ތެލަސީމިއާ ބަލީގެ ވާހަކަ ބުނުމުން އެއީ ކިހިނެތް، ކޮންކަމަކާހެދި ދިމާވާ ކަމެއްކަން ކުރިއަކުން ނޭގެއެވެ. އެއީ ކީއްވެ ދިމާވާކަމެއްބާއޭ ކުރިން ހިތަށް އަރައެވެ. އެކުދިން ލޭ އަޅާއިރު އެކުރާ ކަހަލަ އިހުސާސްތައް އަހަރެންނަށްވެސް ވަނީ އުމުރުން 14 އަހަރުގައި ކުރެވިފައި އެވެ. އެއީ ގައިން ލޭ މަދުވެގެން 2 ޕޮއިންޓް ލޭ އަޅަން ޖެހުނީމަ އެވެ. ލޭ އެޅި ދުވަހުގެ ރޭ ނުވެސް ނިދުނެވެ. ގައިގެ އެކި ތަންތާ ރިއްސާތީ އެވެ. އެއީ އަހަރެން އެދުވަސްކޮޅު ކެއުމާ ތަންކޮޅެއް ދުރުވުމުގެ ސަބަބުން ދިމާވިކަމެކެވެ. އެހެންނަމަވެސް ތެލަސީމިއާ ބަލީގައި ކުރަންޖެހޭ ތަޖުރިބާ ހާސްބައި ތަފާތު ވާނެކަން ޔަގީނެވެ.
އެކަމަކު މިއަދުގެ އުފަލަކީ ނިކަން ހިތްވަރުގަދަ އަދި ވަރަށް ނަލަ ތެލަސީމިއާ ޒުވާން ހުނަރުވެރިއެއްގެ ވާހަކަ ކިޔައި ދިނުމުގެ ފުރުސަތު ލިބުނީތީ އެވެ. މިއީ އަންނަ މަހު 20 ވަނަ އުފަންދުވަސް ފާހަގަކުރުމަށް ތައްޔާރުވަމުންދާ ކުޅުދުއްފުއްޓަށް އުފަން މުހައްމަދު ޝާމިލް ޖަމްޝީދު ނުވަތަ އެންމެން ދަންނަ ނަމުންނަމަ “ތުއްތު” އެވެ.
އަފީފުއްދީން ސުކޫލުގައި އޯލެވެލްއާ ހިސާބަށް ކިޔެވި ތުއްތު ބުނި ގޮތުގައި އެންމެ ބޮޑު ހިތްވަރެއްވެސް އަދި އެހީތެރިކަމެއް ލިބެނީ ރައްޓެހިންގެ ފަރާތުންނެވެ. އެގޮތުން ސްކޫލުގައި ކިޔަވަން އުޅުނު ދުވަސްވަރު ސިޑިން އަރާއިރު ފޮތް ދަބަސް އުފުލަން ނުޖެހޭ ކަމަށާއި އުފުލައި ދޭށޭ ބުނަންވެސް ނުޖެހޭ ކަމަށް ތުއްތު ބުންޏެވެ.
“ސިޑިން އަރާއިރު ދަބަސް ހިފައި ދޭނެ ވަރަށް ގިނަ ދުވަސްދުވަހު. ނުބުންޏަސް ހިފައި ދޭނެ. ބުނަން ނުވެސް ޖެހޭނެ ރައްޓެހިން ކައިރި އެއްވެސް ކަމެއް ކޮށްދޭން. ރައްޓެހިން އަސްލު ވަރަށް ރަނގަޅު.”
ސުކޫލުގައި އުޅުނުއިރު ފުޓްބޯޅަ މުބާރާތްތަކުގައި ވެސް ބައިވެރިވި މި ޒުވާނާ މިހާރު އެކަމަކު ހުންނަނީ ބޮޑުބެރަށް ދެވި ހިފާފަ އެވެ. ލިބޭ ހުސްވަގުތުތަކުގައި މިސްގާލް ބޮޑުބެރު ގުރޫޕްގައި ބެރު ޖެހުމާއި ލަވަ ކިޔުމުގައި އުޅޭއިރު ވަޒީފާ އަދާ ކުރަމުންދަނީ އޭޑީކޭ ކޯލް ސެންޓަރުގައި އެވެ. އެގޮތުން އޭޑިކޭގައި މަސައްކަތް ކުރާތާ އަންނަ މަހު އަހަރެއް ވަނީ އެވެ.
ތުއްތު މިސްގާލް ބޮޑުބެރު ގުރޫޕާއިއެކު ލަވައެއް ހުށައަޅައިދޭން–
ކުރިއަށްދާން ބޭނުން ވަނީ ކޮން ދާއިރާއަކުން ތޯ އަހާލުމުން ތުއްތު ދިނީ ހީނުކުރާކަހަލަ ޖަވާބެކެވެ. މި އުޅޭ ދާއިރާއިން ކުރިއަށްދާން ބޭނުންވާ، ނަމަވެސް ކޯލް ސެންޓަރއަށް ވުރެ މަސައްކަތް ކުރަން ބޭނުންވަނީ ހޮސްޕިޓަލުގެ ވަޒީފާއެއްގަ އެވެ. އަދި އެއީ ގިނަވަގުތު ހޮސްޕިޓަލުގައި އުޅެވޭތީ އެވެ.
“މި އުޅޭ ދާއިރާއިން ކުރިއަށް ދާން ބޭނުން. ދެން ހޮސްޕިޓަލުގައި ބޮޑަށް އުޅެން ބޭނުމީ ކޯލް ސެންޓަރ އަށް ވުރެ. ހޮސްޕިޓަލުގައި މިކަހަލަ ކޮންމެ ކަމެއްވެސް އޯކޭ. އެއީ ގިނަ ވަގުތު ހޭދަ ކުރެވެނީ ހޮސްޕިޓަލުގަ ވީމަ.” ތުއްތު ކިޔައިދިނެވެ.
މިހާރު ލޯބީގެ ގޮތުން ކުއްޖަކާ ރައްޓެހިވެގެން އުޅޭއިރު ތުއްތު އެންމެ ދެކެން ބޭނުންވަނީ ކައިވެންޏެއްކޮށް ދަރިއަކު ލިބޭ ދުވަހެވެ. އަދި ފަސް ވަރަކަށް އަހަރު ފަހުން ނަމަވެސް ކައިވެންޏެއްކުރުން މިއީ ތުއްތު ފިއުޗާގައި ދެކެން ބޭނުންވާ ކަމެކެވެ.
“އެންމެ ދެކެން ބޭނުމީ ދަރިއަކު ލިބޭ ދުވަހެއް. އެހާ އަވަހަކަށް ނޫން އެކަމަކު މީހަކާ އިންނަށް ފިއުޗާގަ ބޭނުން.” ލަނދުރަކި ހިނިގަނޑަކާއެކު ތުއްތު ކިޔައިދިނެވެ.
ކުޑަ ތައާރަފަކަށްފަހު ތުއްތުގެ ތެލަސީމިއާއާ ބެހޭ ސުވާލެއް ކޮށްލީމެވެ. އޭ ޕޮސިޓިވް ލޭ ގުރޫޕް ހުންނަ ތުއްތުއަށް ރައްޓެހިންގެ އިތުރުން ދަންނަ މީހުންގެ އެއްބާރުލުން މިކަމަށް ވަރަށް ބޮޑަށް ލިބޭއިރު ލޭ ހޯދުމަށްވެސް އުނދަގުލެއް ނޫނެވެ. އެގޮތުން ލޭ ބޭނުންނަމަ ބުނެލުމަށް ބުނާ މީހުންވެސް މިހާރު ވަރަށް ގިނައެވެ. އަދި ކުރީގައި ލޭ ހޯދުމުގެ ކަންކަން މަންމަމެން ބެލި ނަމަވެސް މިހާރު ހޯދައި ދެނީ ރައްޓެހިންނެވެ.
މުުހައްމަދު ޝާމިލް (ތުއްތު)
“ލޭ ހޯދުމަށް ވަރަށް ގިނަ މީހުން އެހީވެދޭ. ލޭ ބޭނުމިއްޔާ ބުނާށޭ ވެސް ވަރަށް ގިނަ މީހުން ބުނާނެ. މިހާރު އުނދަގުލެއް ނޫން. އެހަމަ ރައްޓެހިންގެ ސަބަބުން. އެމީހުން ހޯދައިދޭނެ މިހާރު. ކުރީގަ ދެން މަންމަމެން އެކަންކަން ބަލާނީ މިހާރު މަންމަމެންނަކަށް ނުޖެހޭނެ. ރައްޓެހިން ހޯދައިދޭނެ.” ވަރަށް އުފަލާއެކު ބުންޏެވެ.
ތުއްތު ފުރަތަމަ ލޭ އަޅަން ޖެހުނީ އުމުރުން އެންމެ 6 މަހުގައި އެވެ. އަދި ހަނދާން ހުންނަން ފެށިފަހުން 2013 ވަނަ އަހަރުގެ ކުރީ ކޮޅު ލޭ އެޅީ މަހަކު 3 ފަހަރެވެ. އަދި އެއަހަރުގެ ފަހުކޮޅު ވަރަށް ބަލިވެގެން ހަފްތާއަކު އެއްފަހަރު ނޫނީ ދެފަހަރުވެސް ލޭ އަޅަން ޖެހުނެވެ. ބަލި ވުމުގެ ސަބަބުން އެފަހަރު ލައްކާއަށްގޮސް އޮޕަރޭޝަނެއް ކުރުމަށް ފަހު މިހާރު އާންމުކޮށް މަހަކު ދެފަހަރު ލޭ އަޅާއިރު އެއްފަހަރު އަޅަންޖެހޭ މަސް ވެސް ދެއެވެ. އެގޮތުން ދެފަހަރު އަޅަން ޖެހެނީ ރޯގާ ޖެހިގެން ނުވަތަ ހުންއައިސްގެންނެވެ.
“ސުކޫލު ނިމުނު އަހަރު (2013 ވަނަ އަހަރު) ފަހުކޮޅު ހަފްތާއަކު އެއްފަހަރު ނޫނީ ދެ ފަހަރު އަޅާފަ. އެފަހަރު ވަރަށް ބަލިވެގެން ލައްކާއަށް ގޮސް އޮޕަރޭޝަނެއް ކޮށްގެން އައީ. އެއަށް ފަހު މިހާރު މަހަކު ދެ ފަހަރު ނޫނީ އެއްފަހަރު އަޅަނީ. ބައްޔެއް ވެއްޖެ ނަމަ ދެ ފަހަރު އަޅަން ޖެހެނީ.” ތުއްތު ބުންޏެވެ.
ލޭ އަޅަންދާ ކޮންމެ ދުވަހު ގައިގެ ދެތަނަކަށް ކަށި ޖަހައެވެ. އެއީ ލޭގެ ޓެސްޓް ހެދުމަށާއި ލޭ އަޅަން ދިޔުމުން ނެވެ. މަހަކު އެއްފަހަރު ލޭ އަޅަން ޖެހިއްޖެ ނަމަ 2 ފަހަރު ކަށިޖަހާއިރު ކޮންމެ ދުވަހަކު ނިދަންވެސް ޖެހެނީ އިންޖެކްޝަނެއް ޖަހައިގެންނެވެ. އެއީ އަތަށް ނުވަތަ ބަނޑަށް ޖަހަންޖެހޭ އިންޖެކްޝަނެކެވެ. މިއީ ލޭ އަޅާ ކުދިންގެ ގައިގައި ހުންނަ ދަގަނޑުގެ ބާވަތް މަދުކުރުމަށް އާންމުކޮށް ރޭގަނޑު ނިދަމުން ގުޅާ އެއްޗެކެވެ. ދުވާލުގެ ވަގުތުތަކުގައިވެސް ޖެހޭ ޑެސްޕަރޯލް ނަމަކަށް ކިޔާ މި ފަރުވާ އަކީ ބެޓެރިއަކާ ގުޅައިގެން 6 ނުވަތަ 12 ގަޑިއިރުން ދަގަނޑުގެ ބާވަތް މަދުކުރުމެވެ.
“ލޭ އަޅާތި ވީމަ އެކުދިން ގައިގައި ހުންނަ ދަނގަޑުގެ ބާވަތް ގިނަވެ އޭތި މަދުކުރަން ވެގެން ޖަހާނެ އެއްޗެއް. އެއަށް ކިޔަނީ ޑެސްފަރަލް. އާންމުކޮށް ރޭނގަޑު ނިދަމުން ގުޅާނީ. ދުވާލުވެސް ގުޅާނެ. އަތް ހިމަވެ އަތަށް ނުޖެހޭތި ބަނޑަށް ޖަހަނީ. ގިނަވެގެން 12 ގަޑިއިރު އިންނާނީ އެކަމަކު 6 ގަޑިއިރުންވެސް ހުސް ކުރެވޭނެ.” ތުއްތުގެ ކޮންމެ ދުވަހެއްގެ ފަރުވާ ކިޔައިދިނެވެ.
ތެލަސީމިއާއަކީ ބައެއް ފަހަރު ބަލަންވާ ވަރަށް ނުބަލުމުގެ ސަބަބުން ލިބޭ ދަރިއަކަށް ބޮޑު ވޭނެއްގައި އުޅެންޖެހޭ އަދި ހިތާމަ ކުރަންޖެހޭ ވަރަށް ރާއްޖޭގައިވެސް މިހާރު ގިނަ ކަމަކަށް ވަނީ ވެފައެވެ. ރަނގަޅަށް ޓެސްޓް ކޮށްފައި ކައިވެނި ކުރާނަމަ މިހެނެތް ނުވާނެ ކަމަށް ތުއްތު ބުންޏެވެ. އަދި މީހުން ކުރިއަށް ވުރެ ބޮޑަށް މިކަމަށް އެވެއާވެ، އެކަންކަން ބަލާފަ ކައިވެނި ކުރާނަމަ މިގޮތަކަށް ނުވާނެ އެވެ.
“މީހުން އެބަޖެހޭ ވަރަށް ބޮޑަށް އެވެޔާ ވާން މިކަމަށް. ވަރަށް ފަރުވާ ކުޑަވެގެން ދިމާވާ މައްސަލައެއް މިއީ. ޓެސްޓް ހަދައިގެން ރަނގަޅަށް ބަލައިގެން މެރީ ކޮށްގެން އުޅޭނަމަ މިކަހަލަ ކަންކަމެއް ދިމައެއް ނުވާނެ. އެމީހުންނަށްވެސް ރަނގަޅުވާނީ ބަލާލައިން އުޅުނީމަ.” އަސަރާއެކު ތުއްތު ކިޔައިދިނެވެ.