކަމުގެ ދުވަހު އެވެ. ރާއްޖޭގެ ފަތުރުވެރިކަމަށް 45 އަހަރުންވެގެންދަނީ އެވެ. ދުނިޔާގައި އެންމެ ހަލުވިކަމާއެކު ބާރަށް ކުރިއަރަމުން އަންނަ ސިނާޔަތަކީ ފަތުރުވެރިކަމެވެ. ފަތުރުވެރިކަމުގެ އުފާ މުޅި ދުނިޔޭގައި ފާހަގަ ކުރާއިރު އެކަމުގެ ފޮނިމީރުކަމުން ހދ އަތޮޅުގެ ރައްޔިތުން ވަނީ މަޙުރޫމްވެފައި އެވެ.
ދިވެހި ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފް 1972 ވަނަ އަހަރު އެވެ. އެއަހަރު އޮކްޓޯބަރ މަހު މާލެ އަތޮޅު ވިހަމަނާފުށި ނެވެ. މިހާރުގެ ނަމުންނަމަ ކުރުނބާ އައިލެންޑް ރިސޯޓެވެ.
މަސްވެރިކަމަށް މުޅިންހެން ބަރޯސާވެފައި އޮތް ރާއްޖޭގައި ހުޅުވުނު ފުރަތަމަ ރިސޯޓާއިއެކު މުޅިން އާ ސިނާއަތެއް ފެށިގެންދިޔަ އެވެ. މިއަދު ފަތުރުވެރިކަން ވެފައިވަނީ ރާއްޖޭގެ އިޤްތިސާދުގެ މައިނާރު ކަމުގަ އެވެ. ވަށައިގެންވާ ރަށްތައް އާރޯވެ މާލެ ސަރަޙައްދަށް މީހުން ޖަމާވާން ފެށީ އެހިސާބުންނެވެ. ވަޒީފާގެ ފުރުޞަތުތަކާއި ސީދާ ގޮތުންނާއި ނުސީދާ ގޮތުން ފަތުރުވެރިކަމުގެ ނަފާ ރައްޔިތުންނަށް ކުރަންފެށި އެވެ. ނަތީޖާއަކަށްވީ ފެންއޮތްތާކަށް މަސްދާންފެށުމެވެ. ނަމަވެސް ހިތާމައަކީ މަސްވެރިކަމާއި ދަނޑުވެރިކަމަށް އަދި ސިވިލްސާރވިސްގެ ވަޒީފާއަކަށް ބަރޯސާވެފައި ހދ. އަތޮޅުގެ ނިކަމެތި ރައްޔިތުން ތިބެންޖެހުމެވެ. އެގޮތް ބޭނުންނުވާ މީހުން އާއިލާއާއި ދުރަށް ވަޒީފާ އަދާކުރުމަށް ދާންޖެހުމެވެ. ކިރިޔާވެސް ފޯރާ އާއިލާއެއްނަމަ އާއިލާއާއެކު ހިޖުރަކުރި އެވެ..
ރާއްޖޭގެ ތިން ވަނަ އެންމެ އާބާދީ ބޮޑު އަތޮޅަކީ ހދ ވީއިރު ޒުވާނަން އަތޮޅުގައި ތިބެގެން ވަޒީފާއަދާކުރެވޭނެ ގޮތެއް ނެތެވެ. ޒުވާނުންގެ ބޮޑު އާބާދީއެއް އޮންނައިރު ފަތުރުވެރިކަމުގެ ފޮނިމީރުކަން ހޯދުމަށް ދާން ޖެހެނޭ އާއިލާއާ އަނބި ދަރިން ދޫކޮށް މާދުރުގައި އޮންނަ އަތޮޅަކަށެވެ.
ހދ އަތޮޅުގައި ރިސޯޓް ހެދުމަށް ނާގޯޓާއި ހޯނޑާފުށި އަދި ކުޑަމުރަދޫ ދޫކޮށްފައި އޮންނަތާ 10 – 15 އަހަރާ ދެމެދުގެ އަހަރުތަކެއް ވެފައިވާއިރު އަދިވެސް އެތަނުން އެއްވެސް ރަށެއް ހުޅުވޭނެ ދުވަހެއް ނޭނގެ އެވެ. ހޮނޑާފުށީގެ ގިނަ މަސައްކަތްތަކެއް ނިމިފައިވާއިރު ދެން ހުރި ދެ ރަށުގެ މަސައްކަތް ހުއްޓިފައި އޮންނަތާ އެތަށް އަހަރުތަކެއްވަނީ ވެފައި އެވެ. އަދި އޭރު އެތަނުގައި ހެދި މޫދުކޮޓަރިތަކާއި ކުރި ބައެއް އިމާރާތްތަށް މިއަދު ވަނީ ވީރާނާވެ ގޮސްފަ އެވެ.
ރައީސް ޔާމީންގެ ސަރުކާރަށް އެއް އަހަރުވުމުގެ މުނާސަބާ ފާހަގަކުރުމަށް ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވަނީ ކުޅުދުއްފުށީ ސަރަހައްދުގައި އަލަށް ރިސޯޓް ހެދުމަށް އިއުލާން ކުރި 5 ރަށް ހުޅުވިގެންދާއިރު އާ 8000 ވަޒީފާ އުފެދިގެންދާނެ ކަމަށެވެ. އެ ވިދާޅުވި ރަށްތައް އިއުލާންކުރުން ފިޔަވާ ސަރުކާރު ކުރި އިތުރުކަމެއް ނޭނގެ އެވެ.
ބޮޑު ތިލަދުންމައްޗަށް މިދިޔަ އަހަރު ރައީސް ޔާމީން ކުރެއްވި ދަތުރުފުޅުގައިވެސް އެންމެ އަޑު ހަރުކޮށް ދައްކަވާފައިވަނީ ހދ ގެ ފަތުރުވެރިކަމުގެ ވާހަކަ އެވެ. ސަރުކާރުން ހދ އަތޮޅަށް ފަތުރުވެރިކަން ގެންނަ މަސައްކަތް ކުރާ ވާހަކަ އެވެ. ހދ އަތޮޅުގައި ފަތުރުވެރިކަން ތަރައްގީ ނުވެ އޮތީ ދަތުރުފަތުރުގެ ދަތިކަން ހުރެގެން ކަމަށް ވިދާޅުވެ، ކުޅުދުއްފުއްޓާއި ށ ފުނަދޫގައި އަޅައި އެއާޕޯޓާއެކު ކުޅުދުއްފުށީ ސަރަހައްދުގައި ފަތުރުވެރިކަން ފައްކާ ވާނެކަމުގެ ފޮނި ވައުދުތައް ރައީސް ޔާމީނާއި ޓޫރިޒަމް މިނިސްޓަރުވަނީ ދެއްވާފަ އެވެ.
2018 ވެސް އެބަ އާދެ އެވެ. ހދ ރިސޯޓެއް ހުޅުވިފައެއް ނެތެވެ. ވަޒިފާއެއް ނެތެވެ. ނިމިދިޔަ ސަރުކާރުތަށް ފަދައިން މިސަރުކާރުގައިވެސް ހދ ގައި ރިސޯޓް ހެދުމުގެ ޝައުގުވެރިކަމެއް ނެތްކަން މިހާރު ޔަގީންވެފަ އެވެ. އަނެއްކާވެސް ވޯޓަށް އައިސް މޮޅުވާހަކަ ދައްކާލާނެ އެވެ.