twitterviber whatsapp telegramfacebookyoutube instagram
19th April 2024

ރިޔާޒު ދެއްކީ ހިތްވަރު، ހިއްކާލީ 22 ކިލޯ!

Oct 15, 2017

ކުޅުދުއްފުށީ އެންމެ ބީޒީ އެއް ސްކޫލުގައި ޒިންމާދާރު ވަޒީފާއެއް އަދާކުރަމުން އަންނަ މުހައްމަދު ރިޔާޒަކީ އެންމެންވެސް ދެކެފަރިތަ މޫނެކެވެ. ރައްޓެހިންގެ ނަމުންނަމަ “ގޯލްޑޭ” އެވެ. ދޭން މިއުޅެނީ މިހާރު ގިނަ ބައެއްގެ ހިތުގައި އުފެދިފައިވާ ސުވާލެއްގެ ޖަވާބެވެ. “ފަލަ” މީހަކުން “ފިޓް” މީހަކަށް ވުމަށް އެންމެ 4 މަސްތެރޭގައި ރިޔާޒް ކުރި މަސައްކަތެވެ.

މިކަމަކީ ކަމާ ކަންފަށާ ރިޔާޒް ފެށި މަސައްކަތެއް ނޫނެވެ. އާދައިގެން މަތިން ބާސްކެޓް ބޯލް ކުޅެން ގޮސް އުޅުމުގެ ތެރޭގައި އެއް ރޭ ކުޅޭ ވަރަށް މީހުން ހަމަނުވުމުން ސްޓޭޑިއަމް ޓްރެކްގައި ދުވެލި ދުވެލުމަކުން ލިބުނު ހިތްވަރަކުން ހަގީގަތަކަށް ހެދި ހުވަފެނެއެވެ. މިކަމުގައި ރިޔާޒަށް ހިތްވަރު ދީ ކުރިއަށް ދިއުމަށް އެހީވީ އޭނާގެ ކަޒިންނެކެވެ.

ރިޔާޒް ބުނީ ހިކެން މަސައްކަތް ފެށީ ރޯދަމަހުގެ ތެރޭގައި ކަމަށާއި އެއިރު ހަތްފާއެއްހާ ދުވަހު ދުވެލުމުން އަމިއްލައަށްވެސް ބަދަލެއް ގެނެވިދާނެ ކަމަށް ވިސްނުނުކަމަށެވެ.

ރިޔާޒުގެ ކުރީގެ ފޮޓޯއަކާއި މިހާރު ފޮޓޯއެއް–

” ގާތްގަނޑަކަށް ހަފްތާއެއްހާ ދުވަހު ދުވެލީމަ އެނގުނީ ޗޭންޖެއް ގެނެވިދާނެކަން، ބަދަލު އެބަ އަންނަކަން އެނގުން. ދެން  އެ ހިސާބުން ކޮންމެރެއަކުންހެން ދުވަން ދިޔައިން އިތުރު ރައްޓެހިންނާއެކު، ފަހުން ދުވަން ދިއުން ހުއްޓިފައި އޮތީ އެހެންނަމަވެސް ރެގިއުލާކޮށް ބާސްކެޓް ކުޅެން ދަން” ހިކުމަށް މަސައްކަތް ފެށިގޮތް ރިޔާޒް ކިޔާދިނެވެ.

ރިޔާޒް ބުނީ ސްކޫލްގެ މަސައްކަތް ހުންނަ ގޮތުން ރޭގަނޑު މިހާރު ދުވަން ނުދެވޭ ކަމަށާއި އެހެން ނަމަވެސް މިހާރު ފަތިހު ދުވަންދާ ކަމަށެވެ. ދުވުމާއި ބާސްކެޓް އިތުރުން ވަކި ހާއްސަ ކަސްރަތެއް ނުކުރާކަމަށާއި ސަމާލުކަން ދެނީ ކެއުމަށް ގެނައި ބަދަލުގައި ހިފަހައްޓާ ގަވައިދުން ކުޅެންދިއުމަށް ކަމަށްވެސް ރިޔާޒް ބުންޏެވެ.

އެގޮތުން މިހާރު ހަކުރު، ތެޔޮ ބޭނުން ކުރާ މިންވަރު މަދުކޮށް ކެއުމުގައި ތަރުކާރީ ހިމަނާއި ފިޒީ ޑްރިންކްވެސް ރިޔާޒް ހުއްޓާލި އެވެ. އަދި ރޭގަނޑު ލަސްގަނޑީގައި ކެއުންވެސް ދޫކޮށްލާ ރައްޓެހިންނާއެކު ކޮފީތަކަށް ގޮސް ކާ ކެއުންވެސް ހުއްޓާލީ ކަމަށްވެސް ރިޔާޒް ބުންޏެވެ. ކެއުމުގައި މިހާރު އިސްކަން ދެނީ ހެނދުނު ރަނގަޅު ނާސްތާއެއް ނެގުމަށް ކަމަށާއި އެގޮތުން ހެނދުނު ކަނީ އާޓާ ފުށު ރޮއްޓާއި އެކު ގިނައިން ތަރުކާރީގެ ބާވަތް ހިމެނޭ ކެއުން ކަމަށެވެ.

“އަދިވެސް ކޮފީއަށްދަން ރައްޓެހިންނާއިއެކު ހަމަ ކޮންމެރެޔަކުންހެން، އެކަމަކު މިހާރު ލަސްގަނޑީގައި ނުއެއްކަން. މިކަން ފެށިފަހުން ކޯކު ކަހަލަ ފިޒީ ޑްރިންކްސް އެއްގޮތަކަށްވެސް ބޭނުމެއް ނުކުރަން” ކެއުމަށް ގެނައި ބަދަލު ކިޔާދެމުން ރިޔާޒް ބުންޏެވެ.

މީގެ އިތުރުން ރިޔާޒް ބުނީ ކެއުން ބަދަލުކުރުމަށް ފުރަަތަމަ ވަރަށް އުދަނގުވި ކަމަށާއި ކުރީގައި ކެއުމަށް އާދަވެފައި ހުރުމުން ކޮފީތަކަށް ގޮސްވެސް ކޮފީއާއިއެކު ސޭންޑްވިޗް ނުވަތަ ޗިޕްސް ފަދަ އެއްޗެއް ކާލެވޭކަމަށެވެ. އެހެންކަމުން މިކަން ފަށައިގަތް އިރު އުދަނގުވި ނަމަވެސް މިހާރު އެކުގައިދާ ރައްޓެހިން ކޭކަމުގައި ވިއަސް ކާހިތްނުވާ ކަަމަށާއި އިތުރަށް ބަނޑުހައިވެސް ނުވާކަަމަށް ރިޔާޒް ބުންޏެވެ.

ރިޔާޒުގެ ކުރީގެ ފޮޓޯއަކާއި މިހާރު ފޮޓޯއެއް–

ރޯދަމަސް ތެރޭގައި މިކަން ފެށިއިރު 95 ކިލޯހުރި ރިޔާޒްގައިގައި މިހާރު ހުރީ 73 ކިލޯއެވެ. ގާތްގަނޑަކަށް 4 މަސް ދުވަހުގެ ތެރޭގައި 22 ކިލޯ ލުއިކޮށްލެވުނުއިރު ރިޔާޒް ބުނީ ފުރަތަމަވެސް މަސައްކަތް ފެށީ އިސްކޮޅާ އެކަށީގެންވާ ބަރުދަނަކަށް ( ބޮޑީ މާސް އިންޑެކްސްްްއަށް) ފިޓްވާން ކަމަށާއި މިހާރު މިހުރީ އެހާވަރަށް އާދެވިފަ ކަމުން ދެން ބޭނުންވަނީ އެއްވަރެއްގައި ހިފަހައްޓަން ކަމަށެވެ.

މިއީ އުދަނގޫ ކަމެއްކަމަށް ދެކޭ މީހުންނަށް ރިޔާޒް ބުނެލީ މިއީ ނުވާވަރުގެ ކަމެއް ނޫންކަމަށާއި ބޭނުންވަނީ ހަމަ ކުޑަކުޑަ ހިތްވަރެއް ކަމަށެވެ. އަދި ގަވައިދުން މިކަން ކުރަން ފަށައިފިނަމަ މިއީ ހަމަވަރަށް ފަސޭހަކަމެއް ކަމަށެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355